އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ސައުތު އެންޑް ސެންޓްރަލް އެެފެއާޒް ޑޮނާލްޑް ލޫ (ވ) 16 ސެޕްޓެމްބަރު 2021ގައި މަގާމުގެ ހުވާކުރައްވަނީ: އޭނާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ. (ފޮޓޯ/ސްޓޭޓް ޑިޕާޓްމަންޓް)

ރާއްޖެ-އެމެރިކާ

އެމެރިކާގެ ހާރިޖިއްޔާގެ އިސް ވެރިއަކު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ސައުތު އެންޑް ސެންޓްރަލް އެެފެއާޒް ޑޮނާލްޑް ލޫ ރާއްޖެއަށް ކުރައްވާ ދަތުރުގައި ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ
14 ނޮވެމްބަރު 2021

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ސައުތު އެންޑް ސެންޓްރަލް އެެފެއާޒް ޑޮނާލްޑް ލޫ މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ބުނީ ކީކޭ؟ - މިދިޔަ ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، މާދަމާ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ލޫ ރާއްޖެއަށް ކުރައްވާ ދަތުރުގައި:

  • ފޮރިން މިނިސްޓްރީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާ ބައްދަލުކުރައްވާނެ

  • ސަރުކާރުގެ އިސް ވެރިންނާ އެކު މަޝްވަރާތައް ކުރައްވާނެ

  • އަމިއްލަ ޖަމިއްޔާތަކާ ވެސް ބައްދަލުކުރައްވާނެ

އެނގުން މުހިންމު - މީގެ ކުރިން، މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެއީ، 1992ގައި އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު އެމެރިކާގެ ހާރިޖީ ވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެއަށް ކުރެއްވި ދަތުރުގައި 28 އޮކްޓޯބަރު 2020ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގުޅުންހުރި ކަމެއް - އެމެރިކާ އިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އެލެއިނާ ޓެޕްލިިޒްގެ ސަފީރުކަމުގެ ދައުރު މިދިޔަ މަހަށް ހަމަވުމުން އޭނާ ވަނީ އެނބުރި އެމެރިކާއަށް ވަޑައިގަންނަވާފަ އެވެ. ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، މިހާތަނަށް ރާއްޖެ އާއި އެމެރިކާގެ ގުޅުން ވިލަރެސްކޮށްފައި ވަނީ ލަންކާގައި ހުންނަ އެމްބަސީންނެވެ.

ރާއްޖެ-އެމެރިކާގެ ގުޅުން:

  • ހާރިޖީ ގުޅުން ގާއިމްކުރީ 1966ގައި

  • ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖެނުއަރީ 2019ގައި އެމެރިކާއަށް ކުރެއްވި ދަތުރުގައި، އިގްތިސާދީ އެހީގެ ގޮތުގައި 10 މިލިއަން ޑޮލަރު (154.5 މިލިއަން ރުފިޔާ) ރާއްޖެއަށް ދޭނެކަން އެމެރިކާ އިން އިއުލާނުކުރި

  • ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި މިހާތަނަށް 7 މިލިއަން ޑޮލަރު (108.2 މިލިއަން ރުފިޔާ)އަށް ވުރެ ބޮޑު އަދަދެއްގެ ހިލޭ އެހީ އެެެމެރިކާ އިން ރާއްޖެއަށް ދީފައިވޭ

  • އެމެރިކާ އިން ވަނީ 128،700 ޑޯޒް ފައިޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައި

  • 2018 އިން ފެށިގެން މިހާތަނަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް 10.8 މިލިއަން ޑޮލަރު (166.9 މިލިއަން ޑޮލަރު) އެމެރިކާ އިން ރާއްޖެއަށް ދީފައިވޭ

  • ރާއްޖޭން އެމެރިކާއަށް އެކްސްޕޯޓް ކުރާ ބައެއް ބާވަތްތަކުން ޑިއުޓީ ނުނަގަން އެެމެރިކާ އިން ވަނީ ނިންމާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް