Majlis 2024

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް އަރަން އޮންނަ ބްރިޖު ސަރަހައްދު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މާލެ

މާލޭގެ ގަދަފަދަ ދަމާބާރަށް ނިމުމެއް ނެތް

އަތޮޅުތަކުން 1،500 ދަރިވަރުން މި އަހަރު އަލަށް މާލެއަށް ބަދަލުވި

މުހިންމު ނުކުތާތައް

ރަށްރަށުން މާލެއަށް ހިޖުރަކުރާ މައިގަނޑު ސަބަބަކީ ތައުލީމު ހޯދުން

މާލޭގައި މާލޭ މީހުންނެކޭ ދާދި އެއްވަރަކަށް އަތޮޅުތަކުގެ މީހުން އުޅޭ

ކުރިއަށް ވެސް އޮތީ އަތޮޅުތަކުން މާލެއަށް ހިޖުރަކުރުން

ރަށުގައި ކުދިން މަދުވެގެން މަތީ ގްރޭޑްތައް ނުބޭއްވޭ ބައެއް ސްކޫލްތަކަށް ސެޓެލައިޓު ސްކޫލުގެ ނިޒާމު އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިދިނެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނުނު އދ. ދިއްދޫ ސްކޫލަށް އެކަން ކުރެވޭ ގޮތެއް ނުވި އެވެ. އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު ވިދާޅުވިގޮތުގައި، ހުއްދަ އާއި ވަސީލަތްތައް އެ ސްކޫލަށް ދިން ނަމަވެސް ގްރޭޑް 9ގައި ކިޔަވާނެ ދަރިވަރަކު ނުލިބުނީ އެވެ.

އޭގެ އަނެއްކޮޅުން، މާލޭގެ ސްކޫލްތަކަށް މި ދިރާސީ އަހަރު އެކަނި ވެސް އަތޮޅުތަކުން 1،500 އެއްހާ ކުދިން ބަދަލުވި އެވެ. އެއީ އެތަކެއް ސަތޭކަ އާއިލާ އެވެ.

އަތޮޅުތަކުން މާލެއަށް މީހުން ހިޖުރަކުރާ މައިގަނޑު ސަބަބަކީ ވެސް ތައުލީމު ހޯދުމެވެ. ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތުގެ ސާވޭ (ހަޔަސް) 2019 އިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ ކޮންމެ ތިން ހިޖުރަވެރިންގެ ތެރެއިން އެކަކު މާލެއަށް ބަދަލުވީ ތައުލީމު ހޯދާށެވެ. މި އަހަރު ހިޖުރަކުރި ދަރިވަރުންގެ އަދަދުން ވެސް ފެންނަނީ އެ ޑިމާންޑެވެ. މާލެ ސަރަހައްދަށް އަދިވެސް ގެންނަމުންދާ ތަރައްގީގެ ބޮޑެތި ބަދަލުތަކަށް ބަލާ އިރު ވެސް، ރަށްރަށުގެ މީހުން މާލެއަށް ހިޖުރަކުރުން، ކުރިއަށް އޮތް ތާނގައި ވެސް މަޑުޖެހިދާނެ ކަމަކަށް ނުބެލެވެ އެވެ.

ހިޖުރަކުރުމުން ރަށްރަށަށް ހައްތަހާ ހީނަރުކަން

ހަޔަސްގެ 2019ގެ ސާވޭ އިން ދައްކާގޮތުގައި މާލެއަށް ރަށްރަށުން ހިޖުރަކޮށްފައިވާ ދިވެހިންގެ ތެރެއިން %34 އަކީ ތައުލީމު ހޯދުމުގެ ބޭނުމުގައި މާލެއަށް ބަދަލުވި މީހުންނެވެ.

ގާތްގަނޑަކަށް 1،500 އެއްހާ ކުދިން އަތޮޅުތަކުން ހަމަ މާލޭ ސްކޫލްތަކަށް ބަދަލުވެފައި އެބަހުރި. އަޅުގަނޑަށް ލަފާކުރެވެނީ އެއީ ހިޔާ ފްލެޓަށް ބަދަލުވި އާއިލާތަކޭ.

ޑރ. އާއިޝަތު އަލީ

ކިޔަވަން ރަށްރަށުން މާލެއަށް އައުމުގެ ފަހަތުގައި އޮތީ ފެންވަރު ރަނގަޅު ތައުލީމާއި މަތީ ތައުލީމުގެ ތަފާތު ގިނަ ފުރުސަތުތައް ހޯދުމުގެ ބޭނުމެވެ. އެކަމަކު ރަށުގައި ތައުލީމުގެ ފެންވަރު ދަށްވެގެން ނުވަތަ ބޭނުންވާ ފުރުސަތު ލިބެން ނެތިގެން އެތައް ބަޔަކު މާލެ އައުމުގެ ނަތީޖާއަކީ ރަށްރަށުގައި ދަރިވަރުންގެ އާބާދީ ހީނަރުވެ، ހާލަތު ހައްތަހާ ގޯސްވުމެވެ. ޑރ. އާއިޝަތު ވިދާޅުވިގޮތުގައި ސަރުކާރުން ބަލަނީ ހުރިހާ ސްކޫލަކަށް ހަމަހަމައަށް ވަސީލަތްތައް ފޯރުކޮށްދެވޭތޯ އެވެ. ނަމަވެސް ކުދި އާބާދީތަކުގައި "އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުމެއް" އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއީ އެކަށީގެންވާ ވަރަށް ދަރިވަރުން ނެތުމުން ރިސޯސެސް ދިނުމުގައި، އަޅުގަނޑުމެންނަށް ބަޖެޓުކުރުމުގައި ގޮންޖެހުންތަކަކާ ދިމާވަނީ،" އާއިޝަތު އަލީ މަޖިލީހުގައި ވިދާޅުވި އެވެ.

އެއީ ހިޖުރައާ އެކު އާބާދީތައް ހުލިވަމުން ދިޔުމުގެ ސަބަބުން ރަށްރަށަށް ވަމުންދާ ގޮތުގެ އެންމެ މިސާލެކެވެ.

ސެޓަލައިޓް ސްކޫލް ފެށުމަށް 17 ޖެނުއަރީ 2022ގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ބ. ފެހެންދޫ ސްކޫލުގެ ދަރިވަރުންނާ އެކު. (ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ)

މާލޭގެ ސްކޫލްތަކަށް މި އަހަރު ބަދަލުވި ދަރިވަރުންގެ އަދަދު ވިދާޅުވަމުން އާއިޝަތު އަލީ ފާހަގަކުރެއްވިގޮތުގައި ރަށްރަށުން ކުދިން މަދުވުމުގައި، މާލެއަށް ކުރަމުންދާ ހިޖުރައިގެ ދައުރެއް ވެސް އެބައޮތެވެ. ސަރުކާރުން އެއަށް ދޭ އިޖާބައަކީ މާލެ ސަރަހައްދުގައި އިތުރު ސްކޫލްތައް އެޅުމާއި ދަރިވަރުންގެ އާބާދީ ހީނަރުވަމުންދާ ރަށްރަށުގައި ސެޓެލައިޓު ސްކޫލުގެ ހިދުމަތް ތައާރަފްކުރުމެވެ. ހުޅުމާލޭގައި އާ ސްކޫލްތަކެއް އިމާރާތްކޮށް އިތުރު އެތަކެއް ހާސް ޖާގަ އުފައްދަމުން އަންނަ އިރު، އާބާދީ ކުދި ރަށްރަށުގައި ސެޓެލައިޓް ނިޒާމުން މަތީ ގްރޭޑްތައް ތައާރަފުކުރުމަށް ހިނގާނީ ކިހާ ހަރަދެއްތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ދިރާސާކުރަމުންނެވެ.

"ޓީޗަރުން އެތާ [އާބާދީ ކުދި ރަށްރަށުގައި] ބައިތިއްބައިގެން ކިޔަވައިދިނުމަށް ވުރެ ހަރަދު ކުޑަކޮށް، ރަނގަޅު ކޮލިޓީއެއްގައި މި ގޮތަށް ކިޔަވައިދެވޭ. އެހެންވީމާ އެ ދިރާސާ [ބަޖެޓަށް ކުރާނެ އަސަރު] އަޅުގަނޑުމެން ހަދަމުން މިދަނީ،" އާއިޝަތު އަލީ މަޖިލީހުގައި ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހަމަ އެ [ރަށްރަށުގެ] ކުދިންނަށް ވެސް، ހަމަ މި [މާލެ] ސަރަހައްދުގައި މި އުޅޭ ކުދިންނާ އެއްވަރަކަށް ރަނގަޅު، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ."

އީދު ބަންދަށް މާލެއިން މީހުން އެކި ރަށްރަށަށް ފުރަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާލޭގައި މިހާރު ވެސް މާލޭ މީހުންނެކޭ ދާދި އެއްވަރަކަށް އަތޮޅުތަކުގެ މީހުން އުޅޭ

މާލޭގެ ދަމާބާރަށް އާއިލާތައް ހުރި ގޮތަށް ވެސް އުފުރަމުން ގެންދާކަން ސާފެވެ. ތައުލީމު ފިޔަވައި މާލެއަށް އެންމެ ގިނަ ބަޔަކު ބަދަލުވަނީ އާއިލާ ހިޖުރަކުރުމުގެ ސަބަބުންނެވެ. މިސާލެއް ނަގާ ނަމަ، އެއް ކުއްޖަކަށް ނުވަތަ ކުދިންތަކަކަށް ކިޔަވައިދިނުމަށް މުޅި އާއިލާ ހިޖުރަކުރުމެވެ. ބޮޑެތިވެފައިވާ ދަރިން ގާތުގައި ދިރިއުޅުމަށް މައިންބަފައިން މާލެއަށް ބަދަލުވުމެވެ. ހަޔަސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އާއިލާ ބަދަލުވާތީ މާލެއަށް ބަދަލުވުމަކީ ގިނަ ބަޔަކު އެކުގައި ހިޖުރަކުރުމަށް މެދުވެރިވާ ސަބަބެކެވެ.

ހިޖުރަކުރުން އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައިސް، މާލޭގައި ދިރިއުޅޭ ރަސްމީ މާލޭ މީހުންނާއި އެހެން ރަށްރަށުގެ މީހުންގެ އަދަދު ދާދި އެއްވަރުވެފައިވާކަން 2019ގެ ތަފާސްހިސާބުތަކުން އެނގެ އެވެ. އެ އަހަރުގެ ހަޔަސް އިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ ބޮޑުބައި (%49) ރަޖިސްޓްރީވެފައި ވަނީ މާލެއަށް ކަމަށް ވީ ނަމަވެސް މާލޭގައި ދިރިއުޅޭ، އަތޮޅުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ނިސްބަތް ވެސް %48 އަށް އަރަ އެވެ. (ރާއްޖެ އިން ބޭރަށް އުފަން %3 މީހުން ތިއްބެވެ.)

"އެހެން ގޮތަކަށް ބުނާ ނަމަ، މާލޭގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް، އެހެން ރަށެއްގައި ރަޖިސްޓްރީކޮށްފައިވާ މީހަކު މާލޭގައި ދިރިއުޅޭ،" ހަޔަސްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ހުޅުމާލެ ފޭސް 2 ކުރިމަތިން ފެންނަ މަންޒަރު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހަޔަސް އިން އެނގޭ ގޮތުގައި 2019ގައި ދިވެހިންގެ އާބާދީގެ %47 ދިރިއުޅެމުން އައީ މާލޭގަ އެވެ. އެއީ 206،000 ދިވެހިންނެވެ. އަތޮޅުތަކުން މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން، މާލޭގައި ދިރިއުޅޭ ދިވެހި އާބާދީ ދާނީ ހައްތަހާ އިތުރުވަމުންކަން ރާއްޖޭގެ އާބާދީގެ އަންދާޒާ އިން ވެސް ދައްކަ އެވެ. އެގޮތުން، މާލޭގައި ދިރިއުޅޭ ދިވެހިންގެ އަދަދު 2014ގައި ހުރި ވަރަށް ވުރެ ދެ ގުނައަށް 2040 ވަނަ އަހަރު އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ނަމަވެސް އެއީ އެންމެ ފަހުން ބޯހިމެނި 2014ގައި ހިޖުރަކުުރުން ހުރި މިންވަރުގައި އިތުރުވަމުންދާ ނަމަ ކަން ހިނގާނެ ކަމަށް ބެލެވޭ ގޮތެވެ. އޭގެ ފަހުން މި ވޭތުވެދިޔަ އަހަރުތަކުގައި ހިންގި ބިޔަ މަޝްރޫއުތަކާ އެކު މާލޭގެ ދަމާބާރު ވަނީ އޭރަށް ވުރެ އަދި މާ ގަދަވެފަ އެވެ. އަދި، އެއީ ރާއްޖޭގެ އެހެން އެއްވެސް ހިސާބަކަށް ކައިރި ވެސް ނުކުރެވޭހާ ގަދަފަދަ ބާރެކެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހަމަ އެ [ރަށްރަށުގެ] ކުދިންނަށް ވެސް، ހަމަ މި [މާލެ] ސަރަހައްދުގައި މި އުޅޭ ކުދިންނާ އެއްވަރަކަށް ރަނގަޅު، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ.

ޑރ. އާއިޝަތު އަލީ

މާލޭގައި އަތޮޅުތަކުގެ މީހުންނާއި މާލޭ މީހުންގެ އަދަދު މިހާރު ވެސް ދާދި އެއްވަރުވެއްޖެކަން، މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅުވާލުމާ ވިދިގެން އައި 2019ގެ ސާވޭ އިން އެ އޮތީ އެނގޭށެވެ. އޭގެ ފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހި އައިސްގެން އިތުރުވި ހިޔާ ފްލެޓްތަކަކީ ވެސް، މިނިސްޓަރު އާއިޝަތު އަލީ ގަބޫލުކުރައްވާ ގޮތުން ނަމަ، މާލެއަށް އިތުރު މީހުން ހިޖުރަކުރަން މެދުވެރިވި ސަބަބެކެވެ.

މި އަހަރު "ގާތްގަނޑަކަށް 1،500 އެއްހާ ކުދިން އަތޮޅުތަކުން ހަމަ މާލޭ ސްކޫލްތަކަށް ބަދަލުވެފައި އެބަހުރި. އަޅުގަނޑަށް ލަފާކުރެވެނީ އެއީ ހިޔާ ފްލެޓަށް ބަދަލުވި އާއިލާތަކޭ. އެހެންވީމާ މައިގްރޭޓްކުރުމުގެ އިޝޫ ވެސް އެބަ އުޅޭ، ރަށްރަށުން ކުދިން މަދުވުމުގައި،" އޭނާ މަޖިލީހުގައި ވިދާޅުވި އެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ބިނާކުރަމުން އަންނަ ފްލެޓު އިމާރާތްތަކެއް.

އަދިވެސް މާލެ ވަށައިގެން ސަތޭކަ އިން، ހާހުން އާ ފްލެޓުތައް ކުރިއަށް ހުރީ އެވެ. އިތުރުވި އާބާދީއާ އެކު ބޮޑެތި އިތުރު ސްކޫލްތައް އަޅަން ވެސް ވަނީ ޖެހިފަ އެވެ. މުޅި ސަރަހައްދު އެކީ އެކައްޗަކަށް ގުޅާލުމަށް އިތުރު ބްރިޖުތައް ވެސް އަންނަނީ އެވެ. ބިޔަ މަޝްރޫއުތަކެކެވެ. އެހާމެ ބިޔަ ހަރަދުތަކެކެވެ. ހައްތަހާ ވެސް، ރަށްރަށުން މާލެއަށް މީހުން ދަމައިގަންނަ ދަގަތްފާނުތަކެވެ. އެ ދެމުމަށް އަތޮޅުތަކުގެ އާބާދީތައް ގެއްލެމުން، ސްކޫލު ފަދައިން، ވަސީލަތްތައް އަދިވެސް ދާނީ ހީނަރުވަމުންނެވެ. އަދި، އޭގެ އަނެއްކޮޅުން، ރާއްޖޭގެ ނިސްބަތުން ފެންވަރު ރަނގަޅު ހިދުމަތްތަކާއި މުހިއްމު ފުރުސަތުތައް ހުރި ހަމައެކަނި ރަށުގެ ގޮތުގައި މާލޭގެ މަގާމް ހައްތަހާ ދާނީ އުފުލެމުންނެވެ. 

މީހުން އެއް ތަނުން އަނެއް ތަނަށް ހިޖުރަކުރަނީ މިހާރު ނުލިބޭ ކަންތައްތަކެއް ލިބިގަންނާށެވެ. ނުވަތަ މިހާރު ލިބޭ އެއްޗަކަށް ވުރެ ރަނގަޅު އެއްޗެއް ހޯދާށެވެ. ރާއްޖޭގައި އެކަމަށް އިހުތިޔާރުކުރެވެން އޮތީ އެންމެ ތަނެކެވެ. އެއާ ކިރިޔަކިރިޔާ ކައިރިކޮށްލާ ވަރު ތަނެއް ވެސް ނެތީ އެވެ.

ކޮމެންޓް (3)

އައްމަޑޭ

4 ސެޕްޓެމްބަރު 2022
ސަރުކާރުން އަނަދުވެސް ރައްޔިތުންނަށް މަޖުބޫރު ކުރަނީ މާލެ އައުމަށް. އޮންލައިން ކޯސްތައް ހުއްޓުވުން އެވެސް އޭގެ ހެއްކެއް. އޭގެ ކުރިން ބްލޮކް މޯޑް ކޯސްތައް މަނާ ކުރި. މާލޭގައި އެލިގެން ނޫން ގޮތެއް ނެތް.
1 0

ނުހނަ

2 ސެޕްޓެމްބަރު 2022
ސްޕޭޝަލް ޕްލޭނަކުން ހިޖުރަ ކުރި އާބާދީގެ 5 ޕަސެންޓް ކޮންމެ އަހަރަކު އެ އަތޮޅަކަށް ބަދަލުވާ ގޮތަށް ސިޔާސަތު ރޭވީމާ ތިކަން ހައްލުވީ. ބޭނުންވަނީ ކެރޭ ވެރިން
4 2

ކިންގް

2 ސެޕްޓެމްބަރު 2022
މާލެ އަށް މީހުން ޖަމާ ކުރުމާ ސެންޓްރަލައިޒް ކުރުމުގެ ބާރާ ސިޔާސަތަށް ނިމުމެއް ނެތް. މިހެން ލިޔުނު ނަމަ މާ ރަނގަޅު ވީސް...
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް