Majlis 2024

ހުސްވި އޭޕްރިލް މަހު އުރުދުގާން ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ވަލީއަހުދު ސަލްމާން އާއި ބައްދަލުކުރައްވަނީ (ފޮޓޯ/ އޭއެފްޕީ)

ސައުދީ ވަލީއަހުދު މުހަންމަދު ތުރުކީއަށް ވަޑައިގަންނަވަނީ

ކަޝޯގީގެ ގަތުލާ ގުޅިގެން ހީނަރުވި ސައުދީ-ތުރުކީ ގުޅުން މިހާރު ދަނީ ރަނގަޅުވަމުން

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހަންމަދު ބިން ސަލްމާން އަންނަ ހަފްތާގައި ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށް ތުރުކީގެ ރައީސް ތައްޔިޕް އުރުދުގާން އިއުލާނު ކުރައްވައިފި އެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ސައުދީއާއި ތުރުކީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އަންނަ ބުދަ ދުވަހު ވަލީއަހުދު މުހަންމަދު ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އުރުދުގާން އިއްޔެ އިއުލާނުކުރެއްވި މި ދަތުރުފުޅަކީ 2018 ވަނަ އަހަރު ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ޖަމާލް ކަޝޯގީ މަރާލި ފަހުން ވަލީއަހަދު މުހަންމަދު އެގައުމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ފާޅުގައި ސައުދީ އަރަބިއްޔާއަށް ފާޑުވިދާޅުވަމުން ގެންދެވި ކަޝޯގީގެ ގަތުލާ ގުޅިގެން މުޅި ދުނިޔެ ސިހިގެން ދިޔައިރު، ސަރަހައްދީ މި ދެ ގައުމުގެ ގުޅުމަށް ވެސް ބޮޑު ހީނަރުކަމެއް އަ އެވެ.

"ބުދަ ދުވަހު ވަލީއަހުދު ވަޑައިގަންނަވާނެ. އަހަރުމެން އޭނާއަށް މަރުހަބާ ދަންނަވާނަން،" ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ރައީސް އުރުދުގާން ވިދާޅުވި އެވެ.

އަދި މިދަތުރުފުޅާ ބެހޭ ގޮތުން އިތުރު މައުލޫމާތުތައް ސައުދީ އަރަބިއްޔާއިން ހާމަކުރާނޭ ކަމަށް އޭއެފްޕީ ނޫހަށް މައުލޫމާތު ދެއްވަމުން ތުރުކީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިގްތިސާދު އަޑިއަޅާލާ، މާލީ އެހީތެރިކަން ތުރުކީން ހޯދަމުންދާ ދުވަސްވަރެއްގައި ވަލީ އަހަދު މުހަންމަދު ތުރުކީއަށް ކުރައްވާ މިދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އުރުދުގާން ވަނީ ހުސްވި އޭޕްރިލް މަހު ފަހުކޮޅު މައްކާއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ވެސް މުހަންމަދާއި ސައުދީގައި ބައްދަލުކުރައްވައިފަ އެވެ.

ކަޝޯގީގެ ގަތުލާ ގުޅިގެން ސައުދީ އަރަބިއްޔާއިން ރުޅިއައީ މިމައްސަލަ ބެލުމަށް ތަހްގީގެއް ފަށައި ބައިނަލްއަގްވާމީ މީޑީއާއާ ތަފްސީލުތައް ހިއްސާ ކުރުމުން ނެވެ.

އަދި ކަޝޯގީ ގަތުލުކުރުމަށް އަމުރުކުރައްވާފައި ވަނީ ސައުދީ ސަރުކާރުގެ "އެންމެ މަތީ ފެންވަރުން" ކަމަށް އޭރު ރައީސް އުރުދުގާން ވިދާޅުވި ނަމަވެސް، އެއީ ވަލީއަހުދު މުހަންމަދުކަމެއް އުރުދުގާން އެއްފަހަރު ވެސް ސީދާ ތުހުމަތު ކުރައްވާފައެއް ނުވެ އެވެ.

އިސްތަންބޫލްގެ ކޯޓެއްގައި ކުރިއަށް ދިޔަ މި މައްސަލަ ތުރުކީން ވަނީ ހުއްޓުމަކަށް ގެނެސް، ހުސްވި އޭޕްރިލް މަހު ސައުދީއާ ހަވާލުކޮށްފަ އެވެ.

ކަޝޯގީގެ ހާދިސާގެ ކުރިން ސައުދީ އަރަބިއްޔާ އާއި ގަތަރާ ޖެހުނު މައްސަލަގަނޑުގައި ތުރުކީން ގަތަރުގެ ފަޅި އިހުތިޔާރު ކުރުމުން ވެސް މި ދެ ގައުމުގެ މެދުގައި އޮތް ގުޅުން އޭރު އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެސަބަބާ ހެދި ސައުދީ ސަރުކާރުން ވަނީ ތުރުކީގެ އިމްޕޯޓުތަކަށް ހުރަސް އަޅައި ތުރުކީގެ އިގްތިސާދަށް ޕްރެޝަރުތަކެއް ކުރިމަތިކުރުވާފަ އެވެ.

ނަމަވެސް ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހު ތުރުކީގެ އިގްތިސާދު އިންތިހާ ދަށަށް ގޮސް، އިންފްލޭޝަންގެ  ނިސްބަތް %73.5 އަށް މިދިޔަ މަހު އަރާފައިވާ އިރު، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ރައީސް އުރުދުގާންއަށް ގަލްފު ގައުމުތަކުގައި ތާއީދު ބޭނުންވާނޭ ކަމަށް ބައެއް މާހިރުން ދެކެވަޑައިގަންނަވަ އެވެ.

އަންނަ މަހު އެމެރިކާގެ ރައީސް ބައިޑަން ސައުދީ އަރަބިއްޔާއަށް ވަޑައިންނަވާކަން އިއުލާނު ކުރައްވާފައިވާ އިރު، މިއީ ކަޝޯގީގެ ގަތުލާ ގުޅިގެން ހީނަރުވި ސައުދީ-ހުޅަނގުގެ ގުޅުން ވެސް ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެއް ކަމަށް ވަނީ ބެލެވިފަ އެވެ.

އަދި ފަރަންސޭސިވިލާތުގެ ރައީސް މެކޯން ވެސް ވަނީ މިދިޔަ ޑިސެމްބަރު މަހު ސައުދީ އަރަބިއްޔާއަށް ދަތުރުފުލެއް ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް