ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލިސް އިދާރާ ކުރިމަތީގައި. (ފޮޓޯ/މަޖިލިސް)

ނަޝީދާއި އީވާ މަގާމުން ވަކިކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ގެންދަވަނީ ސަރުކާރަށާއި ރައީސް ސޯލިހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން އިއްޔެ ފަށައިފި އެވެ.  

މައްސަލައިގެ ފެށުން - ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ގެންދަވަނީ ސަރުކާރަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ދެއްކެވި ވާހަކަތަކަކަށް އީވާ ވަނީ ތާއީދުކުރައްވާފަ އެވެ.

ކޮއްކޯފުޅުގެ ދިފާއުގައި ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ނާޒިމް ހައްޔަރުކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ. އެ ޓުވީޓާ ގުޅިގެން އެމްޑީޕީގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުންނާއި އާއްމު މެމްބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި ނަޝީދާއި އީވާއަށް ފާޑުވިދާޅުވެ، އެ ބޭފުޅުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި. (ފޮޓޯ/މަޖިލިސް)

ވީ ކިހިނެއް؟ - އެކި ކަންކަމަށް ގޮވާލައި ޕެޓިޝަން ހިންގުމަށް މަޝްހޫރު އޮންލައިން ޕްލެޓްފޯމް، 'ޗޭންޖު.އޯގް' ވެބްސައިޓުގައި، ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއް ހަދައި އޭގައި އިއްޔެއިން ފެށިގެން ދަނީ ސޮއިކުރަމުންނެވެ. 'ދިވެހި ރާއްޖެ' ނަމަކަށް ކިޔާ އެކައުންޓަކުން ހަދާފައިވާ މި ޕެޓިޝަނަށް 11 ގަޑިއިރު ވީއިރު، މިހާތަނަށް ސޮއިކޮށްފައިވަނީ 27 މީހުންނެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ ނަޝީދު ގެންދަވަނީ އިސްލާމް ދީނަށް ގޮންޖައްސަވައި ދިވެހި ރައްޔިތުންނަށް ފުރައްސާރަ ކުރައްވަމުން ކަމަށެވެ.

"މިއަދު އެ މަނިކުފާނަކީ ނާތަހުޒީބުކަން ދިފާއުކޮށް، މުޅި ގައުމު ނިކަމެތި ކުރަން މަސައްކަތް ކުރާ މީހެއް،" ނަޝީދާއި އެ ޕެޓިޝަންގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ގުޅުން ހުރި ކަމެއް - ޕެޓިޝަނެއް ހަދައިގެން ނަޝީދު މަގާމުން ވަކިކުރަން ގޮވާލަމުން ދާއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ މެމްބަރުން ވެސް ގެންދަވަނީ ނަޝީދަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ. އެގޮތުން، ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އަދި ރަސްމީކޮށް ފަށާފައި ނުވިޔަސް، މި މައްސަލައިގައި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް މެމްބަރުން އެދެމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް