މެންޗެސްޓަ ސިޓީއަށް އާލިން ހާލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ވެސްޓް ހެމް ކޮޅަށް ޕެނެލްޓީއަކުން ލަނޑު ޖަހަނީ

ޕްރެމިއަ ލީގު

ހާލޭންޑް ތަފާތު ދައްކައިފި، ފުރަތަމަ މެޗުގައި ވެސް ދެ ލަނޑު

ކޯޗު ގާޑިއޯލާ ބޭނުންވާ ނަތީޖާ ފުރަތަމަ ފެނިލުމުން ވެސް ޒުވާން ފޯވަޑް ނެރެދީފި
7 އޯގަސްޓު 2022

އިނގިރޭސި ޕްރެމިއަ ލީގުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީއަށް ގެނައި ނޯވޭގެ ޒުވާން ފޯވަޑް،  އާލިން ހާލޭންޑް އާ ލީގުގައި ސިޓީ މިރޭ ކުޅުނު ފުރަތަމަ މެޗުން ވެސްޓް ހެމް ބަލިކުރަން ދެ ލަނޑު ވެސް ޖަހައިދީފި އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން ބޮޑު އަގެއްގައި ގެންދިޔަ 22 އަހަރުގެ ބިޔަ ފޯވަޑް ސިޓީގެ ސީޒަން ފެށުން ހަމަޔަކަށް އަޅުވާލަދިނީ 36 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުންނާއި 65 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ. ސިޓީއަށް ކުޅުނު ރަސްމީ ފުރަތަމަ މެޗުގައި ގޯލާ ރައްޓެހިކަން އޭނާ ސާބިތުކޮށްދިނުމަކީ، އެހެން ޓީމުތަކަށް އޮތް ބިރެއް ކަމަށް ވެސް ބެލެވެ އެވެ.

ވެސްޓް ހެމްގެ ދަނޑުގައި ކުޅުނު މެޗުގައި ޕެޕް ގާޑިއޯލާގެ ސިޓީން ދެއްކީ ލީގު ތަށި ދިފާއުކުރެވިދާނެ ފެންވަރެވެ. މެޗުގެ ގިނަ ވަގުތު ވެސްޓް ހެމްގެ ކުޅުންތެރިން އުޅެން ޖެހުނީ ބޯޅަ އަތުނުވެގެންނެވެ.

ފުރަތަމަ މެޗުގައި ހާލޭންޑް ދެއްކި ކުޅުމަކީ ގާޑިއޯލާ އުއްމީދުކުރި ފެންވަރު ކަމަށް ބެލިދާނެ އެވެ. ސެންޓަ ފޯވަޑެއް ނެތި ސިޓީން މިދިއަ ދެ ސީޒަންގެ ޗެމްޕިއަންކަން ހޯދައި، މި ފަހަރު އެ ވާޖިބު އަދާކުރެވޭ ފެންވަރުގެ ސެންޓަ ފޯވަޑެއް ޓީމަށް ގެނައި ބޭނުން ފުދޭނެކަމާ މެދު، ތަޖުރިބާކާރުން ވެސް ޝައްކެއް ނުކުރެ އެވެ.

ޕްރެމިއަ ލީގުގެ ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ސީޒަންގައި މަދުވެގެން 30 ލަނޑު ޖެހޭ ފެންވަރު ހާލޭންޑްގެ އެބަ ހުއްޓެވެ. އަދި އޭނާއަށް ބޭނުންވާ ބޯޅަތައް ދޭނެ މޮޅު އެތައް ކުޅުންތެރިން ސިޓީގައި އެބަ ތިބި ކަމަށް ވެސް، އެ ތަޖުރިބާކާރުން ބުނެ އެވެ.

ހާލޭންޑްގެ އެހީތެރިކަމާ އާ ލީގުގެ ފެށުން ރަނގަޅުކޮށް، ސިޓީން މިހާރު އެވަނީ ހަމަޖެހުމެއް ހޯދައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް