ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކު ރައްކާތެރި ސަރަހައްދަކަށް ދިއުމަށް ފެންގަނޑުގެ ތެރެއިން ހިނގާފައި ދަނީ. (ފޮޓޯ/އޭއެފްޕީ)

ޕާކިސްތާން

ޕާކިސްތާނުގައި ފެންބޮޑުވުން: 12 އަހަރުން އާރާސްތުކުރި ދިރިއުޅުން އަނެއްކާވެސް ފެނުއަޑިއަށް

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން 33 މިލިއަނެއްހާ މީހުން ވަނީ ހާލުގައި ޖެހިފައި
1 ސެޕްޓެމްބަރު 2022

ނޯޓް: މިއީ އިނގިރޭސިވިލާތުގެ 'ދަ ގާޑިއަން' ނޫހުގައި ޝާއިއުކުރި ލިއުމެއްގެ ދިވެހި ތަރުޖަމާ އެވެ.

ގުލާމް ކުބްރާ އާއި އޭނާގެ އާއިލާ ގެއިން ފިލައިގެން ދިޔައީ ގޭގެ ފުރާޅު ވެއްޓުމުގެ ބައި ގަޑިއިރު ކުރިންނެވެ. މީގެ 15 ވަރަކަށް ދުވަސް ކުރިން، ހަތަރު ކުދިންގެ މަންމަ ނާއުންމީދުގައި ބަލަހައްޓައިގެން ހުއްޓައި އުވައިން ހަދާފައި ހުރި އޭނާގެ އެއް ކޮޓަރީގެ ގެ ފުނޑުފުނޑުވެގެން ދިޔަ މަންޒަރު ފެނުނެވެ.

"މެދުނުކެނޑި ދެ ދުވަހު ވާރޭ ވެހުނު. އެއް ފާރުގައި ރެނދުލީ މަންޒަރު ފެނުނު. އޭގެ ފަހުން، އެ ރެނދު ބޮޑުވެ، ފާރު ފަޅައިގެން ގޮސް، ވަރަށް ބާރު މިނުގައި ހުއްޓުމެއް ނެތި ފެންގަނޑު ގޭތެރެއަށް ވައްދާލި،" ސިންދު ޕްރޮވިންސްގެ ތަންދޯއްލޯ ޔާރު ޑިސްޓްރިކްޓްގެ ޖަލާލް ތީބޯ އަވަށުގައި ދިރިއުޅޭ، އުމުރުން 32 އަހަރުގެ ކުބްރާ ބުންޏެވެ.

"އަހަރެންނަށް އެނގޭ އަހަރެމެން ނުނިކުމެއްޖެ ނަމަ ދިރިހުއްޓާ ވަޅުލެވޭނެކަން. އެއީ، މީގެ އަހަރުތަކެއް ކުރިން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތަކުން ހިންގި، ކާރިސާތަކުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއްގައި ކިޔައިދިން ނުރައްކަލުގެ ބައެއް ނިޝާންތައް ފާހަގަކުރެވުމުން."

ޕާކިސްތާނުގެ އަވަށެއް ފެނުއަޑީގައި. (ފޮޓޯ/އޭއެފްޕީ)

މީގެ ކުރިން ވެސް ކުބްރާ ވަނީ މިފަދަ ކަމެއް ތަހައްމަލުކޮށްފަ އެވެ. މިދިޔަ މަހުގެ ކުރީކޮޅު އެ ސަރަހައްދަށް ކުރި އާދަޔާ ހިލާފު ވިއްސާރައިގެ ސަބަބުން ހަލާކުވި ގެއަކީ، 2010 ވަނަ އަހަރު އެ ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި ބިމާ ހަމަވި އެ މީހުންގެ ކުރީގެ ގެ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ގެއެކެވެ.

"އަނެއްކާވެސް އެ ތަން މި ވަނީ ޗަކަގަނޑަކަށާއި ގާފުންޏަކަށް ވެފައި،" ރޮމުން ރޮމުން ކުބްރާ ބުންޏެވެ.

ކުބްރާ އާއި އޭނާގެ އާއިލާ އަކީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ 33 މިލިއަން މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ. މި ކާރިސާގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރަށް އެކި ވަރުގެ ގެއްލުންތައް ލިބި ނުވަތަ ފުނޑުފުނޑުވެފައި ވާއިރު، ގާތްގަނޑަކާށް 3،000 ކިލޯމީޓަރުގެ މަގުތައް ވެސް ވަނީ ހަލާކުވެފަ އެވެ. މިލިއަނަކަށް ވުރެ ގިނަ ޖަނަވާރު މަރުވެ، ދަނޑުބިންތައް ވެސް ވަނީ ދޮވެލާފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން، 220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ ތާރީހުގައި ކުރިމަތިވި "އެންމެ އުނދަގޫ ވަގުތު" ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރު ޝެބާޒް ޝާރިފް ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި އެ ގައުމަށް އަވަސް އެހީ ދިނުމަށް ގޮވާލައްވާފަ އެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި، ޕާކިސްތާނުގެ އެކި ކަންކޮޅުތަކަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް މަދުވެގެން 10 ބިލިއަން ޑޮލަރު ހަރަދުވާނެ އެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ކުރިއަށް ދަނީ. (ފޮޓޯ/އޭއެފްޕީ)

ސިންދު ޕްރޮވިންސަށް 1.6 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ. ޕާކިސްތާނަށް ވަގުތުން ވަގުތަށް ބޭނުންވާ މުހިންމު ކާބޯތަކެއްޗާއި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އދ. އިން ވަނީ 160 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މީގެ 12 އަހަރު ކުރިން، 2010 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކަށް ފަހު، ކުބްރާގެ އާއިލާ އަލުން ދިރިއުޅުން އާރާސްތުކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވި އެވެ. އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް އިޖުތިމާއީ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްދީގެން މަހަކު ގާތްގަނޑަކަށް 30،000 ރުޕީސް (135 ޑޮލަރު) ލިބޭ ކުބްރާ އާއި އޭނާގެ ފިރިމީހާ ހާލިދު އަހުމަދަށް އެ މީހުންގެ ގެދޮރު އަލުން ބިނާކުރެވުނީ ހަތް އަހަރު ވަންދެން ފައިސާ ރައްކާކޮށްގެންނެވެ.

"އަހަރެން ޖަނަވާރު ވެސް ގެންގުޅުނިން. ބަކަރިއަކަށް 15،000 ރުޕީސް (67 ޑޮލަރު)ގެ މަގުން ތިން ބަކަރި ވިއްކާލީ. މަޑުމަޑުން، އެތައް އަހަރެއް ވަންދެން ފައިސާ ރައްކާކުރަމުން ގޮސް، މި ގެ ބިނާކުރެވުނީ،" ކުބްރާ ބުންޏެވެ.

އެތައް ހާއްސަ ބަޔަކު ވަނީ އަމިއްލަ ގެދޮރު ދޫކޮށްލުމަށް ފަހު އެތައް ސަތޭކަ މޭލެއް ކަނޑައްތުކޮށް، ހައިވޭތައް ހުންނަ ހިކި ބިންތަކުން ހިމާޔަތް ހޯދާފަ އެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މީހުންނަށް ފަސޭހަ އިން ފެންނާނެ ފަދަ ތަނެއްގައި ތިބުމަށެވެ. އެ މީހުންނާ ހިލާފަށް، ކުބްރާ އާއި އޭނާގެ އާއިލާ ރައްކާތެރިކަން ހޯދީ އެ މީހުންގެ ގެއަކާ ކައިރިން އުސް ސަރަހައްދަކުންނެވެ.

"ރެފިއުޖީއެއް ގޮތަށް ދިރިއުޅެން އަހަރެން ބޭނުމެއް ނޫން،" ކުބްރާ ބުންޏެވެ.

ކުބްރާ މިހާރު ވަނީ، ހަލާކުވެފައިވާ ފާރެއްގެ ކައިރީގައި، ޓިނުތަކެއް ބޭނުންކޮށްގެން ވަގުތީ ފާހާނާއެއް ހަދާފަ އެވެ. ފާހާނާ ކުރާ އިރު، އޭނާ އާއި އޭނާގެ އުމުރުން 12 އަހަރާއި 14 އަހަރުގެ ދެ އަންހެން ދަރިންނަށް ޕްރައިވެސީ ލިބޭނެ ގޮތެއް ހެދުމަށެވެ.

"މި ދުވަސްތަކުގައި ހަރުފަ އާއި ނަންނުގަތި ދަތްއެޅުމުގެ ބިރު އޮތުމުން ބިންމަތީގައި ނުނިދެނީ. އެއީ އަހަރެމެން ވަށައިގެން އަދިވެސް ފެން ހެދިފައި އޮތުމުން،" އަވަށްޓެރިއަކާ އެކު ރޯނުން ގަތާފައިވާ އެނދެއްގައި މިހާރު ނިދާ ކުބްރާ ބުންޏެވެ،

މި ކާރިސާގެ ބޮޑުކަމުން، ސަރުކާރަށާއި އަމިއްލަ ޖަމިއްޔާތަކަށް ވެސް ވަނީ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޮނުވަން ދަތިވެފަ އެވެ.

ފެންގަނޑު ހެދިފައި ވަނީ ކަކުލުހުޅަށް ވުރެ މައްޗަށް. އެހެންވެ، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މީހުންނަށް ވެސް އަހަރެމެންނާ ހަމައަށް ވާސިލުވާން ދަތި،" ކުބްރާ ބުންޏެވެ.

ކުބްރާ އާއި އޭނާގެ އާއިލާއަށް ކާނެ އެއްޗެއް ނެތް ދުވަސްތައް ވެސް ކުރިމަތިވެ އެވެ. އަނެއް ބައި ދުވަސް ދުވަހު އެ މީހުންނަށް ކާން ލިބެނީ ކައިރި އަވަށެއްގެ ބަޔަކު ފޮނުވާ ކުޑަ ކާއެތިކޮޅެއް އެކަންޏެވެ.

"އަހަރެން ޝަކުވާއެއް ނުކުރަން. ހަމައެކަނި މި ބުނަނީ، އެންމެން ވެސް ތިބީ މި ހާލަތުގައޭ،" އޭނާ ބުންޏެވެ.

"އަހަރެމެންގެ ތެރޭގައި ތިބި މުއްސަނދިން ވެސް މިއަދު ތިބީ ސަލާން ޖަހަން ޖެހޭ ހިސާބުގައި."

އިތުރު އާޓިކަލް

އިތުރު އާޓިކަލް