Majlis 2024

ގްރެމީ އެވޯޑްސް ހަފްލާގައި ސެއިންޓް ވިންސެންޓް ފިޔާތޮށި ކުލައިގެ ހެދުމެއްގައި: މިފަހަރުގެ ގްރެމީސް ރެޑް ކާޕެޓުގައި ރީތި ހެދުންތައް ވަރަށް މަދު.

ފެޝަން

ގްރެމީ އެވޯޑްސް ރެޑް ކާޕެޓްގެ އެންމެ ހުތުރު އަދި އެންމެ ހިތްގައިމު ހެދުންތައް

މިއުޒިކް އާއި ފެޝަންގެ ދުނިޔެ އަނެއްކާވެސް ލާމެހި، ތަފާތު ހެދުންތަކެއް ފެނުނު
6 އޭޕްރީލު 2022

ގްރެމީ އެވޯޑްސް ހަފްލާ މިދިޔަ އާދީއްތަދުވަހު ލޮސް އެންޖަލިސްގައި ބޭއްވި އިރު ދުނިޔޭގެ މަޝްހޫރު މިއުޒިކީ ފަންނާނުންނާއި ސެލެބްރިޓީން ބައިވެރިވި އެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ކޮންމެ ބޮޑު މުނާސަބަތެކޭ އެއްފަދައިން މިފަހަރު ވެސް އެ އިވެންޓުގެ ރަތް ދޫލަ މަތިން ވަރަށް ތަފާތު ހެދުންތަކެއް ފެނުނެވެ.

ދުއާ ލިޕާ، ބީޓީއެސް، އޮލިވިއާ ރޮޑްރިގޯ އަދި ޑޯޖާ ކެޓް ފަދަ ތަރިން އެމީހުންނަށް ފެނުނު އެންމެ ފުރިހަމަ ހެދުން ލައިގެން ދައްކާލި އެވެ. ފެޝަން އާއި މިއުޒިކު އެއް ޕްލެޓްފޯމަކުން ފެންނަ މިކަހަލަ އިވެންޓެއް ވަރަށް ހާއްސަވެފައި އެ ސެލެބްރިޓީންގެ ލުކްސްއަށް އަންނަ ފާޑުކިޔުން ވެސް އެހާމެ ގިނަ އެވެ.

މިފަހަރުގެ ގްރެމީ ހަފްލާ އިން ފާހަގަވި އެންމެ ޗާލު އަދި ހުތުރު ހެދުންތަކަށް ބަލައިލަމާ ހިނގާށެވެ.

އެންމެ ޗާލު ލުކްސް

މިއަހަރުގެ ގްރެމީ އެވޯޑްސް ރެޑް ކާޕެޓްގެ ފެޝަން ވަރަށް ފެންވަރު ދަށް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެއީ ރީތި ހެދުމެއް ލައި އެ ސެލެބްރިޓީއަކާ ގުޅޭ ގޮތަށް ތައްޔާރުވެލައިގެން ތިބި މީހުން މިފަހަރު މަދު ކަމަށް ފާހަގަވާތީ އެވެ. އެ ލިސްޓުގައި، މަގުބޫލު ލަވަކިއުންތެރިއާ ޑޯޖާ ކެޓް ހިމެނެ އެވެ. 

'ސޭ ސޯ' އަދި 'ޖޫސީ' ފަދަ މަޝްހޫރު ހިޓު ލަވަތައް ކިޔާފައިވާ ޑޯޖާ ކެޓް މިއަހަރުގެ ގްރެމީ އެވޯޑްސްއަށް ދެ ހެދުމެއް ލައިފައި ވެ އެވެ. އެއީ އިޓަލީގެ އެންމެ ބޮޑު ބްރޭންޑު އަދި ސެލެބްރިޓީން އެންމެ ގިނައިން ލާ އެއް ބްރޭންޑު ކަމަށްވާ ވަސަޗޭގެ ދެ ހެދުމެކެވެ. އިވެންޓުގެ ރަތް ދޫލަ މަތިން އޭނާ ފުރަތަމަ ފެނުނީ މަޑު ނޫ ކުލައިގެ ދިގު ހެދުމެއް ލައިގެނެވެ. 

ޑޯޖާ އެ އިވެންޓުގައި ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ބޭނުންވީ ސިމްޕަލް ސްޓައިލަކަށް ހެދުން ބަހައްޓަން ކަމަށެވެ. އަދި ސަމާލުކަން ދޭން ބޭނުންވީ އޭނާގެ ހެއާ ސްޓައިލަށެވެ. މަޑު ނޫ ކުލައިގެ ހެދުމާ އެކު އޭނާ ހިފައިގެން ހުރީ ކޮޕާރްނީ އާއި ހެވަން ބްރޭންޑުގެ އަތް ދަބަހެކެވެ.  

ލޭޑީ ގާގާ މި އަހަރުގެ އިވެންޓުގައި ވަނީ އޭނާގެ 13 ވަނަ ގްރެމީ އެވޯޑް ކާމިޔާބުކޮށްފަ އެވެ. އޭނާ ގްރެމީ އެވޯޑްސްއަށް ލީ ތިން ހެދުމުގެ ތެރެއިން އެންމެ ހިތްގައިމީ ރެޑް ކާޕެޓަށް ލައިގެން ހުރި އަރްމާނީ ޕްރިވޭ ބްރޭންޑުގެ ދިގު ހެދުމެވެ. މިއީ ވަރަށް ކްލެސިކް ލުކް އެކޭ ބުނެވިދާނެ އެވެ. ސަބަބަކީ ބޭނުން ކޮށްފައި ހުރީ ވަރަށް ކްލެސިކް ސިލުވެޓެއްގެ ގައުނެކެވެ. އަދި އޭގައި ބޭނުން ކޮށްފައިހުރި ކަޅާއި ހުދު ވަރަށް ނަލަ އެވެ. އިސްތަށިގަނޑު ވެސް މައްޗަށް އައްސާލައިފައި ހުރީ ކްލެސިކް 'އޯލްޑް ހޮލީވުޑް' ސްޓައިލަކަށެވެ.

އުމުރުން 19 އަހަރުގެ ލަވަކިއުންތެރިއާ އޮލިވިއާ ރޮޑްރިގޯގެ ފުރަތަމަ ގްރެމީ އެވޯޑް މި އިވެންޓުގައި ކާމިޔާބު ކުރި އެވެ. އޭނާގެ މި ފަހުރުވެރި ހިނދުކޮޅު ފާހަގަ ކުރަން ލައިގެން ހުރީ ވިވިއަން ވެސްޓްވުޑްގެ ކަޅު، ދިގު ހެދުމެކެވެ. މި ހެދުމާ އެކު އޭނާ ހުރީ އަތަށް ދިގު އަންގިއެއް ވެސް އަރުވައިގެންނެވެ.

މަގުބޫލު ލަވަކިއުންތެރިއާ ދުއާ ލިޕާ ލައިގެން ހުރީ ވަސަޗޭގެ ކަޅު ހެދުމެކެވެ. މިއީ އެ ބްރޭންޑުގެ ވިންޓޭޖު، 1992 ވަނަ އަހަރު ދައްކާލި ހެދުމެކެވެ. އެ ހެދުން އޭރު ރަންވޭ މަތިން ދައްކާލީ ސުޕަމޮޑެލް ކްރިސްޓީ ޓާލިންޓަން އެވެ. އަދި އެއަށް ފަހު ސުޕަމޮޑެލް ސިންޑީ ކްރޯފޯޑް ވެސް އިވެންޓަކަށް އެ ހެދުން ލައިފައި ވެ އެވެ.

ދުއާ ލިޕާގެ މި ލުކް ދައްކާލައިފައި ވަނީ އެންމެ ފުރިހަމައަށް ނޫން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެއީ ދުއާގެ އިސްތަށިގަނޑާއި މޭކަޕްގެ ސަބަބުން ކަމަށް ވުން އެކަށީގެން ވެ އެވެ. ނަމަވެސް މިއީ ވަސަޗޭގެ ވިންޓޭޖު ލުކް އަކަށް ވެފައި މިއުޒިކާއި ފަންނާނުންގެ އިވެންޓަކާ ގުޅެ އެވެ. 

މިފަހުގެ މަގުބޫލު އެކްޓްރެސް ރޭޗަލް ޒެގްލާ އޭނަގެ ކުރު ހެއާ ސްޓައިލާ ގުޅުވާލައިގެން ލައިފައި ހުރީ ޑިއޯ ބްރޭންޑުގެ ދިގު އަޅި ކުލައިގެ ގައުނެކެވެ. މިއީ ވަރަށް 'ރޮމޭންޓިކް' ލުކް އެކެވެ. މި ސްޓައިލާ ގުޅުވާލައިގެން އޭނާގެ ގަހަނާ ވެސް ސިމްޕަލް އެކަމަކު ނަލަ ސްޓައިލަކަށް ބެހެއްޓި އެވެ. 

ސްނޯ އެލެގްރާގެ ރިހި ކުލައިގެ ވަސަޗޭ ލުކްއަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. އޭނާ އެ ލުކް ސްޓައިލު ކޮށްފައި ހުރީ ވަރަށް ސިމްޕަލް ކޮށެވެ. މިނަށްވުރެ ގަދަ ކުލަތައް ބޭނުން ނުކޮށް، ހެދުމަށް ފޯކަސް ވާ ގޮތަށް އިސްތަށިގަނޑާއި މޭކަޕް އަދި އެކްސެސަރީޒް ސްޓައިލު ކޮށްފައި ވެ އެވެ.

އަންހެން ތަރިންގެ އިތުރުން ފިރިހެން ފަންނާނުން ވެސް އެ މީހުންގެ އެންމެ މޮޅު ސޫޓު ލައިގެން ތިއްބާ ފެނުނެވެ.

ޑިޕްލޯ އޭނާގެ ކަޅު ސޫޓާއި ފަޓުލޫނާ އެކު ކަޅު ޓާޓްލް ނެކް ސްވެޓާއެއް ލައިގެން ހުއްޓެވެ. އޭނާގެ އިސްތަށިގަނޑު ގަދަ ނޫ ކުލައަކުން ޑައި ކޮށްފައި ހުރުމުން މި ކަޅު ލުކްއާ ގުޅެ އެވެ. މީގެ އިތުރުން އޭނާގެ ބޫޓު ކަޅު ކުލައިން ގުޅުވާލައިފައި ހުރީ އެއަށް އިތުރު ޓެކްސްޗާއެއް ދީގެނެވެ. އެއީ ހަރުފަ ހަންގަނޑުގެ ސިފައަށް ހުންނަ ޓެކްސްޗާއެއް ދީފައިވާ ބޫޓެކެވެ. މިކަހަލަ ކުދި ކަންތައްތަކަށް އަހައްމިއްޔަތު ދިނުމުން ލުކް އިތުރަށް ރީތި ވެ އެވެ.

ބީޓީއެސް މިފަހަރުގެ ގްރެމީ އެވޯޑްސްގައި ބައިވެރި ވި އެވެ. އަދި މިބޭންޑުގެ ފޭނުން ވަނީ އިންޓަނެޓަށް އެތައް ފޮޓޯތަކެއް ލައިފަ އެވެ. ބޭންޑުގެ ހަތް މެމްބަރުން ތިބީ އެކި ނިއުޓްރަލް ކުލަތައް ބޭނުން ކޮށްގެން އެކަކު އަނެކަކުގެ ލުކްއާ ގުޅުވާލައިގެންނެވެ.

މި ހުރިހާ ލުކްއެއްގެ ފަހަތުގައިވާ ބްރޭންޑަކީ ލުއީ ވުޓޯން އެވެ. މިއީ ސިމްޕަލް އެކަމަކު ބޭންޑެއްގެ ގުޅުން ދައްކައިދޭ ސްޓައިލެކޭ ބުނެވިދާނެ އެވެ.

މަގުބޫލު ތަރި ޖަސްޓިން ބީބާ މި ލިސްޓުގައި ހިމެނުން މިއީ ފަހަރެއްގައި ބައެއް މީހުންގެ ފާޑުކިއުން އަމާޒު ވެދާނެ ކަމެކެވެ. އެކަމަކު ބީބާ ފަދަ ފަންނުވެރިއެއް މިކަހަލަ އިވެންޓަކަށް، އެހެން މީހުންނަށް ވުރެ ތަފާތު ސްޓައިލަކަށް ހެދުން ލައިގެން ހުރުމަކީ ހަގީގަތުގައި ވެސް އެ މުނާސަބަތާ ގުޅޭ ގޮތެކެވެ. 

އާއްމުކޮށް ފިރިހެނުން ލާ ސޫޓު އެހެން ގޮތަކަށް ބަދަލު ކޮށްލައިގެން ލުމަކީ މިއުޒިކު އިވެންޓަކާ ގުޅޭ ސަޅި ގޮތެކޭ ބުނެވިދާނެ އެވެ. ބީބާ ލައިގެން ހުރި ބްރޭންޑަކީ ސެއިންޓް ލޯރެން އެވެ. މި ބްރޭންޑަކީ މިކަހަލަ ސިމްޕަލް އެކަމަކު ތަފާތު ލުކްތައް އާއްމުކޮށް ފަރުމާ ކުރާ ބައެކެވެ. ބީބާ އެކްސެސަރައިޒު ކޮށްފައި ހުރީ ގަދަ ފިޔާތޮށި ކުލައިގެ ބީނީ އަކާއި ކަޅު އަވި އައިނެއް އަދި ބެލެންސިއާގާ ބްރޭންޑުގެ ޕްލެޓްފޯމް ކްރޮކް ބޫކައިއަކާ އެކު އެވެ. 

އެންމެ ހުތުރު ލުކްސް

މި އަހަރުގެ ގްރެމީ އެވޯޑްސްއިން ޗާލު ލުކްތަކެއް ހޮވާލަން ފުދޭވަރަކަށް އުނދަގޫ ވި އެވެ. އެންމެ ބޮޑެތި ތަރިން ވެސް ރަތް ދޫލަ މަތީ ލައިގެން ތިބި ހެދުންތައް ހުތުރު ކަމުން ހީވަނީ ކަނު އަނދިރީގައި ހެދުމެއް ހޮވައިގެން ލައިގެން އައިހެނެވެ. ގިނަ މީހުންގެ ހެދުން އެމީހުންގެ ހަށިގަނޑުގެ ބައްޓަމަކާ ނުގުޅެ އެވެ. އަދި ގްރެމީ ފަދަ، މުޅި ދުނިޔެ ބަލާ އެވޯޑް ޝޯއަކާ ނުގުޅޭ ލުކްތައް ގިނަ އެވެ.

އެންމެ ހުތުރު ލިސްޓަށް މި ލަނީ މި ހުރިހާ ލުކްސްގެ ތެރެއިން އެއްގޮތަކަށް ވެސް ކަމުނުދާ ހެދުންތަކެވެ.

ލަވަ ލިޔަން މަޝްހޫރު ތަރިއެއް ކަމަށްވާ ޓޭލާ ޕާކްސް އަކީ މި ލިސްޓުގެ އެއްވަނަ ލިބެން ހައްގު ފަރާތެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ރޭގަނޑު އޮންނަ ބޮޑު އިވެންޓަކަށް އޭނަ ލައިގެން ހުރީ ކޮސްޕްލޭ ހެދުމެކެވެ. ގަދަ ފެހި ކުލައިގެ އުންތަކެއް ނަގައިފައި ހުރި ހެދުމެކެވެ. ހީވަނީ ކޮވިޑް-19 ގެ ވައިރަސްގެ ސިފައަށް ހެދުން ސްޓައިލު ކޮށްފައި ހުރި ހެނެވެ. އެކަމަކު ޓޭލާ ބުނިގޮތުގައި އޭނާ ބޭނުންވީ ސުޕަ މާރިއޯގެ ކެރެކްޓާ 'ބްރައުޒާ'އަށް ވާށެވެ. 

ކޮރެއާ އަށް ނިސްބަތްވާ އެމެރިކާގެ ޕޮޕް ބޭންޑު ޖެޕަނީޒް ބްރެކްފަސްޓްގެ ލީޑް ލަވަކިއުންތެރިއާ މިޝޭލް ޒައުނާ ލައިގެން ހުރީ ޑިޒައިނާ ބްރޭންޑެކެވެ. އެއީ ވެލެންޓީނޯ އެވެ. އެކަމަކު މި ލުކް ސްޓައިލުކޮށްފައި ހުރި ގޮތުން ހުތުރު ލުކްސްގެ ކެޓަގަރީއަށް ފެތެ އެވެ.

ލަވަކިއުންތެރިއާ އަދި ލަވަ ލިޔަން މަޝްހޫރު ތަރި ހާ ލައިގެން ހުރި ހެދުމަކީ ހަމައެކަނި މި ލިސްޓަށް އެކަށޭނެ ލުކް އެކެވެ. ގަދަ ރީނދޫ ކުލަ އާއި އޮރެންޖު ކުލައިގެ ހަރުވާޅަކާއި ކޭޕްއެއް ހުރި އެ ހެދުމަކީ އެއްގޮތަކަށް ވެސް އެ މުނާސަބަތާ ގުޅޭ ލުކްއެއް ނޫނެވެ.

އޭނާ އެތެރެއިން ލައިގެން ހުރި ތިރި ވެސް ފާޅުކޮށް އަދި އެހާމެ ހުތުރުކޮށް ފެންނަން ހުއްޓެވެ. އަވި އަައިނެއް އަޅައިގެން ހުރި އިރު އެއީ އެއްވެސް ގޮތަކަށް ވަކި މޫޑެއް ނުވަތަ ވަކި ސްޓައިލެއް ރަމްޒު ވާކަހަލަ އައިނެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް