Majlis 2024

ރޭގެ ޖަލްސާގައި އުމަރު ވާހަކަ ދައްކަވަނީ: މަޖިލިސް މެންބަރުންގެ ތެރޭގައި ޑްރަގު ޑީލަރުން އެބަ ތިބި ކަމަށް އޭނާ ތުހުމަތު ކުރެއްވި. (ފޮޓޯ/ ސަން)

އުމަރު ނަސީރު

މަޖިލިސް މެންބަރުންގެ ތެރޭގައި ޑްރަގު ޑީލަރުން އެބަތިބި: އުމަރު ނަސީރު

އޭނާ ވިދާޅުވި ގޮތުގައި މިކަން މިހާ ފުޅާ ވެގެން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޑްރަގު ބޭނުން ކުރި މީހުން ރަށްރަށަށް އަރުވާލުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އެބަ ތިބި ކަމަށާއި މަސްތުވާތަކެތީގެ ވަބާ އިން ރާއްޖެ ސަލަމާތް ކުރެވޭނީ ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ކުރިއަށް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ ޑްރަގާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި އުމަރު ނަސީރު ވަނީ 'ޑްރަގަށް ދާއިމީ ހައްލު'ގެ ނަމުގައި ރޭ ސަލްޓަން ޕާކްގައި ޖަލްސާއެއް ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ޖަލްސާގައި އުމަރު ވަނީ، ޑްރަގު މައްސަލައިގެ މިހާރުގެ ހާލަތާއި މިކަން ހައްލު ކުރުމަށް އޭނާ ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިއީ ވަކި ސަރުކާރެއްގެ ބޮލުގައި އެޅުވޭނެ ކަމެއް ނޫން ކަމަށާއި ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން ވެސް މި ކަމަށް ހައްލެއް ހޯދުމަށް ނުކުޅެދިފައިވާ ކަމަށެވެ.

"ބައިވަރު ވެރިން ވެރިކަންކޮށްފައި ގޮސްފި. އެކަމަކު އެއްވެސް ވެރިއަކަށް ހަދަންވީ ގޮތެއް ނޭނގުނު. ކޮންމެ ބޭފުޅަކު މެނިފެސްޓޯގައި ވަރަށް ރީޗަށް ލިޔޭ. އެކަމަކު އާހިރުގައި ފަސް އަހަރު ކޮށްފައި ނިމިގެން ދާއިރު، ނަތީޖާ ކުރިއަށް ވުރެ ގޯސްކޮށް ނިމެގެން ދަނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ވިދާޅުވި އެވެ.

"ކޮންމެ އިންތިހާބެއްގައި ރައްޔިތުންގެ މަޖިލިސް ތެރެއަށް ވަނުމަށް ޑްރަގު ޑީލަރުން މިހާރު މަސައްކަތް ކުރޭ. އަދި މަޖިލިސް ތެރޭގައި މިހާރު ވެސް ޑްރަގު ޑީލަރުން އެބަތިބި. އަދި މީގެ ކުރީގައި ވެސް މަޖިލިސް ތެރޭގައި ޑްރަގު ޑީލަރުން ތިބި."

ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މަޖިލިސް މެންބަރުންގެ ތެރޭގައި ޑްރަގު ޑީލަރުން ތިބި ކަމަށް އުމަރު ވިދާޅުވި ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ގޮތުން އިތުރަށް ބާރުވެރިކަން ހޯދުމަށް ޑްރަގު ޑީލަރުންނާއި ގޭންގަތަކުން އެތައް މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ.

"ޕާޓީތަކުގެ ކައުންސިލްތަކުގެ ތެރެއަށް ޑްރަގު ޑީލަރުން ވަދެއްޖެ. ޕާޓީތަކުގެ ކައުންސިލްތަކަށް ޑްރަގު ޑީލަރުން އިންތިހާބު ވެއްޖެ. މަޝްހޫރު މީހުން މަރާ މީހުން، ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓިތަކުގެ އެވެނި ގޮތްޕެއްގެ ރައީސް، މިވެނި ގޮތްޕެއްގެ ރައީސްކަށް ވެއްޖެ،" ވަކި ޕާޓީތަކެއްގެ ނަން ނުގެންނަވައި އުމަރު ވިދާޅުވި އެވެ.

އުމަރު ވަނީ މަސްތުވާތަކެތީގެ މިހާރުގެ ހާލަތު ހާމަކުރައްވަމުން ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • 23،000 މީހުން މި ވަބާގައި ޖެހިފައި އެބަތިބި

  • 7،000އަށް ވުރެ ގިނަ އާއިލާ ވަނީ މި ހިތާމައިގެ ތެރޭގައި

  • ޖަލުގެ އާބާދީގެ %60 އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން

  • ޑްރަގު ވިއްކައިގެން 167 މީހަކު އުމުރު ދުވަހުގެ ޖަލު ހުކުމް ދަނީ ތަންފީޒު ކުރަމުން

  • ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ %80 މައްސަލަތަކަކީ ޑްރަގާ ގުޅުން ހުރި މައްސަލަތައް

  • ކޮންމެ އަހަރަކު 500އަށް ވުރެ ގިނަ މީހުން މަސްތުވާތަކެތީގެ ތެރެއަށް އަލަށް ވަދޭ

  • މާލޭގައި ޑްރަގުގެ ވަބާގައި ޖެހިފައި ތިބި 7،500އަށް ވުރެ ގިނަ މީހުން އެބަ ތިބި؛ 60 އެއްހާ މީހުންނަކީ ނިދާނެ ތަނެއް ނެތި މަގުމަތުވެފައިވާ މީހުން

  • ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާގެ ޑްރަގު ވިޔަފާރި ކޮންމެ އަހަރަކު ރާއްޖޭގެ އެތެރޭގައި ހިނގާ

"މައިންބަފައިން ހިތާމަ ކުރަނީ އެ މީހުންގެ ދަރިން މި ނުރައްކަލުން ނުނެރެވިގެން. ފިރިން ހިތާމަ ކުރަނީ އެ މީހުންގެ އަނބިން މީގެ ތެރެއަށް ވަދެދާނެތީ. އަނބިން ހިތާމަ ކުރަނީ ފިރިން ވަދެދާނެތީ. މައިން ރޭގަނޑު ސިއްރުން ކަރުނަ އަޅަމުން ދަނީ އެ މީހުންގެ ދަރިންނަށްޓަކާ، މި ނުރައްކަލުގައި ޖެހިފައި ތިބި ދަރިންގެ ހައްގުގައި،" އުމަރު ވިދާޅުވި އެވެ.

'ގޭންގުތަކުން ދައުލަތުގެ މުވައްޒަފުންނަށް މަހު މުސާރަ ދޭ'

އުމަރު ވިދާޅުވީ، ސިޔާސީ ބާރު ހޯދުމުގެ އިތުރަށް، މުޅި ދައުލަތަށް ގޭންގުތަކުގެ ނުފުޒު ފޯރާފައިވާ ކަމަށެވެ. އެގޮތުން، ދައުލަތުގެ މުވައްޒަފުންނަށް ގޭންގުތަކުން މަހު މުސާރަ ދޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ޑްރަގު ގޭންގުތައް ވަނީ ކޯޓުތަކަށާއި މަޖިލިސް ތެރެއަށް ވެސް ވަދެފައި. ސަރުކާރުގެ އެތެރެއަށާއި ސަލާމަތީ ބާރުތަކުގެ ތެރެއަަށް ވެސް ވަދެފައި. އެ މީހުންނާ ގުޅުން ހުރި މައްސަލަތަކުގައި ކުށް ސާބިތުނުވާކަން ކަށަވަރު ކުރުމަށް ދައުލަތުގެ ވަޒީފާތަކުގެ ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް 3،000 މީހަކަށް ދަނީ މަހުން މަހަށް އުޖޫރު ދެމުން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ދައުލަތުގެ ގިނަ ވަސީލަތްތައް މިކަން ހުއްޓުވުމަށް ބޭނުން ކުރަމުންދާ އިރު، އެތައް ކިލޯއެއްގެ މަސްތުވާތަކެތި އަތުލަމުން ގެންދާ ކަމަށެވެ. ނަމަވެސް ކުށް ސާބިތުވަނީ ވަރަށް މަދު އަދަދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އަތުލާ ކޮންމެ ކިލޯއަކަށް 10 ކިލޯގެ މަސްތުވާތަކެތި އަތު ނުލެވި، ގައުމުގެ ތެރެއަށް ވަދެގެން ދާ ކަމަށެވެ. 

ކޮންމެ އިންތިހާބެއްގައި ރައްޔިތުންގެ މަޖިލިސް ތެރެއަށް ވަނުމަށް ޑްރަގު ޑީލަރުން މިހާރު މަސައްކަތް ކުރޭ. އަދި މަޖިލިސް ތެރޭގައި މިހާރު ވެސް ޑްރަގު ޑީލަރުން އެބަތިބި. އަދި މީގެ ކުރީގައި ވެސް މަޖިލިސް ތެރޭގައި ޑްރަގު ޑީލަރުން ތިބި.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އޭނާ ވިދާޅުވީ:

  • އެއިން ކޮންމެ ކިލޯއެއްގެ ސަބަބުން 100އަށް ވުރެ ގިނަ ކުށް ކުރޭ؛ އެއީ މަސްތުވާތަކެތި ގަތުމަށް ކުރާ ކުށްތަކާއި ފޭރުމާއި ވައްކަން އޭގެ ތެރޭގައި ހިމެނޭ ގޮތުން

  • ކޮންމެ ކިލޯއެއްގެ މަސްތުވާތަކެއްޗާ ގުޅިގެން ފުލުހުންނަށް 80އަށް ވުރެ ގިނަ މައްސަލަ އަދި ޕީޖީއަށް 20އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާ

  • ނަތީޖާއެއްގެ ގޮތުން އެއިން ކޮންމެ ކިލޯއަކުން ހަތަރު ވަރަކަށް މީހުން ޖަލަށް ދާން ޖެހޭ

"އެހެންވީމަ ޖަލު ވެސް ހުރީ ފުރިފައި. ޕްރޮސެކިއުޓަރުގެ މޭޒުމަތި ވެސް ހުރީ ފުރިފައި. ކޯޓުތައް ހުރީ ފުރިފައި. ފުލުހުންގެ ވެހިކަލްތައް މަގުމަތީގައި ދުއްވާފައި ދާއިރު، %80 އެ ދުއްވަނީ ޑްރަގާ ގުޅުން ހުރި މައްސަލަތަކަށް،" އުމަރު ވިދާޅުވި އެވެ.

'ހެދި އެންމެ ބޮޑު ގޯހަކީ ޑްރަގު ބޭނުން ކުރާ މީހުން އަރުވާލުން'

އުމަރު ވިދާޅުވީ، އޭނާ މި މައްސަލަ ދިރާސާ ކުރައްވާތާ 33 އަހަރު ވެފައިވާ ކަމަށާއި މިކަމުގެ އަޑު އުފުލާތާ 15 އަހަރުވެފައިވާ ކަމަށެވެ. އަދި މިކަން މިހާ ފުޅާ ވެގެން ދިއުމުގައި ސަރުކާރުތަކުން ހެދި ގޯސްތައް އޭނާގެ ތަޖުރިބާގެ އަލީގައި ހާމަކުރެއްވި އެވެ.

"މީގެ 30 އަހަރު ކުރިން މާލޭގައި ޑްރަގު ބޭނުން ކޮށްގެން ހުކުމް ކުރާ މީހުން ރާއްޖޭގެ އަތޮޅުތަކުގެ ކުދިކުދި ރަށްރަށަށް އަރުވާލަމުން ގެންދިޔައީ. އޭގެ ސަބަބުން ކުދި ރަށްރަށަށް ޑްރަގު ތައާރަފްވެ، އެ ރަށްރަށުގެ އެއް ޖީލު އެއްކޮށް ހަލާކުވެގެން ދިޔައީ. އެހެންވީމަ އެއީ ރާއްޖޭގައި ހެދި ވަރަށް ބޮޑު ޕޮލިސީ މިސްޓޭކެއް،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެންގުޅުނު އުސޫލަށް ފާޑު ވިދާޅުވަމުން އުމަރު ވިދާޅުވި އެވެ.

އެ މީހުންނާ ގުޅުން ހުރި މައްސަލަތަކުގައި ކުށް ސާބިތުނުވާކަން ކަށަވަރު ކުރުމަށް ދައުލަތުގެ ވަޒީފާތަކުގެ ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް 3،000 މީހަކަށް ދަނީ މަހުން މަހަށް އުޖޫރު ދެމުން.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ، ހޯމް މިނިސްޓަަރަކަށް އޭނާ މަސައްކަތް ކުރެއްވި އިރު، އެ ސިޔާސަތު ބަދަލު ކުރަން މަސައްކަތް ކުރެއްވި ކަމަށާއި އޭގެ ފަހުން އެ އުސޫލު ޖަލަށް ބަދަލު ކުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިންގެ އަރިހުގައި އަޅުގަނޑު ދަންނަވަން، މަސްތުވާއެއްޗެހި ބޭނުން ކުރާ މީހަކު ކުޑަކުޑަ ރަށަކަށް އަރުވާލުމަކީ ހެލްތު ވޯކަރަކު ތަމްރީންކުރުމަށް ފަހު އެ ރަށަށް ފޮނުވާލުމުގެ މިސާލޭ. އެއީ ހެލްތު ވޯކަރު އެ ރަށަށް ގޮސް އެ ރަށުގައި އޭނާގެ ބޭސްވެރިކަމުގެ މަސައްކަތް ފަށާ ގޮތަށް، މަސްވާއެއްޗެހި ބޭނުން ކުރާ މީހާ އެ ރަށްރަށަށް ގޮސް އޭނާގެ މަސައްކަތް ފަށަނީ،" އުމަރު ވިދާޅުވި އެވެ.

މި ވަބާ ހުއްޓުވުމަށް އުމަރު ގެންގުޅުއްވާ ސިޔާސަތުތައް:

  • ވެސްޓަން އެސްޓްރޭލިއާ މޮޑެލްއަށް މިހާރު ހަދާފައިވާ ގާނޫނު އިސްލާހުކޮށް، ސިންގަޕޫރުގައި ގެންގުޅޭ ފަދަ ހަރުކަށި އުސޫލަކަށް ބަދަލުކުރުން

  • ޑްރަގު ރާއްޖެ އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދީ، އިސްލާމީ ޝަރީއާގެ މޮޑެލްއަކަށް ބަދަލު ކުރުން

  • ޑްރަގު ހިފައިގެން ރާއްޖޭގެ ކަނޑު ހުރަސް ކުރާ އުޅަނދުތަކަށް ވަގުތުން ބަޑިޖަހައި ފައްތާލުން

  • ޑްރަގު ކޯޓާއި ނޭޝަލް ޑްރަގް އެޖެންސީ (އެންޑީއޭ) އުވާލައި ޑްރަގު އެންފޯސްމަންޓް އެޖެންސީގެ ނަމުގައި ވަކި މުއައްސަސާއެއް އުފުއްދުން

ކޮމެންޓް (1)

މުހައްމަދު

25 ޖޫން 2022
މީނަވެސް އެބައުޅޭ ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް