Majlis 2024

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް ނަޝީދުއާ އެކު ހުވަދު އަތޮޅަށް ވަޑައިގެންނެވި ޓީމުގައި އަމްރު ވެސް ހިމެނޭ. (ފޮޓޯ/ ނަޝީދުގެ ކެމްޕެއިން ޓީމު)

ނަޝީދަށް ތާއީދުކުރިޔަސް އެސްޓީއޯގެ މަސައްކަތަށް ބުރުލެއް ނާރާނެ: އަމްރު

ނަޝީދުގެ ކެމްޕެއިނާ ގުޅިވަޑައިގެންނެވުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން ރައީސާ މަޝްވަރާކުރެއްވި ކަމަށް އަމްރު ވިދާޅުވި
22 ޖެނުއަރީ 2023

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވައި އެ މަނިކުފާނުގެ ވާދަވެރިޔާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވިޔަސް އެސްޓީއޯގެ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރުގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ވާދަވެރިކަން ބޮޑެވެ. އެމްޑީޕީގައި ވެސް އިސްކޮށް އުޅުއްވާ އަމްރު ޕްރައިމަރީގައި ތާއީދުކުރައްވަނީ ނަޝީދަށެވެ. އޭނާ ވަނީ ނަޝީދާ އެކު މިދިޔަ ހަފްތާގައި ހުވަދު އަތޮޅަށް ވަޑައިގެން ކެމްޕެއިންގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް ސޯލިހު މިއަދު ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަނީ (ފޮޓޯ/ރައީސް ސޯލިިހުގެ ކެމްޕޭން އޮފީސް)

ރައީސް މިއަދު ގދ. ތިނަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ އަމްރުގެ ސިޔާސީ ވިސްނުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަމްރުުގެ ނަން ވިދާޅުނުވެ ރައީސް ސޯލިހު އެ ވާހަކަފުޅު ފެއްޓެވީ ތިނަދޫގައި ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް އެސްޓީއޯގެ ދަށުން ހިންގާ މިފްކޯއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ އަމްރުގެ ސިޔާސީ ވިސްނުމަށް އައި ބަދަލުގެ ސަބަބުން، އެކަން މަޑުޖެހިދާނެތޯ ރައްޔިތުން ސުވާލު އުފައްދާނެކަން ގަބޫލުކުރައްވާ ކަމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ "ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ" ކަމަށެވެ. އަދި ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ފަސް ޖެހޭ ނަމަ، "އެ ކަންތައް ބަދަލުކުރަމުން" ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ. ޔަގީންކުރައްވާ ތިޔަ ބޭފުޅުން، މިއިން އެއްވެސް ކަމެއް ހުއްޓުނަނުދިނުމަށްޓަކާ އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތައް ބަރާބަރަށް އެ ކުންފުނިތަކުގައި ކުރަމުން ގެންދާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަޝީދުގެ ކެމްޕެއިނަށް އަމްރު ގއ. ދާންދޫގައި. (ފޮޓޯ/ނަޝީދުގެ ކެމްޕެއިން ޓީމް)

ބުނީ ކީކޭ؟ - ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ ކެމްޕެއިނާ ގުޅިވަޑައިގެންނެވުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން ރައީސާ މަޝްވަރާކުރެއްވި ކަމަށެވެ. އޭނާގެ ވިސްނުމުގެ ސަބަބުން އެސްޓީއޯގެ އެއްވެސް މަސައްކަތަކަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން ރައީސަށް އެރުވި ކަމަށް އަމްރު ވިދާޅުވި އެވެ.

"އެސްޓީއޯ އިން ކުރަމުން ގެންދަނީ ގައުމީ މަސައްކަތެއް. އެއީ ދިވެހި ރައްޔިތުންނަށް ދޭ ހިދުމަތެއް. އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް