ރ. ދުވާފަރު. (ފޮޓޯ/އައިލްސް.ގަވް.އެމްވީ)

ރ. ދުވާފަރު

ދުވާފަރަށް 11 ގަޑިއިރު ފަހުން ކަރަންޓު ދީފި

ދުވާފަރުގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުނީ އެ ރަށުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލްތަކަކަށް ލިބުނު ގެއްލުމަކާ ގުޅިގެން
28 އޭޕްރީލު 2022

ރޭ ރ. ދުވާފަރުން ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ މިއަދު ހެނދުނު ހައްލުކޮށް، އެ ރަށަށް ކަރަންޓު ދީފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޭ 11:15 ހާއިރު ދުވާފަރުގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުނީ އެ ރަށުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލްތަކަކަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ.

ތަފްސީލް - ދުވާފަރު ކައުންސިލްގެ މެމްބަރު މުހައްމަދު ޝާމް މިއަދު 'ދައުރު'އަށް ވިދާޅުވީ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފައި ވަނީ މިއަދު ހެނދުނު 10 ޖަހަނިކޮށް ކަމަށެވެ. ދުވާފަރުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީން ވެސް ބުނީ އެ ރަށުގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - އާބާދީގައި ގާތްގަނޑަކަށް 3،500 މީހުން ދިރިއުޅޭ ދުވާފަރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނަނީ އާބާދީއާ އެއްވަރަށް ރަށަށް ހިދުމަތް ފޯރުކޮށްނުދެވޭ ކަމަށެވެ.

ޝާމް ވިދާޅުވީ ރޯދައިގެ ކުރިން ވެސް އެ ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ ކަމަށެވެ. ރޯދަ މަހުގެ 15އާ ހަމައަށް ކަރަންޓު ނުކެނޑޭ ކަމަށާއި ނަމަވެސް، އޭގެ ފަހުން މިހާރު އަނެއްކާ ވެސް ކަރަންޓު ކެނޑެން ފަށާފައިވާ ކަމަށް ޝާމް ވިދާޅުވި އެވެ.

ނަމަވެސް، މާ ގިނައިރުތަކެއް ނުވެ އަލުން ކަރަންޓު އަންނަ ކަމަށާއި، އަޕްގްރޭޑިންގެ މަސައްކަތަށް ކަރަންޓު ކަނޑާލަން ޖެހޭ ނަމަ އެކަން ވެސް ދުރާލާ އަންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭގައި އެކަމަކު ހަމަ ކުއްލިއަކަށް ދިޔައީ. ލޯޑު ބޮޑުވެގެން ކަމަށް އެ ބޭފުޅުން [އެމްޑަބްލިއުއެސްސީ]އިން ބުނަނީ ކަރަންޓު ކެނޑެނީ،" ޝާމް ވިދާޅުވި އެވެ.

ރޭ މުޅި ރަށުން ގިނައިރުތަކެއް ވަންދެން ކަރަންޓު ކެނޑުމާ ގުޅިގެން، ރައްޔިތުން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

އެނގުން މުހިންމު - ދުވާފަރުގައި ގާއިމުކޮށްފައިވާ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަންސް ސެންޓަރަށް މިދިޔަ އަހަރުގެ ޖެނުއަރީގައި ބެކަޕް ޖެނެރޭޓަރެއް ވެސް ގެންދިޔަ އެވެ.

ދުވާފަރަކީ 2004ގައި ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރ. ކަނދޮޅުދޫގެ ބޮޑު ބައެއް ހަލާކުވެދިއުމުން، އެ ރަށުގެ މީހުން އާބާދުވުމަށް ތަރައްގީކުރި ރަށެކެވެ. އައިއެފްއާރްސީ އާއި ދިވެހި ސަރުކާރުން ތަރައްގީކުރި އެ ރަށަށް 2008ގައި މީހުން ބަދަލުކުރި ހިސާބުން ފެށިގެން، އެ ރަށުގައި ކަރަންޓުގެ މައްސަލަ ދިމާވަމުންދާ ކަމަށް އެ ރަށު މީހުން ބުނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް