އަކާސާ އެއާގެ ފްލީޓަށް ގަތް ފުރަތަމަ ބޯޓު

އިންޑިއާގެ އާ ބަޖެޓް އެއާލައިން އަކާސާ އިން އަންނަ މަހު ދަތުރުތައް ފަށަނީ

އިންޑިއާގައި މިހާރު ވެސް 4 ބަޖެޓް އެއާލައިނެއް އޮޕަރޭޓުކުރާއިރު އަކާސާ އެއާގެ ދަތުރުތަކާ އެކު މާކެޓުގައި އިތުރަށް ވާދަވެރިކަން ބޮޑުވާނެ
20 ޖޫން 2022

އިންޑިއާގެ އާ ބަޖެޓް އެއާލައިން އަކާސާ އެއާ އިން އަންނަ މަހު ދަތުރުތައް ފަށަން ނިންމައި އެކަން އިއުލާނު ކޮށްފި އެވެ.

ތަފްސީލް - ވިޔަފާރި ވެރިޔާ ރާކޭޝް ޖުންޖުންވާލާ ފަހަތުގައި ހުރެގެން އުފައްދާފައިވާ މި އެއާލައިންގެ ދަތުރުތައް ފެށުމަށް ބޮއިން737 މެކްސް މަރުކާގެ މަތިންދާބޯޓެއް ވަނީ ގަނެފަ އެވެ. އެ އެއާލައިންގެ ދަތުރުތައް ފަށަން އެއާ އޮޕަރޭޓާސް ސެޓްފިކެޓް ހޯދުމަށް ބޭނުންވާ ދަތުރުތައް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާގައި މިހާރު ވެސް ހަތަރު ބަޖެޓް އެއާލައިނެއް އޮޕަރޭޓުކުރާއިރު އަކާސާ އެއާގެ ދަތުރުތަކާ އެކު އިތުރަށް މާކެޓުގައި ވާދަވެރިކަން ބޮޑުވާނެ އެވެ.

ޖުލައި މަހު ޓިކެޓު ވިއްކަން ފަށާނެ

އަކާސާ އެއާގެ ސީއީއޯ ވިނޭ ޑޫބް ވިދާޅުވީ އެ އެއާލައިނުގެ ދަތުރުތައް ފަށަން ނިންމާ، އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ޓިކެޓު ވިއްކަން ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖެޓް ފިއުލްގެ އަގު ބޮޑުވަމުން ދިޔަ ނަމަވެސް ގޮންޖެހުމެއް ނެތް ކަމަށާއި އުއްމީދަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ޓިކެޓު ވިއްކުން ކަމަށެވެ.

އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ދާއިރު އެ އެއާލައިނުގެ ފްލީޓަށް އިތުރު 18 މަތިންދާބޯޓު އިތުރުކޮށް ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ އިތުރު 54 މަތިންދާބޯޓު އަކާސާ އެއާގެ ފްލީޓަށް އިތުރު ކުރުމަކީ ޕްލޭން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތެލުގެ އަގު އުފުލުނުކަމުގައި ވިޔަސް، އަންދާޒާ ކުރަނީ ވިޔަފާރީގައި ހިފަހައްޓާލެވޭނެ ކަމަށް،" ވިނޭ ވިދާޅުވި އެވެ.

އަކާސާ އެއާ

  • ކޮމާޝަލް ދަތުރުތައް ކުރުމުގެ ހުއްދަ އެ އެއާލައިނަށް ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު

  • އެއާލައިން އުފެއްދުމުގައި ރާކޭޝް ޖުންޖުންވާލާގެ އިތުރުން ދެން ހަރަކާތްތެރިވަނީ ޖެޓް އެއާވޭސްގެ ކުރީގެ ސީއީއޯ ވިނޭ ޑޫބް އާއި އިންޑިގޯގެ ކުރީގެ ޗީފް އަދިތިޔާ ގޯޝް

  • މިދިޔަ އަހަރުގެ ނޮވެމްބަރުގައި އަކާސާ އެއާ އިން ވަނީ ބޮއިން ކުންފުންޏަށް 4.5 ބިލިއަން ޑޮލަރުގެ އޯޑަރެއް ދީފައި، އެ އެއާލައިނުން ނިންމާފައިވަނީ ބޮއިން737 މެކްސްގެ 72 ބޯޓު ގަތުމަށް

ގުޅުން ހުރި - އިންޑިއާގައި އާ ބަޖެޓު އެއާލައިނަކުން ދަތުރު ފަށަން ތައްޔާރުވެފައިވާއިރު އެ ގައުމުގެ އެންމެ ބޮޑު އެއް އެއާލައިނުގެ ގޮތުގައި އޮތް ޖެޓް އެއާވޭސް 2019 ވަނަ އަހަރު ބޭންކްރަޕްސީ އިއުލާނު ކުރުމަށް ފަހު އަނެއްކާވެސް އުދުހެން ވަނީ ތައްޔާރުވެފަ އެވެ. އާ މެނޭޖުމެންޓަކާއެކު ދަތުރުތައް ފަށަން މިހާރު ވަނީ މުވައްޒަފުން ނަގަން ފަށައިފަ އެވެ.

އިންޑިއާގައި މިހާރު އޮޕަރޭޓު ކުރާ އެއާލައިންތައް

  • އެއާ އިންޑިއާ

  • ގޯ ފަސްޓު (ގޯ އެއާ)

  • އިންޑިގޯ

  • ސްޕައިސް ޖެޓް

  • އެއާ އޭޝިއާ އިންޑިއާ

  • ވިސްޓާރާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް