އޭވާ ގްރޭންޑްގެ ފެޝަން ކަލެކްޝަންގައި ހިމެނެނީ ޝީއިންގެ ކޮތަޅުތައް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ތަކެތި

ފެޝަން

ޝީއިންގެ ކޮތަޅުތައް އުކާލުމުގެ ބަދަލުގައި ފެޝަން ކަލެކްޝަނެއް

ފާސްޓް ފެޝަން ބްރޭންޑު ޝީއިންގެ ޕްލާސްޓިކް ކޮތަޅުތައް ބޭނުން ކޮށްގެން ދަރިވަރަކު އުފެއްދި އަންނައުނާއި އަތް ދަބަސްތަކަށް ޓިކްޓޮކްގައި ބޮޑު ތަރުހީބެއް ވަނީ ލިބިފައި

ދުނިޔޭގެ އެންމެ މަގުބޫލު ފާސްޓް ފެޝަން ބްރޭންޑު ޝީއިން އަކީ ދިވެހިންނަށް އާ ނަމެއް ނޫނެވެ. ގިނަ ދިވެހިންގެ ތެރޭގައި މަގުބޫލު ޗައިނާގެ މި ބްރޭންޑަކީ އަގު ހެޔޮ އަދި އެންމެ ފަހުގެ ޓްރެންޑުތަކަށް ބިނާ ކޮށްގެން އެކި ވައްތަރުގެ ޕްރޮޑަކްޓު އުފައްދާ ބްރޭންޑެކެވެ.

ކޮންމެ ޝީއިން އޯޑަރެއްގައި ހިމެނޭ އައިޓަމުތައް ބަންދު ކޮށްފައިވަނީ ވަކިވަކި ޕްލާސްޓިކް ކޮތަޅުތަކުގަ އެވެ. އޭގެ ބޭނުމަކާ މެދު ގިނަ ބަޔަކު އަދިވެސް ބަހުސް ކުރެ އެވެ. އެއް ބަޔަކު އެ ކޮތަޅުތައް އަލުން ބޭނުން ކުރެ އެވެ. އެކަމަކު ގިނަ ފަހަރަށް މި ކޮތަޅުތައް ލަނީ ޑަސްބިނަށެވެ. އެކަމަކު ނިއު ޔޯކްގެ މަރިސްޓް ކޮލެޖުގެ ދަރިވަރެއް ކަމަށްވާ އޭވާ ގްރޭންޑު ދައްކާލީ އެއިން ހިފިދާނެ އެހެން ބޭނުމެކެވެ. އޭނާގެ ގްރެޖުއޭޓް ފެޝަން ޑިޒައިން ކަލެކްޝަނުގައި ދައްކާލީ ޝީއިން ކޮތަޅުތައް ބޭނުން ކޮށްގެން އުފައްދާފައިވާ ހެދުންތަކެކެވެ.

މިދިޔަ މަހު މަރިސްޓް ކޮލެޖުގައި ބޭއްވި 'ސިލްވާ ނީޑްލް ރަންވޭ ޝޯ'ގައި އޭވާގެ ކަލެކްޝަން 'ރީޓްރީޓް' އަށް 'ޑިޒައިނާ އޮފް ދަ އިޔާ' އެވޯޑް ވަނީ ލިބިފަ އެވެ. މި 'ސަސްޓެއިނަބަލް' ކަލެކްޝަންގައި އޭނާ ވަނީ ޝީއިންގެ ކޮތަޅުތައް 'އަޕްސައިކަލް' ކޮށްގެން އެކްޓިވް ވެއާ ހެދުންތަކާއި ދަބަސް އުފައްދާފަ އެވެ. 

ޝީއިން ކޮތަޅުން ހެދުން އުފައްދަން އޭވާއަށް ފުރަތަމަ ހިޔާލު ލިބުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގަ އެވެ. ކޮލެޖުގައި ކިޔަވަން ފެށި ތަނާ ޕެންޑެމިކުގެ ސަބަބުން ކިޔެވުން މެދުކަނޑާލަން ޖެހިގެން ގޭގައި އެންމެން މަޑުކޮށްގެން ތިބި ދުވަސްކޮޅު އޭނާގެ ޝީއިން އޯޑަރު ލިބުމުން އެ ކޮތަޅުތަކުން ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލަން ހިޔާލު ލިބުނެވެ. ފުރަތަމަ އުފެއްދީ ޓޯޓް އަތް ދަބަހެއް ކަމަށް އޭނާ ބުންޏެވެ.

ދެން 2021 ވަނަ އަހަރު އޭވާގެ ހެދުން ޑިޒައިން ކަލެކްޝަން ނިންމަން އިތުރު ކޮތަޅު ބޭނުންވުމުން، އޭނާގެ ޓިކްޓޮކް ޕޭޖުގައި، ކޮތަޅު އޭނާއަށް ފޮނުވަން އެންމެން ގާތު އެދުނެވެ.

"އެތައް ބަޔަކު ކޮތަޅު ފޮނުވި. އިނގިރޭސިވިލާތުންނާއި ފްލޮރިޑާއިން ވެސް ފޮނުވި. ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. އެންމެން ވެސް ބޭނުންވި މި ހިޔާލަށް ތާއީދުކުރަން،" އޭވާ ބުންޏެވެ. މި ޓިކްޓޮކް ވިޑިއޯއަށް 15 މިލިއަން ވިއުޒް މިހާރު ލިބިފައިވެ އެވެ.

ލިބުނު ކޮތަޅުތައް ކަފައި ބުރިކޮށް، އެކި ގޮތްގޮތަށް ފަހައި ގުޅުވައިގެން އަދި ބައެއް ކޮތަޅުތަކުގައި ކުލަ ޖައްސާފައި ވެސް ހުއްޓެވެ. އޭވާގެ ގްރެޖުއޭޓު ކަލެކްޝަނުގައި ޕަފާ ޖެކެޓް، ސްކާޓު، ދަބަސް އަދި ވެސްޓު ހިމެނެ އެވެ.

އާވާގެ މި ކަލެކްޝަނުގެ މައިގަނޑު މަގުސަދަކީ 'އަޕްސައިކަލް' ކޮށްގެން (ބާކީވެފައި ނުވަތަ އުކާލައިފައި ހުންނަ ފޮތި ނުވަތަ އެ ބާވަތުގެ މެޓީރިއަލް ބޭނުން ކޮށްގެން) ފެޝަން ކަލެކްޝަނެއް ނެރުމެވެ. މިއީ ވެސް ފެޝަން ދާއިރާގެ ވަރަށް މުހިއްމު ބައެކެވެ. އެއީ ފެޝަން އިންޑަސްޓްރީ އަކީ ތިމާވެއްޓަށް ގެއްލުން ހުރި އެކި ކަންތައް ކުރަމުންދާ ދާއިރާއަކަށް ވުމުންނެވެ. ދުނިޔެއިން ޖައްވަށް ދޫކުރާ ގެދަބުޅީގެ 8-10% އަކީ ފެޝަން އިންޑަސްޓްރީގެ ސަބަބުން އުފެދޭ ކާބަން އެމިޝަނެވެ. އަދި ފެޝަން އިންޑަސްޓްރީން އުފައްދާ އެއްޗެހީގެ 60% އަކީ ޕްލާސްޓިކެވެ. ޝީއިން ފަދަ ފާސްޓް ފެޝަން ބްރޭންޑުތަކުގެ ސަބަބުން ތިމާވެއްޓަށް އަދި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތައް ލިބޭކަން އެތައް ދިރާސާއަކުން ދައްކަ އެވެ.

ޝީއިން އަކީ މިހާރު 10 ބިލިއަން ޑޮލަރުގެ އަގުހުރި ބްރޭންޑެކެވެ. އެއީ ޒާރާ އަދި އެޗް އެންޑް އެމް ފަދަ ބްރޭންޑުތަކަށް ވުރެ މާ މަގުބޫލު ބްރޭންޑަކަށް ވެއްޖެ އެވެ. ޝީއިން އިން ދުވާލެއްގެ މައްޗަށް 2،000 އާ ޕްރޮޑަކްޓު ނެރޭ ކަމަށް ވެ އެވެ.

ކޮމެންޓް (2)

މުޙައްމަދު

15 ޖޫން 2022
ޝައިން ދޯ އެއީ
0 0

ޝެއިން

15 ޖޫން 2022
އަހަރުން މި ޕްރޮނައުންސް ކުރަނީ "ޝެއިން" ކޮބައިބާ ރަނގަޅު ގޮތަކީ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް