ރާއްޖޭގެ ހަމްޒާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. (އެފްއޭއެމް ފޮޓޯ/ އިބްރާހިމް ފާއިދު)

ފަހު މެޗުން ރާއްޖޭން ލަންކާ ބަލިކޮށްފި

ދެ ޓީމަށް ވެސް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އޮތީ ގެއްލިފައި

އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅުނު ފަހު މެޗުން މިއަދު ހަވީރު ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

ދެ ޓީމަށް ވެސް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ މި މެޗުގެ މުހިއްމުކަން އޮތީ ކެނޑިފަ އެވެ.

އެކަމަކު މި މޮޅާ އެކު ރާއްޖެ ވަނީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނަ ހޯދައިފަ އެވެ. ލަންކާ ދިޔައީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލަށެވެ. މި ގްރޫޕުން އޭޝިއަން ކަޕަށް ކޮލިފައިވީ ނުވަ ޕޮއިންޓާ އެކު އެއް ވަނަ ޓީމުގެ ގޮތުގައި އުޒްބެކިސްތާން އަދި ހަ ޕޮއިންޓާ އެކު ދެ ވަނަ ޓީމުގެ ގޮތުގައި ތައިލެންޑެވެ. މިރޭ އުޒްބެކިސްތާން ވަނީ ތައިލެންޑް އަތުން 2-0 އިން މޮޅުވެފަ އެވެ.

އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައިވާނީ ގްރޫޕްތަކުގެ އެއް ވަނަ ޓީމުތަކުގެ އިތުރުން ހަ ގްރޫޕުން ދެ ވަނަ ހޯދާ ހަ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމެކެވެ.

އުޒްބެކިސްތާނުގެ ގަރްޝީގެ މަރްކަޒީ ސްޓޭޑިއަމުގައި ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލް ދެ ވަނަ ހާފުގައި، 63 ވަނަ މިނެޓުގައި ޖަހައިދިނީ ހަމްޒާ މުހައްމަދު އެވެ.

ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި އެހެންވެ އެ ކުޅުމަށް އިނާމެއްގެ ގޮތުން މިރޭ ތިން ޕޮއިންޓް ލިބުމުން އުފާކުރާ ކަމަށެވެ.

"އަހަރެމެންނަށް މޮޅެއް ހައްގު އެ ދެއްކި ކުޅުމަށް ބަލާއިރު. އެހެންވެ އަހަރެން މިރޭގެ ތިން ޕޮއިންޓް ނަގަނީ ވަރަށް މުހިއްމުކޮށް،" އޭނާ ބުންޏެވެ.

މޮރިއޭރޯ ބުނީ ލަންކާއާ ދެކޮޅަށް ކުޅެން އުނދަގޫ ކަމަށާއި ސަބަބަކީ އެ ޓީމުން ކުޅެނީ ޑިފެންސިވް ގޭމަކަށް ވެފައި ޑިފެންޑަރުން ބިޔަވުން ކަމަށެވެ. އެހެންވެ ފަހަތުން ޖާގަ ހޯދުމަށްޓަކައި ކުޅުންތެރިންނަށް އިރުޝާދުދިނީ ހަލުވި ކުޅުމެއް ކުޅެން ކަމަށް އޭނާ ބުންޏެވެ.

"މިރޭ އޭގެ ނަތީޖާ ފެނުނީ. އަހަރެމެންގެ އެޓޭކިންގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް،" މޮރިއޭރޯ ބުންޏެވެ.

އޭނާ ބުނީ އޭޝިއަން ކަޕަށް ކޮލިފައިނުވިޔަސް ލިބޭ ހިތްހަމަޖެހުމަކީ އޭނާގެ ފަލްސަފާއާ އާ އެއްގޮތަށް ރާއްޖޭން ތިން މެޗުގައި ވެސް ކުޅުން ކަމަށާއި ގޯސްތަކެއް ހެދިގެން ބަލިވި ނަމަވެސް މި ޓީމު ދާނީ ކުރިއަށް ކަމަށެވެ.

މިއީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި ތިން ވަނަ މެޗެވެ. މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި މާލޭގައި ލަންކާ އަތުން ރާއްޖެ 1-0 އިން މޮޅުވި ނަމަވެސް އެ ގައުމުގައި އޮތް ފޯނޭޝަންސް ކަޕުގައި ދެ ޓީމު 4-4 އިން އެއްވަރުވީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް