Majlis 2024

ދީނީ އިލްމުވެރިޔާ އާދަމް ނިޝާން.

ޝަރުތުތަކަކާ އެކު ނިޝާން ބަންދުން ދޫކޮށްލައިފި

އެންމެ ފަހުން ނިޝާންގެ ބަންދަށް ތިން ދުވަސް ދިނީ މިދިޔަ ބުރާސްފަތި ދުވަހު

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ޝަރުތުތަކަކާ އެކު މިއަދު ކޯޓުން ދޫކޮށްލައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެގަނެ، ބޭރުގެ ޑިޕްލޮމެޓުން ހިމެނޭ ގޮތަށް ބައެއް މީހުންނަށް ހަމަލާ ދީ، އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފަ އެވެ. އެ މައްސަލައިގައި ނިޝާން ހިމެނޭ ގޮތަށް 21 މީހަކު އޭރު ހައްޔަރު ކުރި އެވެ.

ވީ ކިހިނެއް؟ - ނިޝާންގެ ބަންދަށް އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ދިން ތިން ދުވަހުގެ މުއްދަތު ހަމަވެގެން މިއަދު ކޯޓަށް ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

ތަފްސީލު - މި މައްސަލައާ ގުޅިގެން މަހަކަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރި ނިޝާން ދޫކޮށްލިކަން ކްރިމިނަލް ކޯޓުން ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ.

"ޝަރުތުތަކާ އެކު ވަނީ ދޫކޮށްލާފައި،" ކްރިމިނަލް ކޯޓުގެ ތަރުޖަމާނު އަމާން މުހައްމަދު ނަޖީބު ވިދާޅުވި އެވެ.

ނަމަވެސް، ނިޝާނަށް ކުރީ ކޮން ޝަރުތުތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެނގުން މުހިންމު - އެންމެ ފަހުން ނިޝާންގެ ބަންދަށް ތިން ދުވަސް މިދިޔަ ބުރާސްފަތި ދުވަހު އިތުރު ކުރި އަމުރުގައިވާ ގޮތުން، ފުލުހުން ހުށަހަޅާފަައިވާ އިންޓެލިޖެންސް ރިޕޯޓުގައި ނިޝާންއާ ގުޅޭ ގޮތުން ހައްސާސް މައުލޫމާތުތަކެއް ހިމެނެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް އެއަކު ނެތެވެ.

އެނގުން މުހިންމު -  މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް އިއްޔެ ވަނީ ކޯޓުން ދޫކޮށްލާފަ އެވެ. އޭގެ އިތުރުން ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ވެސް މީގެ ކުރިން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

ގުޅުން ހުރި ކަމެއް - ނިޝާން ހައްޔަރުކޮށް އޭނާގެ ބަންދު އެކި ފަހަރު މަތިން އިތުރު ކުރި އިރު، އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު މިދިޔަ ބުދަ ދުވަހު ހުކުމް ކޮށްފައި ވަނީ ނިޝާން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް