ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން. (ފޮޓޯ/ސީޖީއެމް)
ރާއްޖޭގެ ޝެފުންގެ އަގުވަޒަންކުރަން ހާއްސަ އެވޯޑެއް ތައާރަފުކޮށްފި
ރާއްޖޭގައި މަސައްކަތްކުރާ ޝެފުންގެ އަގުވަޒަންކުރުމުގެ ގޮތުން ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ހާއްސަ އެވޯޑެއް މިއަދު ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ސީޖީއެމް ޝެފްސް އެވޯޑު'ގެ ނަން ދީފައިވާ އެ އެވޯޑު ހަފްލާ ބާއްވަން ނިންމާފައިވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެވެ.
ތަފުސީލު - އަލަށް ތައާރަފުކުރާ ޝެފްސް އެވޯޑު ދިނުމަށް ނިންމާފައިވަނީ މައިގަނޑު ހަތް ދާއިރާއަކުންނެވެ. އެއީ:
-
އެގްޒެކެޓިވް ޝެފް
-
ސޫ ޝެފް
-
ކޮމްޕެޓިޝަން ޝެފް
-
އެޑިއުކޭޝަން ޝެފް
-
ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް
-
ޔަންގް ޝެފް (ކުރިމަތިލެވޭނީ އުމުރުން 25 އަހަރަށް ވުރެ ހަގު ޝެފުންނަށް)
-
ލޯންގް ސާވިސް ސްޕެޝަލް އެވޯޑްސް (ކުރިމަތިލެވޭނީ މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ޝެފުންނަށް)
ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ރެސްޓޯރެންޓްތަކުގައި މަސައްކަތް ކުރާ ޝެފުންނަށް ވެސް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އޮންލައިންކޮށް މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ސުންގަޑި ހަމަވާނީ އަންނަ މަހުގެ 10ގަ އެވެ.
ޝެފްސް އެވޯޑުގެ މަގުސަދަކީ، ސީޖީއެމް އިން ބުނި ގޮތުގައި:
-
ޓޫރިޒަމް އިންޑަސްޓްރީ އާއި މުޖުތަމައަށް ޝެފުން ކޮށްދޭ ހިދުމަތަތަކާއި ގެނެސްދޭ ހެޔޮ ބަދަލުތައް ފާހަގަކުރުން
-
ޝެފުން ކުރާ ބުރަ މަސައްކަތުގެ ފާހަގަކޮށް، އަގުވަޒަންކުރުމާއި ބަލައިގަތުން
-
ރާއްޖޭގައި ކަލިނަރީ ފަންނު ޕްރޮމޯޓުކުރުން
-
ބައިނަލްއަގްވާމީ މުބާރާތްތަކާއި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރަން ގައުމީ ކަލިނަރީ ޓީމެއް އެކުލަވާލަން މަސައްކަތްކުރުން
ޝެފްސް ގިލްޑް އޮފް މޯލްޑިވްސް
ސީޖީއެމް އަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ އަދި ހަމައެކަނި ޖަމިއްޔާ އެވެ. ރާއްޖޭގައި ކަލިނަރީ ފަންނު ކުރިއަރުވަން އުފެއްދި ސީޖީއެމް ޖަމްއިއްޔާ ރަޖިސްޓްރީކުރީ 2 އޮކްޓޫބަރު 2014ގަ އެވެ.
ސީޖީއެމް އަކީ ދުނިޔޭގެ ޝެފުންގެ ޖަމްއިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް) އިން ރާއްޖޭގެ ގައުމީ ކަލިނަރީ ޖަމިއްޔާގެ ގޮތުގައި އެންޑޯޒްކޮށްފައިވާ ޖަމިއްޔާ އެވެ.