ނަޖޫ: ކެއްކުމުގެ ޝައުގުވެރިކަމާއި ހިތްވަރު އައީ މާމަގެ ފަރާތުން.

އަމިއްލަ ކެފޭއަކަށް ކުރާ ދަތުރުގެ ފެށުމަކީ ޗިކަން ރައިސްް

ޗިކަން ރައިސްއަކީ ޝެފް ނަޖްފާ މުހައްމަދަށް ހާއްސަ ކެއުމެއް
8 ސެޕްޓެމްބަރު 2021
1

ނަޖޫ ރަޗޭއަކީ މި ދުވަސްކޮޅު ވަރަށް ބޮޑަށް ވައިގައި ހިފައިގެން އުޅޭ ކާބޯތަކެތީގެ ބްރޭންޑެކެވެ. ފަހަތުގައި ހުރީ ނަޖްފާ މުހައްމަދު، އާއްމުކޮށް ކިޔާ ނަމުން ނަމަ ނަޖޫ ރަޗޭ އެވެ. ނަޖޫ އަކީ ޕްރޮފެޝަނަލް ޝެފެކެވެ. އޭނާގެ ކޮންސަލްޓަންސީގެ ދަށުން މާލޭގެ ނަން މަޝްހޫރު ކެފޭތަކުގައި މެނޫ ވަނީ އެކުލަވާލައިފަ އެވެ. އެ ރަހަތަކުން، ކެފޭއަށް ދެވިހިފާފައިވާ ޒުވާނުން އިތުރަށް ކެފޭއަށް ދާ ހިތްޖައްސަ އެވެ.

އެންމެ ކުޑަ އިރުއްސުރެ ކެއްކުމަށް ލޯބި ކުރާ ނަޖޫ، ބަދިގެއަކާ ދުރު ހަނދާނެއް ނެތެވެ. އަބަދުވެސް މާމައަށް އަތްގާތްކޮށްދީ އުޅޭ ނަޖޫ މިފަހަރު މިއުޅެނީ އަމިއްލަ ކެފޭއެއް ހެދުމުގެ ދަތުރެއްގަ އެވެ. ފެށުމަކީ ޗިކަން ރައިސް އެވެ.

ނަޖޫގެ ޗިކަން ރައިސް: މިހާރު ދިވެހިންގެ މެދުގައި މަގުބޫލު ކެއުމެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޒަމާނުއްސުރެ ދިވެހި ސުފުރާގައި ކުކުޅުގެ އެކި ބާވަތްތައް ހިމެނެ އެވެ. އަދި ކަނޑުމަހަށް ވުރެ ކުކުޅު ހާއްސަވެ އެވެ. ކުކުޅު ސުރުވާ ވެސް ދިވެހި ކުޒީންގައި ހިމެނެ އެވެ. ރޯގާޖެހި ބަލިވެއްޖެ ނަމަ ތަރުކާރީ އަޅައިގެން ކުކުޅު ސުރުވާ ތައްޔާރުކުރަނީ އޭގެ ސަބަބުން ހަށިގަނޑުގައި ވަރުޖެހި އަވަހަށް ބަލިން ފަސޭހަ ވާތީ އެވެ.

ޗިކަން ރައިސް ހަދާ ވިއްކާ ހޮޓާތަކާއި ކެފޭތަކާއި އަދި "އިންސްޓަކެފޭ"ތަކުގައި މި ކެއުމަށް ޑިމާންޑް އެބަ އޮތެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ކޮމްފަޓް ފުޑްއެކެވެ. ޗިކަން ރައިސްއޭ ބުނީމާ ޒުވާނުންގެ ހަނދާނަށް އަންނާނީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުނު ދުވަސްތަކެވެ. މެލޭޝިއާ އިން ކޮންމެވެސް އެއް އިރެއްގައި ޗިކަން ރައިސް ކޭ ހަނދާންތަކެއްގެ ވާހަކަދައްކާ އުޅެ އެވެ.

ކެއްކުމަކީ އަހަންނަށް ޒާތެއްގެ ތެރަޕީއެއް. ދެން ގަބޫލު ކުރަނީ ވަރަށް ސިމްޕަލް ޑިޝްތައް ވެސް މީރުކޮށް ހަދާފިއްޔާ ހިނގާނެއޭ.

ނަޖޫ

ދަސްކުރީ މާމަ ކައިރިން

ސްކޫލް ދައުރު ނިންމައި ޕްރޮފެޝެނަލް ޝެފަކަށް ވުމުގެ އުއްމީދުގައި ކުރި މަސައްކަތުން ނަޖޫ ވަނީ އެކަން ހާސިލްކޮށްފަ އެވެ. 'ޑިޕްލޮމާ އިން ޕްރޮފެޝަނަލް ޝެފް ޓްރެއިނިން' އާއި 'ބެޗެލާ އޮފް އާޓްސް އިން ޔޫރަޕިއަން ކަލިނަރީ މެނޭޖެމަންޓް' އޭނާ ފުރިހަމަކުރި އެވެ. ކޮވިޑްގެ ބަލިމަޑުކަމާ އެކު ވަޒީފާ ގެއްލުމުން ނަޖޫ މިހާރު އަމިއްލަ ރެސިޕީއަކަށް ޗިކަން ރައިސް ކައްކައިގެން ވިއްކަނީ އެވެ.

"އެންމެ ކުޑައިރުއްސުރެ ވެސް ކެއްކުމަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ. މާމައާ އެކު ބަދިގެ ތެރޭގައި އުޅެން. މާމަ ހަދާނެ ވަރަށް މީރުކޮށް ދޮންކެޔޮ ކަޖޫ. އެއީ ކެއްކުމަށް ލޯބި ޖެހުނު ހިސާބު. މާމަގެ ސަބަބުން،" ނަޖޫ ކިޔައިދިނެވެ.

ނަޖޫ ބުނާ ގޮތުން އޭނާގެ މާމަ ޒުލޭހާ މުހައްމަދު ދީދީ (ޝަބްނަމީގޭ ދަލޭކައިދީ) އަކީ ކުޅަދާނާ ޝެފެކެވެ. ވަރަށް ގިނަ ބާވަތްތައް ކައްކާ އުޅެ އެވެ.

"މާމަ ތައްޔާރުކުރާ އަސާރަ އެއީ ވަރަށް މީރު އެއްޗެއް. މިއަދާ ހަމައަށް ވެސް އެންމެ ދެރަވަނީ އެ އަސާރަ މާމަ ދުނިޔޭގައި ހުރި އިރު ދަސްނުކުރެވުނީމަ. ވަރަށް ބޮޑު ޓާގެޓެއް އެއީ އަލުން އެ އަސާރަ ރީކްރިއޭޓް ކުރުމަކީ،" ނަޖޫ ބުންޏެވެ.

ޗިކަން ރައީސް އަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކެއުމެއް.(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނަޖޫ، ގޭގައި ޗިކަން ރައިސް ހަދައި ވިއްކަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. ފުރަތަމަ ކައްކަނީ ކުކުޅާއި ހަނޑޫ އަޅައިގެން ދޭތި އެއްކޮށެވެ. އެއަށް ފަހު އަވަނުގައި ކުކުޅު ފިހެލަ އެވެ. މީގެ ސަބަބުން ކުކުޅުގެ ބޭރު ރަނގަޅަށް ފިހެވި އެތެރެ ހުންނަނީ ވަރަށް މަޑުކޮށެވެ. ރަހަ މީރުވެފައި ދިވެހި ކުޑަދޫތަކަށް ވެސް މަގުބޫލެވެ.

"ޗިކަން ރައިސް އެންމެ ހާއްސަވަނީ ކައްކާ ގޮތުން. ބަތާ އެކު ސުލޯ ކުކްކޮށް ނުވަތަ ޗިކަން ބްރެއިޒް ކުރުމަށް ފަހު މީރުކޮށްލަން އިތުރަށް ރޯސްޓް ކުރާތީ. ޑަބަލް ކުކިން މީގައި ހިމެނޭ،" ނަޖޫ ބުންޏެވެ.

އޭނާ ބުނާ ގޮތުގައި ޗިކަން ރައިސް ވިއްކަން ފެށީ ވެސް އެއީ ސިމްޕަލް އަދި މީރު ކެއުމެއް ކަމުންނެވެ.

"މެލޭޝިއާގައި ކިޔަވަން އުޅުނު އިރު ނަޖޫ ވަރަށް އެންޖޯއި ކުރި އެއްޗެއް ޗިކަން ރައިސްއަކީ. ކެއްކުމަކީ އަހަންނަށް ޒާތެއްގެ ތެރަޕީއެއް. ދެން ގަބޫލުކުރަނީ ވަރަށް ސިމްޕަލް ޑިޝްތައް ވެސް މީރުކޮށް ހަދައިފިއްޔާ ހިނގާނެއޭ،" އޭނާ ބުންޏެވެ.

ޕްރޮފެޝަނަލް ޝެފެއްގެ ގޮތުން ނަޖޫގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ އަމިއްލަ ކެފޭއެއް ހުޅުވުމެވެ. އިންސްޓަގްރާމް މެދުވެރިކޮށް ހިންގާ ޗިކަން ރައީސް ވިޔަފާރިއަކީ އޭގެ ފެށުމެވެ. މުސްތަގުބަލުގައި މެނޫއަށް އިތުރު ބާވަތްތައް ތައާރަފްކުރަން އޭނާ ގަސްދުކުރެ އެވެ.

ނަޖޫގެ ނަސޭހަތަކީ ކައްކަން ފަަށާ ނަމަ ނުވަތަ އިންސްޓަ ކެފޭ ވިޔަފާރިއަކަށް ވަންނަން އުޅޭ މީހެއް ނަމަވެސް އެމީހަކު ލޯބި ކުރާ އެއްޗެއް ކައްކައި ވިއްކަން މަސައްކަތްކުރުމެވެ. ޗިކަން ރައިސްއަކީ އޭނާއަށް އެފަދަ ކެއުމެކެވެ.

ކޮމެންޓް (1)

ބަގަރ

7 ސެޕްޓެމްބަރު 2021
ވަރަށް މީރު. ހަމަ ހީވީ މެލޭޝިޔާއަށް ގޮސްލެވުނުހެން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް