Majlis 2024

ނަޝީދާ އޭނާ ޑެކަރޭޓްކޮށްފައިވާ ކޭކަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. (ފޮޓޯ/ނަޝީ ކޭކްސް)

ނަޝީ ކޭކްސްގެ ފޮންޏާއި ކުލަ އާއި އެންމެ ސިއްރު ރެސިޕީ

ކޭކު ކާ ހިތްވާ މީހެއް ނޫން. އަދި ވަކިން ހާއްސަކޮށް ކްލެސިކް 'ނަޝީ ބަޓަ ކޭކްސް' އޭނާ އަށް އެންމެ މީރު ބަޓަ ކޭކަކަށް ވެސް ނުވޭ. އޭނާގެ ކާމިޔާބީ އެންމެ ފޮނިވަނީ ވެސް އެހެންވެގެން
27 ނޮވެމްބަރު 2022
1

ކުޑައިރުގެ އުފަން ދުވަހަކަށް އޭނާއަށް ކޭކެއް ނުލިބެ އެވެ. އެކަމަކު ބައްޕަ، އަބަދުވެސް އޭނާ ބެހެއްޓީ ޕާޓީއަކަށް ދާ ވަރަށް ނަލަކޮށްފަ އެވެ. ޖަރީކުރި ވިދާ ހެދުމުގައި، ބޮލުގައި ރަންކުލައިގެ ބޭންޑު އަޅުވައިފަ އެވެ. އަބަދުވެސް ހޯދައިދިނީ ވިދާ ތަކެއްޗެވެ. ނަމަވެސް ފުރާވަރުގައި، ބައްޕައާ އަބަދުގެ އަބަދަށް ވަކިވާން ޖެހުން ވެގެންދިޔައީ އޭނާގެ ހަޔާތުގައި އަޅަމުން ދިޔަ އުފާވެރިކަމުގެ އެ ދަޅަ ފަނޑުކޮށް އެ ހަޔާތް މައިތިރިކޮށް ދަންމާލި ކަމަކަށެވެ. އެކަމަކު އެ ބައްޕަގެ ހަނދާނާއި ދިން ނަސޭހަތުން އޭނާ މިއަދު ވަނީ ހަޔާތެއް ޖަރީކޮށްފަ އެވެ. އަދި 'ނަޝީ ކޭކްސް'ގެ ނަމުގައި އޭނާ ބްރޭންޑްކޮށްފައިވާ ބަޓަ ކޭކުގެ ރަހަ ޖީލުތަކަކަށް ދެމިގެން ގޮސްފައިވާއިރު އޭނާގެ މި ކޭކުގައި ނެތް ކުލައެއް، ނުޖަހާ ބެޖެއް މިއަދަކު ނެތެވެ.

އިންޓަވިއު ފެށުމުގެ ކުރިން އޭނާ އަހަންނަށް ގެނެސްދިނީ ކަޅު ސައި ތައްޓަކާއި ނަޝީގެ ކްލެސިކް ބަޓަ ކޭކް ފޮއްޗެކެވެ. އަހަރެން މިއީ ދެން އެހާ ކޭކުގެ މީހެއް ވެސް ނޫނެވެ. އެކަމަކު އެ ފޮތިކޮޅު އަނގަޔަށް ވިރިގެން ދިޔަ ގޮތެއް ވެސް ނޭނގުނެވެ. އޭރު، ކުރިމަތީގައި އިން ގޮނޑިއެއްގައި އިށީނދެލައިގެން އިން ނަޝީ ކޭކްސްގެ ފައުންޑާ އަދި އޯނަރު އައިމިނަތު ނަޝީދާ (ނަޝީ) ކިޔައިދެމުން ދިޔައީ އޭނާގެ 60 ވަނަ އުފަން ދުވަހާ ދިމާކޮށް އަމިއްލަ ޗޮކްލެޓް ބްރޭންޑެއް ތައާރަފްކުރަން ރޭވި ރޭވުންތައް ކޮވިޑް ތެރޭގައި ހަރާބުވެގެން ދިޔަ ވާހަކަ އެވެ. އާނއެކެވެ. އޭނާ ރާވަމުން ދިޔައީ ކޭކު ފަޅައިގެން އުފަން ދުވަސް ފާހަގަކުރާކަށް ނޫނެވެ.

ހަގީގަތަކީ ކޭކަށް ނަޝީދާގެ ކިބައިގައި "ކްރޭވިން"އެއް ވެސް ނެތް ކަމެވެ. އަދި ކްލެސިކް ނަޝީ ބަޓަ ކޭކްސް އޭނާ އަށް އެންމެ މީރު ބަޓަ ކޭކަށް ވެސް ނުވާ ކަމެވެ. އޭނާ ބުނަނީ "ލަންކާ އިން އެ ލިބޭ ބަޓަ ކޭކް މާ މީރު" ކަމަށެވެ. ނަމަވެސް ކޭކު ކެއުމުގެ މާ ބޮޑު ޝައުގުވެރިކަމެއް ނަޝީދާގެ ކިބައިގައި ނެތުމުން އޭނާ އަބަދުވެސް ޝައުގުވެރިވި ކަމަކާ ދިމާލަށް މި ވާހަކަ އަނބުރާލަމާ ހިނގާށެވެ.

އެ މަންޒަރުގައި އޭނާގެ ދެ ލޯ ހުއްޓިފައި ވަނީ ފިނިފެންމަލުގެ އައިސިންޖެހި ކޭކަކަށެވެ. އޭނާގެ އުމުރުން އޭރު ވާނީ ގާތްގަނޑަކަށް 10 އަހަރެވެ.

"އެއީ އަހަންނަށް ގެނައި ކޭކެއް ނޫން. އުފަން ދުވަހެއް އައިސްގެން އެހެން ކުއްޖަކަށް ގެނެސްފައި ހުރި ކޭކެއް އަޅުގަނޑަށް މި ފެންނަނީ. މިހާރު ވެސް ހީވަނީ އެ މަންޒަރު ލޯ މައްޗަށް ސިފަވާހެން،" ނަޝީދާ ކިޔައިދިނެވެ.

"އެއީ އައިސިން އިން ރޯސްތަކެއް ޖަހާފައި ހުރި ރެކްޓޭންގިއުލާ ޝޭޕްގެ ކޭކެއް. ދެން އެ ކޭކެއް ފެނިގެން އަހަރެން ހަމަ ރަނގަޅަށް ވެސް ހައިރާންވެއްޖެ. ދެން އަހަރެން މި ހުންނަނީ އެއަށް ބަލަން، އެއަށް ގެއްލިފައި."

"އަހަރެން ހިތަށް އަރަމުން ދިޔައީ ކިހިނެއްބާވައޭ މީހުން މިގޮތަށް ކޭކު ހަދަނީ. ކިހިނެއްބާވައޭ އެގޮތަށް އެހާ ރީއްޗަށް ރޯސްތަކެއް ތައްޔާރުކުރާނީ."

އެއީ އެވަރަށް ނަލަކޮށް ޖަރީކޮށްފައިވާ ކޭކެއް ނަޝީދާ އަށް ފެނުނު ފުރަތަމަ ދުވަހެވެ. އެ ދުވަހު ވެސް އޭނާ ކޭކު ކާ ހިތެއް ނުވި އެވެ. މިހާރު ވެސް ކޭކު ކާ ހިތެއް ނުވެ އެވެ. އެކަމަކު އޭރު ވެސް އަދި މިހާރު ވެސް އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްލަފާނެ އެއް ކަމަކީ އޭގެ ކޭކެއް ގިރާނެ ގޮތާއި ފިހާނެ ގޮތާއި އޭނާގެ ކުޑައިރުގެ ނަލަނަލަ ހެދުމެއްހެން ވިދައި ބަބުޅާނޭ ވަރަށް އެ ކޭކެއް "ޖަރީ" ކުރުމުގެ މަސައްކަތަށެވެ.

އޭރު އޭނާގެ ބައްޕަ ވަޒީފާ އަދާކުރަނީ ސްރީ ލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހި އެމްބަސީގަ އެވެ. އެންމެފަހުން ބައްޕަ ގާތު ކިޔައިގެން ކިޔަވަން ލަންކާ އަށް ބަދަލުވި ހިސާބުން އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސަން ވަގުތު ލިބެން ފެށި އެވެ. ސްކޫލްގެ ކިޔެވުމަށް ވުރެ އޭނާ ޝައުގުވެރިވީ ހަފުތާ ބަންދުގައި އޭނާގެ ބައްޕަ އޭނާ ފޮނުވި ހުނަރުގެ ކްރޭޝް ކޯސްތަކަށެވެ.

"ހަފުތާ ބަންދުގައި މި ދަނީ ކޭކު ކޯހަކަށް. ކައްކާ ކޯހަކަށް. މާޖަހާ ކޯހަކަށް. ފަހާ ކޯހަކަށް. ދެން ބައްޕަ ހޯއްދަވައި ދެއްވާނެ ކޭކު އަޅަން ބޭނުންވާ ސާމާނާއި އެކި އެއްޗެހިތައް،" ނަޝީދާ ކިޔައިދިނެވެ.

"ދެން ކޮންމެ ހަފުތާއަކު ބުނުއްވާނެ ކޭކެއް އަޅައިދޭށޭ. އެ ކޭކު އަޅައިދިނީމަ ބައްޕަ އެ ކޭކު ހިފައިގެން ދާނީ ރައްޓެހިންނަށް ދެއްވަން."

ނަމަވެސް ދިރިއުޅުމުގެ މި ތަރުތީބު ނަޝީދާގެ ހަޔާތުގައި އެހެން ގޮތަކަށް އެނބުރެން ފެށީ ކެންސަރު ބަލީގައި ބައްޕަ ދުނިޔެއަޅައިދިއުމުންނެވެ. އޭރު އަދި ނަޝީދާ އަށް 18 އަހަރު ވެސް ނުވެ އެވެ. ނަމަވެސް ވަކިވެ ދިއުމުގެ ކުރިން އެ ބައްޕަ ނަޝީދާ އަށް ދިން ނަސޭހަތުގައި އޭނާ އެހެރީ މިއަދު ވެސް ހިފަހައްޓައިގެންނެވެ.

"ކޮންމެ ދުވަހަކު އައިސް ބުނުއްވާނެ ދަރިފުޅާއޭ، މީހަކަށް ވައްޗޭ. މީހުން ކައިރިން އާދޭސްކޮށްގެން ކަންކަން ކުރަން ނޫޅެއްޗޭ. އަމިއްލަ ދެ ފައި މައްޗަށް ތެދުވައްޗޭ،" ނަޝީދާ ކިޔައިދިނެވެ.

"މިއީ ބައްޕަ އޭރު އަބަދުވެސް ކޮންމެ ދުވަހަކު އަހަންނަށް ދިން ނަސޭހަތަކީ."

"ތިމަންނަ މިހާރު ދަރިފުޅަށް ބައިވަރު މަސައްކަތްތައް ދަސްކޮށްދީފީމެއް ނޫންހޭ. މިތަނުން ކޮންމެވެސް އެއް މަސައްކަތެއް ނަގައިގެން ލައިފުގައި ކުރިއަށް ދައްޗޭ. އެއީ ބައްޕަގެ ނަސޭހަތަކީ."

"ބައްޕަ ފަހުން ކެންސަރުގައި އަޑުފޮށި ނަގާފައި ހުރީމަ ވާހަކަ ވެސް ނުދެއްކޭނެ. އެކަމަކު ކަރުދާސް ގަނޑެއްގައި ލިޔެގެން ވެސް އަބަދުވެސް ދިން ނަސޭހަތަކީ ދަރިފުޅާއޭ އަމިއްލަ ފައި މައްޗަށް ތެދުވައްޗޭ. އެހެންވީމަ އަހަރެންގެ ބޮލު ތެރޭގައި އަބަދުވެސް ބައްޕަގެ އެ ނަސޭހަތް ހަރުލާފައި ހުރީ."

ނަޝީދާ (މ) ބައިވެރިވި ބައިނަލްއަގުވާމީ މުބާރާތެއްގައި ސެޓްފިކެޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

ލަންކާ އިން މާލެ ބަދަލުވެ ބައްޕައާ ވަކިވެ ދިއުމުގެ ހިތާމާގައި އުޅެމުން ނަޝީދާ އަށް ޖެހުނީ އޭނާގެ ދިރިއުޅުން އަމިއްލަ އަށް ކޮޅަށް ޖަހާށެވެ. އަމީނިއްޔާ ސްކޫލުން ޖާގަ ހަމަނުޖެހި އުމުރުގެ ދުވަސްތައް ގެއްލެން ފެށުމުން އޭނާ ދާން ފެށީ ޓައިޕިން ދަސްކުރާ ކްލާހަކާއި އިނގިރޭސި ބަހުގެ ކްލާހަކަށެވެ.

ދިރިއުޅުން ދެކޮޅުޖައްސަން އޭނާ އެންމެ ފުރަތަމަ ހެދީ ޑޯނަޓެވެ. މާލޭގެ ހޮޓާތަކުގައި އެ ދުވަސްކޮޅު އޭނާގެ ޑޯނަޓް މަގްބޫލުވެ ވައިގައި ހިފުމުން ދުވާލަކަށް އޭނާ އަށް 25ރ. ގެ އާމްދަނީއެއް ލިބެން ފެށި އެވެ. ނަމަވެސް އަހަރެއްހާ ދުވަސް ފަހު ޓައިޕިން އާއި އިނގިރޭސި ބަހަށް ތަމްރީނުވެގެން ޕޯސްޓް އޮފީހުގެ ވަޒީފާއަކަށް ދާން ފެށި ހިސާބުން ޑޯނަޓް ހެދުން ހުއްޓާލީ އެވެ.

އަދި އޭގެ ފަހުން ޒަވާޖީ ހަޔާތެއް ފަށައިގެން ޕޯސްޓް އޮފީހުގެ ވަޒީފާ އަށް ދިއުން ހުއްޓާލައި ގޭގައި ދަރިފުޅު ބަލަން މަޑުކުރަން ޖެހުނެވެ.

"އެކަމަކު އަހަރެންނަކީ އަބަދުވެސް ކޮންމެވެސް ކަހަލަ މަސައްކަތެއް ކޮށްލަކޮށްލަ ހުންނަން ބޭނުންވާ ކަހަލަ މީހެއް. ދެން އަހަރެންގެ ދަރިފުޅު ބަލަން ގެނައި ކުއްޖަކާ ދެ މީހުންވެގެން ހަދަން ފެށީ ކަޕްކޭކްސް. ކަޕްކޭޕް ހަދައިގެން މާލޭގެ ހޮޓާތަކަށް ލަމުން އަހަރެން ދިޔައީ،" ނަޝީދާ ބުންޏެވެ.

"ފުރަތަމަ ދުވާލެއްގެ މައްޗަށް 100 ކޭކު ފިހުނީ. ކަޕްކޭކްސް. ދެން އޭގެ ޑިމާންޑް ބޮޑުވަމުން ގޮސް ދުވާލެއްގެ މައްޗަށް 500 ކޭކަށް ބަދަލުވީ. ރުފިޔާ އަކަށް ކޭކެއް އޭރު އަހަރެން ވިއްކަނީ."

އެ ފޯރީގައި އޭނާ މިލްކް ޓޮފީ މެޓާ ވެސް ހަދައިގެން ވިއްކި އެވެ. އެކަމަކު ކަޕްކޭކްގެ ވިޔަފާރި ސަޅިކަމުން އެހެން ބަޔަކު އޭގެ ތެރެއަށް ވަދެ ކަޕްކޭކެއް ބައި ރުފިޔާއަށް ވިއްކަން ފަށައިފި އެވެ.

"ދެން އަގު ވެއްޓުނީއެއްނުން. ދެން އެހިސާބުން ހުއްޓާލީ އަޅުގަނޑު އެ މަސައްކަތް،" ނަޝީދާ ކިޔައިދިނެވެ.

"ހުއްޓާލާއި ދެން އަޅުގަނޑު ނޫހުގައި އިޝްތިހާރު ޖެހީ، ބާތުޑޭ އަށް ކޭކު އަޅައިދެމޭ ކިޔާފައި. ޖެހީމަ ދެން ހަފުތާއަކު ކޭކެއް ވަރު ލިބޭ އެންމެ ފުރަތަމަ."

"އެކަމަކު ސާމާނުތަކެއް ނެތް ކޭކު ތައްޔާރުކުރަން ބޭނުންވާ. ދެން، ހުރި އެއްޗެހިތަކެއް ބޭނުންކޮށްގެން ދަރު އުނދުނުގައި ވެސް ކޭކު ފިހުނިން. ހެނދުނު މަސައްކަތް ފަށާ ގޮތަށް ބައެއް ރޭރޭ ދަންވަރު އެކެއް ދޭއް ތިނެއް ޖަހަން ދެން ވެސް އަހަރެމެން ދެ މީހުން ތިބެމޭ މަސައްކަތްކުރަން."

ނަޝީ ކޭކްސްގައި ނަޝީދާ ކުޑަކުދިންނަށް ހާއްސަ އިވެންޓެއްގައި ބައިވެރިވަނީ.

ކޭކު އަޅައިގެން ވިއްކަމުން ދިޔައިރު އަގަށް ފަހައިދިނުމާއި ޖަރީކުރުމާއި ފޮތިން މައު ހަދައިގެން ވިއްކުމުގެ ކަވި އެހެން މަސައްކަތްތަކުން ވެސް އޭނާ އަށް އިތުރު އާމްދަނީއެއް އޭރު ލިބެ އެވެ. ނަމަވެސް ކޭކުގެ ވިޔަފާރި ސަޅިވާން ފެށުމުން އެކަމަށް ހުސްވީ އެވެ.

އެއަށް ފަހު އޭނާގެ އެ ކުޑަކުޑަ ވިޔަފާރީގެ ރަހަ ހެޔޮވަރުކޮށްލުމުގެ ފުރުސަތު ލިބުނީ ބަލިވެގެން ލަންކާ އަށް ކުރި ދަތުރެއްގައި މީހަކު އޭނާ އަށް ދިން ކެޓަލޮގަކުންނެވެ.

"އެއީ ކޭކްގެ މަސައްކަތަށް ބޭނުންކުރާ އެންމެ މަޝްހޫރު ސާމާނުތައް އުފައްދާ މަޝްހޫރު ވިލްޓަން ބްރޭންޑްގެ ކެޓަލޮގެއް. ދެން އެ ކެޓަލޮގް ހިފައިގެން މާލެ އައިސް ފިރިމީހާ އަތުން 500 ޑޮލަރު ހޯދައިގެން އޯޑަރު ކުރީ ކޭކު އަޅާ ސާމާނަށް،" ނަޝީދާ ކިޔައިދިނެވެ.

"ދެން މިވަރަށް ތައްޔާރުވެވުނީމަ ގޭގައި ކޭކު ފިހެދެމޭ ކިޔާފައި އަނެއްކާވެސް އިޝްތިހާރެއް ޖަހައިފިން. މިފަހަރު އިޝްތިހާރު ދެއްކީ ވެސް ޓީވީން."

"ދެން އެ އިޝްތިހާރު ޖަހައިގެން މީހުންނަށް ކޭކުތައް ރީތިވެގެން ރާސްލާފައި އަންނަން ފަށައިފި ބައިވަރު މީހުން. ދެން އޯޑަރުތަކާ އެކު ވަރަށް ބިޒީވެއްޖެ."

އެހިސާބުން ފެށި ގޮތަށް ގާތްގަނޑަކަށް 10 އަހަރު ވަންދެން އޭނާ ކޮންމެ ދުވަހަކު ހެނދުނުން ފަށައިގެން ފަތިސް ވަންދެން އާންމުކޮށް މަސައްކަތްކުރި އެވެ. ކަސްޓަމަރުން ދިން "ނަޝީ ކޭކްސް"ގެ ނަމުގައި އެންމެފަހުން ބްރޭންޑެއް ރަޖިސްޓްރީވީ އެ ވަރުބަލިކަމަށް ފަހު އެވެ.

"ހިއެއް ވެސް ނުކުރަން ކޭކު މިގޮތަށް ވިޔަފާރިއަކަށް ބަދަލުވެދާނެ ކަމަކަށް،" ނަޝީދާ ބުނެލި އެވެ.

މިއަދު އޭނާގެ އެ ކާމިޔާބު ބްރޭންޑަށް 39 އަހަރެވެ.

ގޭގެ ކުޑަ ބަދިގޭގައި 10 އަހަރު ވަންދެން ކޭކު ގިރައި، ފިހެ، ވިއްކުމަށް ފަހު ނަޝީދާ ދެން ބޭނުންވީ އެ ދާއިރާއިން އިތުރަށް ތަމްރީނު ހޯދާށެވެ. އެހިސާބުން އަނެއްކާވެސް އިޝްތިހާރެއް ޖަހާލުމާ އެކު ވަރަށް ބައިވަރު މީހުން ގޭދޮށަށް އެއްވެއްޖެ އެވެ. އެކަމަކު މިފަހަރު ކޭކު ގަންނާކަށް ނޫނެވެ. ނަޝީދާ ކޭކު ފިހާ ގޮތަށް ކޭކު ފިހަން ދަސްކުރާށެވެ.

ނަޝީ ކޭކްސްގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ބަޓާ ކޭކްތަކެއް.

"ދެން ކޯހުން ލިބުނު ލާރި ސޭވްކުރަމުން ދިޔައީ. ސޭވްކޮށްގެން އަޅުގަނޑު ބޭނުންވީ ކިޔަވަން ރާއްޖެއިން ބޭރަށް ދާން. ފުރަތަމަ ދިޔައީ ލަންކާ އަށް،" ނަޝީދާ ކިޔައިދިނެވެ.

"ދެން އެތަނުން އެޑްވާންސް ކޯހެއް ފުރިހަމަކޮށްގެން މާލެ އައިސް އަނެއްކާވެސް އިތުރު ކޯސްތަކެއް ހިންގާފައި ލާރި އެއްކޮށްލައިގެން ދިޔައީ ކިޔަވަން އޮސްޓްރޭލިއާ އަށް."

"ދެން އަނެއްކާވެސް އެނބުރި އައިސް ކޯސްތަކެއް ހިންގާފައި ލާރި އެއްކޮށް އަނެއް ގައުމަކަށް. އަނެއްކާ އަނެއް ގައުމަކަށް. އެގޮތަށް ކިޔަވަމުން ދިޔައީ."

ނަޝީ ކޭކްސްގެ މަޝްހޫރު ބަޓަ ކޭކުގެ ރަހައާ އޭނާއާ ބައްދަލުވީ ކިޔަވައި އުނގެނުމުގެ މި ސިލްސިލާގެ ތެރެއިން ސިންގަޕޫރަށް ކުރި ދަތުރެއްގަ އެވެ.

"އަޅުގަނޑު ދިޔައީ ކިޔަވަން ސިންގަޕޫރުގެ ކޮންކޯޑް ހޮޓެލް އަށް އެއް މަސް ދުވަހުގެ ޕީއެޗްޑީގެ ޓްރެއިނިން އަކަށް. އެތަނަށް ގޮސް ޕޭސްޓްރީ ޑިޕާޓްމަންޓްގައި މަސައްކަތްކުރަނިކޮށް އެތަނުގެ ސީނިއާ ޝެފަކު އަޅުގަނޑަށް ތައާރަފްކޮށްދެނީ ހޮޓެލް އޭޝިއާ އެގްޒިބިޝަން،" ނަޝީދާ ކިޔައިދިނެވެ.

"ދެން ޖެހިގެން އައި އަހަރު އަހަރެން އޭގައި ބައިވެރިވީ. އެއީ އަހަރެންގެ ފުރަތަމަ މުބާރާތް. އަހަރެން ހަނދާން އެބަހުރި، އެ މުބާރާތުގައި ބައިވެރިވެގެން ހޯލްތެރެއަށް ވަނީމަ ވެސް މީހާ ތުރުތުރުއަޅައިގެން ގޮސް ހާސްވެގެން ވާނުވާ ނޭނގިފައި ހުރީ."

"ތުރުތުރުއަޅާ ވަރުން އެއްޗެހިތައް އަޅުގަނޑު އަތުން ބިންދައިގެން ވެސް ދިޔަ މަސައްކަތްކުރަމުންދިޔައިރު."

އެކަމަކު އެވަރުން ވެސް އޭނާ ދެވަނަ ހާސިލުކުރި އެވެ.

"އެއްކަލަ ސިންގަޕޫރުގެ ސީނިއާ ޝެފަށް ލިބުނީ ތިންވަނަ. މި ސިންގަޕޫރު ޝެފް ދިން ރެސިޕީއަކަށް ބިނާކޮށް އަހަރެން ބޭނުންވާ ރަހަތަކަށް ބަދަލު ގެނެސްގެން އެކްސްޕެރިމަންޓް ކުރި ބަޓަ ކޭކެއް މިހާރު މިތަނުން މި ވިއްކަނީ."

ނަޝީދާ އެހެން ބުނިއިރު ބަޓަ ކޭކްގެ އެ ފޮތި އަނގަޔަށް ވިރި ހުސްވެއްޖެ އެވެ. އޭނާގެ ރެސިޕީގެ ޖާދޫގައި ނުޖެހޭ މީހަކު މިއަދު ނެތެވެ. ދިވެހިންގެ އިތުރުން ރާއްޖޭގައި އުޅޭ އިންޑިއާ އާއި ލަންކާ މީހުންގެ މެދުގައި ވެސް އެންމެ މަގްބޫލު ބަޓަ ކޭކަކީ މި އެވެ. އޭގެ ތެރެއިން ބައެއް މީހުން އެނބުރި ގައުމަށް ދާއިރު ވެސް 'ނަޝީގެ ބަޓަ ކޭކު' ގެންދާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ނަޝީދާގެ އެންމެ ބޮޑު އުފަލަކީ އެއެއް ނޫނެވެ. ބައްޕަ ދެއްވި ނަސޭހަތުގައި ހިފަހައްޓައިގެން ކުރިއަށް ގޮސް އަމިއްލަ ފައި މައްޗަށް ތެދުވުމެވެ. ހަޔާތެއްގައި ކާމިޔާބުވުމަށް އެއަށް ވުރެ ވަކި މޮޅު ރެސިޕީއެއް އޮންނާނެ ހެއްޔެވެ؟

ނަޝީ ކޭކްސްގެ ކާމިޔާބީގެ ސިއްރު އެހެންވީމަ ވަރަށް ވެސް ކުރުވެފައި، ވަރަށް ވެސް ފޮންޏެވެ.

ކޮމެންޓް (1)

އައިޝާ

27 ނޮވެމްބަރު 2022
ނަޝީ އަކީ ވ ސަޅި މީހެއް ވ ކިޔާދޭ އަދިވެސް ވ ދާހިތްވޭ ދަސްކުރަން
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް