އިނގިރޭސި ޕްރެމިއަ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލެސް ކޮޅަށް އާސެނަލްގެ ގެބްރީލް މާޓެނެއްލީ ލަނޑު ޖަހަނީ

ޕްރެމިއަ ލީގު

އާސެނަލް ވަނީ 'ބަނޑުހައިގެންފައި: ފުރަތަމަ މޮޅު ހޯދައިފި

މިދިއަ ސީޒަންގެ ފުރަތަމަ ތިން މެޗުން ބަލިވި ބަލިވުމާ ބަލާއިރު މިއީ އާސެނަލްއަށް ރަނގަޅު ފެށުމެއް
6 އޯގަސްޓު 2022

އިނގިރޭސި ޕްރެމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުން ރޭ ކްރިސްޓަލް ޕެލެސް 2-0 އިން ބަލިކޮށް އާސެނަލް އިން މިދިއަ ސީޒަންއަށް ވުރެ ފުރިހަމަ ފެށުމެއް ހޯދައިފި އެވެ.

މިދިއަ ސީޒަންގެ ފުރަތަމަ ތިން މެޗުން ވެސް ބަލިވި އާސެނަލް ރޭ، ޒުވާން ފޯވަޑް ގެބްރީލް މާޓިނެއްލީ 20 ވަނަ  މިނިޓްގައި ޖެހި ލަނޑާއި 85 ވަނަ މިނިޓްގައި ޕެލެސްގެ އަމިއްލަ ގޯލަކުން ހޯދި މޮޅަކީ، ގަދަ ހަތަރެއްގެ ޓީމުތަކަށް ދިން އިންޒާރެއް ކަމަށް، ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ދެކެ އެވެ.

ސީޒަންއަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާ އާއި ލަންޑަންގައި ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެ، މޮޅު ކުޅުމެއް ދެއްކި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިއީ ސީޒަނަށް ތައްޔާރުވާން ފެށިތަނާ ހެން އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން އޭނާއަށް ފެނުނު ކާމިޔާބު ހޯދަން "ބަނޑުހައިގެންފައި ހުރި މިންވަރު" ސާބިތުކޮށްދިން މޮޅެއް ކަމަށެވެ.

"އެ ކުޅުންތެރިން ވަނީ ތައްޔާރުވެފައި، ވިސްނުން ވެސް އެހާމެ ވަރުގަދަ، އެއީ މޮޅުވާން އެ މީހުންގެ ފަރާތުން އަހަންނަށް ފެނުނު ބަނޑުހައިކަން،" ރޭގެ މެޗަށް ފަހު އާޓެޓާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޕެލެސްގެ ދަނޑުގައި މުޅި ޓީމު ކުޅުނީ ކުޅެން ބޭނުންވި ގޮތަށް ކަމަށެވެ. މެޗު ކޮންޓްރޯލްކުރުމާއި އިދިކޮޅަށް ބިރެއްގެ ގޮތުގައި ފެނުނެވެ. އަދި ޕެލެސް އިން ޕްރެޝަރު ބޮޑުކުރި ހާލަތްތަކުގައި ކެތްތެރިކަމާ އެކު، އެކަން ވެސް އަމިއްލަ ބާރުގެ ދަށަށް ގެންދިޔަ އެވެ.

މިއީ އާސެނަލްގެ ކޯޗުކަމުގައި އާޓެޓާ ހޯދި 50 ވަނަ މޮޅެވެ.

ކުޅުންތެރިންނަށް އާޓެޓާގެ ތައުރީފް ލިބުނަސް، ޕްރެމިއަ ލީގު ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުގައި ލީގު ޗެމްޕިއަންކަން ހޯދޭ ވަރުގެ ފެންވަރެއް އާސެނަލްގެ އަދި ނެތެވެ. މި ފަހަރު ވެސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ އެންމެ ފަހު ދެ ސީޒަންގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އާއި ދެ ވަނަ ހޯދި ލިވަޕޫލް އެވެ. ގަދަ ހަތަރަކަށް ވާދަކުރާނީ މިދިއަ ސީޒަންގައި ވެސް އެ ފުރުސަތު ލިބުނު ޗެލްސީ އާއި ޓޮޓެންހަމް ކަމަށް ވެސް އެ ތަޖުރިބާކާރުން ލަފާކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް