ޝެރީން: 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ނޫސްވެރިއެއް. (ފޮޓޯ/އަލް-ޖަޒީރާ)

އިޒްރޭލް

އިޒްރޭލުން ފަލަސްތީނުގައި ބަޑިޖަހައި އަލް-ޖަޒީރާގެ ނޫސްވެރިއަކު މަރާލައިފި

އިޒްރޭލު ސިފައިން ވަނީ އަލް-ޖަޒީރާގެ އިތުރު ނޫސްވެރިއެއްގެ ގަޔަށް ވެސް ބަޑިޖަހައި ޒަހަމްކޮށްލާފައި

ހުޅަނގު އައްސޭރީގެ ޖެނިންއަށް އިޒްރޭލު ސިފައިން އަރައިގަނެ އެ ސަރަހައްދުގެ ތަންތަން ބަލައި ފާސްކުރަމުންދިޔަ މަންޒަރު ރިޕޯޓު ކުރަން ހުރި އަލް-ޖަޒީރާގެ ނޫސްވެރިޔާ ޝެރީން އަބޫ އަގުލެހުގެ ގަޔަށް އިޒްރޭލުގެ ސިފައިން ބަޑިހައި މަރާލައިފި އެވެ.

ގަތަރުގައި މައި އޮފީސް ހުންނަ އަލް-ޖަޒީރާއިން ނެރުނު ބަޔާނަކާ ހަވާލާދީ ބީބީސީން މިއަދު ބުނީ އެ ނެޓްވޯކްގެ ނޫސްވެރިޔާ ޝެރީން، 51،ގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހައި މަރާލީ އޭނާ ރިޕޯޓްކުރަން ހުއްޓާ ކަމަށާއި އިޒްރޭލު ސިފައިން އޭނާ މަރާލީ ގަސްތުގައި ކަމަށެވެ. އެ ތަނުން ބުނީ އެއީ ރަހުމެއް ނެތި މީހުން މެރުމުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އިޒްރޭލު ސިފައިން ވަނީ އަލް-ޖަޒީރާގެ އިތުރު ނޫސްވެރިއެއްގެ ގަޔަށް ވެސް ބަޑިޖަހައި ޒަހަމްކޮށްލައިފަ އެވެ.

އިޒްރޭލު ސިފައިން ބުނަނީ ގަސްތުގައި ނޫސްވެރިއަކު މަރަން ހަމަލާ ނުދޭ ކަމަށެވެ. އިޒްރޭލުން ބުނީ އެ ހަމަލާ ދެވުނީ ފަލަސްތީނުގެ ހަތިޔާރު އެޅި މީހުން ކަމަށް ހީކޮށް، ދެ ފަރާތުން ހަމަލާ ބަދަލުކުރުމުގެ ތެރޭގައި ކަމަށެވެ.

އިޒްރޭލުގެ ހާރިޖީ ވަޒީރު ޔާއިރު ލަޕިޑް ވިދާޅުވީ ޝެރީން މަރުވީތީ ހިތާމަ ކުރައްވާ ކަމަށާއި އެ މައްސަލައިގެ ތަހްގީގެއް ފަލަސްތީނާ އެކު ގުޅިގެން ހިންގުމަށް އިޒްރޭލުން ތައްޔާރަށް އޮތް ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ މައިދާނުގައި ވެސް ނޫސްވެރިންނަށް ހިމާޔަތް ލިބެން ޖެހޭނެ ކަމަށާއި ހަގީގަތް ހޯދަން ބޭނުންވާ ކަމަށެވެ.

ގަތަރުގެ އެސިސްޓެންޓް ފޮރިން މިނިސްޓަރު ލޮލްވާހު އަލް ހަތަރު ވިދާޅުވީ ޝެރީންގެ މޫނަށް އިޒްރޭލު ސިފައިން ބަޑިޖެހީ އޭނާ ޕްރެސް ޖެކެޓާއި ހެލްމެޓް އަޅައިގެން ހުއްޓާ ކަމަށެވެ.

ޝެރީންގެ ހަށިގަނޑު ޕްރެސް ޖެކެޓާ އެކު: އިޒްރޭލު ސިފައިން ބަޑިޖަހައި މަރާލީ ގަސްތުގައި. (ފޮޓޯ/ އަލް-ޖަޒީރާ)

ފަލްސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ޝެރީން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ. އެ މިނިސްޓްރީން ބުނީ އޭނާގެ ގަޔަށް ބަޑި ޖެހުމާ އެކު ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ޝެރީން އަބޫ އަގުލެހު އަކީ އަލް-ޖަޒީރާ ނިއުސް އެޖެންސީގެ މެދުއިރުމަތީގެ ހަބަރުތައް އަރަބި ބަހުން ގެނެސްދޭ ކުޅަދާނަ ނޫސްވެރިއެކެވެ. އޭނާ ފަލަސްތީން-އިޒްރޭލުގެ ހަމަނުޖެހުން ކަވަރުކުރަމުން އަންނަތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ނެޓްވޯކްގެ ނޫސްވެރިއަކު ބުނީ ޝެރީންއަކީ ވަރަށް ބޮޑަށް މީހުން ގަދަރުކުރާ ނޫސްވެރިއެއް ކަމަށާއި އެ ހަބަރާ އެކު އެ މީހުންނަށް ބޮޑު މާޔޫސް ކަމެއް ލިބިފައިވާ ކަމަށެވެ.

އިޒްރޭލާއި ފަލްސްތީނާ ދެމެދު މި ފަހުން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 26 މީހަކު ވަނީ މަރުވެފަ އެވެ. އަދި އިޒްރޭލު ސިފައިންގެ 17 މީހަކާއި ޔުކުރެއިންގެ ދެ މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް (1)

ކުރީގެ ނޫސްވެރިޔާ

29 މޭ 2022
އޭނާ ފަލަސްތީން-އިޒްރޭލުގެ ހަމަނުޖެހުން ކަވަރުކުރަމުން އަންނަތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ،،، 15 އެއް ނޫން 25 އަހަރު (1997 ން ފެށިގެން) ޝެރީން އަބޫ އަގުލެހު = އަގުލެހެއް ނޫން އާގިލާ (ޝީރީން އަބޫ ޢާޤިލާ)
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް