މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަލްހާން ފަހުމީ

ގެ ރަހުނު ކޮށްގެން ނެގި ލޯނަށްވާ 6.3 މިލިއަން ރުފިޔާ ދައްކަން އަލްހާނާއި އިތުރު ބަޔަކަށް ހުކުމްކޮށްފި

ރަހުނު ހިމެނޭ ލޯނަކަށް ނުދައްކާ އޮތް 6.3 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި އިރު، އަލްހާނު އިސްވެ ހުންނަވައިގެން ހިންގި ސްކީމަކުން ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ހޯދި ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އިތުރު ތިން މީހުން ވެގެން ބޭންކް އޮފް މޯލްޑިވްސް އިން ނެގި ރަހުނު ހިމެނޭ ލޯނަކަށް ނުދައްކައި އޮތް 6.3 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ލޯނަކީ މ. ފިނިވާގެ 2 ނަންބަރު ބައި ގޯއްޗާއި އެ ގޯތީގައިވާ ހުރިހާ އިމާރާތެއް ބޭންކަށް ރަހުނު ކުރުމަށް ފަހު 2016 ވަނަ އަހަރު ނެގި 6.4 މިލިއަން ރުފިޔާގެ ލޯނެކެވެ.

ތަފްސީލު - އެ ލޯނު ނެގުމުގައި ބައިވެރިވެފައިވަނީ:

  • އަލްހާނު ފަހުމީ

  • އަޒުހާން ފަހުމީ

  • ހާމިދު ފަހުމީ

  • މުހައްމަދު ފަހުމީ

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ބޭންކާ ދެމެދު ވީ އެއްބަސްވުމުގައި ރަހުނު ބެހެއްޓީ ހާމިދު އާއި މުހައްމަދު ފަހުމީ އެވެ. އަދި ލޯނު ނެގީ އަލްހާނާއި އަޒުހާން ފަހުމީ އެވެ.

އެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • ލޯން އެކައުންޓުގެ ސްޓޭޓްމަންޓުން ދައްކާ ގޮތުގައި އިއްޔެ (29 ޖޫން)ގެ ނިޔަލަށް ލޯނުގައި ބާކީ ނުދައްކައި 6.3 މިލިއަން ރުފިޔާ އޮތް ކަމަށް

  • ރަހުނުކޮށްފައިވާ މ. ފިނިވާގެ އަކީ ލޯނު ނެގުމުގައި ބައިވެރިވި އެންމެންގެ ވެސް ދާއިމީ އަދި މިހާރު އުޅޭ އެޑްރެސް ކަމަށް ދައުވާ ފޯމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މި މައްސަލައިގައި އެ އެޑްރެހަށް ކޯޓު އަމުރު ފޮނުވައިގެން އެ ހަތަރު މީހުންކުރެ މީހަކަށް އަމުރު ރައްދު ނުކުރެވުނު ކަމަށް

  • މި މައްސަލަ ކުރިއަށްގެންދަން ދައުވާ ލިބޭ އެއްވެސް ފަރާތަކުން އެއްބާރުލުން ނުދޭ ކަމަށް

  • ދައުވާ ލިބޭ މީހުންގެ ފަރާތުން ބަދަލުގައިވެސް ކޯޓަށް މީހަކު ހާޒިރުވެފައި ނުވާތީ މި މައްސަލަ ކުރިއަށް ގެންދިޔައީ ޣައިރު ހާޒިރުގައި

ސިވިލް ކޯޓުން އަަލްހާނު އާއި އޭނާގެ އާއިލާގެ ތިން މެމްބަރުންނަށް ހުކުމްކުރީ އެ ލޯނުގެ ނުދައްކާ އޮތް 6.3 މިލިއަން ރުފިޔާ އާއި އިތުރަށް އަރަމުންދާ ފައިސާ ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

އެނގުން މުހިންމު - އަލްހާނު އާއި އޭނާގެ އާއިލާ މެމްބަރުންތަކެއް ބޭންކަށް ނުދައްކާ އޮތް 6.3 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި އިރު، އޭނާ އިސްވެ ހުންނަވައިގެން ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގު ވެސް އެބަ ކުރިއަށްދެ އެވެ.

އެ މައްސަލައިގައި އޭނާއަށް ތުހުމަތު ކުރަނީ އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތެވެ. އެ ސްކީމުގެ ދަލުގައި ގިނަ އަދަދެއްގެ ބަޔަކު ޖެހުނުއިރު، އެ ފަރާތްތަކަށް ނުލިބި ހުރި ފައިސާގެ އަދަދު 4.5 މިލިއަން ރުފިޔާއަށް ވުރެ ގިނަކަން ވަނީ އެނގިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް