Majlis 2024

ފެމުނު މިޔަރު ކެމެރާ ކާލުމުން އޭގެ އަނގައިގެ އެތެރޭގެ މަންޒަރުތައް ރެކޯޑް ކުރެވިފައި

ފުވައްމުލައް

ފުވައްމުލައް ކައިރިން ނެގި މިޔަރު ވީޑިއޯއަކުން އެންމެން ހައިރާންކޮށްލައިފި

ފެމުނު މިޔަރުތައް ގިނައިން އުޅޭ ފުވައްމުލައް ކައިރިން ނެގި މި ވީޑިއޯއިން މިޔަރުގެ އަނގައިގެ އެތެރެ ވަރަށް ރީތިކޮށް ފެނޭ

ގުދުރަތީ ރީތި ކަމުގެ އިތުރުން ދެން ޓޫރިސްޓުންގެ ސަމާލުކަން ފުވައްމުލަކަށް ލިބޭ އަނެއް ކަމަކީ، އެ ރަށުގެ ވަށައިގެން ކަނޑުގައި އުޅޭ ބޮޑެތި ފެމުނު މިޔަރުތަކެވެ. އެ މިޔަރުތައް ކައިރިން ދެކިލައި، އެތަނުގައި ފީނާލުމަށް ކޮންމެ މަހަކު ވެސް ގިނަ ޓޫރިސްޓުންތަކެއް ފުވައްމުލަކަށް ދެ އެވެ.

އެކަމަކު ފުވައްމުލަކުގެ ކައިރީގައި އުޅޭ މިޔަރުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން ޑޮކިއުމަންޓަރީއެއް ހަދަން އުޅުނު، ބޭރުގެ ފޮޓޯގްރާފަރަކު ނެގި މި ވީޑިއޯއިން އެންމެން ހައިރާންކޮށްލީ، މިޔަރުގެ ރީތި މަންޒަރުތަކާ ހެދި އެއް ނޫނެވެ. ފޮޓޯގްރާފަރު މޫދު އަޑީގައި ހަރުކޮށްފައި އިން ކެމެރާއެއް ކާލަން އުޅުނު އާދަޔާހިލާފު ވީޑިއޯއިންނެވެ.

އިންސްޓަގްރާމްގައި އާއްމުކުރި މި ވީޑިއޯ އެތައް ހާސް ބަޔަކު ބަލައި، އަދި ބޭރުގެ މީޑިއާތަކުން އެ ވާހަކަ ގެނެސްދީ ބޮޑު ޝައުގުވެރިކަމަށް އެ ވީޑިއޯއަށް ލިބުނީ ވޯޓާޕްރޫފް އެ ކެމެރާ ދިރުވާލުމުން، މިޔަރުގެ އަނގައިގެ ތެރޭގެ މަންޒަރު ވަރަށް ރީތިކޮށް ފެންނަން ހުރުމުންނެވެ.

ޒިމީ ދަ ކިޑް ނެގި ވީޑިއޯ.

ސްވިޓްޒަލެންޑްގެ ފޮޓޯގްރާފަރު ޒިމީ ދަ ކިޑް އޭނާގެ '360 ކެމެރާ' މޫދުއަޑީގައި ހަރުކުރީ، ފެމުނު މިޔަރު ގިނައިން އުޅޭ ޝާކް ޕޮއިންޓެއްގަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އޭރު އެތަނުގައި ގިނަ މިޔަރުތަކެއް އުޅެ އެވެ. ކުއްލިއަކަށް އެއިން ބޮޑު އެއް މިޔަރު އައިސް، ކެމެރާގައި ދަތް އަޅަ އެވެ. އެކަމަކު އެ ހަފާ ނުލެވުމުން ދިރުވާލަނީ އެވެ.

ދެން ވީޑިއޯއިން ފެންނަނީ މިޔަރުގެ އަނގައިގެ އެތެރެ އެވެ. އަނގަތެރެއިން، މިޔަރުގެ ދަތްތަކާއި ގިލްސް ވަރަށް ސާފުކޮށް ފެންނައިރު، އެއީ މީގެ ކުރިން ގިނަ ބަޔަކަށް ފެނުނު މަންޒަރެއް ނޫނެވެ. ދެން ވެސް ފެމުނަށް ކެމެރާ ދިރުވާނުލެވުމުން، އެ މިޔަރު ކެމެރާ ނެރެ ދޫކޮށްލަ އެވެ. އޭރު ކައިރީގައި ވެސް ވަށައިގެން ކުދި މަސްތައް އުޅެ އެވެ.

'ސީއެންއެން'އާ ވާހަކަ ދައްކަމުން ފޮޓޯގްރާފަރު ބުނިގޮތުގައި، މޫދު އަޑީގައި ވެލިގަނޑުގައި ހަރުކޮށްފައި އިން އެ ކެމެރާ، މިޔަރު ކާލީ އެއީ ކޯއްޗެއްތޯ ބެލުމުގެ ބޭނުމުގަ އެވެ.

ކެމެރާ ކާލުމަށް މިޔަރު އޭގެ ކައިރިއަށް އަންނަނީ

"މިޔަރު އެހެން ދަނިކޮށް ފެނުނީ އެތަނުގައި އިން ވިދާ އެއްޗެއް. ދެން ކުއްލިއަކަށް ބަލަން ބޭނުން ވެއްޖެ އެއީ ކޯއްޗެއްތޯ،" ޒިމީ، 29، ބުންޏެވެ.

ފެމުނު މިޔަރަކީ އެއަށް ފެންނަ އާދަޔާހިލާފު އެއްޗެހި ކައި އުޅޭ، ކަންކަމާ ޝައުގުވެރިވާ މިޔަރެކެވެ. މޫދަށް އުކާލާފައި ހުންނަ ޕްލާސްޓިކްގެ ބާވަތްތަކާއި ހުސް ދަޅު ފަދަ ތަކެތި މިޔަރު ކަ އެވެ.

އެހެން ފެންނަ އާދަޔާހިލާފު އެއްޗެހި ކެއުމުގެ އާދަހުރި ނަމަވެސް، މިޔަރަކީ ނުރައްކާތެރި މަހެއް ކަމަކަށް ޒިމީ ގަބޫލެއް ނުކުރެ އެވެ. އޭނާ ދެކޭ ގޮތުގައި، އެ ވީޑިއޯއިން ވެސް އަންގައިދެނީ މިޔަރަކީ ގަސްތުގައި އިންސާނުންނަށް ހަމަލާ ދޭ އެއްޗެއް ނޫން ކަމެވެ.

ކެމެރާ މިޔަރުގެ އަނގަތެރޭގައި
ކެމެރާ ކާލުމަށް މިޔަރު އޭގެ ކައިރިއަށް އަންނަނީ

ޒިމީގެ މި ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ ބަޔަކު ބުނީ މިއީ ދުވަހަކު ވެސް ފެނުނު މަންޒަރެއް ނޫން ކަމަށެވެ.

"މިއީ އަދި ދުވަހަކު ވެސް މިޔަރުގެ ނުފެންނަ ތަފާތު ފަޅިއެއް،" އެކަކު ކޮމެންޓް ކުރި އެވެ.

"ހައިރާންވެ އަންތަރީސް ވެއްޖެ."

ފުވައްމުލަކުން ފެންނަ ފެމުނު މިޔަރާ ބެހޭ ބައެއް މައުލޫމާތު 

  • ފުވައްމުލަކާ ކައިރިން ފެންނަނީ ފެމުނު މިޔަރުގެ ވަކި އާބާދީއެއް

  • އެ މިޔަރުތަކުގެ ބޮޑުމިނުގައި އާއްމުކޮށް 6-3 މީޓަރު (6-18 ފޫޓު) ހުރޭ

  • ފުވައްމުލަކުގެ ބޮޑު ފަރު ވަށައިގެން 120-80 މިޔަރު އުޅޭނެ ކަމަށް ލަފާކުރެވޭ

  • ފަރުކޮޅު ނުވަތަ ފުވައްމުލަކު ބޭރުން މާކަނޑުގައި ވެސް ގިނަ މިޔަރު އުޅޭއިރު އޭގެ އުޅުން ތަފާތު

އިތުރު އާޓިކަލް

އިތުރު އާޓިކަލް