ވިކްޓްރީގެ އާ ކޯޗު ޕަކީރު އަލީ (ކ) އަދި އެސިސްޓަންޓް ކޯޗު އަނިލް.

ފުޓްބޯޅަ

ވިކްޓްރީގެ ކޯޗަކަށް ލަންކާގެ ޕަކީރު އަލީ، އެސިސްޓަންޓަކަށް އަނިލް

ވިކްޓްރީން ވަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން 26 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވަލާފައި

އަންނަ ޖުލައި 4 ގައި ފަށަން ހަމަޖެހިފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށްޓަކައި، ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވިކްޓްރީން ސްކޮޑެއް އެކުލަވާލައި ކޯޗަކަށް ސްރީ ލަންކާގެ ޕަކީރު އަލީ އަދި އެސިސްޓަންޓް ކޯޗަކަށް އެ ޓީމުގެ ކުރީގެ ކެޕްޓަން އިސްމާއިލް އަނިލް ހަމަޖައްސައިފި އެވެ.

ވިކްޓްރީ މިވަގުތު އޮތީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ އާއި ކްލަބް ލައިސަންސް ފުރިހަމަނުކުރާތީ 2019 ވަނަ އަހަރުން ފެށިގެން ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު މިއަދު އެ ފައިސާ ދައްކާފައިވާތީ އެފްއޭއެމުން ދާދި އަވަހަށް އެ ކްލަބުގެ ސަސްޕެންޝަން އުވާލާނެ އެވެ. އެއާ އެކު ފުރަތަމަ ޑިވިޝަނަށް އެރުމުގެ މަސައްކަތް ދެ ވަނަ ޑިވިޝަނުން ފަށަން އެ ކްލަބަށް ފުރުސަތު ލިބޭނެ އެވެ.

ވިކްޓްރީން މިއަދު ބުނީ ބިދޭސީ ހަތަރު ކުޅުންތެރިންނާއި ދިވެހި 22 ކުޅުންތެރިންނާ އެކު 26 ކުޅުންތެރިން އެ ޓީމަށް ކުޅެން އެއްބަސްވެފައިވާ ކަމަށެވެ. ބިދޭސީ ހަތަރު ކުޅުންތެރިންނާއި ޖޯޑަންގެ ފޯވާޑާކާއި މިސްރުގެ މިޑްފީލްޑަރަކާއި ޑިފެންޑަރަކާއި ގޯލްކީޕަރެކެވެ.

ވިކްޓްރީގެ ކޯޗަކަށް ގެންނަން ޕަކީރު އަލީ އަކީ ދެކުނު އޭޝިއާ ސަރަހައްދުން އުފެދުނު ހުނަރުވެރި ކުޅުންތެރިޔެކެވެ. އޭނާ ވަނީ ރާއްޖޭގެ ޔޫތު ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑާއި ޑާކާ މުހައްމަދީން އަދި އިންޑިއާގެ ވަސްކޯ ގޯއާ އަށް ކުޅެފަ އެވެ.

ކޯޗިން ކެރިއަރުގައި އޭނާ ވަނީ ރާއްޖޭގެ ކްލަބް އީގަލްސް އަށް ދެ ފަހަރު ކޯޗުކޮށްދީފަ އެވެ. އަދި ލަންކާ ގައުމީ ޓީމާއި ވެސް ކޯޗުކޮށްދީފައިވެ އެވެ. އިންޑިއާގެ ޗިރާގް ޔުނައިޓެޑް ކެރެލާ އަށް ވެސް ކޯޗުކޮށްދީފައިވާ ޕަކީރު އަލީ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝް ޕޮލިސް އެފްސީ އަށެވެ.

ވިކްޓްރީން ވަނީ ގޯލްކީޕަރު ޓްރެއިނަރަކަށް ލަންކާ ގައުމީ ޓީމުގެ ޓްރެއިނަރު ގެންނަން ވެސް ހަމަޖައްސައިފަ އެވެ.

އަނިލް (5 ނަމްބަރު ޖާޒީގައި) 1992 ވަނަ އަހަރުގެ ގައުމީ ތަށި ވިކްޓްރީއާ އެކު ކާމިޔާބުކުރުމަށް ފަހު ގްރޫޕް ފޮޓޯއެއްގައި.

ޕަކީރު އަލީގެ އެސިސްޓަންޓަށް ހަމަޖައްސާފައިވާ އަނިލް އަކީ ވިކްޓްރީ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ އެ ޓީމުގެ ކެޕްޓަންކަންކޮށްފައިވާ ކުޅުންތެރިޔެކެވެ. ވިކްޓްރީން 2002 ވަނަ އަހަރު ދެ ވަނަ ފަހަރަށް ގައުމީ ތަށި މިލްކުކުރީ އޭނާގެ ކެޕްޓަންކަމުގަ އެވެ. ވިކްޓްރީގެ ތާރީހުގައި އެ ޓީމަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބް، އެ ކްލަބުން ދީފައިވާ ހުނަރުވެރި ޑިފެންޑަރު ވަނީ މުހިއްމު މެޗުތަކުގައި މުހިއްމު ގޯލްތަކެއް ވެސް ޖަހައިދީފަ އެވެ.

އެގޮތުން ވިކްޓްރީން 1985 ވަނަ އަހަރު ގައުމީ ތަށި މިލްކުކޮށްފައި ވަނިކޮށް ވާދަވެރި ނިއު ރޭޑިއަންޓުން އެކަން ހާސިލްކުރަން ނުކުތުމުން، އެކަން ވިޔަނުދޭން 1992 ގެ ގައުމީ ފައިނަލުގައި ނިއު ކޮޅަށް ލަނޑު ޖެހީ އަނިލް އެވެ.

އަދި ވިކްޓްރީ އަށް 2002 ގައި ތަށި މިލްކުކުރަން މަގުފަހިވި ސިލްސިލާ 2000 ވަނަ އަހަރު ފެށުނީ ވެސް އެ އަހަރުގެ ގައުމީ ފައިނަލުގައި އަނިލްގެ ލަނޑުން ވިކްޓްރީން 1-0 އިން ނިއު ބަލިކުރުމުންނެވެ.

އަނިލް ވަނީ ކޯޗިން ކެރިއަރުގައި ނިއު އާއި ބީޖީ ސްޕޯޓްސްގެ ކޯޗުކަންކޮށްފަ އެވެ.

ވިކްޓްރީން ދަރަނި ދައްކައި އަލުން ފުޓްބޯޅައިގައި ހަރަކާތްތެރިވާން ފެށީ އަނިލްއާ އެކު އެ ޓީމަށް ކުރިން ކުޅުއްވި ހުސެއިން އާދާމް ދާދި ފަހުން ކްލަބުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ ކަމަށްވާ މުލިއާގޭ ޗީފް އޮފް ސްޓާފް ހުސެއިން އަކީ 1986 އާއި 1987 ގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓްރީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ހުސެއިން ވިދާޅުވީ އެ ކްލަބަކީ ދިގު މާޒީއެއް އޮތް އަދި ވަރަށް ގިނަ ބަޔަކު ބުރަ މަސައްކަތްކޮށްފައި އޮތް ކްލަބެއް ކަމަށާއި ފައިސާ ނެތިގެން ވިކްޓްރީ ވުޖޫދުން ގެއްލިގެންވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ކްލަބާ ހަވާލުވީ ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމުގެ އުއްމީދު އޮތުމުން ކަމަށާއި އުއްމީދަކީ ދެ އަހަރެއްގެ ތެރޭ އަސްލު މަގުސަދު ހާސިލްކުރުމަށްޓަކައި ފުރަތަމަ ޑިވިޝަނަށް އެރުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ވިކްޓްރީއަކީ އެ ކްލަބް 1972 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. އެއީ ގައުމީ ފުޓްބޯޅަ މުބާރާތް ދެ ފަހަރު މިލްކުކުރި ހަމައެކަނި ޓީމެވެ. އަދި ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ކްލަބް މުބާރާތް ޕޮމިސް ކަޕް ކާމިޔާބުކުރި ފުރަތަމަ ދިވެހި ކްލަބް ވެސް މެ އެވެ. އެކަމަކު މެނޭޖްމަންޓް ބަދަލުވެ، މާލީ މައްސަލަތައް ދިމާވެ ވަރަށް ބޮޑަށް އަޑިއަޅާލީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް