Majlis 2024

މީގެ ކުރިން ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވާހަކަ ދައްކަވަނީ: ޑިޖިޓަލް ފައިސާ ތައާރަފް ކުރަން ގަވަރުނަރު ގެންދަވަނީ ބާރު އަޅުއްވަމުން (ދައުރު ފޮޓޯ/ ޔަޝާއު)

ޑޮލަރު ބޭނުންކުރުން މަދުކުރަން ރާއްޖޭގައި ޑިޖިޓަލް ފައިސާ ބޭނުންކުރަން ގަވަރުނަރުގެ ތާއީދު

12 އޯގަސްޓު 2022
2

ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީ ނުވަތަ ޑިޖިޓަލް ފައިސާއެއް ރާއްޖޭގެ ރަސްމީ އިދާރާތަކުން ބަލައިނުގަނެ މަނާކޮށްފައި އޮންނާތީ މަރުކަޒީ ބޭންކް، އެމްއެމްއޭ އަަށާއި ސަރުކާރަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ. ޓެކްނޮލޮޖީގެ އެހީގައި މާލީ މުއާމަލާތްތައް ޒަމާނީކޮށްލެވޭނޭ ދުވަހެއް ރާއްޖޭގައި ފެންނާނެތޯ މީހުން ސުވާލު ކުރެ އެވެ. އެ ޝަކުވާތަކާއި ސުވާލުތަކަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ބުދަ ދުވަހު ދެއްވީ ވަރަށް އުންމީދީ ޖަވާބެކެވެ.

އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމާ ގުޅޭ އދ. ގެ ޑިޕާޓްމަންޓުން އިސްނަގައިގެން ރާއްޖޭގައި ބުދަ ދުވަހު ފެށި ޑިޖިޓަލް ފައިސާ ތައާރަފްކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވަމުން އާންމު ފަރާތްތަކާއި ވިޔަފާރިވެރިންނަށް ގަވަރުނަރު ދެއްވި ޔަގީންކަން ވަރަށް ބޮޑެވެ. ހާއްސަކޮށް ޑިޖިޓަލް ފައިސާ ބޭނުން ކުރުމުގެ ހުއްދައިގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް ގަވަރުނަރު ދެއްވި އުފާވެރި ހަބަރަކީ، "އެކަން ރާއްޖޭގައި ވުމަކީ ދެން މާ ދުރުގައި އޮތް ކަމެއް ނޫން" ކަމެވެ. މިފަހަރު އެއީ ހަގީގަތަކަށް ވާނެ ކަމެއް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"ބާޒާރުގައި ލިބެން ހުރި ޓެކްނޮލޮޖީތަކާ އެކު، އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެންނަށް ލިބޭނެ ޓެކްނޮލޮޖީތަކާ އެކު – މިއީ މިހާރު ދުރު ހިޔާލެއް ނުވަތަ ކޮންސެޕްޓެއް ނޫން، އޭގެ ބަދަލުގައި ހަގީގަތެއް،" ޑިޖިޓަލް ފައިސާ ބޭނުން ކުރުމާއި އާ ޕޭމަންޓް ސިސްޓަމް ބޭނުން ކުރަށް ފެށުމަށް އިޝާރާތް ކުރައްވާ ގަވަރުނަރު ހާޝިމް ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (މ) ބަޖެޓު ކޮމެޓީގެ ބައްދަލުވުމެއްގައި (ފޮޓޯ/މަޖިލިސް)

މިދިޔަ ޖޫން މަހު ތެރޭ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެންވެސް  ހާޝިމް ވިދާޅުވެފައި ވަނީ ޑިޖިޓަލް ފައިސާގެ ދެ ވައްތަރެއް ރާއްޖެއަށް ތައާރަފްކުރަން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ދިރާސާތައް ކުރަމުން ދަނީ މަރުކަޒީ ބޭންކުން ނެރޭ ޑިޖިޓަލް ފައިސާއެއް އަދި އަގު ހިފަހައްޓާފައިވާ ޑިޖިޓަލް ސްޓޭބަލް ކޮއިންއެއް ތައާރަފް ކުރަން ކަމަށް ވިިދާޅުވި އެވެ. އަދި މިފަހަކަށް އައިސް އެމްއެމްއޭއިން ވަނީ ކްރިޕްްޓޯކަރަންސީ ކޮންފަރެންސްތަކުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ.

ހާޝިމް ވިދާޅުވި ގޮތުގައި މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން އަދި މާލީ ދާއިރާގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އެމްއެމްއޭގެ މިހާރުގެ ދައުރަކީ އަލަށް ތައާރަފްވާ ޓެކްނޮލޮޖީތައް މާލީ ދާއިރާގެ ތެރެއަށް ވައްދައި އެ ދާއިރާއަށް ހަމަޖެހުމާއި ފަސޭހަކަން ގެނެސްގެން މުޅި އިގްތިސާދު ތަރައްގީ ކުރުމެވެ. އެގޮތުން ހާޝިމް ވިދާޅުވީ، ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީއެއް (ސީބީޑީސީ) އެމްއެމްއޭގެ ފަރާތުން ރާއްޖޭގައި ތައާރަފް ކުރުމަކީ އެ އިދާރާއިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަމަށް މަރުކަޒީ ގިނަ ބޭންކުތަކުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ޕޭމަންޓް ސިސްޓަމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ހިންގާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)އާ އެކު އެ މީހަކު ހުރި ކޮންމެ ތަނަކުން ވެސް ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ހިންގޭނޭ ޒަމާނީ ގޮތްތައް ތައާރަފް ކުރެވޭނެކަން ފާހަގަ ކުރައްވައި ގަވަރުނަރު ވިދާޅުވީ ސެންޓްރަލް ބޭންކުތަކުން ނެރެފައިވާ ޑިޖިޓަލް ފައިސާ ބޭނުންކޮށްގެން އެއް ގައުމު އަނެއް ގައުމާ ދެމެދު ފައިސާގެ މުއާމަލާތްތައް ކުރުމަކީ މަގުބޫލުވަމުން އަންނަ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ވެސް ޑިޖިޓަލް ފައިސާއެއް ތައާރަފް ކުރެވިއްޖެ ނަމަ ބޭރު ގައުމުތަކާ އެކު ކުރާ މުއާމަލާތްތައް އިތުރު ފައިސާއަކަށް ބަރޯސާ ނުވެ ކުރެވޭނެ މަގެއް ހޯދޭނޭ ކަމަށް ގަވަރުނަރު ގަބޫލު ކުރައްވަ އެވެ.

މީހަކު އޭޓީއެމްއިން ޑޮލަރު ނަގަނީ (ފޮޓޯ/ބީއެމްއެލް)

"އެމެރިކާ ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިގްތިސާދަކަށް ވުމުން، އަޅުގަނޑުމެންނަށް މުހިންމު ކަމެއް މިއީ ސެންޓްރަލް ބޭންކުގެ ޑިޖިޓަލް ފައިސާއެއް. އަޅުގަނޑުމެންގެ ޑީ-ޑޮލަރައިޒޭޝަން [ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ] މަސައްކަތަށް ބާރަކަށް ވާނެ ސީބީޑީސީ [ޑިޖިޓަލް ފައިސާއެއް]. އެ އިތުބާރު އަޅުގަނޑަށް އެބަ އޮތް،" ހާޝިމް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެފަދަ ކޮންމެ ކަމަކީ ވެސް ގެއްލުންތައް ވެސް އޭގައި ހުންނާނެ ކަމަކަށް ވާތީ އެފަދަ ފައިސާއެއް ތައާރަފް ކުރާނީ އެންމެންނަށް ވެސް ފައިދާ ކުރާނޭ އެންމެ ރަނގަޅު ގޮތް ބެއްލެވުމަށް ފަހު މާލީ ބާޒާރުގެ ލޮޅުންތައް ކުޑަވާނޭ ގޮތަކަށް ވިސްނައިގެން ކަމަށެވެ. 

ގަވަރުނަރު ގަބޫލު ކުރައްވާ ގޮތުގައި ޑިޖިޓަލް ފައިސާ ތައާރަފް ކުރުމަށާއި ޒަމާނީ ޕޭމަންޓް ސިސްޓަމަށް ރާއްޖެ ދިޔުމަށް މަޑުކޮށްގެން ތިބެން ވަގުތެއް ނެތެވެ. ހާޝިމް ވިދާޅުވީ އެ ބަދަލުތައް ލަސްނުކޮށް ގެންނަން ޖެހޭ ކަމަށެވެ. ހާއްސަ ގޮތެއްގައި ދޭދޭ ގައުމުތަކާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް ފަސޭހަކަމާއި އަގުހެޔޮ ގޮތްތައް ލަސްނުކޮށް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޑިޖިޓަލް ފައިސާއާ ގުޅޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު: ޑިޖިޓަލް ފައިސާ ގެނައުން އަވަސް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ގަބޫލު ކުރައްވާ (ފޮޓޯ/ޓެކްނޮލޮޖީ މިނިސްޓްރީ)

"އަޅުގަނޑުމެންނަށް މިހާރު ކަންކަން ވާނެ ކަމަށް ބަލައިގެން މަޑުކުރާނެ ވަގުތު ނެތް. ވަގުތުން ނަތީޖާ ނެރެން އެބަ ޖެހޭ ބޯޑަރު ހުރަސްކޮށް ފައިސާ ދެއްކުމުގައި ވެސް. ޓެކްނޮލޮޖީ ފަސޭހައިން ލިބެން ހުރެއްޖެ ނަމަ އަޅުގަނޑުމެން ކީއްކުރަންތޯ މަޑުކުރަންވީ؟" ޑޖިޓަލް ފައިސާއެއްގެ މުހިންމުކަން ވިސްނައި ދެއްވަމުން ހާޝިމް ވިދާޅުވި އެވެ.

'ރެގިއުލޭޓަރީ ސޭންޑްބޮކްސް އޮން ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ'ގެ ނަމުގައި ފެށި މަސައްކަތު ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ސެންޓްރަލް ބޭންކް ޑިޖިޓަލް ފައިސާއެއް ތައާރަފްކުރުމަށް ރާއްޖެއަށް ހުރި ގާނޫނީ ގޮންޖެހުންތަކާއި އެފަދަ ކަމަކުން ލިބޭނެ ފުރުސަތުތަކާއި ގެއްލުންތައް ދެނެގަތުމެވެ.

ގަވަރުނަރު ވިދާޅުވީ އެ މަސައްކަތު ބައްދަލުވުމާ އެކު ޑިޖިޓަލް ފައިސާ ތައާރަފްކުރުމާ ގުޅޭ ގޮތުން ގައުމީ ފެންވަރުގައި ހިޔާލު ހޯދައި ބަހުސްކުރުން ރަސްމީކޮށް ފެށުނީ ކަމަށެވެ. އަދި ޑިޖިޓަލް ފައިސާއާ ގުޅޭ ކަންކަމުގައި ރާއްޖެ ޅަފަތުގައި އޮތް ނަމަވެސް އެފަދަ ބަހުސްތަކަށް ރާއްޖެ މިހާރު ތައްޔާރު ކަމަށް ވިދާޅުވި އެވެ. ގަވަރުނަރު ވިދާޅުވީ އެކަން ކުރަން އަވަސް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މިއީ ޑިޖިޓަލް ފައިސާ އާއި މާލީ ޓެކްނޮލޮޖީތައް ގެންނަން ބަހުސް ކުރަންވީ ވަގުތު، ދިރާސާ ކުރަންވީ ވަގުތު. މިއީ މިހާރު އެ ވަގުތު،" ގަވަރުނަރު ވިދާޅުވި އެވެ.

ކޮމެންޓް (2)

ހުސޭނު

12 އޯގަސްޓު 2022
ބައްލަވާ ގަވަނަރު. ފުރަތަމަ ކުރަންވީ ކަމަކީ ރާެއްޖޭގެ ބޭންކިން ސިސްޓަމް އޯވަހޯލް ކުރަންވީ. ދުވަސް ވީ ޒަމާނީ ވިސްނުން ނެތް މީހުން ސަރަފުވެރި ކަމާއެކު ރިޓަޔާރ ކުރަައްވާ ޒަމާނީ ވިސްނުމުގެ ޒުވާން ޖޯޝް ހުރި ކުދިން އިސް ސަފަށް ގެންނަންވީ. ގަނޑާއި ގަލަން ހިފައިގެން ބޭންކުން ހިންގުން ނިމުމަށް ގެނެސް ޑިޖިޓަލް ބޭންކިން ޕުރޮމޯޓް ކުރަންވީ
0 0

އުތުރުވެރި

12 އޯގަސްޓު 2022
ހޫ. މިތާކު މިއުޅެނީ މީނާމެންގެ ވަކިތަކުން މިންޖުނުވާތީ އަހަރެންގެ ބޭންކާ އަހަރެންގެ ގަވަނަރު ބުނާ ފިހާރައިން ނޫނީ ވިޔަފާރި ނުވާތީ. މިމީހުންގެ ސީބީޑީސީގެ އަޅުވެތިކަމަށް އަދި ރުހޭންވީ ވަކި ކީއްވެ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް