ކ. މާފުށީގައި ހިންގާ ބޮޑު ގެސްޓްހައުސްއެއް: 2023 އިން ފެށިގެން ބޮޑެތި ގެސްޓްހައުސްތަކުން ވެސް ރިސޯޓުތަކެކޭ އެއްގޮތަށް ގްރީން ޓެކްސްއަށް 6 ޑޮލަރު ދައްކަން ޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި. (ފޮޓޯ/ބުކިން.ކޮމް)

ބޮޑެތި ގެސްޓްހައުސްތަކުގެ ގްރީން ޓެކްސް 6 ޑޮލަރަށް ބޮޑު ކުރަން މަޖިލީހުން ފާސްކޮށްފި

ޓެކްސް ބޮޑު ކުރާނީ އަންނަ އަހަރުން ފެށިގެން

އަންނަ އަހަރުން ފެށިގެން ބޮޑެތި ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.  އޭގެ އިތުރުން، ޓޫރިސްޓް ހިދުމަތްތަކާ ބެހޭ ބައެއް ރަޖިސްޓްރޭޝަން ފީތައް އުވާލުމަށް ވެސް ނިންމި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުން މިގޮތަށް ފާސްކުރީ، މިިދިޔަ މާޗު މަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުންނެވެ. މި ބިލު ދިރާސާ ކުރި މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ އިސްލާހުތަކާ އެކު މި ބިލު މަޖިލީހުން މިއަދު ފާސް ކުރީ 50 މެންބަރުންގެ ވޯޓާ އެކު އެވެ.

ތަފްސީލު - ފާސްކުރި ބިލުގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު، މައިގަނޑު އެެއް ކަމަކަށް އޮތީ، ސަރުކާރުން ހިންގާ ތިމާވެށީގެ މަޝްރޫއުތަކަަށް ހަރަދުކުރުމަށް ނަގާ ގްރީން ޓެކްސް ބޮޑެތި ގެސްޓްހައުސްތަކުން ބޮޑު ކުރުމަށެވެ. ބޮޑެތި ގެސްޓްހައުސްތަކުގެ ގޮތުގައި ބަލާނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކަށެވެ. އެގޮތުން:

  • 50 ކޮޓަރިއަށް ވުރެ ބޮޑެތި ގެސްޓްހައުސްތަކުން، ރިސޯޓުތަކުން ވެސް މިހާރު ދައްކާ އަދަދު ކަމަށްވާ ރެއަކަށް މީހެއްގެ އަތުން 6 ޑޮލަރަށް

  • އެއަށް ވުރެ ކުދި ގެސްޓްހައުސްތަކުން ނަގާނީ މިހާރެކޭ ވެސް އެއްގޮތަށް 3 ޑޮލަރު

  • މި ގޮތަށް ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ ޖެނުއަރީން ފެށިގެން

 އއ. އުކުޅަހުގައި ދެ ފަތުރުވެރިއަކު ހިނގާފައި ދަނ: ކުދި ގެސްތްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ނަގާނީ މިހާރެކޭ އެއްގަޮތަށް 3 ޑޮލަރު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެންގުން މުހިންމު - ރިސޯޓުތަކާއި ސަފާރީތަކުން ގްރީން ޓެކްސް ނަގަން ފެށީ 2015ގަ އެވެ. ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެން އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރީން ޓެކްސް އިން ދައުލަތަށް 214 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބައެއް ރަޖިސްޓްރޭޝަން ފީތައް އުވާލުން

ބިލުގައި ހިމެނޭ އަނެއް މުހިންމު އިސްލާހަކީ، ބައެއް ރަޖިސްޓްރޭޝަން ފީތައް އުވާލުމުވެ. 

މިހާރު ގާނޫނު އޮންނަ ގޮތުން ޓޫރިސްޓް ހޮޓަލެއް، ގެސްޓްހައުސްއެއް ނުވަތަ ފީނުމުގެ ހިދުމަތް ދޭ ތަނެއްގެ ރަޖިސްޓްރީކޮށްދެވޭނީ ވެސް ރަޖިސްޓްރޭޝަން ފީއެއް ދެއްކުމުންނެވެ. އެއީ:

  • ހޮޓަލެއް ނަމަ - 10،000ރ.

  • ގެސްޓްހައުސްއެއް ނަމަ -5،0000ރ.

  • ފީނުމުގެ ހިދުމަތް ދޭ ތަނެއް ނަމަ - 5،000ރ.

އެ ތިން ފީ ވެސް އުވާލުމަށް މަޖިލީހުން ފާސް ކުރި ބިލުގައި ހިމަނާފައިވެ އެވެ.

ގުޅުން ހުރި ކަމެއް - ސަރުކާރުން އެންމެ ފުރަތަމަ މި ބިލު ހުށަހެޅި އިރު، މިނިމަމް ވޭޖްގެ އަސަރު ކުޑަ ކުރުމަށް ރިސޯޓުތަކުގެ ބިމު ކުލި ކުޑަ ކުރަން ހުށަހެޅި މާއްދާތައް ފަހުން ބިލުން އުނިކޮށްފައިވެ އެވެ. މި ބިލު ކޮމިޓީ މަރުހަލާގައި އޮއްވައި ސަރުކާރުން ވަނީ އެ އިސްލާހު އަނބުރާ ގެނައުމަށް ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް