ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން (ވ) އަދި ފަޒްލޫން މުހައްމަދު.

ނިޝާން އާއި ފަޒްލޫންގެ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ހިފަހައްޓައިފި

ޔޯގާ ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމުގައި އެ މީހުން އިސް ދައުރެއް އަދާ ކުރި ކަމަށް އިސްލާމިކް މިނިސްޓްރީން ތުހުމަތު ކުރޭ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެގަނެ، އެކަން ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިން ކަމަށްވާ ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ ދީނީ އިރުޝާދު ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިރޭ ހިފަހައްޓައިިފި އެވެ.

މައްސަލައިގެ ފެށުން - ޔޯގާ ދުވަހުގެ ހަރަކާތް ހިންގަމުން ދަނިކޮށް ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެގަނެ އެ ތަނުގައި ހަމަނުޖެހުން ހިންގައިފަ އެވެ. އެގޮތުން ބައެއް މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.

  • އެ މައްސަލައާ ގުޅިގެން އިއްޔެ ހަ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވޭ

  • މިރޭ ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ފަޒްލޫން އާއި ނިޝާން ވެސް ހިމެނޭ

  • ދެން ހައްޔަރު ކުރީ ޕީޕީއެމްއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓެއް

ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރަނީ.

ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވައިދުގެ ދަށުން ފަޒްލޫން އާއި ނިޝާންގެ ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމާއި ދީނީ އިރުޝާދު ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.

ތަފްސީލް - އެ ދެ މީހުން ވެސް ވަނީ ޔޯގާއަކީ ޝިރުކު ކުރުން ކަމަށާއި އެއީ ހަރާމް ކަމެއް ކަމަށް ބުނެ، ޔޯގާއާ ދެކޮޅަށް އަޑުއުފުލުމަށް ހިތްވަރު ދީފަ އެވެ. އަދި ގަލޮޅު ދަނޑު ކައިރިއަށް އެއްވި މީހުންގެ ތެރޭގައި އެންމެ ފުރަތަމަކޮޅު އިސްކޮށް ތިބެ، އެ މީހުންނާ މުހާތަބުކޮށް އެ ސަރަހައްދުގައި ފަޒްލޫނާއި ނިޝާން ވަނީ ތަގުރީރު ވެސް ކޮށްފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ފަޒްލޫންއަށް ކުރެވޭ ތުހުމަތުތައް:

  • ޔޯގާ ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމުގައި ބައިވެރިވުމަށް ދައުވަތު ދީފައިވޭ

  • އެކަމުގައި އިސް ދައުރެއް އަދާކޮށްފައިވޭ

  • ހަމަނުޖެހުން ހިންގައިގެން ހައްޔަރު ކުރި މީހުންގެ ދިފާއުގައި ވާހަކަ ދައްކައި އެ ކަމަށް އެ މީހުން ހިތްވަރު ދީފައިވޭ

  • ހައްޔަރު ކުރި މީހުންގެ މައްސަލަ ބަލަން ތިބި ފަނޑިޔާރުންނަށް ނިސްބަތްކޮށް "ތަކްފީރީ ސީއާއިން" ސޯޝަލް މީޑިއާގައި މުހާތަބުކޮށްފައިވޭ

މިނިސްޓްރީން ބުނި ގޮތުގައި، ނިޝާންއަށް ކުރެވޭ ތުހުމަތުތައް:

  • ޔޯގާ ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމުގައި ބައިވެރިވުމަށް ދައުވަތު ދީފައިވޭ

  • އެކަމުގައި އިސް ދައުރެއް އަދާކޮށްފައިވޭ

ބުނީ ކީކޭ؟ - އެ ސަބަބުތަކާއި އެ ކަންކަމާ ގުޅިގެން ފަޒްލޫން އާއި ނިޝާންގެ ޖިނާއީ މައްސަލައެއް ބަލަމުން ދާކަން ފުލުހުން އަންގާފައިވާތީ އެ ދެ މީހުންގެ ހުއްދަ ހިފެހެއްޓީ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހާރިޔަ)

އޭގެ އިތުރުން މިިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، މަދު ބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި އިސްލާމް ދީނަށާއި ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތައް ހުރިހާ ދީނީ އިލްމުވެރިންގެ ބޮލުގައި އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މުޖުތަމައުގައި ދީނީ އިލްމުވެރިންނަށް އޮންނަ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.

ބާތިލު ފިކުރަށް މީހުން ދަނީ ދީނުގެ ސައްހަ އިލްމު ނެތުންކަން ފާހަގަކޮށް، އެފަދަ ފިކުރުތަކާ ދެކޮޅަށް ހިންގަން ޖެހޭ އެންމެ މުހިންމު ހަރަކާތަކީ ރާއްޖޭގައި ހުރިހާ ފަންތިތަކާއި ގިންތިތަކަށް ދީނީ އިލްމު ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން، އެ ބަޔާނުގައި ވަނީ ދީނުގެ އިރުޝާދު ދިނުމުގައި ޝަރުއީ ރީވެތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް ހުރިހާ އިލްމުވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް (2)

ގާރީ

23 ޖޫން 2022
ރަގަޅު ނިންމުމެއް
0 2

އަޑަފި

23 ޖޫން 2022
ދެން ރާއްޖޭގައި އިސްލާމް ދީނާ ޚިލާފު އެއްވެސް ކަމެއް ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރެވޭވަރު މިފަހުރު ކުރާނެކަމަށް ފެނެވެ. މި ކަން މިގޮތަށް ނުކުރެވިގެން ލާދީނީ ބައިގަނޑު އުޅޭތާ ކިތައްމެ ދުވަހެއްވެއްޖެއެވެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް