މާލޭގެ ސޯޝަލް ސެންޓަރުގައި މިދިޔަ ނޮވެމްބަރު މަހު ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ކުރަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19

މިދިޔަ 2 ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވީ 312 މީހުން

މިދިޔަ ދެ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއަށް ވުރެ ދަށް

ފާއިތުވި ދެ ހަފްތާގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19ގެ 312 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - ކޮވިޑް ކޭސްތައް މަދުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިިދިޔަ މާޗު މަހު އުވާލުމާ އެކު މިހާރު ކޮވިޑުގެ ތަފާސްހިސާބުތައް އާންމު ކުރަނީ ހަފްތާއަކު އެއް ފަހަރު އެވެ. ނަމަވެސް، އީދު ބަންދާ ގުޅިގެން އެޗްޕީއޭއިން މިދިޔަ ހަފްތާގައި ކޮވިޑުގެ ތަފާސްހިސާބުތައް އާއްމުކޮށްފައެއް ނުވެ އެވެ.

ތަފްސީލް - އެޗްޕީއޭއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ 24 އިން މި މަހުގެ 7ގެ ނިޔަލަށް މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 312 މީހުންނެވެ. އެގޮތުން:

  • 24-30 އޭޕްރީލް: 192 ކޭސް

  • 1-7 މޭ: 120 ކޭސް

އޭގެ ތެރެއިން މާލެ ސަރަހައްދުން 43 މީހުން ޕޮޒިޓިވް ވެފައި ވާއިރު، އަތޮޅުތެރެއިން ޕޮޒިޓިވްވީ 228 މީހުންނެވެ.

އެނގުން މުހިންމު - މިދިޔަ ދެ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއަށް ވުރެ ދަށެވެ. އެގޮތުން، މިދިޔަ މަހުގެ 17 އިން 23އާ ދެމެދު ރިޕޯޓުކޮށްފައި ވަނީ ކޮވިޑުގެ 288 ކޭސް އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 179،483އަށް އަރައިފަ އެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ މަރުވެފަ އެވެ.

ވެކްސިންގެ ތަފާސްހިސާބު:

  • ފުރަތަމަ ޑޯޒު - 398،597 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %88.03)

  • ދެ ވަނަ ޑޯޒު - 383،980 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %84.80)

  • ބޫސްޓާ ޑޯޒު - 159،008 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %35.12)

އިތުރު އާޓިކަލް

އިތުރު އާޓިކަލް