Majlis 2024

ދިވެހިންގެ ތެރޭގައި އަމިއްލަ ނަފްސަށް އަނިޔާ ދިނުމުގެ ކޭސްތައް ހީކުރާ ވަރަށް ވުރެ ގިނަ

އަމިއްލަ ނަފްސަށް އަނިޔާ ދިނުން ހީކުރާ ވަރަށް ވުރެ ގިނަ

އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމުގެ އަމަލުތައް ގިނައީ އަންހެނުންނާއި ޒުވާން ފުރައިގެ ކުދިންގެ މެދުގައި
19 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ޖެންޑާ މިނިސްޓްރީން މި އަހަރުގެ ފުރަތަމަ 7 މަހު 80 ވަރަކަށް ކޭސްއަށް އެޓެންޑްކޮށްފައިވޭ

ގޭތެރޭގެ އަރާރުމާއި ޖިސްމާނީ އަދި ޖިންސީ އަނިޔާ މިކަމަށް މަގުފަހިކުރޭ

މިފަދަ ހާނިއްކަތައް ލިބޭ ކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަން އެބަހުރި

ނޯޓު - މިއީ އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ތަފްސީލްތައް ހިމެނޭ ލިޔުމެކެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ސައިކިއެޓްރިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. މައުމޫން ޝަރީފް (މާނު) ހޮސްޕިޓަލްގެ އޯޕީޑީގައި ހޭދަކުރައްވާ ކޮންމެ ދުވަހަކު، ބައްލަވާ ބަލިމީހުންގެ ތެރެއިން މަދުވެގެން އެއް ކޭހަކީ އަމިއްލަ ނަފްސަށް ގެއްލުންދީގެން އަންނަަ މީހެކެވެ. މިއީ ރާއްޖޭގެ މުޖުތަމައުގައި އާއްމު ކަމެއް ކަމަށް ނޫން ކަމުގައި ހީވެފައި އޮތަސް، ހީކުރާ ވަރަށް ވުރެ މިފަދަ ކޭސްތައް ގިނަ އެވެ.

އަމިއްލަ ނަފްސަށް އަނިޔާ ދިނުމަށް މެދުވެރިވަނީ ނަފްސާނީ ގޮތުން މީހާ ހުންނަ ހާލަތެއްގެ ސަބަބުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ސައިކިއެޓްރިސްޓް ޑރ. މައުމޫން ޝަރީފް

ޑރ. މައުމޫން ވިދާޅުވި ގޮތުގައި އަމިއްލަ ނަފްސަށް އަނިޔާ ކޮށްގެން ޑޮކްޓަރަށް ދައްކަން ދާ ކޭސްތަކަށް ބަލާއިރު އެކަން ގިނަައީ ފުރާވަރުގެ ކުދިންނާއި އަންހެނުން ތެރޭގަ އެވެ. ތަފާސްހިސާބުތަކުން ވެސް ދައްކަނީ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގައި ގިނައީ އަންހެނުން ނުވަތަ އަންހެންކުދިން ކަމެވެ.

"އަމިއްލަ ނަފްސަށް އަނިޔާ ދީގެން ގިނަ ފަހަރަށް އަންނަނީ އަތުކުރިއަށް ތޫނު އެއްޗަކުން ދޭ ޒަހަމްތަކާ އެކު ނުވަތަ ފަައިގެ ފަލަމަސްގަނޑުގައި އެހެން މީހުންނަށް ނުފެންނަ ގޮތަށް ޒަހަމްކޮށްގެން އަންނަ ޕޭޝަންޓުން،" ޑރ. މައުމޫން ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އަށް ރިޕޯޓް ކުރާ މައްސަލަތަކުގެ ތެރެއިން، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލަ އަށް މަރުވާން އުޅުމާ ގުޅޭ ގޮތުން އެ މިނިސްޓްރީން މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަސް ތެރޭ 79 ކޭހަކަށް އެޓެންޑް ކޮށްފައިވެ އެވެ. 

މިފަދަ ކޭސްތަކުގައި ހިމެނޭ އަންހެނުން ގިނަ ނަމަވެސް ފިރިހެނުން ވެސް މިފަދަ ޒަހަމްތައް އެހެން ގޮތްގޮތަށް ހަށިގަނޑަށް ދެ އެވެ. މިސާލަކަށް ގައިގައި ސިނގިރޭޓު ބުރި ޖެއްސުން ނުވަތަ އަމިއްލަ ގައިގައި ތެޅުން ފަދަ ކަންކަމެވެ. އަދި މަސްތުވާ އެއްޗެއް ބޭނުންކޮށް ނުވަތަ ދުއްވަންވާ ބާރުމިނަށް ވުރެ ބާރަށް ވެހިކަލް ދުއްވައިގެން އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކޮށްފައި ހުރެދާނެ އެވެ.

ޑރ. މައުމޫން ވިދާޅުވިގޮތުގައި މިއީ "އިމްޕަލްސިވް ސެލްފް ހާމް މެތަޑްސް" އެވެ. ހަގު އުމުރުގައި އެތަކެއް ކުދިންނާއި ޒުވާނުން މި ގޮތަށް އުޅުމަށް މެދުވެރިވާން ޖެހޭ ސަބަބުތަކެއް ހުންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ. ޑޮކްޓަރު ވިދާޅުވިގޮތުގައި ދިވެހިންގެ ތެރޭގައި މިފަދަ "އިމްޕަލްސިވް ބިހޭވިއާ" އައުމަށް މެދުވެރިވަނީ މައިގަނޑު ތިން ކަމަކާ ހެދި އެވެ. ގޭތެރޭގެ އަރާރުމާއި ޖިސްމާނީ އަނިޔާ އަދި ޖިންސީ އަނިޔާ އެވެ.

އަމިއްލަ ނަފްސަށް އަނިޔާ ދިނުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ގޭތެރޭގެ އަރާރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާ ހިމެނޭ

"އާއްމުކޮށް މިފަދަ ކަންކަން ޅަ އުމުރުފުރާގައި ކުދިންގެ ތެރެއިން ފާހަގަވަނީ ކުދިންގެ ގޭތެރޭ މާހައުލުގައި ހައިޖާނު ބޮޑުވުމުން. އެއްވެސް ކަހަލަ ސްޓޭބަލް ހޯމް އެންވަޔަރްމެންޓެއް ނެތުމުން. ކުދިން ބޮޑުވެގެން މި އަންނަނީ މައިންބަފައިންގެ ޒުވާބާއި ހަޅޭކުގެ ތެރޭގައި، އެހެން ނޫނީ ޖިސްމާނީ އަނިޔާތަކާއި ކުރިމަތިލައިގެން އަދި ބައެއް ފަހަރު ޖިންސީ އަނީޔާގެ ޝިކާރައަކަށް ވެގެން" ޑރ. މައުމޫން ވިދާޅުވި އެވެ.

"ނޮން-ސުއިސައިޑަލް ސެލްފް އިންޖަރީ" (އެންއެސްއެސްއައި) އަކީ އަމިއްލަ ފުރާނަ ދުއްވާލުމުގެ ނިޔަތަކާ ނުލައި އަމިއްލަ ހަށިގަނޑަށް ގަސްދުގައި ދޭ އަނިޔާތަކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު އަމިއްލަ ނަފްސަށް މިގޮތަށް އެންމެ ގިނައިން އަނިޔާ ދެނީ ޒުވާނުންނާއި ފުރާވަރުގެ ކުދިންނެވެ.

މިކަން ކުރުމަށް މެދުވެރިވަނީ، މީހާ އަށް ކުރެވޭ ނެގެޓިވް އިހްސާސްތަކުގެ ސަބަބުން ލިބޭ ހާސްކަމާއި، ޑިޕްރެޝަން، އެންޒައިޓީ އަދި އަމިއްލަ މީހާގެ އިހްސާސްތައް މެނޭޖް ކުރުމަށް ނޭނގުމުންނެވެ.

އެންއެސްއެސްއައި އާންމީ އަމިއްލަ ނަފްސަށް އަމާޒުކޮށްގެން ފާޑުކިޔާ، ނެގެޓިވް ޖަޒުބާތުތައް ރައްދުކުރާ މީހުންގެ ތެރޭގަ އެވެ. އެންއެސްއެސްއައިއާ ގުޅޭގޮތުން އެނގެން ޖެހޭ އެއް ކަމަކީ މިއީ މީހާ ކުރިމަތިލާ ނެގެޓިވް އިހްސާސްތަކަކަށް ވަގުތީ ލުޔެއް ހޯދުމުގެ ގޮތުން ކުރާ ކަމެއް ކަމެވެ. 

"މިކަން ކުރާ މީހުންނަށް ވިސްނިފައި އޮންނަނީ ކުރިމަތިވާ ނެގެޓިވް އިމޯޝަންތަކުން ލުޔެއް ނުވަތަ ފަސޭހައެއް ލިބެނީ އަމިއްލަ ނަފްސަށް އެހެން ގެއްލުމެއް ދީގެން ކަމުގައި،" ޑރ. މައުމޫން ވިދާޅުވި އެވެ.

މިކަން ތަހައްމަލު ކުރާ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބުނާ ގޮތުގައި މިގޮތަށް އަމަލު ބަހައްޓަނީ އަމިއްލަ ނަފްސު ދެކެ ރުޅިއައިސްގެން އަދަބެއް ދިނުމުގެ ބޭނުމުގަ އެވެ. އެންއެސްއެސްއައި އަށް ދާ އަނެއް ސަބަަބަކީ އެހެން މީހުންނަށް ނޫފޫޒެއް ފޯރުވުމުގެ ބޭނުމެވެ.

އެންއެސްއެސްއައިއަކީ އަމިއްލަ ފުރާނަ ނަގާލުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމުގައިވިޔަސް އެކަމުގެ ސަބަބުން ފުރާނަ ގެއްލިދިޔުމުގެ ނުރައްކާ އޮވެ އެވެ. އަދި އެގޮތަށް އަމަލު ކުރުމުގެ ފުރުސަތު ވެސް މިކަމުގެ ސަބަބުން އުފެދެ އެވެ.

އަމިއްލަ ނަފްސަށް އަނިޔާ ދިނުމާ ގުޅޭ ބައެއް ކުށްހީތައް

އަމިއްލަ ނަފްސަށް އަނިޔާ ދެނީ މީހުންގެ ސަމާލުކަން ހޯދުމަަށް ކަމަށް ދުށުމަކީ ގޯހެއް. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެންއެސްއެސްއައިއާ ގުޅޭ ބައެއް ކުށްހީތައް ހުރެ އެވެ.

  • 1-

    ރާއްޖޭގައި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭގޮތުން އާއްމުކޮށް ގަބޫލުކުރަނީ އަމިއްލަ ނަފްސަށް އަނިޔާ ދޭން މަސައްކަތް ކުރަނީ މީހުންގެ ސަމާލުކަން ދަމައިގަންނަން ކަމުގަ އެވެ. ނަމަވެސް އެ ގޮތަށް ދުށުމަކީ ގޯހެކެވެ. ސަމާލުކަން ހޯދަން ކުރާ ކަމެއްގެ ގޮތުގައި ކުރާ ކަމަކަށް މިކަން ނުވަނީ، ގިނަ މީހުން އަމިއްލަ ނަފްސަށް ގެއްލުން ދެނީ އެކަކަަށް ވެސް ނޭނގޭ ގޮތަށް ކަމަށް ވާތީ އެވެ. އަދި އެންއެސްއެސްއައި ތަޖުރިބާ ކުރާ މީހުން މިކަން ކުރަނީ މީހާގެ ނެގެޓިވް ޖަޒުބާތުތަކުން ފަސޭހައިން އަރައިގަތުމަށް ހަށިގަނޑުގައި ކޮންމެވެސް އެހެން ތަދެއް އިހްސާސް ކުރުމުގެ ބޭނުމުގަ އެވެ.

  • 2-

    އާއްމުކޮށް ހީވެފައި އޮންނަނީ މިއީ ބޯޑާލައިން ޕާސަނަލަޓީ ޑިސްއޯޑާ (ބީޕީޑީ) ހުންނަ މީހުން ހަމައެކަނި ތަޖުރިބާ ކުރާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ޑރ. މައުމޫން ވިދާޅުވި ގޮތުގައި ބީޕީޑީ ނުހުންނަ މީހުން ވެސް އަމިއްލަ ނަފްސަށް އަނިޔާކުރެ އެވެ.

  • 3-

    އަނެއް ކުށްހީ އަކީ އެންއެސްއެސްއައި އަކީ ހަމައެކަނި، ކުޑައިރު ޖިންސީ ޝިކާރައަކަށް ވެފައިވާ މީހުން ކުރާ ކަމަށް ދުށުމެވެ. ޑރ. މައުމޫން ވިދާޅުވީ، ދިރާާސާތަކުން ދައްކާ ގޮތުގައި، ކުޑައިރު ލިބޭ ޖިންސީ ގޯނާގެ ސަބަަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅުން އޮތީ މެދު މިންވަރަކަށް ކަމަށެވެ.

ބެލެނިވެރިން ސަމާލުވާންވީ ކަންކަން

ދަރިފުޅުގެ ނަފްސާނީ ހާލަތު ބަދަލުކުރުމަށް ބެލެނިވެރިން ދޭ ހިތްވަރު ބޮޑު ދައުރެއް އަދާކުރޭ

މިކަން ތަޖުރިބާ ކުރާ ކުއްޖާ ނުވަތަ ޒުވާނާއާ ދިމާލަށް ހަޅޭއްލަވާ، އިންޒާރުތައް ދީ، ފާޑުކިޔުން އަމާޒުކުރުމަކުން ހައްލެއް ނުލިބޭނެ އެވެ. ސަބަބަކީ މިގޮތަށް އަމަލު ކުރި ކަމުގައިވިޔަސް އޭނާއަށް އެ ހާލަތުން އަރައިގަތުމަށް އެއްވެސް އެހީތެރިކަމެއް ނުލިބޭތީ އެވެ.

"ބެލެނިވެރިން އެ ގޮތަށް އަމަލު ކުރާ ނަމަ ދަރިން އަމިއްލަ ނަފްސަަށް އަނިޔާ ދޭ މިންވަރު އިތުރުވޭ. ޖަޖް ނުކުރުން ވެސް މުހިއްމު މި ކަމުގައި،" ޑރ. މައުމޫން ވިދާޅުވި އެވެ. ސަބަބަކީ އަމިއްލަ ނަފްސަށް އަނިޔާ ދިނުމަށް ފަހު، އެކަމާ ގުޅިގެން ކަންބޮޑުވުމާއި ލަދު އިހްސާސް ކުރެވޭތީ އެވެ.

އެހެންކަމުން، ޑރ. މައުމޫންގެ ލަފަޔައަކީ ކޮންމެ ހާލަތެއްގައި ވެސް އޯގާތެރިކަމާ އެކު ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"ދަރިފުޅަށް އަންގައިދޭންވި އަބަދުވެސް ބޭނުން ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެކަން. ކައިރީގައި ހިތްވަރާއި ސަޕޯޓް ދިނުމަށް ހުރިކަން އިހްސާސް ކޮށްދޭންވީ،" ޑރ. މައުމޫން ވިދާޅުވި އެވެ.

މިފަދަ ކުދިންނާ އެކު ގިނަ ވަގުތު ހޭދަކުރުމަކީ އާއިލާއަށް ކުރެވިދާނެ ކަމެކެވެ. ނަފްސާނީ ގޮތުން ހަމަޖެހުން ގެންނަ ކަހަލަ ޕޮޒިޓިވް ހަރަކާތްތަކުގައި އާއިލާ އެކުގައި ބައިވެރިވެވިދާނެ އެވެ. 

އަމިއްލަ އަށް ފަރުވާ ދިނުން

ޒުވާން އަންހެންކުއްޖަކު ފާލަން މަތީގައި މަސް ބާނަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އަމިއްލަ ނަފްސަށް އަނިޔާ ދެނީ ސީދާ ކޮން އިހްސާސްތަކެއް ތަޖުރިބާ ކުރެވުމުންތޯ ދެނެގަތުން މުހިއްމެވެ. އެއީ ދެރަވުމާއި އެންޒައިޓީ އަދި ރުޅި އައުމުން ވާ ކަމެއްތޯ ނުވަތަ އެކަނިވެރިވެ ލަދުގަނެ ހުސްކަން އިހްސާސް ކުރެވުމުން ވާ ކަމެއްތޯ ދެނެގަންނަން ޖެހެ އެވެ. 

އުނދަގޫ އިހްސާސްތަކާ ކުރިމަތިވުމުން އެކަމުން އަރައިގަތުމަަށް ކުރެވިދާނެ ކަންކަން  ކުދިންނަށް ދަސްކޮށްދީފައި ހުރުން އެއީ މުހިއްމު ކަމެއްގެ ގޮތުގައި ޑރ. މައުމޫން ފާހަގަ ކުރެއްވި އެވެ. ކުރެހުން، ކުލަޖެއްސުން ނުވަތަ ބޮޑު ގަނޑެއްގައި ރަތް އަކުރުން ލިޔުން އަދި ގަވާއިދުން ޖާނަލް ކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

 "ކޯޕިން މެކޭނިޒަމެއްގެ ގޮތުގައި ކުރަނީ ވަރަށް އާދައިގެ ކަންކަން. އެކަމުން އިހްސާސްތަކަށް ލުއިކަން ލިބޭ. މިސާލަކަށް ނެގެޓިވް އިހްސާސްތައް ގަނޑެއްގައި ލިޔުމަށް ފަހު އެ ގަނޑު ކުދިކޮށް ވިދާލުމަކީ ވެސް ކުރެވިދާނެ ކަމެއް،" ޑރ. މައުމޫން ވިދާޅުވި އެވެ.

ފުރާވަރުގެ އުމުރުގެ ކުދިން މިކަމާ މެދު ހޭލުންތެރިވެފައި ހުރުން މުހިއްމެވެ. އެކުދިންގެ ރަހުމަތްތެރި ކުއްޖަކު މިފަދަ ކަމެއް ކުރާ ނަމަ ބެލެނިވެރިން، ސްކޫލްގެ ކައުންސެލަރު ނުވަތަ އިތުބާރު ކުރެވޭ ބޮޑު މީހެއް ކައިރީގައި ވާހަކަތައް ކިޔާ ދިނުން މުހިއްމެވެ.

އަމިއްލަ ނަފްސަށް އަނިޔާ ދިނުމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ދަސްވެފައި ހުރުން މުހިއްމު (ފޮޓޯ/ރިހިވެލި)

ގައިގެ ތަނެއް ކަނޑައިގެން ލުއި ލިބޭ ކަމަށް ގަބޫލުކުރެވޭ ނަމަ، އޭގެ ބަދަލުގައި ކުރެވޭނެ ކަންތައްތަކެއް ވެސް ހުރެ އެވެ. ޑރ. މައުމޫންގެ އިރުޝާދަކީ ތޫނު އެއްޗަކުން އަތް ޒަހަމްކުރުމުގެ ބަދަލުގައި އާއްމުކޮށް ކަނޑާލާ ތަނެއްގައި ރަތް ކުލައިން މާކަރެއް ފަދަ އެއްޗަކުން ކުރެހުން، ނުވަތަ އަތުގައި އާއްމުކޮށް ކަނޑާލާ ތަނެއްގައި އަައިސް ކިއުބް ޖެއްސުން، އަދި އަތުގައި ރަބަރު ބޭންޑެއް އަޅާފައި ބެހެއްޓުމެވެ. ކެނޑުމަށް ބޭނުންވާ ހާލަތަކަށް މީހާ ދާ ކަހަލަ އިހްސާސެއް ކުރެވޭ ނަމަ ރަބަރު ފަށަށް ދަމާލުމަކީ ކުރެވިދާނެ ކަމެކެވެ. 

ބޭރު ގައުމުތަކުގައި ވެސް ހާލަތު ގޯސް

ބޭރު ގައުމުތަކުގައި ވެސް ފުރާވަރު އުމުރުފުރައިގެ ކުދިންނާއި ޒުވާނުންގެ ނަފްސާނީ ހާލަތުު ދަށެވެ.

އެމެރިކާގައި، އަމިއްލައަށް މަރުވުމަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިން މަރުވާން މެދުވެރިވާ ދެވަނަ ސަބަބެވެ. އަދި އެކްސިޑެންޓްތަކާއި މަރާލުމުގެ މައްސަލަތަކަށް ފަހު، އަމިއްލަ އަށް މަރުވުމަކީ އެމެރިކާގައި 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުން މަރުވާން މެދުވެރިވާ ތިންވަނަ ސަބަބެވެ.

އެމެރިކާގައި މިދިޔަ އަހަރު ހައި ސްކޫލް އުމުރުފުރާގެ ހުރިހާ ދަރިވަރުންގެ ތެރެއިން ފަސްބައިކުޅަ އެއްބައި ކުދިން އަމިއްލައަށް މަރުވާން ސީރިއަސްކޮށް ވިސްނާފައިވާއިރު، ކޮންމެ 11 ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކު ވަނީ މިކަން ކުރުމަށް މަސައްކަތްކޮށްފަ އެވެ.

މިއީ ކަންބޮޑުވާން ޖެހޭ އަދި ގަބޫލުކުރަން ދަތި އަދަދުތަކެކެވެ.

 ނަފްސާނީ ހާލަތު ބަދަލު ކުރުމަށް އެޕްތައް މުހިއްމު ރޯލެއް

 ޒުވާނަކު އޮފީސް މޭޒުދޮށުގައި ފޯނުން ގޭމެއް ކުޅެނީ: ނަފްސާނީ ހާލަތު ބަދަލު ކުރުމަށް ފޯނު އެޕްތައް ޒުވާނުން ބޭނުން ކުރުމުގެ ފުރުސަތު ބޮޑު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފުރާވަރު ކުދިންނާއި ޒުވާނުންގެ ނަފްސާނީ ހާލަތު ރަނގަޅު ކުރުމަށް އަދި އަމިއްލަ ނަފްސަށް އަނިޔާ ދިނުމާއި ފުރާނަ ނަގާލުން ހުއްޓުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެ ކަމުގައި ސައިކޮލޮޖީ ޓުޑޭގައި ބުނެފައިވެ އެވެ. ސަބަބަކީ ފުރާވަރުގެ ކުދިން ގިނަ ފަހަރަށް އިންޓަނެޓުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ހޯދާތީ އެވެ.

އެޕޮއިންޓްމަންޓް ހަދައިގެން ސްޕެޝަލިސްޓެއް ގާތަށް ތެރަޕީ ހޯދުމަށް ދިއުމުގެ ބަދަލުގައި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކޮށްދޭ ފަދަ ޑިޖިޓަލް ރިސޯސްތަކެއް ހުންނަ ނަމަ އެފަދަ ރިސޯސްތައް ޒުވާނުން ބޭނުންކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ފުރާވަރު އުމުރުފުރައިގެ ކުދިން ބޭނުން ކުރާ އެޕްތަކުގެ އެހީގައި އެކުދިންގެ ނަފްސާނީ ހާލާތު ބަދަލުކުރެވި ދާނެ އެވެ.

ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް މޮބައިލް އެޕްތަކުން ކުރި ހޯދައިދެވިދާނެކަން އެކި ދިރާސާތަކުން އަންނަނީ ދައްކަމުންނެވެ.

ޒުވާނުންގެ ނަފްސާނީ ހާލަތު ބަދަލު ކުރުމަށް އެޕްތަކަކީ މުހިއްމު ވަސީލަތެއް

މިދިޔަ އަހަރު ރެންޑަމްކޮށް ހެދި ކްލިނިކަލް ޓްރަޔަލްއަކުން ދައްކާ ގޮތުގައި ބިހޭވިއަރަލް ތެރަޕީ ދޭ އިރު ކުރާ ބައެއް ކަންކަން ޑިޖިޓަލްކޮށް މޮބައިލް އެޕްތައް މެދުވެރިކޮށް ޒުވާނުންނަށް އެހީތެރިވުމަށް ބޭނުން ކޮށްފައިވެ އެވެ. މިގޮތުން މޮބައިލް އެޕްތައް ބޭނުންކޮށްގެން މައިންޑްފުލްނަސް، ކަންކަން ގަބޫލުކޮށް ބަލައިގަންނަން ދަސްކޮށްދީ އަދި އިހްސާސްތައް ރެގިއުލޭޓް ކުރުމަށް ދަސްކޮށްދިނުމުން ދިރާސާގައި ބައިވެރިވި ދަރިވަރުންގެ ނަފްސާނީ ހާލަތު ރަނގަޅު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ. އެންމެ އާންމުކޮށް، ޑިޕްރެޝަން އަދި ސްޓްރެސް މެނޭޖްކުރުމަށް އެޕްތަކުން އެހީތެރިވެފައިވެ އެވެ.

މި އަހަރު ހެދި ރިވިއު އަކަށް ބަލާއިރު، އާންމު ދުޅަހެޔޮކަމާއި ހާސްކަމުގެ އިތުރުން ނަފްސާނީ ބަލިތަކުގެ އަލާމާތްތަކުން ލުއިކަން ހޯދުމަށް އެފަދަ އެޕްތައް ފައިދާހުރިކަން ދައްކާފައިވެ އެވެ.

ރާއްޖޭގައި ވެސް މިފަދަ އެޕްތައް ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެކި އުމުރުފުރައިގެ މީހުންނަށް ތެރަޕީ ފޯރުކޮށްދިނުމަކީ ކުރެވިދާނެ ކަމެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް