ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް

ފުޓްބޯޅަ

ފްރާންސް ކެޕްޓަން ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ލޮރިސްއަކީ ފްރާންސަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ، އަދި އެންމެ ގިނަ މެޗުގައި ކެޕްޓަންކަން ވެސް ކުރީ އޭނާ
10 ޖެނުއަރީ 2023

ފްރާންސްގެ ކާމިޔާބު ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު އިއުލާންކޮށްފި އެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ވެސް ކެޕްޓަން، 36، ފްރާންސްގެ ގައުމީ ޓީމުން ރިޓަޔަ މިކުރީ ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ގެންދިއުމުގެ އިތުރުން އޭނާގެ ކެޕްޓަންކަމުގެ ދަށުން 2018ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ.

"އަހަންނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެވުނުކަމުގެ އިހުސާސްތަކާ އެކު، މިހާރު މި ނިންމީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން،" ލޮރިސް ބުންޏެވެ.

އޭނާ ބުނިގޮތުގައި 2024ގެ ޔޫރޯއަށް ކޮލިފައިވުމުގެ މެޗުތައް ފެށުމުގެ ކުރިން އޭނާގެ ނިންމުން އިއުލާންކުރީ 'މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ވުމުން'ނެވެ.

ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް، 2018 ގެ ވޯލްޑް ކާމިޔާބުކޮށް ތައްޓާ އެކު

ޔޫރޯގެ ކޮލިފިކޭޝަންގައި ފްރާންސް ހިމެނެނީ ނެދަލެންޑްސް، ގްރީސް، އަޔަލެންޑް އަދި ގިބްރެލްޓާއާ އެއް ގްރޫޕެއްގަ އެވެ.

ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ލޮރިސް ފެށީ 2008ގައި އުމުރުން 21 އަހަރުގަ އެވެ. ގަތަރު ގޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާއާ ކުޅެ ޕެނެލްޓީ ޖަހައިގެން ބަލިވީ އޭނާގެ 145 ވަނަ މެޗުގަ އެވެ. އޭނާއަކީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ވެސް އޮތް ކުޅުންތެރިޔާ އެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ފްރާންސުން 121 މެޗު ކުޅެފައިވެ އެވެ. އެއީ ވެސް ރެކޯޑެކެވެ.

ލޮރިސް ބުނި ގޮތުގައި ޓީމާ ދުރަށް ދާން ޖެހޭނެ ވަގުތެއް އަންނާނެ އެވެ. ފްރާންސް ޓީމު ބިނާވެފައި އޮތީ ވަކި ފަރުދެއްގެ މައްޗަށް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ލޮރިސް ދެކޭ ގޮތުގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅުމަކީ ވެސް ބޮޑު މަސްއޫލިއްޔަތެކެވެ. އެހެންވެ އޭނާ ބޭނުންވާ ވަރަށް އާއިލާއަށް ވެސް ވަގުތު ނުދެވޭ ކަމަށް ބުންޏެވެ. 

އެކަމަކު ފުޓްބޯޅަ ކުޅުން ހުއްޓާލާކަށް ލޮރިސް އަދި ބޭނުމެއް ނުވެ އެވެ. އެހެންކަމުން ޕްރިމިއަ ލީގުގައި އޭނާގެ ކުޅުން ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް