Majlis 2024

ރޭޑިއަންޓުގެ ބޯޑު މެމްބަރުން: އެ ކްލަބަށް މިވަގުތު ފުރުސަތެއް ނެތް.

ދިވެހި ކުޅިވަރު

ރޭޑިއަންޓުން މައްސަލަ ހިފައިގެން އާބިޓްރޭޝަނަށް ދާން މަޝްވަރާކުރަނީ

ރޭޑިއަންޓުން ދެކޭ ގޮތުގައި ސްޕޯޓިން ސަކްސެސާ ކަނޑައެޅުމުގެ ބާރު އޮތީ ފީފާ އަށް

އަލަށް އުފެއްދި ފުޓްބޯޅަ ކްލަބް ރޭޑިއަންޓަކީ، ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓުގެ ސްޕޯޓިން ސަކްސެސާއެއް ކަމަށް ބަލައި ފުރުސަތު ނުދޭން އޭއެފްސީން ނިންމި މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށް ހުށަހެޅުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އެފްއޭއެމުން، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސަސްޕެންޑްކުރީ ކުޅުންތެރިން މުސާރަ ނުދީ އޮތުމުންނެވެ. އެ ފައިސާތައް ދައްކައި ކްލަބް އަނބުރާ ނެގޭތޯ ކުރި މަސައްކަތް މިހާތަނަށް އޮތީ ކާމިޔާބުނުވެފަ އެވެ.

އެހެން އޮއްވާ އެ ކްލަބުގެ ސަޕޯޓަރުންތަކެއް ރޭޑިއަންޓުގެ ނަމުގައި އާ ކްލަބެއް އުފައްދައި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީކުރި އެވެ. އެކަމަކު ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން އެފްއޭއެމްގެ ހުއްދަ އަށް އެދުނު ހިސާބުން ތާށިވީ އެވެ. އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީން ތުހުމަތުކުރީ ރޭޑިއަންޓަކީ، ނިއު ރޭޑިއަންޓުން ދަރަނިން ސަލާމަތްވާން ވެގެން އުފައްދާ އާ ކްލަބެއް ކަމަށެވެ.

އެގޮތުން މާލީ މައްސަލައަކާ ހުރެ ކްލަބެއް ސަސްޕެންޑްކުރުމުން، މާލީ ޒިންމާއިން ރެކި އާ ކްލަބެއްގެ ގޮތުގައި އެނބުރި އަންނަން ކުރާ މަސައްކަތް ހުއްޓުވަން ފީފާގެ ގަވާއިދުން ބާރުދޭ މާއްދާއަށް ބިނާކޮށް އެ ކްލަބަށް ފުރުސަތު ނުދޭން އޭއެފްސީން ނިންމި އެވެ.

އެ ގަވާއިދުގައި ބުނަނީ ކްލަބެއްގެ ލޯގޯ އާއި ކުލަ އާއި ސްޓޭކްހޯލްޑަރުންނާއި ވާދަކުރާ ކުޅިވަރު އެއްގޮތްވާ ނަމަ އެއީ ސްޕޯޓިން ސަކްސެސާއެއް ކަމަށް ބަލައި ފުރުސަތު ނުދޭން ނިންމިދާނެ ކަމަށެވެ.

އޭއެފްސީން ބުނާ ގޮތުގައި ރޭޑިއަންޓަށް ފުރުސަތު އޮތީ ނިއު ރޭޑިއަންޓުގެ ދަރަންޏާ ހަވާލުވާ ގޮތަށް ކަމަށެވެ. އެކަމަކު ރޭޑިއަންޓުން ބުނަނީ، މިއީ ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން އުފެއްދި ކްލަބެއް ވިޔަސް މުޅިން ތަފާތު އާ ކްލަބެއް ކަމަށެވެ. އެހެންވެ ނިއު ރޭޑިއަންޓުގެ ދަރަންޏަކާ އެ ކްލަބުން ހަވާލުވާން ނުޖެހޭނެ ކަމަށް އެ ކްލަބުން ދެކެ އެވެ.

ރޭޑިއަންޓުގެ ޗެއާމަން އަހުމަދު ވާސިފް 'ދައުރު' އަށް ވިދާޅުވީ އެ ކްލަބުން ދެކޭ ގޮތުގައި ސްޕޯޓިން ސަކްސެސާއެއް ކަމަށް ކްލަބެއް ކަނޑައެޅޭނީ ފީފާ އަށް ކަމަށާއި އަދި އެގޮތަށް ނިންމުމުގެ ކުރިން ފީފާ އިން ބަލަން ޖެހޭ ކަންކަން ބަލައި ދެ ފަރާތާ ވާހަކަދައްކާނެ ކަމަށެވެ.

"މިއީ ރާއްޖޭގެ އެފްއޭއެމްގައި ހުންނަ މީހަކާއި އޭއެފްސީގައި ހުންނަ މީހަކާ ދެމެދު ކުރާ އީމެއިލް އަކުން ނިންމޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ،" ވާސިފް ވިދާޅުވި އެވެ.

"އެކަން ނިންމޭނީ ފީފާ އަށް."

ރޭޑިއަންޓަކީ ނިއު ރޭޑިއަންޓުގެ ސްޕޯޓިން ސަކްސެސާއެއް ކަމަށް ނިންމި އެއް ސަބަބަކީ ސްޓޭކްހޯލްޑަރުން އެއްގޮތްވުމެވެ. އެގޮތަށް ބެލީ ރޭޑިއަންޓުގެ ޗެއާމަން ވާސިފް އާއި ހަޒާންދާރު ޒަހީނުއްދީން ސައީދު ނިއު ރޭޑިއަންޓުގެ ބޯޑުގައި ހިމެނިފައިވުމެވެ. ރޭޑިއަންޓުން ބުނާ ގޮތުގައި ވާސިފާއި ޒަހީނުއްދީން ނިއު ރޭޑިއަންޓުގެ ބޯޑުގައި ތިބީ ދަރަނީގެ މައްސަލަ ޖެހުނު ފަހުން ކަމަށެވެ.

"ކްލަބް އޮތީ ދޫދޭ ގޮތަކަށް ނޫން. މިހާރު މަޝްވަރާކުރަމުން އަންނަނީ އާބިޓްރޭޝަނަށް ދިއުމާ މެދު،" ވާސިފް ވިދާޅުވި އެވެ.

ނިއު ރޭޑިއަންޓުން ފެށުނީއްސުރެ ތުހުމަތުކުރަނީ އެ ކްލަބާ މެދު އެފްއޭއެމުން ޒާތީވެފައިވާ ކަމަށެވެ. ނިއު ރޭޑިއަންޓުން ބުނެފައިވާ ގޮތުގައި މުސާރަ ނުދޭ އެތައް ކްލަބެއް އޮއްވާ އެ ކްލަބާ މެދު އެފްއޭއެމުން ކުރިން ވެސް ފިޔަވަޅު އެޅީ އެފްއޭއެމްގެ ބޯޑުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުންނެވެ. އެހެންވެ ރޭޑިއަންޓުން ދެކެނީ އެ ކްލަބަށް ފުރުސަތު ނުދިނީ ވެސް ނިއު ރޭޑިއަންޓާއާ އުފެދިފައި އޮތް މައްސަލައިގެ ސަބަބުންނެވެ.

ނަމަވެސް އެފްއޭއެމުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް