Majlis 2024

ހުޒެއިފާ މުހައްމަދު (ކ): އޭނާ ވަނީ މިއަދު މަގާމުގެ ހުވާ ކުރައްވާފައި. (ފައިލް ފޮޓޯ/ޖޭއެސްސީ)

ހައި ކޯޓު

ހުޒައިފާ ހައި ކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގެންފި

އޭނާ މިހާތަނަށް ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ހުޒައިފާ މުހައްމަދު ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާ މިއަދު ހަވާލުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ގާޒީ ހުޒައިފާ މުހައްމަދު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ ނިންމުމާ ގުޅިގެން މިއަދު އޭނާ ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ. ޖޭއެސްސީން ބުނީ އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދްނާން ކަމަށެވެ.

ތަފްސީލް - ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ސަމީރު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމުން ހުސްވި އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، ހުޒައިފާއާ އެކު ޝުކުރުﷲ ޝަކީލް، ސިޔާމާމަންޒިލް/އއ.ފެރިދޫ ކުރިމަތިލެއްވި އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް އިންޓަވިއު ކުރުމަށް ފަހު،  ޖޭއެސްސީން ނިންމީ ހުޒެއިފާ އެ މަގާމަށް އައްޔަނުކުރުމަށެވެ.

ހުޒެއިފާ އަކީ ކާކު؟

  • ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވޭ

  • މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލުކުރައްވާފައިވޭ

  • އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 11 ޖުލައި 2007ގައި

  •  އޭނާ އަކީ ރާއްޖޭގެ ސުޕީރިއާ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން އިސް ގާޒީ

އެނގުން މުހިންމު - ހައި ކޯޓު އެކުލެވިގެންވަނީ އިސް ފަނޑިޔާރާ އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހުޒައިފާ އައްޔަންކުރުމުން ހައި ކޯޓުގައި ތިއްބަވާނީ ނުވަ ފަނޑިޔާރުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުއްރައޫފް އިބްރާހިމް ވަނީ މިދިޔަ މަހުގެ 31ގައި އިސްތިއުފާ ދެއްވާފަ އެވެ. އަދި ޖޭއެސްސީން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އަބްދުﷲ ހަމީދު ވެސް މިދިޔަ މަހު ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް