ކަށިކެޔޮ ސައި މީހާ ހަމަޖައްސާލާދޭ (ދައުރު ފޮޓޯ/ އައިޝާ އީމާން)

ފުޑް

ކަށިކެޔޮ ސައިން މީހާ ހަމަޖައްސާލާ

ކަށިކޭލަކީ ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ މޭވާއެއް
10 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

މާބަނޑުއިރު ފައިގެ ދުޅަ ތިރިކުރުމަށް ދިވެހިން ކަށިކެޔޮ ފެން ބޮއެ އުޅޭ

ކަށިކޭލަކީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ފައިދާ ހުރި އެއްޗެއް

ކަށިކެޔޮ ސައި ތައްޔާރުކޮށްލަން ފަސޭހަ

ދިވެހިވަންތަ ރަހައެއް އަދި ދިވެހި މޭވާއެއްގެ ވާހަކަ ދައްކަންޏާ ކަށިކެޔޮ މިއީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ. 

ކަށިކޭލަކީ ދެކެނު އޭޝިއާގެ ގައުމުތަކުގައި ފަސޭހައިން ހެއްދޭ މޭވާ އެކެވެ. އާއްމުކޮށް ފުޅާ ގޮފިތަކެއް ލާފައި ހުންނަ ގަހުގެ ބޮޑުމިން އުޅޭނީ 13-46 ފޫޓުގަ އެވެ. އައްސޭރިފަށުގައި ފަސޭހައިން ފަސްގަނޑަށް ހޭނޭ މި ގަސް ރާއްޖޭގެ ރަށްރަށުގައި ވަރަށް ގިނައިން ހެދިފައި ހުރެ އެވެ. އިހުގައި މާލޭގައި ވެސް ބޯކޮށް މި ގަސް އޮތެވެ. 

ކަށިކެޔޮ ގަހެއް މޭވާ އަޅާފައި (ފިހާޅޮހި.އެމްވީ)

ދިވެހިން އާއްމުގޮތެއްގައި ކަށިކެޔޮ ބޭނުން ކުރަމުން އައީ ފޮތިކޮށް ކޮށައިގެންނެވެ. ކަނދި ކައްކައިގެން ކަށިކެޔޮ ކައި އުޅެ އެވެ. މިއީ ކަނދިތަކުގެ ތެރެއިން ދިވެހިންނަށް މީރު ރަހަ އެކެވެ. އަދި ކަނަމަދު މެޓާގަނޑު ހަދާ ގޮތަށް ކަށިކެޔޮ މެޓާގަނޑު ބައެއް ރަށްރަށުގައި ތައްޔާރު ކުރެ އެވެ. މިފަހުން ކަށިކެޔޮ ކޭކަކީ ވެސް ވަރަށް ގިނަ މީހުންނަށް ކަމުދާ މީރު އެއް ރަހަ އެވެ.

ކަށިކެޔޮކޭކެއް (ފޮޓޯ/ޝުގާވޯކްސް.އެމްވީ)

މިފަހަރު އެކަމަކު މިއޮތީ ކަށިކެޔޮ ސައިގެ ވާހަކަ އެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭ މި ބުއިމަކީ ގިނަ ފައިދާތަކެއް އަދި މީރު ރަހައެއް އެކުލެވޭ އެއްޗެކެވެ. ކަށިކެޔޮ ސައި ތައްޔާރުކުރަނީ މާ ކަށިކޭލުގަ އެވެ. ރަހައިގެ ގޮތުން މި ވައްތަރުގެ ކަށިކެޔޮ މާ މީރެވެ. 

ކަށިކެޔޮ ސައި ތައްޔާރު ކުރާނެ ގޮތް

ކަށިކެޔޮ ސައި ކެއްކުމަށް، ހެޔޮވަރު ދެ ކަށިކެޔޮ  ކޮށާލާށެވެ. އެއަށް ފަހު ތެއްޔަކަށް އަޅައި ފެނާ އެކު ކައްކާށެވެ. ކައްކާ ނިމުމުން ސައިފަތާއި ބޭނުންވާ ވަރަށް ހަކުރު އަޅާށެވެ. މާ ކަށިކޭލަކީ ފޮނި ރަހަ ހުންނަ އެއްޗެއް ކަމުން މާ ގިނައިން ހަކުރު އަޅައިފި ނަމަ ފޮނި ރަހަ ގަދަވެދާނެ އެވެ. ދެން ކަށިކޭލާއި ސައިފަތް ހުރި ފެން ފުރާނާލާފައި ޖޯޑަކަށް އަޅާށެވެ. ހެޔޮވަރު ވަރަކަށް ހިހޫވުމުން ބޯލާށެވެ. ހަމަގައިމު ވެސް މީހާ ރިލޭކްސްކޮށްލަދޭނެ އެވެ.

ކަށިކެޔޮ ސައި ތައްޔާރު ކުރުމަށް ފަސޭހަ (ދައުރު ފޮޓޯ/ އައިޝާ އީމާން)
ކަށިކެޔޮ ސައި: މީހާ ރިލޭކްސް ކޮށްދޭ އެއްޗެއް (ދައުރު ފޮޓޯ/ އައިޝާ އީމާން)
ކަށިކެޔޮ ސައި: ތައްޔާރުކޮށްލަން ފަސޭހަ އަދި ކެއްކުމުން މީރު ވަހެއް ހުރޭ (ދައުރު ފޮޓޯ/ އައިޝާ އީމާން)

ކަށިކޭލުގެ ބައެއް ސިއްހީ ފައިދާ

ހިތުގެ ބަލިން ދުރުކޮށްދޭ

ކަށިކޭލުގެ ފައިދާއަށް ބަލާއިރު މިއީ ހިތަށް ރަނގަޅު މޭވާ އެކެވެ. ސަބަަބަކީ މީގައި ފައިބަރު އެކުލެވޭލެއް ގިނަވުމެވެ. ދެވަނަ ކަމަކަށް ކަށިކެޔޮ ކެއުމުން ލޭ ދައުރުކޮށްދިނުން އިތުރުކޮށްދެ އެވެ. މިއީ ވެސް ހިތުގެ ބައްޔާ ދުރުކޮށްދޭ ކަމެކެވެ.

ހަކަތަ އިތުރުކޮށްދޭ

ކަށިކޭލަކީ އޭގައި ނިއުޓްރިއެންޓްސްގެ މިންވަރު އިތުުރު މޭވާއެއް ކަމުން ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދީ ހަށިގަނޑާއި ސިކުނޑި ވަރުބަލިކަން އިހްސާސް ވުމުން ދުރުކޮށްދެ އެވެ. ހަށިގަނޑުގައި ހަކަތަ ދަށް ކަމުގެ އިހްސާސް ކުރެވޭ ނަމަ ކަށިކެޔޮ ޖޫސް ތައްޓެއް ބޯލުން ރަނގަޅެވެ.

ކޮށާފައި ހުރި ކަށިކެޔޮ (ފޮޓޯ/ރަންޒަމާން)

ހަޖަމުކުރުމުގެ ނިޒާމަށް ފައިދާ ހުރި އެއްޗެއް

ކަށިކޭލަކީ ގިނަ އަދަދަކަށް ނަރު ހުންނަ މޭވާ އެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފައިބަރު އެކުލެވޭ ކާ އެއްޗެހި ގިނަ މީހުންނަކަށް ނުކެވެ އެވެ. ހާއްސަކޮށް ޕްރޮސެކްކޮށްފައި ހުންނަ ޖަންކް ފުޑް ކާ ކަމުގައި ވާ ނަމަ އެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި ގިނައިން ނަރު އެކުލެވޭ ކާނާ ކާ ނަމަ ތަފާތު އެކި ގޮތްގޮތުން ހަށިގަނޑަށް އޭގެ ފައިދާތައް ލިބެ އެވެ. ހަަޖަމް ކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް ކަމުގައިވާ ބަނޑުހަރުވުން، ބަނޑުފުއްޕުން، ވައިބޭރުވުން އަދި ބަނޑުދިޔާވުން ފަދަ ކަންކަމުން ކަށިކެޔޮ ބޭނުން ކުރުމުން ދުރުވެ އެވެ. އަދި ގިނައިން ފައިބަރު ކެއުމުން، ސީރިއަސް ބޮޑެތި ބަލިތަކުން ދުރުކޮށްދެ އެވެ.

މީހާ ރިލޭކްސް ކޮށްދޭ

ކަށިކޭލުގެ ސިއްހީ ފައިދާތައް ލިބެނީ ޖިސްމާނީ ގޮތުން އެކަންޏެއް ނޫނެވެ. މީހާގެ ނަފްސާނީ ހަމަޖެހުމަށް ވެސް ކަށިކެޔޮ އެހީވެދެ އެވެ. ކަށިކެޔޮ ކެއުމުގެ ސަބަބުން މީހާ ރިލޭކްސް ކޮށްދީ ސްޓްރެސް އާއި އެންޒައިޓީން ދުރުކޮށްދެ އެވެ.

އާއްމުކޮށް ސައި ތައްޓެއް ބޯލުމުން މީހާއަށް ހަމަޖެހުން ގެންނަ ގޮތަށް ކަށިކެޔޮ ސައި ތައްޓެއް ބޯލުމަކީ ވެސް ސިކުނޑީގައި އެނބުރޭ ހިޔާލުތަކާ ދުރަށް ގެންގޮސްދީ ހަމަޖެހުން ގެންނަ ތަޖުރިބާ އެކެވެ. ސައިގެ މީރު ވަހާއި މޭވާގެ ފޮނިކަމުން، ސައި ކައްކާއިރު ވެސް މުޅިތަން މީރު ވަހަކުން އެއްވަސްކޮށްލަ އެވެ.

ދިވެހި ބޭހުގައި މާބަނޑު މީހުންގެ ފައިގެ ދުޅަ ތިރިކުރުމަށް ކަށިކެޔޮ ފެން ދީ ހަދާ (ދައުރު ފޮޓޯ/ އައިޝާ އީމާން)

މާބަނޑު މީހުން ފައިގެ ދުޅަ ތިރި ކުރަން ކަށިކެޔޮ ފެން

މާބަނޑުވެ ވިހަން ގާތްވުމުން ފައި ދުޅަވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. މިކަމަށް ޒަމާނުއްސުރެ ދިވެހި ބޭހެއްގެ ގޮތުގައި ކަށިކެޔޮ ފެނުކައްކައި އެ ފެން ބޭނުން ކުރެ އެވެ. އޭގައި ހިމެނޭ އެންޓިއިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ދުޅަތައް ތިރިކޮށްދެ އެވެ. އަދި އަނެއް ދުވަހަށް މާބަނޑު މީހާ ތާޒާކޮށްލަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް