Majlis 2024

ފައްޔާޒު އިބްރާހިމް: ބައްޕަގެ ފިޔަވަޅުމަތިން ފެށި މި ދަތުރުގައި މިހާރު އޭނާ ތައްޔާރުވަމުން ދަނީ މާސްޓާ އިންސްޓްރަކްޓާ ކޯސް ފުރިހަމަކުރަން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފައްޔާޒުގެ ހިމޭން ފީނުން: ބައްޕަގެ ހަނދާންތަކަށް، ބަލައި ފޫހި ނުވި މަންޒަރުތަކަށް

އުމުރުން 54 އަހަރުގައި ވެސް ފައްޔާޒު އިބްރާހިމް މިއަދު ވެސް ތައްޔާރުވަމުން އެ ދަނީ ޒުވާނުންތަކެއް ގޮވައިގެން ޑައިވަކަށް ދާށެވެ. އުމުރުގެ އެއްވެސް އިހުސާސެއް ނުވެއެވެ. އޭނާގެ ބައްޕަ ކޮށައިދިން މަގުގައި ކުރެވުނު ތަޖުރިބާތަކާ ހެދި އެވެ.
27 ސެޕްޓެމްބަރު 2022
2

ހުއްޓުމެއް، ހިފެހެއްޓުމެއް އަދި އެއްވެސް ފޫހިކަމެއް ނެތި، އުމުރުން 54 އަހަރުގައި ވެސް ފައްޔާޒު އިބްރާހިމް މިއަދު ވެސް ތައްޔާރުވަމުން އެ ދަނީ ޒުވާނުންތަކެއް ގޮވައިގެން ޑައިވަކަށް ދާށެވެ. އޭނާގެ ހަޔާތުގެ ވަރަށް ގިނަ ވަގުތު ހޭދަކޮށްފައި ވަނީ ކަނޑުއަޑީގެ އެ ހިތްގައިމު ކަމުގަ އެވެ. މީހުންނަށް ކިޔަވައިދިނުމާއި ފިލައިގެން ނުދާނޭ ކުލަ ހަނދާންތަކެއް އެ މަންޒަރުތަކުން އުފެއްދުމުގަ އެވެ.

އެ ހިތްގައިމު ކުލަ މަންޒަރުގައިވީ ހިމޭންކަމާއި އޮމާން އަމާންކަމުގައި ފީނައި، ބޮކިއަރުވަމުން ގެންދާތާ މިހާރު 41 އަހަރުވީ އެވެ. އެކަމަކު ފައްޔާޒުގެ މި 'ފުން' އަދި ކުލަހުސްކުރި މަންޒަރާއި އޭނާގެ ދިގު ކެރިއަރުގައި ފެނުނު އެންމެ އަޖާއިބުކުރުވަނިވި 'ދިރުމަކީ' ކޮބައިތޯ މީހަކު ސުވާލުކޮށްފި ނަމަ އޭގެ ޖަވާބު، ކަނޑުއަޑިން ފެންނަ ދިރުމަކަށް ނުވެދާނެ އެވެ. މަސްމަހާ މެއްސާއި ކުލަ މުރަކައިގެ ބަގީޗާތަކަކަށް ނުވެދާނެ އެވެ.

ސަބަބަކީ މިއެވެ؛ އެންމެ ކުލަ މަންޒަރެއް އޭނާ އަށް އަބަދުވެސް ފެނުނީ އޭނާގެ ދެ އަތުގައި ހިފައިގެން، އޭނާ ގޮވައިގެން މޫދަށް ގެންދިޔަ ބައްޕަގެ ސާދާސީދާ ދިރިއުޅުމުގެ ތެރެއިން ކަމަށްވުމެވެ. އެހެންކަމުން، އެއްގަމުން ވެސް އަދި ކަނޑުއަޑިން ވެސް ފައްޔާޒު ދުށް އެންމެ އަގުބޮޑު ޝަހުސިއްޔަތަކީ އެ ބައްޕަކަން ޔަގީނެވެ. އެއީ ޅ. ނައިފަރު އިބްރާހިމް މޫސާ އެވެ. – ނުވަތަ ރާއްޖޭގެ ފުރަތަމަ ސެޓިފައިޑް ޕްރޮފެޝަނަލް ޑައިވަރެވެ.

އިންޓަވިއު ނަގަން ދިޔައިރު ފައްޔާޒު އުޅެނީ ވިލިމާލޭގައި އޭނާ ހިންގާ ފަސް ތަރީގެ ޑައިވް ސެންޓަރު، ޑައިވާސް ލޮޖު މޯލްޑިވްސްގައި އޭނާގެ މުވައްޒަފުންނާ އެކު ވަރަށް އަވަދިނެތި އެވެ. ދުވަހުގެ ޑައިވްތަކަށް ތައްޔާރުވުމުގަ އާއި އާލާތްތައް ތައްޔާރުކުރުމުގަ އެވެ. ނަމަވެސް އަޅުގަނޑު ފެނުމުން އައިސް ސަލާންކޮށްލިއެވެ. އެކަމަކު އެދުނީ ކުޑައިރުކޮޅަކަށް މަޑުކޮށްލަ ދިނުމަށެވެ.

ފައްޔާޒު ދިޔައީ މެންދުރު ނަމާދަށެވެ.

ޑައިވާސް ލޮޖު މޯލްޑިވްސްގެ ބޭރުގައި ފައްޔާޒު ތަމްރީނުގެ ބައިވެރިންތަކަކަށް އިރުޝާދު ދެނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަޅުގަނޑު ގޮސް ޖައްސާލީ ޑައިވާސް ލޮޖު ކުރިމަތީގައި ހަދާފައި ހުރި ކުޑަވަރެއްގެ ފިނިމައިޒާނެއްގަ އެވެ. އުސްކޮށް ހެދި މުޅި ސަރަހައްދަށް ފެތުރިފައިވީ މިދިލި ގަހެއްގެ ފިނި ހިޔަލުގަ އެވެ. އެ ގަހުގެ ދޮންވެފައިވާ ފަތްތަކާއި މޭވާތަކުން ބަނޑުފުރަމުން ތާޅަފިއްޔެއްހެން ހީވާ ތޫލި އަޑުފައްގަނޑަކުން މުޅި ހިސާބުގަނޑަށް ހޮނުގުގުރި އަޅަމުން ދިޔަ މަކާއޯ ގުރައެއްގެ ނަލަ ކުލަތަކާއި މަންޒަރަށް ގެއްލިފައި ވަނިކޮށް ފައްޔާޒު އެނބުރި އަތުވެއްޖެ އެވެ. އަދި ކިޔައިދޭން ފެށި ވާހަކަތަކާ އެކު އަޅުގަނޑު ޖަހައިގެން ގެންދިޔައީ 1970ގެ ނައިފަރަށެވެ. އަހަރެމެންގެ ކުރިމަތިން ފެންނަން ހުރި ޑައިވް ސެންޓަރުގެ ނަމުގެ ފަހަތުގައިވީ އަސްލު ނަމަށެވެ. އަސްލު ހިޔަލަށެވެ.

ފައްޔާޒުގެ މި ވާހަކައިގެ ފެށުމަށެވެ.

"ގެ ފަނުން ހަދާފައި ހުންނާތީ ބައްޕަ ގެއަށް ކީ ނަމަކީ ޕާމް ލޮޖު. އެ ނަމަށް ނިސްބަތްކޮށްފައި ދިން ނަމެއް ޑައިވާސް ލޮޖު މިއީ،" މީގެ 19 އަހަރު ކުރިން ރަޖިސްޓްރީކޮށް 2009 ވަނަ އަހަރުން ފެށިގެން ފުލްޓައިމްކޮށް ހިދުމަތް ދެމުން އަންނަ ޑައިވް ސެންޓަރާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ފައްޔާޒު ދެން އެނބުރިގަތީ ބައްޕަ އަބަދުވެސް ދިން ނަސޭހަތްތަކެއް ތަކުރާރުކުރުމަށެވެ.

"އަބަދުވެސް ވަރަށް ބާރު އެޅުއްވި ކަމެއް އެއީ ބަރާބަރަށް ގަޑިން ގަޑިއަށް ނަމާދުކުރުން. ބައްޕައަކީ ނަމާދަށް ވަރަށް ފަރުވާތެރިވި މީހެއް. ދެން ބައްޕަ އަބަދުވެސް ދިން ނަސޭހަތަކީ، އިސްލާމްދީނުގައި ހިފަހައްޓައިފި މީހާ އަށް ނުވެޔޭ އެއްވެސް މާޔޫސްކަމެއް،" މެންދުރު ނަމާދުކޮށްލަން ނެގި ބްރޭކަށް ފަހު އެނބުރި އައިސް ފެށި މި އިންޓަވިއުގައި ފައްޔާޒު ކިޔައިދިނެވެ.

"އެހެންވީމަ ދިރިއުޅުމުގައި ކިތަންމެ ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނަސް، ބައްޕަގެ މި ހުރިހާ ސިފަތަކަކުން ވަރަށް ބޮޑަށް ހިތްވަރު ލިބިގެން ދިޔަ ކުރިއަށް ދާން. ވަކިން ހާއްސަކޮށް ބައްޕަ އާއި މަންމަ އެކުގައި ދެއްކި ނަމޫނާ އެ ދިރިއުޅުން."

ބައްޕަ އިބްރާހިމް މޫސާ އެފަދަ ދެ ވަނައެއް ނެތް ޝަހުސިއްޔަތެއްގެ ގޮތުގައި ފައްޔާޒަށް ފެނުނީ މިފަދަ އެތައް އެތައް ސަބަބުތަކެއް އަދި އަބަދުވެސް ނަގައިދެއްވި ފިލާވަޅުތަކާ ހެދި އެވެ. އެ ބައްޕަ މިއަދު ދުނިޔޭގައި ނެތަސް، ފައްޔާޒު އަދިވެސް އެންމެ ފަހުރުވެރިވާ ޝަހުސިއްޔަތަކަށް ބައްޕަ ވެފައިވަނީ މިފަދަ އެތައް ސަބަބަކުންނެވެ.

ބަނޑޮހުގައި 1974 ވަނަ އަހަރު ޕްރޮފެޝަނަލް ޑައިވިން ކެރިއަރު ފެށި އިބްރާހިމް މޫސާ އަވަހާރަވީ އުމުރުން 76 އަހަރުގައި، 24 ޑިސެމްބަރު 2020ގަ އެވެ. އެންމެފަހުން ޑައިވެއް ކުރި ކަމަށް ވަނީ އެ އަހަރުގެ މެއި މަހު އެވެ.

ފައްޔާޒުގެ ބައްޕަ އަދި ރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް ޑައިވަރު އިބްރާހިމް މޫސާ. (ފޮޓޯ/ ފައްޔާޒު އިބްރާހިމް)

ނައިފަރުގެ ރަންޒަމާނާއި އިބްރާހިމް މޫސާގެ ރަންޒަމާން

ޅ. ނައިފަރަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ އާދަޔާހިލާފު ނުވަތަ އެންމެ ޝައުގުވެރިކުރުވަނިވި އެއް ރަށެވެ. ރަށް އެކަންޏެއް ނޫނެވެ. ރަށުގެ މީހުން ވެސް މެ އެވެ. އެ ޝައުގުވެރިކަމާއި ފަހުރުވެރިކަމުގެ ވާހަކަ ލިޔަންވެއްޖެ ނަމަ ލިސްޓު ވަރަށް ދިގު ވެސް ވެދާނެ އެވެ. ނަމަވެސް ނައިފަރު ދޮހޮއްކޮއާ ހަމައިން ފަށައިގެން ގޮސް މަޝްހޫރު ދިވެހި ބޭސްވެރިޔާ ނައިފަރު ދޮންކަލޭފާނާއި ރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް ސްކޫބާ ޑައިވަރު އިބްރާހިމް މޫސާ އަދި މިއަށް ވުރެ ފަހުގެ ޖީލުތަކާ ހަމައަށް ކިޔައިދިނަސް ފާހަގަކޮށްލެވޭ އެންމެ ހާއްސަ ސިފައަކީ ނައިފަރަށް އަބަދުވެސް ނިސްބަތްވީ ވަކިވަކި ހުނަރުވެރިންނެވެ.

ލަވަޔާއި މިއުޒިކާއި ބޭސްވެރިކަމާއި އުތުރު ފަހުރުވެރިވި އިލްމީ މަރުކަޒެއްގެ އިތުރުން ރަށަކީ ވަރަށް މަސްވެރި ވެސް ރަށެކެވެ. އެހެންކަމުން މޫދަށް ދޯޅުކަންބޮޑު ޖީލެއް އުފެދި ފީނުމުގައި އެފަދަ ދެވަނައެއް ނެތް ދިވެހިން އަބަދުވެސް ނިސްބަތްވި ރަށެކެވެ.

"ނައިފަރު މީހުންނަކީ ފުޅިއެއް ނާޅާއި، ޑައިވިން އިކުއިޕްމަންޓާ ނުލައި ވަރަށް އަޑިއަށް އާންމުކޮށް ފީނާ، އެކަމަށް މަޝްހޫރު ބައެއް. މިހާރު ވެސް ނައިފަރުގެ ގިނަ އެންކެޔޮޅުން ފަސޭހަކަމާ އެކު 30 މީޓަރު އަޑިއަށް ފީނާނެ ފުޅި ނާޅައި،" ފައްޔާޒު ކިޔައިދިނެވެ.

"ނައިފަރަކީ އަބަދުވެސް މޫދަށް ގަދަ މީހުން ތިބި ރަށެއް. މޫދަށް ގަދަކަމަށް މަޝްހޫރު ރަށެއް. މީހުން އޭރު ވެސް ބުނާނެ، މާލެ ކައިރި ހިސާބަކަށް ނަގިއްޔެއް ދޫވިޔަސް ޅ. އަތޮޅު މީހެކޭ ގެންނާނީ އެ ނަގިލި ނަގައިދޭން. އާންމުކޮށް ނައިފަރު މީހެކޭ ފީނަން ދާނީ."

ފައްޔާޒުގެ ބައްޕަ، އިބްރާހިމް މޫސާގެ ފަހުރުވެރި ޑައިވިން ކެރިއަރު ވަރަށް 'އަޑިން' މި ވާހަކައަށް ހެކިވެ އެވެ. އޭނާ އަކީ ހަމައެކަނި ރިކްރިއޭޝަނަލް ލެވެލްއެއްގައި ޑައިވްކޮށް ކިޔަވައިދެއްވި ތަޖުރިބާކާރެއް ނޫނެވެ. ޑައިވަރެއްގެ ގޮތުގައި އިބްރާހިމް މޫސާގެ އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވީ ދައުލަތަށެވެ. ގައުމަށެވެ.

"އަޅުގަނޑު ވަރަށް ހަނދާން ހުންނަ އެއް ޑައިވް އެއީ ބައްޕަގެ. މާލެ ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ވެލި ނަގައިގެން ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފެތި ސިފައިންގެ ބަޔަކު ކަނޑުވި ހާދިސާއެއް. އެއީ ފަސް މީހުން މަރުވި ހާދިސާއެއް،" ފައްޔާޒު ކިޔައިދެމުން ގެންދިޔަ އެވެ.

"އޭރަކު ސިފައިންގޭގައި (އެންއެސްއެސް) ގައި ޑައިވަރުންނެއް ނުތިބޭނެ. އެ ހާދިސާ ހިނގައިގެން ވެސް ބައްޕަ އަކީ މަރުވި ސިފައިން ހޯދުމަށް ކުރި ޑައިވްތަކުގައި އިސްކޮށް އުޅުއްވި އެކަކު."

ފައްޔާޒުގެ ބައްޕަ އަދި ރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް ޑައިވަރު އިބްރާހިމް މޫސާ 1970ގެ ކުރީކޮޅު ނަގާފައިވާ ފޮޓޯއެއްގައި.

ނަމަވެސް އެއީ އެންމެ ކުރާހިތްވި މަސައްކަތް ގައުމީ ހިދުމަތަކަށް ބަދަލުކޮށްގެން އިބްރާހިމް މޫސާ ފީނި ހަމައެކަނި ފަހަރެއް ވެސް ނޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެރިކަމުގެ ހުވާ ކުރެއްވި ތާރީހަކާ ދިމާކޮށް، ބަގާވާތެއް ހިންގަންވެގެން ބަޔަކު މީހުން ހަތިޔާރުތަކެއް ރާއްޖެ އެތެރެކޮށް ކަނޑުފައްތައިގެން އުޅޭ ހަބަރު ފެތުރިގެން އެ ހަތިޔާރުތައް ހުރި ކަމަށް ތުހުމަތުކުރެވުނު ފުންމިންތަކަށް ވެސް ފީނައި ބެެއްލެވި ޑައިވަރަކީ ފައްޔާޒުގެ ބައްޕަ އެވެ.

މިގޮތަށް ކިޔައިދިން ވާހަކަތަކުން ފައްޔާޒު ދެން ފާހަގަކުރީ 1981 ވަނަ އަހަރު ފެތުނު މަޝްހޫރު 'ވިކްޓަރީ'ގެ ހަނދާނެކެވެ. ވިކްޓަރީ ބޯޓުގައި ހުރި ރާފުޅިތައް ސަރުކާރުގެ އެންގުމަށް ނަގައި ހުސްކުރުމުގެ ހާއްސަ ޑައިވްގައި ވެސް އެންމެ އިސްކޮށް އުޅުއްވި ދިވެހި އެއް ޑައިވަރަކީ އިބްރާހިމް މޫސާ އެވެ. ނަމަވެސް އެއަށްވުރެ ވިކްޓަރީގެ އެ ތަޖުރިބާ ފައްޔާޒަށް ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ.

ސަބަބަކީ ބައްޕައާ އެކު ފީނުމުގެ ފުރުސަތެއް ފައްޔާޒުގެ ޑައިވިން ކެރިއަރު ރަސްމީކޮށް ނުފެށި އުޅެނިކޮށް، ފުރާވަރުގެ އެ ދުވަސްތަކުގައި އޭނާ އަށް ލިބުނު އެއް ހަނދާނަކީ ވެސް އެއީ ކަމަށްވާތީ އެވެ.

"ވިކްޓަރީ އަށް އަޅުގަނޑު ގޮވައިގެން ބައްޕަ އެއްފަހަރު ދިޔަ. އެއީ އަޅުގަނޑު އަލަށް ވެސް ޑައިވްކުރަން ފެށި އަހަރު،" ފައްޔާޒު ކިޔައިދިނެވެ.

"ބައްޕައާ އެކު އަޅުގަނޑު ފުރަތަމަ ޑައިވަކަށް ދިޔައިރު ވާނީ 12-13 އަހަރު. ޑައިވަކަށް ގެންދަން އެދި ކިޔާވަރުން އެންމެފަހުން ދިން ފުރުސަތެއް އެއީ. ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނު ތަޖުރިބާއަކަށްވީ އެ ޑައިވް."

ފައްޔާޒު އޭނާގެ ޑައިވާސް ލޮޖު މޯލްޑިވްސް ޑައިވް ސެންޓަރުގައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފައްޔާޒުގެ ހުރިހާ ވަގުތެއް ކިޔަވައިދިނުމާއި ޑައިވްކުރުމުގައި

މަޖީދިއްޔާ ސްކޫލުން ކިޔަވައި ނިމިގެން ފައްޔާޒު އެންމެ ފުރަތަމަ އުޅުނީ ސަރުކާރުގެ ވަޒީފާގަ އެވެ. ފޮރިން މިނިސްޓްރީގައި ދުވަސްތަކެއް ވަންދެން އެކި ފެންވަރުގައި މަސައްކަތްކުރުމަށް ފަހު ގާތްގަނޑަކަށް އަށް އަހަރު ވަންދެން ޅ. ފެލިވަރުގައި ވެސް މަސައްކަތްކުރި އެވެ. ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން އޭނާގެ ފުލްޓައިމް ވަޒީފާއަކީ މި އެވެ. ޑައިވިން ކިޔަވައިދިނުމާއި ތަމްރީން ހަދާ ޑައިވަރުންނާއި ފީނަން އަންނަ މީހުން ގޮވައިގެން ޑައިވަށް ދިއުމެވެ.

"ފެލިވަރުގައި އުޅުނުއިރު ވެސް އަޅުގަނޑު ޑައިވްކުރަން. ނަމަވެސް ބައްޕަ ސަފާރީއެއް ބަންނަން ފެށި ހިސާބުން ފެލިވަރު ދޫކޮށްލާފައި ރަސްމީކޮށް ނިޔަމިކަން ވެސް ފުރިހަމަކޮށްގެން އަޅުގަނޑު އެރީ ސަފާރީ އަށް. ބައްޕަ ވެސް އެގޮތް ބޭނުންވެފައި ހުންނެވީމަ،" ފައްޔާޒު ކިޔައިދިނެވެ.

"އެ ދުވަސްވަރުގައި ރަސްމީކޮށް އަދި ޕްރޮފެޝަނަލީ ޑައިވިންގެ ތެރެއަށް ވަދެވުނީ. އަދި ރާއްޖޭގައި 2009 ވަނަ އަހަރު ބޭއްވި އަންޑަވޯޓާ ކެބިނެޓް ޑައިވްގައި ބައިވެރިވާން ސަފާރީގެ ކެރިއަރު ދޫކޮށްލާފައި ދިޔަ ފަހުން މިއީ އަޅުގަނޑު ކުރާ ކަމަކީ."

ފައްޔާޒު ބުނީ އޭނާ މިހާރު ކުރާ ކަމަކީ އަބަދުވެސް އެންމެ ކުރާހިތްވި އެއް ކަންތައް ކަމަށެވެ. އެއީ އޭނާ އަށް އެނގިހުރި އެއްޗެއް އެހެން ބަޔަކަށް އުނގަންނައިދިނުމުގެ އަގުނުކުރެވޭނެ ހިދުމަތެވެ. އޭނާ މި ވާހަކަތައް ކިޔައިދޭއިރު އޭނާގެ ބައްޕަ އިބްރާހިމް މޫސާ ވެސް ކުޅަދާނަ ޑައިވަރެއްގެ އިތުރުން ދެން އެންމެ ފާހަގަކޮށްލެނީ އުނގަންނައިދިނުމުގެ ހިދުމަތުގެ ތެރެއިންނެވެ.

"ބައްޕަ މަޖީދިއްޔާގެ ގްރޭޑް 10 ގައި ކިޔަވަމުން ދަނިކޮށް ކާފަ ބަލިވެގެން ރަށަށް ބަދަލުވާން ޖެހުނީ. އޯލެވެލްގައި ބައިވެރިނުވެ ރަށަށް ބަދަލުވީ. ނަމަވެސް އޭގެ ފަހުން ވަރަށް ގިނަ ދުވަސް ވަންދެން އުޅުއްވީ ރަށުގެ މަދުރަސަތުން އިފްތިތާހުގައި ކިޔަވައިދޭން،" އަތޮޅު ތެރޭގައި ޒަމާނީ ތައުލީމުގެ ދަންމަރު ރޯކޮށްދިން ފުރަތަމަ ސްކޫލްގައި ބައްޕަ އަދާކުރި ހިދުމަތްތަކުން ކިޔައިދެމުން ފައްޔާޒު ބުންޏެވެ.

"އެތަނުގައި ނާޒިރުކަން ވެސް ކުރެއްވި ކަމަށް ބައްޕަ ބުނުއްވި، ރަސްމީކޮށް ފެންނަން ނެތަސް. އޭގެ އިތުރުން ކެޑޭޓް ވެސް ސްކޫލްގައި ހިންގެވި."

ފައްޔާޒު ބުނީ އޭނާ އަށް އެންމެ ފުރަތަމަ މާލެ އާދެވުނީ ވެސް ސްކޫލްގެ ހާއްސަ ކުޅިވަރުގެ ޓީމަކާ ހަވާލުވެގެން ބައްޕަ މާލެ އަށް ކުރި ދަތުރެއްގައި ކަމަށެވެ.

"އޭރު އަޅުގަނޑަށް ވާނީ 6 އަހަރު. ދެން އަޅުގަނޑު ބެހެއްޓީ މާލޭގައި ކިޔަވަން. އަދި ބައްޕަ ވެސް ބޭނުންވީ އަޅުގަނޑަށް އެހީވާން މާލޭގައި މަޑުކުރަން. އެހިސާބުން އަސްލު ބައްޕަގެ ޑައިވިން ކެރިއަރު ފެށިގެން ދިޔައީ،" ފައްޔާޒު ކިޔައިދިނެވެ.

އެންމެ ދޮށީ ފިރިހެން ދަރިފުޅަށް ތައުލީމު އުނގަންނައިދިނުމުގެ ދަތުރާ އެކު އިބްރާހިމް މޫސާގެ ޑައިވިން ކެރިއަރު ރަސްމީކޮށް ފެއްޓެވީ ބަނޑޮހުގައި 1974 ވަނަ އަހަރު އެވެ.

އޭގެ ފަހުން އިބްރާހިމް މޫސާގެ އެ ކެރިއަރާ ގުޅުވައިގެން ކިޔައިދޭން ހުރީ އަދި މިގޮތަށް ލިޔަން ހުރީ ހުސްނުވާނެހާ ފަހުރުވެރި ވާހަކަތަކާއި ތާރީހުގެ މުހިންމު ވާހަކަތަކެވެ. ބައްޕަގެ އެ ހަނދާންތައް ހާވައި ބަލައި ފައްޔާޒު ފޫހިނުވާ ސަބަބަކީ މި އެވެ. އަދި އެއަށް ވުރެ ރީތި މަންޒަރެއް ނުވަތަ މިސާލެއް ބައިގަރުނު ފަހަނަޅައި ދިޔައިރު ވެސް އޭނާ އަށް ފެނިފައި ނެތީ މި ސަބަބާ ހެދި އެވެ.

އެކަމަކު އިބްރާހިމް މޫސާގެ ދުނިޔެ އެ ވަނީ ހިމޭންވެފަ އެވެ. މިއީ އެ ހިމޭންކަމުގައި ފުރިހަމަވުމަށް ފައްޔާޒު ފީނާ ފީނުމެވެ. އޭނާގެ ހިމޭން ފީނުމެވެ. އަދި އެންމެ އުފާވެރި މަންޒަރެވެ.

ކޮމެންޓް (2)

ސޮލްމަން

27 ސެޕްޓެމްބަރު 2022
ފައްޔާޒްގެ މިންނެތް މަސައްކަތަށް އައްސަރި ބަހާ ސާބަސް. ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ތިކުރައްވާ ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަން. ތި ދެއްވާ ޓްރޭއިނުން ފާސްވާ ކޮންމެ ކުއްޖަކަށްވެސް ވަޒީފާ ތަނަވަސް ކުރެވޭނެ ގޮތެއް ވޭތޯ ސަރުކާރާގުޅިގެން ބައްލަވާ ދެއްވުމަށް އެދެން. މާތް ﷲ ފައްޔާޒުގެ މަސައްކަތުގައި ބަރަކާތްލައްވާށި. އާމީން
20 0

ފައްޔާޒް

23 އޮކްޓޯބަރު 2022
@ސޮލްމަން އާމީން. ޖަޒާކަﷲޚައިރަން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް