އަންވަރު އިބްރާހީމް: ގިނަ ދުވަސްތަކެއްވަންދެން އިސްލާހަށް މަސައްކަތްކުރެއްވި. (ފޮޓޯ/ރޮއިޓާސް)

މެލޭޝިއާ

އަންވަރު 30 އަހަރުގެ މަސައްކަތަށް ފަހު މެލޭޝިއާގެ ބޮޑުވަޒީރަކަށް

އޭނާ މަގާމުގެ ހުވާކުރައްވާނީ މިއަދު ހަވީރު ކަމަށް ރަސްގެފާނުގެ ގަނޑުވަރުން ވަނީ އިއުލާނުކޮށްފައި

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ބޮޑުވަޒީރު ކަމަށް މިއަދު އަންޔަންކުރައްވާފައިވާ ކަމަށާއި އޭނާ މަގާމުގެ ހުވާކުރައްވާނީ މިއަދު ހަވީރު ކަމަށް ރަސްގެފާނުގެ ގަނޑުވަރުން މިއަދު އިއުލާންކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބު ނިމިގެން ދިޔައީ މައިގަނޑު ދެ އިއްތިހާދެއްގެ މެދުގައި ވޯޓު ބެހި، އިންތިހާބު ނިމުނީ އެއްވެސް އިއްތިހާދަކަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބި އެވެ. އެ ދެ އިއްތިހާދަކީ އަންވަރު އިސްކޮށް ހުންނެވި އިއްތިހާދާއި ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ އިއްތިހާދެ އެވެ.

އިންތިހާބު ނިމުމާ އެކު އެ ދެ އިއްތިހާދުން ވެސް ސަރުކާރެއް އެކުލަވާލުމަށްޓަކައި މަޖިލީހުގެ އެކަށީގެންވާ ގޮނޑިތައް ވަގުތުން ހޯދުމުގެ މަސައްކަތް ފެއްޓި އެވެ.

އަންވަރު އެ މަގާމަށް އައްޔަންކުރުމަކީ 30 އަހަރު ވަންދެން އޭނާ ކުރެއްވި މަސައްކަތް ނިމި، ސިއްކަ ޖެހުމެވެ. އެ 30 އަހަރުގެ ތެރޭގައި އޭނާ ވަނީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުކޮށް ގިނަ ދުވަސްތަކެއް ޖަލުގައި ހުންނަވައިފަ އެވެ. އަދި އޭނާ ވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވައިފަ އެވެ.

އުމުރުން 75 އަހަރުގެ އަންވަރަކީ 1990ގެ އަހަރުތަކުގައި ބޮޑުވަޒީރުގެ ނައިބުކަމާއި 2018 ވަނަ އަހަރު ރަސްމީ ބޮޑުވަޒީރު އިން ވެއިޓިންގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނެ އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަ ކުރައްވައިފަ އެވެ. އަންވަރު ވިދާޅުވަނީ އޭނާގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.

އަންވަރު ސިޔާސީ ހަޔާތް ފެއްޓެވުން

އަންވަރު އިބްރާހިމް ސިޔާސީ ހަޔާތް ފެއްޓެވީ ސްޓޫޑަންޓް އެކްޓިވިސްޓެއްގެ ގޮތުގައި 1971 ވަނަ އަހަރު މެލޭޝިއާގެ މެލޭ ލަފުޒު "އޭބީއައިއެމް" އިން މަޝްހޫރުވެފައިވާ މުސްލިމް ޔޫތު މޫވްމަންޓް އޮފް މެލޭޝިއާ އުފައްދައިގެންނެވެ. އަދި އޭގެ ފަހުން ރަށްފުށުގެ ފަގީރުކަމާއި އިޖްތިމާއީ އަދި އިގްތިސާދީ އެހެނިހެން ކަންކަމުގައި އިސްކޮށް އަޑުއުފައްލަވައިގެންނެވެ.

އޭނާގެ އެކްޓިވިޒަމް އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ލޮލުގައި އަޅައިގަނެ، 1957 ވަނަ އަހަރު މެލޭޝިއާއަށް މިނިވަންކަން ލިބުމަށް ފަހު ވެރިކަން ކުރަމުން އައި ބީއެންގެ ބާރުގަދަ ޕާޓީ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވި އެވެ.

ފިނޭންސް މިނިސްޓަރު ކަމާއި ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް އަންވަރު ބާރު ސްޕީޑެއްގައި ކުރިއަށް ވަޑައިގެން، ކެރިސްމެޓިކް، އުންމީދީ އަދި އިސްލާހީ ވިސްނުމެއް ގެންގުޅުއްވާ ސިޔާސީ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުކަން ހޯއްދެވި އެވެ.

ނަމަވެސް އޭޝިއާގެ މާލީ ކާރިސާ އިތުރަށް ގޯސްވަމުން ދިޔަ ވަގުތު މަހާތީރު ވަނީ އޭނާގެ ފަހުން ވެރިކަން ކުރެއްވުމަށް އޭނާ އިހުތިޔާރުކުރެއްވި އަންވަރަށް ފުރަގަސް ދީފަ އެވެ.

އަދި 1998 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަންވަރު މަގާމުން ވަކިކޮށް ކޮރަޕްޝަނާއި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް އޭނާގެ މައްޗަށް އުފުލި އެވެ.

ކުއާލަލަމްޕޫރުގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، އެ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް އަންވަރު ހައްޔަރުކުރި އެވެ.

އޭނާގެ ޝަރީއަތް ބަދަލުވެގެން ދިޔައީ ހައިރާންކުރުވަނިވި ގޮތަކަށެވެ.

އަންވަރުގެ މައްޗަށް ކުށް ސާބިތުވެ، ޖަލުގައި ހުންނެވުމަށް ފަހު، 2004 ވަނަ އަހަރު އޭނާ ދޫކޮށްލުމާ އެކު ދެވަނަ ފަހަރަށް އެއްޖިންސުން ގުޅުން ހިންގި ކަމުގެ އިތުރު ޝަރީއަތެއް ކުރިއަށް ގެންދިޔައީ 1998 ވަނަ އަހަރު އަންވަރު ގެއްލުމާ އެކު ފެށުނު އިސްލާހީ ހަރަކާތަށް ބާރު ބޮޑުވުމުންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު މައާފު ދީ ދޫކޮށްލުމުގެ ކުރިން އަންވަރު ވަނީ ގާތްގަނޑަކަށް 10 އަހަރު ޖަލުގައި ހޭދަކުރައްވައިފަ އެވެ.

ކޮމެންޓް

Placeholder

މެލޭޝިއާ

މެލޭޝިއާ