ސްކޫލު ހުންނަ ސަރަހައްދުގައި އަންހެނަކު ފުލުހުންނާ ވާހަކަދައްކަނީ. (ފޮޓޯ/ ރޮއިޓާސް)

ރަޝިޔާ

ރަޝިޔާގެ ސްކޫލެއްގައި ބަޑި ޖަހައި 15 މީހަކު މަރާލައިފި

މި ހަމަލާގައި 11 ކުދިން މަރުވެފައި ވާއިރު، އިތުރު 22 ކުއްޖަކަށް ވަނީ އަނިޔާވެފައި
27 ސެޕްޓެމްބަރު 2022

މެދުތެރޭ ރަޝިޔާގައި ހުރި ސްކޫލަކަށް ބަޑި ހިފައިގެން މީހަކު ވަދެ 15 މީހަކު މަރާލައި އިތުރު 24 މީހަކު ޒަހަމްކޮށްލުމަށް ފަހު އަމިއްލަ ގަޔަށް ބަޑިޖަހައި މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މޮސްކޯގެ އިރުމަތިން 960 ކިލޯމީޓަރު ދުރުގައި އޮންނަ އިޒްހެވްސްކް ސިޓީގެ 88 ނަމްބަރު ސްކޫލުގައި އިއްޔެ އެވެ.  

މި ހަމަލާ ދީފައި ވަނީ އެ ސްކޫލުގައި ކުރިން ކިޔެވި 34 އަހަރުގެ އާތިޔޮމް ކަޒަންޓްސެވް ކަމަށާއި، އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓުގައި ނާޒީގެ ނިޝާންތައް ހުރި ކަމަށް ރަޝިޔާގެ ތަހްގީގީ ކޮމިޓީން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އޭނާ މި ހަމަލާ ދީފައިވާ މަގްސަދެއް އެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ އަކީ ސައިކިއެޓްރިކް މަރުކަޒެއްގެ ބަލިމީހެއް ކަމަށާއި ހަމަލާ ދިނުމަށް ފަހު އޭނާ އަމިއްލައަށް މަރުވެފައިވާ ކަމަށް އުދްމުރްތިއާގެ ގަވަރުނަރު އެލެގްޒެންޑާ ބްރެޗަލޯވް ވަނީ ވިދާޅުވެފަ އެވެ.

މި ހަމަލާގައި 11 ކުޑަކުއްޖަކު މަރުވެފައި ވާއިރު، ޒަހަމްވި 24 މީހުންގެ ތެރޭގައި 22 ކުޑަކުދިން ވެސް ހިމެނެ އެވެ.

މިއީ "ލާއިންސާނީ" ހަމަލާއެއް ކަމަށް ވިދާޅުވެ ރަޝިޔާގެ ރައީސް ވްލަޑަމީރް ޕޫޓިން ވަނީ މި ހަމަލާ ކުށްވެރި ކުރައްވާފަ އެވެ.

ފޭޝިސްޓު ގްރޫޕަކަށް ނިސްބަތްވާ މީހަކު ދިން ޓެރަރިސްޓު ހަމަލާގައި ކުޑަކުދިންނާއި ބޮޑެތި މީހުން މަރުވީތީ ޕޫޓިން ހިތާމަކުރައްވާ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވަނީ ރިޕޯޓަރުންނަށް ވިދާޅުވެފަ އެވެ.

(ފޮޓޯ/ އަލްޖަޒީރާ)

ހަމަލާ ދިން ކަޒަންޓްސެވް ބޭނުންކޮށްފައި ވަނީ އާދައިގެ ދެ ހޭންޑްގަން ކަމަށާއި، އެ ބަޑިތައް ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށް ރަޝިޔާގެ ނޭޝަނަލް ގާޑުން ވަނީ ބުނެފަ އެވެ. ގަވާއިދާ ހިލާފަށް ބަޑި ހޯދާފައިވާ ގޮތް ދެނެގަތުމަށް ޖިނާއީ ތަހްގީގެއް ރަޝިޔާގެ އިދާރާތަކުން މިހާރު ވަނީ ފަށާފަ އެވެ.

އިއްޔެ މި ހާދިސާ ހިނގާފައިވާ ސްކޫލަކީ 6 އަހަރުން ފެށިގެން 17 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ކުދިން ކިޔަވަމުން އަންނަ ސްކޫލެކެވެ.

ރަޝިޔާގެ ސްކޫލަކަށް ވަދެ މީހަކު ދިން ހަމަލާއާ ގުޅޭ (ވީޑިއޯ/ އޭބީސީ7)

ސްކޫލުތަކަށް ހަތިޔާރު ހިފައިގެން ވަދެ ހަމަލާތައް ދޭ ހާދިސާތަކުގެ ހަބަރުތައް އާންމުކޮށް އިވެމުން ދަނީ އެމެރިކާ އިންނެވެ. ނަމަވެސް، ރަޝިޔާގައި ވެސް މިފަދަ ހާދިސާތައް ހިނގަ އެވެ. އެގޮތުން، އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައި ވަނީ މިދިޔަ އޭޕްރިލް މަހު އެވެ. އެ ފަހަރު ތުއްތުކުދިންގެ ސްކޫލަކަށް މީހަކު ވަދެ، ދެ ކުދިންނާއި ޓީޗަރު މަރާލުމަށް ފަހު އެ މީހާ ވަނީ އަމިއްލައަށް މަރުވެފަ އެވެ.

މިދިޔަ އަހަރުގެ މޭ މަހު ވެސް ރަޝިޔާގެ ހުޅަނގު ދެކުނުގައި އޮންނަ ކަޒަން ސިޓީގައި ހިނގި މީގެ ހާދިސާއެއްގައި ހަތް ކުޑަކުއްޖަކު ހިމެނޭ ގޮތަށް ޖުމުލަ ނުވަ މީހަކު ވަނީ މަރާލާފަ އެވެ. އަދި 2018 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ކްރައިމިއާގައި ހިނގި މިފަދަ އެހެން ހާދިސާއެއްގައި 20 މީހަކު މަރާލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް