އެމެރިކާގެ ޑެލަވެއާގެ ވިލްމިންގްޓަންގައި ހުންނަ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ގެ ބަލައި ފާސްކުރި. (ފޮޓޯ/ އޭޕީ)

އެމެރިކާ

ބައިޑެންގެ ގެއިން އިތުރު 6 ސިއްރު ލިޔުން ހޯދައިފި

އެމެރިކާގެ ޑެލަވެއާގެ ވިލްމިންގްޓަންގައި ހުންނަ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ގެ އަލަށް ބަލައި ފާސްކުރި އިރު އިތުރު ހަ ސިއްރު ލިޔުމެއް އެމެރިކާގެ އޮފިޝަލުން ހޯދާފައިވާ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެއީ ޑެލަވެއާގެ ފަރާތުން 1973 އިން 2009އަށް ބައިޑަން ސެނެޓްގައި ވަކާލާތުކުރެއްވި އިރުގެ ލިޔުންތަކެއް ކަމަށް އޭނާގެ އަމިއްލަ ވަކީލް ބޮބް ބައުއާ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. އޭގެ އިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު، 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ލިބިވަޑައިގެންނެވި ލިޔުންތައް ވެސް ހިމެނޭ ކަމަށް ބައުއާ ވިދާޅުވި އެވެ.

އެ ލިޔުންތަކުގެ ފެންވަރާއި ސިއްރުކޮށްފައިވާ ބައިތަކެއް އަދި ސާފެއް ނުވެ އެވެ.

މިދިޔަ ހުކުރު ދުވަހު ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ)ގެ އޮފިޝަލުން ހިންގި މި އޮޕަރޭޝަން 13 ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދެމިގެން ދިޔަ ކަމަށް ބައުއާ ވިދާޅުވި އެވެ. ބައިޑަންގެ ގެ ބަލައި ފާސްކޮށްފައި މި ވަނީ ނައިބު ރައީސްކަމުގައި ހުންނެވި ދުވަސްވަރު ރައީސްގެ ގޭގެ ލައިބްރަރީން ސިއްރު ލިޔުންތަކެއް ފެނުނުތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުން އަދި ވޮޝިންޓަން ޑީސީގެ ޕެން ބައިޑަން ސެންޓަރުގައި ހުންނަ އޭނާގެ ކުރީގެ އޮފީސްތަކުން ސިއްރު ރެކޯޑްތަކެއް ފެނުނުތާ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ފަހުންނެވެ.

އެ ލިޔުންތައް ފެނުނީ "އެ ތަނުގައި އެއްވެސް އެއްޗެއް ނެތް" ކަމަށް ބައިޑަން ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

އެއާ އެކު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ސިއްރު ލިޔުންތަކާއި ރަސްމީ ރެކޯޑްތައް ގެންދެވި ކަމަށް ބުނެ ޑީއޯޖޭ އިން ކުރިއަށް ގެންދާ ތަހުގީގަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ރައީސްގެ ގެއަށް ވަނުމުގެ ހުއްދަ ބައިޑަން ދެއްވީ އޭނާ ނައިބު ރައީސް ކަމުގައި ހުންނެވި އިރުގެ ރެކޯޑްތައް ހޯދުމަށް މުޅި ތަން ބަލައި ފާސްކުރުމުގެ ހުއްދައަކަށް ޑީއޯޖޭ އިން އެދުމުންނެވެ.

އެ ތަން ބަލައި ފާސްކުރި އިރު ބައިޑަން އާއި އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ހަފުތާ ބަންދުގައި އެ ދެކަނބަލުން ތިއްބެވީ ޑެލަވެއާގެ ރެހޯބޮތު ބީޗުގަ އެވެ.

ބައިޑަންގެ އަމިއްލަ ވަކީލުން މީގެ ކުރިން ވަނީ ރެހޯބޮތު ބީޗުގައި ހުންނަ ގެ ބަލައި ފާސްކޮށް ރަސްމީ އެއްވެސް ލިޔެކިޔުމެއް ނުވަތަ ސިއްރު ރެކޯޑެއް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ.

ބައުއާ ވިދާޅުވީ ހުކުރު ދުވަހު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ވައިޓް ހައުސް އިން އެއްވެސް އެއްޗެއް ނުބުނުމަށް ޑީއޯޖޭ އިން އެދުނު ކަމަށާއި އެ ތަނުގައި ބައިޑަންގެ އަމިއްލަ ވަކީލުންނާއި ވައިޓް ހައުސްގެ ވަކީލުން ވެސް ތިއްބެވި ކަމަށެވެ. އަދި ރައީސްގެ ގެއަށް ޑީއޯޖޭއަށް ފުރިހަމައަށް ވަދެވޭ ކަމަށާއި އޭގެ ތެރޭގައި އަމިއްލައަށް ލިޔުއްވާފައިވާ ނޯޓުތަކާއި ފައިލްތަކާއި ކަރުދާސްތަކާއި ހަނދާނީ ލިޔުންތަކާއި ޓު-ޑޫ ލިސްޓުތަކާއި ޝެޑިއުލްތަކާއި އެތައް ޒަމާނެއް ކުރީގެ ލިޔުންތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއޯޖޭ އިން ބުނީ ތަހުގީގުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވޭ ތަކެތި ހޯދާފައިވާ ކަމަށާއި އޭގެ ތެރޭގައި ކްލެސިފިކޭޝަން މާކިން އާއި އެފަދަ ތަކެތި ހިމެނޭ ހަ ލިއުމެއް އޮތް ކަމަށެވެ. އޭގެ ތެރެއިން ބައެއް ތަކެއްޗަކީ ބައިޑަން މަޖިލީހުގައި އުޅުއްވި ދުވަސްވަރުގެ ތަކެތި ކަމަށާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ ތަކެތި ވެސް ހިމެނޭ ކަމަށް އެ ތަނުން ބުންޏެވެ.

ނައިބު ރައީސްގެ ހައިސިއްޔަތުން ބައިޑަން އަމިއްލައަށް ލިޔުއްވާފައިވާ ބައެއް ނޯޓްތައް ވެސް ޑީއޯޖޭ އިން ނަގާފައިވާ އެ ތަނުން ބުންޏެވެ.

ބުރާސްފަތި ދުވަހު ބައިޑަން ވިދާޅުވީ، މިޑްޓާމް އިންތިހާބުގެ ކުރިން އޭނާގެ ކުރީގެ އޮފީހުން ސިއްރު ލިޔުންތަކެއް ފެނުނުކަން އާންމުކޮށް ހާމަނުކުރުމުން ހިތާމަނުކުރައްވާ ކަމަށާއި އެ މައްސަލަ ހައްލުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް