Majlis 2024

އީދު ބަންދާއި ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މިއަދު މާލޭން ރަށްރަށަށް މީހުން ފުރަނީ: އަތޮޅުތަކުގައި ތެލުގެ އަގު ބޮޑުވުމުން ފެރީ ޓިކެޓްތަކުން އެވްރެޖްކޮށް 200ރ.ގެ އަދަދެއް ވަނީ މައްޗަށް ގޮސްފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތެޔޮ

އަތޮޅުތަކުގައި ތެލުގެ އަގު ވަރަށް ބޮޑުވެއްޖެ؛ ގަންނާކަށް ފައިސާއެއް ނެތް

ފެރީ ޓިކެޓްތަކުން އެވްރެޖްކޮށް 200ރ.ގެ އަދަދެއް އަދި ބޯޓުފަހަރުން ފޮށިގަނޑަކުން ނަގާ އަގު ކުރިއަށް ވުރެ 5ރ. ވަރު ވަނީ ބޮޑުކޮށްފައި

ތެލުގެ އަގަށް މި ހަފްތާގައި އައި ބަދަލާ އެކު އަތޮޅުތަކުގައި ތެޔޮ ވިއްކާ އަގުތައް ވަރަށް ބޮޑަށް މައްޗަށް ގޮސް، ބައެއް ހިދުމަތްތަކުގެ އަގުތައް އަތޮޅުތަކުގައި ބޮޑުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދާތީ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ލީޓަރަކުން 2ރ. ބޮޑުކޮށްފަ އެވެ. އަދި ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ.

ތަފްސީލް - ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި މިވަގުތު ތެޔޮ ވިއްކާ އަގުތައް ވަނީ ލީޓަރަކުން 2.47ރ. އާއި 5.66ރ.އާ ދެމެދުގެ މިންވަރެއްގައި ބޮޑުވެފަ އެވެ. އެގޮތުން: 

  • ޕެޓްރޯލް ލީޓަރެއްގެ އަގު 17.72ރ. އިން 20.91ރ.އާ ދެމެދުގެ މިންވަރަކަށް ވަނީ ބޮޑުވެފައި 

  • ޑީސަލް ލީޓަރެއްގެ އަގު 17ރ. އިން 22.66ރ.އާ ދެމެދުގެ މިންވަރަކަށް ވަނީ ބޮޑުވެފައި

އައްޑޫ ސަރަހައްދުގައި ތެޔޮ ވިއްކާ އަގުވަނީ ލީޓަރަކުން 3.17ރ. ބޮޑުވެފަ އެވެ. އެގޮތުން، އައްޑޫ ސަރަހައްދުގައި މިހާރު ތެޔޮ ވިއްކާ އަގު ވަނީ:

  • ޕެޓްރޯލް ލީޓަރެއްގެ އަގު 16.43ރ. އިން 19.60ރ.އާ ދެމެދުގެ މިންވަރަކަށް ވަނީ

  • ޑީސަލް ލީޓަރެއްގެ އަގު 15.81ރ. އިން 19ރ.އާ ދެމެދުގެ މިންވަރަކަށް ވަނީ

މާލެ ކައިރި ސަރަހައްދުތަކުގައި ވެސް ތެލުގެ އަގު ވަނީ ލިޓަރަކުން 2ރ.އަށް ވުރެ ބޮޑު މިންވަރަކުން ބޮޑުވެފަ އެވެ.

ބުނީ ކީކޭ؟ - އަތޮޅުތަކުގައި ތެޔޮ ވިއްކާ ބައެއް ފަރާތްތަކުން، ނަން ނުޖަހާ ގޮތަށް 'ދައުރު'އަށް ބުނީ އެ ފަރާތްތަކަށް މިހާރު ތެޔޮ ވިއްކާ ފަރާތްތަކުން ޑެލިވަރީ ޗާޖުތައް ވެސް ވަރަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ތެލުގެ އަގު ބޮޑުކަމުން ރަށްރަށަށް އެކަށީގެންވާ ވަރަށް ތެޔޮ ގަންނަން ވެސް އުނދަގޫވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ. އެ މީހުން ބުނަނީ ތެޔޮ މިހާރު ވިއްކަން ޖެހެނީ ކިރިޔާ ކިރިޔާ ފައިދާވާ ވަރަށް ކަމަށެވެ.

"ފައިސާއެއް ވެސް ނުހުރޭ އެންމެ އެކަށީގެންވާ ވަރަށް ތެޔޮ ގަންނާކަށް. އެ މައްސަލަ އަޅުގަނޑުމެންނަށް އެބަ ކުރިމަތިވޭ،" ދެކުނުގެ ރަށެއްގައި ތެޔޮ ވިއްކާ ވިޔަފާރިވެރިޔަކު ބުންޏެވެ.

ބައެއް ހިދުމަތްތަކުގެ އަގު ވަރަށް ބޮޑުވެއްޖެ

ތެލުގެ އަގާ ގުޅިގެން އެންމެ ބޮޑަށް ބޮޑުވެފައި ވަނީ އަތޮޅުތަކަށް ދަތުރުކުރާ ފެރީ ޓިކެޓްތަކުގެ އަގެވެ. އެގޮތުން،

  • ފެރީ ޓިކެޓްތަކުން އެވްރެޖްކޮށް 200ރ.ގެ އަދަދެއް މިހާރު ވަނީ ބޮޑުވެފައި 

  • ދެން އެންމެ ބޮޑަށް މައްޗަށް ގޮސްފައި ވަނީ ބޯޓުތަކުން ރަށްރަށަށް ގެންދާ މުދަލުން ނަގާ ނާލުގެ އަގުތައް؛ ބޯޓުފަހަރުން ފޮށިގަނޑަކުން ނަގާ އަގު ކުރިއަށް ވުރެ 5ރ. ވަރު ވަނީ ބޮޑުކޮށްފައި

މި ކަންކަމާ ގުޅިގެން ރަށްރަށުގައި ވިއްކާ އާންމު މުދަލުގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް އުފުލެން ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް