Majlis 2024

ޕެޝަން ފުރުޓް ޕުޑިން: މިއީ އާއްމުކޮށް ދިވެހިންގެ އީދު ސުފުރާ އިން ފެންނަ ބާވަތްތަކާ ތަފާތު ފޮނި އެއްޗެއް

ފުޑް

އީދަށް ޕެޝަން ފުރުޓް ޕުޑިން ކިހިނެއް ވާނެ؟

ޕެޝަން ފުރުޓް ޕުޑިން ތައްޔާރުކޮށްލަން ފަސޭހަ؛ އަވަނުގައި ފިހާކަށް ނުޖެހޭ
8 ޖުލައި 2022

އީދު ދުވަހު ހަދާ ފޮނި ކާތަކެއްޗަކީ އީދު ސުފުރާގެ މުހިއްމު ބައެކެވެ. ހަލުވިދާ، ޕިރިނީ، ސާގު ބޮނޑިބަތް އަދި ކަސްޓަޑަކީ އީދު ދުވަހުގެ މެންދުރު ކެއުމުގައި އާއްމުކޮށް ހިމެނޭ ބާވަތްތަކެވެ. ބައެއް ގޭގޭގައި މިއީ އީދުގެ ސަގާފަތަކަށް ވެފައިވާ ޑިޝްތަކެކެވެ. 

އެކަމަކު މިފަހަރު އީދު ދުވަހަށް ހާއްސަކޮށް ހަދާ ފޮނި ބާވަތް ތަފާތުކޮށްލަން ކިހިނެއް ވާނެ ހެއްޔެވެ؟ ޕެޝަން ފުރުޓް ހިމަނައިގެން ތައްޔާރުކުރާ ފޮނި އެއްޗެއް ކިހިނެއް ވާނެ ހެއްޔެވެ؟ މިއީ ޕެޝަން ފުރުޓް ޕުޑިން ހަދާނެ ގޮތުގެ ރެސިޕީ އެކެވެ.

ޕިރިނީ: އާއްމުކޮށް އީދު ދުވަހު ސުުފުރާ މަތިން ފެންނަ ބާވަތެެއް (ފޮޓޯ/ލޮނުމެދު.ކޮމް)

ޕެޝަން ފުރުޓަކީ ދިވެހިން ގަޔަވާ ރަހައެކެވެ. އަދި މި ޕުޑިންއަކީ ތައްޔާރުކުރަން ފަސޭހަ ޑިޝް އެކެވެ. ސަބަބަކީ އަވަނަށް ލައިގެން ފިހަން ވަގުތު ހޭދަކުރަން ނުޖެހޭތީ އެވެ. ޑިޝްގައި ހުތް ފޮނި ރަހައެއް ހުންނާތީ ރަހަ ވެސް މީރެވެ.

އާއްމުކޮށް ދިވެހިން އީދަށް ހަދާ ބައެއް ފޮނި ބާވަތްތަކަށް ގެރިކިރު އަޅައި ފޮނި ކުރިޔަސް މީރުކުރުމަށް މުގުރި ފޮނިތަށި އަޅަ އެވެ. އެ ބައެއް މި ރެސިޕީއަކު ނުހިމެނެ އެވެ.

ޕެޝަން ފުރުޓް ޕުޑިން ތައްޔާރު ކުރާނެ ގޮތް

ޕެޝަން ފްރުޓް ޕުޑިން: އަވަނަށް ލާން ނުޖެހޭ އަދި ބިސް ބޭނުން ނުކުރާ ރެސިޕީއެއް ކަމުން ތައްޔާރުކޮށްލަން ފަސޭހަ

މި ޑިޝްގައި ތިން ލޭޔަރެއް ހިމެނެ އެވެ. ފުރަތަމަ ބޭސް، ދެން ޕުޑިން އެެއަށް ފަހު ޓޮޕިން އެވެ. އަދި މި ޑިޝްގައި އެއްވެސް ގޮތަކަށް ބިހެއް ބޭނުން ނުކުރެ އެވެ. 

ބޭނުންވާ ތަކެތި

ބޭސް ތައްޔާރުކުރުމަށް

1/2 ޖޯޑު މާރީ ބިސްކޯދު ފުނޑުކޮށްފައި

1 މޭޒުމަތީ ސަމުސާ ބަޓަރު

ޕުޑިން ލޭޔަރު ތައްޔާރުކުރުމަށް

8-10 ޕެޝަން ފުރުޓް ފަޅިކޮށްފައި

1 ޖޯޑު ކްރީމް

1/2 ޖޯޑު ގެރިކިރު

2-3 މޭޒުމަތީ ސަމްސާ އައިސިން ޝުގާ

ޓޮޕިން ތައްޔާރުކުރުމަށް

1 ޕެޝަން ފުރުޓުގެ ދިޔަ

2 ސައިސަމްސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް

މި ޑިޝް ބޭނުން ނަމަ ވަކިން ތަށީގައި ހެދުމުގެ ބަދަލުގައި ޓްރޭއެއްގައި ވެސް ތައްޔާރު ކޮށްލެވިދާނެ

ފުރަތަމަ ތައްޔާރު ކުރާނީ ބޭސް ލޭޔަރެވެ. މިއީ ޑިޝްގެ އެންމެ ވަތު ފަށަލަ އެވެ. މި ލޭޔަރު ތައްޔާރުކުރުމަށް ބޯތައްޓެއްގައި މާރީ ބިސްކޯދާއި ބަޓަރު އެއްކުރާށެވެ. އެއަށް ފަހު ވަކިވަކިން ބިއްލޫރި ތަށީގެ ފުލުގައި މި ލޭޔަރު ސަމުސަލެއްގެ ނުފުށުން ރަނގަޅަށް ފަތާވާ ގޮތަށް އަަޅާށެވެ. ވަކިން ތަށީގައި ހަދަން ބޭނުން ނޫން ނަމަ ބިއްލޫރި ޓްރޭއެއްގައި އެތުރިދާނެ އެވެ. ދެން 10 މިނެޓަށް ފްރިޖަށް ލައި ފިނިކޮށްލާށެވެ.

ޕުޑިން ތައްޔާރު ކުރުމަށް ޕެޝަން ފުރުޓް ބްލެންޑަރަކަށް އަޅާ ގިރާލާށެވެ. އޮށްތައް ވަކި ކޮށްލުމަށް ފުރާނާލާށެވެ.

އެއަށް ފަހު ބޯތައްޓެއްގައި ކްރީމް އާއި ގެރިކިރު އަދި ހަކުރު ވިސްކް އަކުން އެއްކޮށްލާށެވެ. ފުރޭނި ޖޫސް ވެސް މި އަށް އެއްކޮށްލާށެވެ. ރަނގަޅަށް އޮލަވާ ވާރަށް ހުރިހާ ބާވަތެެއް އެއްކޮށްލާށެވެ. އެއަށް ފަހު، ބިއްލޫރި ތައްޓަށް އެއްވަރަކަށް ބާހަލައިގެން އަޅާށެވެ. އެއަށް ފަހު އެއް ގަޑި އިރަށް ފްރިޖަށް ލާށެވެ.

ޓޮޕިން ތައްޔާރު ކުރުމަށް ހަކުރާއި ޕެޝަން ފުރުޓް ކުޑަ ބޯތައްޓެއްގައި އެއްކޮށްލާށެވެ. އަދި ޕުޑިންގެ މައްޗަށް ސާވް ކުރުމުގެ ކުރިން އަޅާށެވެ.

މިއީ މި ޑިޝް ތައްޔާރު ކުރާނެ ގޮތެވެ. އަޖުމަ ބަލާލަން ކިހިނެއް ވާނެ ހެއްޔެވެ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް