މޫސުމީ ބަދަލުތަކާ ގުޅޭ ތެދު އަދި މުއުތަބަރު މައުލޫމާތުތައް ވަރަށް އަވަހަށް ޓުވިޓާގެ ޕްލެޓްފޯމަށް އިތުރުކުރަން ވަނީ ހަމަޖެހިފައި. (ފޮޓޯ/ ގެޓީ އިމޭޖެސް)

ޓުވިޓާއިން މޫސުމީ ބަދަލުތަކާ ގުޅޭ ދޮގު އިޝްތިހާރުތައް ހުއްޓުވަނީ

ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކުން ދަނީ މޫސުމީ ބަދަލުތަކާ ބެހޭ ދޮގު މައުލޫމާތުތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަމުން

ދުނިޔޭގެ ސައިންސްވެރިން އިއްތިފާގުވެ ގަބޫލުކުރާ މޫސުމީ ބަދަލުތަކާ ގުޅޭ މައުލޫތުކާ ދެކޮޅު އިޝްތިހާރުތައް މަނާކުރަން ޓުވިޓާއިން ނިންމައިފި އެވެ.

"މޫސުމީ ބަދަލުތަކަށް އިންކާރުކޮށް ޓުވިޓާއިން ފައިސާ ހޯދިގެން ނުވާނެ ކަމަށް އަހަރެމެން ދެކެން. އަދި މިފަދަ ހަގީގަތާ ހިލާފު އިޝްތިހާރުތަކުގެ ސަބަބުން މޫސުމީ ބަދަލުތަކާ ގުޅޭ މުހިންމު މަޝްވަރާތައް ހުއްޓުވިގެން ނުވާނެ،" ޓުވިޓާއިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.

މޫސުމީ ބަދަލުތަކާ ގުޅޭ އިޝްތިހާރުތަކުގައި ވަނީ ތެދު މައުލޫމާތުތޯ ކަށަވަރު ކުރުމަށް، އދ.ގެ އިންޓަގަވަންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންގް (އައިޕީސީސީ) ފަދަ ކަމާ ބެހޭ މުއުތަބަރު މަސްދަރުތަކުގެ މައުލޫމާތުތައް ބޭނުންކުރާނެ ކަމަށް ވެސް ޓުވިޓާއިން ވަނީ ބުނެފަ އެވެ. 

ފާއިތުވެދިޔަ ދުވަސްތަކުގައި އައިޕީސީސީން ވަނީ މޫސުމީ ބަދަލުތައް ހުއްޓުވުމަށް ކުރަން ޖެހޭ ކަންތައްތަކާއި މޫސުމީ ބަދަލުތަކަށް އިންސާނުން ހޭނޭނެ ގޮތްތަކާ އަދި މި ނޫން ވެސް މިކަމާ ބެހޭ މުހިންމު ރިޕޯޓުތަކެއް ނެރެފަ އެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި އެކްޓިވިސްޓަކު ނިއު ޔޯކުގައި މުޒާހަރާކުރަނީ. (ފޮޓޯ/ ގެޓީ އިމޭޖެސް)

ޓުވިޓާއިން އިތުރަށް ބުނި ގޮތުގައި، މޫސުމީ ބަދަލުތަކާ ގުޅޭ ތެދު އަދި މުއުތަބަރު މައުލޫމާތުތައް ވަރަށް އަވަހަށް ޓުވިޓާގެ ޕްލެޓްފޯމަށް އިތުރުކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި "އިއާދަކުރަނިވި" މައުލޫއާ ގުޅޭ ގޮތުން ޓުވިޓާ ޕްލެޓްފޯމުގައި ކޮށްފައިވާ މަޝްވަރާތައް %150 އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކާބަން މަދުކުރުމާއި ވިހަ ގޭސްތައް ނައްތާލެވޭނޭ ގޮތްތަކާ ބެހޭ މަޝްވަރާތައް ވެސް %50 އިތުރުވެފައި ވާއިރު، ކުނި މަދުކުރުމާ ބެހޭ މަޝްވަރާތައް ވެސް އެ މުއްދަތުގެ ތެރޭގައި ދެ ގުނަ މައްޗަށް ގޮސްފައިވާ ކަމަށް ޓުވިޓާއިން ހާމަކުރި އެވެ.

މޫސުމީ ބަދަލުތަކާ ގުޅޭ ދޮގު މައުލޫމާތުތައް ހުއްޓުވައި އެކަމާ ގުޅޭ ތެދު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާގެ ބޮޑެތި ކުުންފުނިތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ގޫގުލްއިން ވެސް ވަނީ މިދިޔަ އޮކްޓޯބަރު މަހު މޫސުމީ ބަދަލުތަކާ ގުޅޭ ދޮގު މައުލޫމާތުތައް ހިމެނޭ އިޝްތިހާރުތައް މަނާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް