ރައީސް ގުޔެން ޝުއާން ފުކް. (ފޮޓޯ/ރޮއިޓާސް)

ވިއެޓްނާމް

ވިއެޓްނާމްގެ ރައީސަށް ކޮރަޕްޝަންގެ ތުހުމަތުކުރުމުން އިސްތިއުފާ ދެއްވައިފި

ވިއެޓްނާމްގެ ރައީސް ގުޔެން ޝުއާން ފުކްގެ ދަށުގައި ތިއްބެވި އޮފިޝަލުން ގަވާއިދާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ޒިންމާ ރައީސް ގުޔެން ޝުއާން ފުކް އުފުއްލަވަން ޖެހޭނެ ކަމަށް ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ބުނުމުން އޭނާ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިއެޓްނާމް ސަރުކާރުން ބުނެފި އެވެ. 

މިއީ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ހިންގާ ކެމްޕޭންގެ ފަހުގެ ނިންމުމެވެ.

ކުރީގެ ބޮޑުވަޒީރުކަން ކުރެއްވި ފުކް އަކީ ވިޔަފާރީގެ ދާއިރާއަށް ފައިދާ ހުރި އިސްލާހުތައް ގެނުވި ކަމުގެ ކްރެޑިޓް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނަމަވެސް، 2021 ވަނަ އަހަރުން ފެށިގެން ރައީސް ކަމުގެ މަގާމު އަދާކުރައްވަމުން އަންނަ ފުކް އަކީ ވެރިކަން ކުރާ ޕާޓީ ސާފުކުރުމަށް ހިންގާ ކެމްޕޭންގެ އަމާޒު ފަތްގަނޑު ވެސް މެ އެވެ.

ވިއެޓްނާމްގައި އެންމެ އިސް ވެރިއަކު ނުހުރެ އެވެ. ރަސްމީކޮށް އެ ގައުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ހަތަރު ވެރިއެކެވެ. އެއީ، ޕާޓީގެ ސެކްރެޓަރީ، ރައީސް، ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.

ސަރުކާރުން ބުނީ ބޮޑުވަޒީރުގެ ދެ ނައިބުންނާއި ތިން ވަޒީރުން ހިމެނޭ ގޮތަށް ގިނަ އޮފިޝަލުންތަކެއް ކުރި ކުށްތަކުގެ ޒިންމާ އެންމެ ފަހުން އުފުއްލަވަން ޖެހޭނީ އުމުރުން 68 އަހަރުގެ ފުކް ކަމަށެވެ.

"ޕާޓީ އާއި ރައްޔިތުންގެ ކުރިމަތީގައި އޭނާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އެނގިވަޑައިގަތުމުން، ހަވާލުކުރެވިފައިވާ މަގާމުތަކުން އިސްތިއުފާ ދެއްވައި ވަޒީފާ އިން ވަކިވެ، ރިޓަޔާ ކުރެއްވުމަށް އެދި ހުށަހެޅުއްވި،" ސަރުކާރުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ފުކްގެ އޮފީހުން އަދި އެއްޗެއް ނުބުނެ އެވެ. އަދި އޭނާގެ ބަދަލުގައި މީހަކު އައްޔަންކޮށްފައިވާ ކަމެއް ވެސް ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް