އެމްއެންޕީ އިން 22 މެއި 2022 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ރައީސް މުހައްމަދު ނާޒިމް، (ފޮޓޯ/އެމްއެންޕީ)

އެމްއެންޕީ

ގޯތާބާޔަ އަށް ރާއްޖޭން ހިމާޔަތް ދިން ގޮތް ސާފުކުރަން މަޖިލީހަށް ހުށަހަޅާނަން: އެމްއެންޕީ

ލަންކާގެ ރައީސް ރާއްޖެ އެތެރެވީ މަޖިލީހުގެ ރައީސް، ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިގެން
13 ޖުލައި 2022

ސްރީ ލަންކާ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވައްޓާލައި އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެ ގައުމުގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާއިރު، އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްއެންޕީން ނިންމައިފި އެވެ.

އެނގުން މުހިންމު - ގޯތާބާޔަ އާއި އޭނާގެ އަނބިކަނބަލުން އެންމެ ފުރަތަމަ ރާއްޖެ އެތެރެވާން މަސައްކަތްކުރީ، އަސްކަރީ މަތިންދާ ބޯޓުގައި ތިބި މީހުންގެ މައުލޫމާތު އޮޅުވާލައިގެން ކަމަށްވެ އެވެ. އަދި ބޯޓުގައި ގޯތާބާޔަ އާއި އޭނާގެ އަނބިކަނބަލުން ތިބިކަން އެނގިގެން، ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓުގައި ޖައްސަން ހުއްދަ ނުދިނުމުން އަނބުރާ ލަންކާއަށް ވަނީ ގޮސްފަ އެވެ.

ގޯތާބާޔަ ދެވަނަ ފަހަރަށް ރާއްޖެއަށް ފުރާވަޑައިގަތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މެދުވެރިކުރައްވައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގުޅުއްވައި ގޯތާބާޔައަށް ރާއްޖެ އެތެރެވެވޭނެ ކަމުގެ ޔަގީންކަން ހޯއްދެވުމަށް ފަހު އެވެ. ދިވެހި ސަރުކާރުގެ ބައެއް މަސްދަރުތަކުން ވެސް ޔަގީންކޮށްދިން ގޮތުގައި، އެ ބޯޓު ރާއްޖޭގައި ޖެއްސުމުގެ ހުއްދަ އަލުން ދިނީ ނަޝީދު ވަރަށް ބޮޑަށް ބާރުއަޅުއްވައިގެންނެވެ.

ތަފްސީލް - މިއަދު އިސްތިއުފާ ދެއްވަން ނިންމާފައިވާ ގޮތާބާޔަ ރޭ ދަންވަރުގެ ވަގުތެއްގައި ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެންނެވި އިރު، އެވަގުތު އެއާޕޯޓުގައި ނަޝީދު ވެސް ހުންނެވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ނަޝީދާއި ދިވެހި ސަރުކާރަށް ދެ ގައުމުގެ ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން އެމްއެންޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން "ހިމާޔަތް ދިން" މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓް ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

ގޯތާބާޔަ ރާއްޖެއަށް ވަޑައިގަތް ގޮތާ ގުޅޭ ގޮތުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެ އެވެ. މި މައްސަލައިގައި އަދި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނި އިރު، ގޯތާބާޔަ ރާއްޖެ އެތެރެވުމަށް ނަޝީދު ބާރުއެޅުއްވި ކަން ނޭނގޭ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ގޯތާބާޔަ ރާއްޖެ ވަޑައިގަތީ، އެނގިފައިވާ ގޮތުގައި، ލަންކާ އިން ބޭރުވެވޭނެ އިތުރު ގޮތެއް ނެތިގެން ޓްރާންސިޓް މަންޒިލެއްގެ ގޮތުގަ އެވެ. އޭނާ ހުންނެވި ކަމަށް ވަނީ ހުޅުލޭ އައިލެންޑް ހޮޓަލް (އެޗުއައިއެޗު)ގަ އެވެ. މިއަދު މެންދުރު ފަހު ނުވަތަ ހަވީރު ފުރާ ފްލައިޓަކުން ސިންގަޕޫރަށް ނުވަތަ ދުބާއީއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށްވެ އެވެ.

މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައި ވިޔަސް، ވަޑައިގަންނަވަން ބޭނުންވާ މަންޒިލަށް ވަޑައިގެންނެވެން ދެން އެކަން ނުކުރައްވާނެ ކަމަށް ވެސް ލަންކާގެ ބައެއް މަސްދަރުތަކުން ބުނެ އެވެ. ބޮޑުވަޒީރާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އޮފީހުން ވެސް ބުނެފައިވާ ގޮތުގައި، ރައީސް ސޮއިކުރެއްވި ކަމަށް ބުނާ އިސްތިއުފާގެ ސިޓީ އަދި ލިބިފައެއް ނުވެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް