Majlis 2024
ބިއުޓީ

ލޮރެއަލްގެ އާ އުފެއްދުންތައް: ލިޕްސްޓިކް ޖައްސައި ބުމަ ރީތިކޮށްދޭ ޓެކްނޮލޮޖީ

ދެ އުފެއްދުން ވެސް ނެރެން އަމާޒުކުރަނީ މި އަހަރު
22 ޖެނުއަރީ 2023

ދުނިޔޭގެ އެންމެ މަގުބޫލު ބިއުޓީ ބްރޭންޑު ލޮރެއަލް އިން މުޅިން އާ އުފެއްދުންތަކެއް ދައްކާލައިފި އެވެ. ކޮންސިއުމާ ޓެކްނޮލޮޖީ އެސޯސިއޭޝަންގެ ބޮޑު ޓްރޭޑް ޝޯ ސީއީއެސްގައި ލޮރެއަލް އިން ދައްކާލީ ދެ ވައްތަރެއްގެ ޓެކްނޮލޮޖީ އެކެވެ. އެއީ ލިޕްސްޓިކް ޖައްސައިދޭ 'ހެޕްޓާ' އަދި ބުމައިގައި އެ މީހަކު ބޭނުން ގޮތަކަށް ކުލަ ޖައްސައިދޭ 'ލޮރިއާލް ބްރޯ މެޖިކް' އެވެ.

މި ދެ އުފެއްދުމަށް ސީއީއެސްގައި ވަނީ އެވޯޑް ލިބިފަ އެވެ.

ލޮރެއަލްގެ ސީއީއޯ ނިކޮލަސް ހިއެރޮނިމަސް ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުސްތަގުބަލުގައި ކޮންމެ މީހަކަށް ވެސް ބިއުޓީ އުފެއްދުމެއް ބޭނުންކުރެވޭނެ ގޮތް ވުމެވެ.

'ހެޕްޓާ' އަކީ އަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވަރަށް މޭކަޕް އުނގުޅަން އެހީތެރިވެދޭ ވަސީލަތެކެވެ.

ދުނިޔޭގެ 50 މިލިއަން މީހުންނަށް 'ފައިން މޯޓާ ސްކިލްސް' ލިބިގެނެއް ނުވެ އެވެ. އެހެންކަމުން މޭކަޕް ކުރުން ފަދަ އެކި ހަރަކާތްތައް ކުރަން އެމީހުންނަށް ދަތިވެ އެވެ. ހެޕްޓާގެ ޒަރިއްޔާއިން ރީތިކޮށް، އޮމާންކޮށް ލިޕްސްޓިކް ފަދަ މޭކަޕް ސާމާނު ފަސޭހަކަމާ އެކު ބޭނުންކުރަން އެހީތެރިވެދެ އެވެ.

ހެޕްޓާ ފަރުމާކޮށްފައިވަނީ ދަގަތްފާނުގެ ބާރުން ހަރުކޮށްފައިވާ އެޓޭޗްމެންޓަކާ އެކު، 360 ޑިގްރީއަށް ވަށައިގެން އެނބުރޭ، 180 ޑިގްރީއަށް ދުރުކޮށް ކައިރި ކުރެވޭ ވަސީލަތެއްގެ ގޮތަށެވެ. ބޭނުންކުރާ މީހުންނަށް ކަމުދާ މިންވަރަކަށް މި ވަސީލަތް ބައްޓަންކުރެވިދާނެ އެވެ. މިފަހަރު ނެރުނީ ހަމައެކަނި ލިޕްސްޓިކް ޖައްސަން ބޭނުންކުރާ ވަސީލަތެކެވެ. ލޮރެއަލް އިން ބުނިގޮތުގައި މުސްތަގުބަލުގައި މޭކަޕްގެ އިތުރު ވައްތަރުތައް ވެސް ބޭނުންކުރެވޭ ގޮތަށް ހެޕްޓާ ފަރުމާކުރާނެ އެވެ.

ހެޕްޓާ 149 ޑޮލަރާއި 199 ޑޮލަރާ ދެމެދުގެ އަގަކަށް މި އަހަރު ތެރޭ އެމެރިކާގެ ބާޒާރަށް ނެރެން ވަނީ ހަމަޖެހިފަ އެވެ.

ލޮރެއަލް އިން ދެވަނައަށް ތައާރަފު ކުރި ބްރޯ މެޖިކް އަކީ ޕްރިންޓަރެކެވެ. އެ ކަމަކު މިއީ ހަމައެކަނި ބުމަ ޕްރިންޓު ކުރާ މެޝިނެކެވެ.

ޓެކް ކުންފުނި ޕްރިންކާއާ ގުޅިގެން ލޮރެއަލް އިން ނެރުނު މި ޕްރިންޓަރުން ބުމައިގެ ބައްޓަން ރީއްޗަށް ކުރަހައިދެ އެވެ. އާއްމުކޮށް މޭކަޕް ކުރާއިރު ރީތިކޮށް، އެއްވަރަށް ބުމަ ކުރަހަން ގިނަ ވަގުތު ހޭދަކުރަން ޖެހެ އެވެ. އަދި ބައެއް ހާލަތްތަކުގައި، ބުމައިގައި ކުލަ ޖައްސައި އެއްވަރު ކުރަން ތިން ވަރަކަށް މޭކަޕް ޕްރޮޑަކްޓު ބޭނުން ކުރަން ޖެހެ އެވެ.

ލޮރެއަލް ބްރޯ މެޖިކްގެ 2،400 ކުދި ނޮޒްލްގެ ޒަރިއްޔާއިން 1200 ޑްރޮޕްސް ޕާ އިންޗު (ޑީޕީއައި)ގެ ކުލަ ގާތްގަނޑަކަށް ތިން ސިކުންތުގެ ތެރޭގައި ޖައްސާލަ އެވެ. ލޮރެއަލްގެ 'މޮޑިފޭސް' އޭއާރް ޓެކްނޮލޮޖީ ބޭނުންކުރާ ސްމާޓްފޯން އެޕަކުން މީހާގެ މޫނު ސްކޭން ކުރުމަށް ފަހު އެ މީހަކު ބޭނުންވާ ބައްޓަމަކަށް މައިކްރޮބްލޭޑިން، މައިކްރޮޝޭޑިން އަދި ފިލާ އިފެކްޓްސް އިހުތިޔާރުކުރަން ފުރުސަތު ދެ އެވެ. އަދި އެ އިހުތިޔާރު ގޮތަކަށް 'ބްރޯ މެޖިކް' އިން ބުމައިގައި ކުލަޖައްސައިދޭނެ އެވެ. މިއީ ފަސޭހައިން ފޮހެލެވޭނެ މޭކަޕެކެވެ.

ލޮރެއަލް އިން ބްރޯ މެޖިކް ޕްރިންޓަރު ވެސް ނެރެން އަމާޒުކުރަނީ މި އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް