ޝިފްލީން: ހަމައެކަނި ނަމެއް ނޫން، އެއީ ފައްކާވި މަތީ ހުނަރެއް

އަމީނިއްޔާގައި ކިޔެވި އިރު އޭނާގެ ހުވަފެނަކަށް ވީ 'ހަވީރު' ނޫހުގައި އޭނާގެ ނަން ޖެހޭނެ ދުވަހެއް ގެނައުން
15 ނޮވެމްބަރު 2022
10

މުހިންމު ނުކުތާތައް

މިއަދު ޝިފްލީންއަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ނޫސްވެރިޔާ

ރަށްރަށަށް ގޮސް ލިއާ ލިއުންތަކަށް ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައި

މަޔަކަށް ވުމަކީ ނޫސްވެރިކަން ހުއްޓާލަން ޖެހޭ ކަމެއް ނޫންކަން ވަނީ ސާބިތުކޮށްދީފައި

އަމީނިއްޔާ ސްކޫލްގެ ލައިބްރަރީ އެވެ. އިންޓަވަލް ގަޑި އެވެ.

އައިމިނަތު ޝިފްލީން ލައިބްރަރީއަށް ވަދެ މޭޒެއް މަތީ ފޮތްތައް ބަހައްޓާފައި އެތަނުގައި އޮތް 'ހަވީރު' ނޫސް ހުޅުވާލި އެވެ. އޭނާ އެންމެ ގަޔާވާ ލިއުމަށް ނަޒަރު ހުއްޓާލި އެވެ. ލިއުން ފެށޭ ތަނުގައި ލިއުންތެރިޔާގެ ނަން ޖަހާފައި އޮތެވެ.

"އަހަރެން ކައިރީގައި ތިބި ކްލާސް ކުދިން ކައިރީ ބުނިން މި ތަނުގައި އަހަރެންގެ ނަން ވެސް އަދި އޮންނާނޭ،" ހަބަރުގައި ޖަހާފައި އޮތް ނަމަށް އިޝާރަތްކޮށްފައި، ޝިފްލީން ބުންޏެވެ.

އެއީ މީގެ 16 އަހަރު ކުރިން، އޭނާގެ އުމުރުން ވެސް އެންމެ 16 އަހަރުގައި ދުށް ހުވަފެނެކެވެ. އޭގެ މާ ގިނަ ދުވަހެއް ނުވެ، ޖީސީއީ އޯ ލެވެލް ނިންމައި، 'ހަވީރު'އާ ގުޅުނެވެ. އުމުރުން 17 އަހަރު ވެސް ނުވެ އެވެ. ނޫސްވެރިޔާ 'އައިމިނަތު ޝިފްލީން'ގެ ނަން ރާއްޖޭގެ ނޫސްވެރިކަމުގެ ދުނިޔެއަށް އުފަންވި އެވެ.

މިދިއަ ހޮނިހިރުދުވަހުގެ ރޭ، ގިޔާސުއްދީން ސްކޫލް ހޯލްގައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އެވޯޑް ނައިޓްގައި، ރާއްޖޭގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ ޝިފްލީން އެވެ. ހަމައެކަނި 'ހަވީރު'ގެ ސަފުހާތަކުގައި އޭނާގެ ނަން އެކަނި ލިއެލީކީ ނޫނެވެ. އޭނާގެ މަސައްކަތާއި ހިތްވަރާއި އުއްމީދުތައް އޭނާ ގެންގޮސްދިނީ، ރާއްޖޭގެ ފެންވަރުން ނޫސްވެރިކަމުގެ، ލިއުންތެރިކަމުގެ މަތީ އުޑަށެވެ.

ސްކޫލް ނިންމާފައި އާދޭ!

އިންޓަވަލް ގަޑީގައި ސްކޫލުގެ ގޯތި ތެރެއަށް ނުކުތުމުގެ ކުރިން ލައިބްރަރީގައި ހުރެ އެ ދުވަހު ޝިފްލީން ބުނެލި ހުވަފެނީ ވާހަކައިގެ ކުރިން ވެސް އޭނާ އޮތީ ނޫސްވެރިކަމަށް ވަނުމުގެ ކުޑަ މަސައްކަތެއްކޮށްފަ އެވެ. އޭރު 'ހަވީރު'ގެ އެޑިޓަރު ޑރ. އަލީ ރަފީގަށް ފޯނުކުރި އެވެ.

"އަލީ ކައިރީ އަހަރެން އެހީ ސްކޫލް ކުދިންނަށް ޖޮބް ދެންހޭ. ޕާޓްޓައިމްކޮށް މަސައްކަތްކުރަން ބޭނުމޭ،" ގްރޭޑް 9 ގައި ކިޔަވަމުން ދިޔަ އިރު ވެސް ނޫސްވެރިކަމަށް ލޯބި އޮތްކަން ބުނެދިނުމުގެ ގޮތުން ޝިފްލީން ކިޔައިދިނެވެ.

"އަލީ ރަފީގު ބުނީ ސްކޫލް ކުދިންނަށް ވަޒީފާ ދީއެއް ނޫޅެމޭ. ސްކޫލް ނިމިގެން އަންނާށޭ."

ރަށަކަށް ކުރި ދަތުރެއްގައި ފޮޓޯއެއް ނަގަން ޝިފްލީން ތައްޔާރުވަނީ

ކަމެއް ރަނގަޅަށް ފެށޭނީ އެކަމަކަށް ތިމާގެ ލޯބި އޮވެގެންނެވެ. އެއީ ތިމާ ކުރަން ބޭނުން ކަމެއްކަން، ހިތުގެ އަޑިން ގަބޫލުކޮށްގެންނެވެ. ޝިފްލީން ނޫސްވެރިކަމަށް ވަނީ އޭނާގެ ކިބާގައި ފަންނީ ހުނަރެއް ހުރިކަން އޭރު ވެސް އަމިއްލަ ނަފުސަށް ވިސްނައިފަ އެވެ. ބައްޕައަކީ އުފަން ރަށް ހދ. މަކުނުދޫގައި، ކުރިން ޓީޗަރެއްގެ އިތުރުން ރަށު ފެންވަރުގެ ކުރެހުންތެރިއެކެވެ. އާއިލާގައި ލަވަ އާއި ޅެންހަދާ، ޅެންވެރިން ވެސް އުޅެ އެވެ. އޭނާގެ ހަވަނަ ހިއްސު އޭނާއަށް މަގު ދައްކައިދިނީ ލިއުންތެރިކަމަށެވެ.

އަމީނިއްޔާ ނިންމާފައި ފުރަތަމަ ވަޒީފާއަކަށް ވަނީ ނެޝަނަލް ލައިބްރަރީއަށެވެ. އެކަމަކު މަހެއް ވެސް ނުވެ އުޅެނިކޮށް 'ހަވީރު' ނޫހުން ފެނުނީ ނޫސްވެރިން ހޯދަން ކޮށްފައި އޮތް އިއުލާނެކެވެ.

"އޭރު މަންމަ ވެސް ހުރި މާލޭގައި. މަންމަ ލައްވާ ސިޓީ ލިއެ، މަންމައާ އެކު ގޮސް 'ހަވީރަ'ށް ސިޓީ ލީ،" ޝިފްލީން ބުންޏެވެ.

"ލައިބްރަރީން އޭރު އެ މަހުގެ މުސާރަ ވެސް ނުލިބޭ. 'ހަވީރު'ގެ ޖޮބް ފެނުނީމާ މަޑުނުކޮށް އަވަހަށް އުޅުނީ އެކަމާ."

ކަން ދިމާކުރި ގޮތުން ޝިފްލީންގެ ނުސްވެރިކަމުގެ ފުރަތަމަ ތަމްރީންތަކުގެ މައިގަނޑު ދާއިރާއަކަށް ވީ ވެސް ރާއްޖޭގެ ތައުލީމެވެ. ސްކޫލްތަކުގެ ހަބަރުތައް ހެދުމެވެ.

ވަރަށް ބޮޑު ތަޖުރިބާއެއް

ނޫސްވެރިކަމަކީ ބުރަ، އެކަމަށް ގިނަ ވަގުތު ދޭން ޖެހޭ އަދި އެހާމެ ބޮޑަށް ތިމާގެ ވިސްނުން ވަރަށް ފުޅާކުރަން ޖެހޭ ފަންނެކެވެ. ޝިފްލީން ބުނި ގޮތުގައި ނޫސްވެރިކަން އޭނާ ގެންގޮސް ލީ ވަރަށް ތަފާތު ތަޖުރިބާތަކެއްގެ ދުނިޔެއަކަށެވެ. އެއީ ނިއުސްރޫމްގައި އިނދެ، ހަމައެކަނި ފޯނުން އިންޓަވިއުއެއް ނަގައި، ހަބަރެއް ލިއެލި ދުވަސްވަރެއް ނޫނެވެ. އެއީ ކަމެއް ހިނގީމާ އެތަނަކަށް ނޫސްވެރިޔާ ގޮސް، އެތައް ބަޔަކާ އިންޓަވިއުކޮށް، އެތައް މައުލޫމާތެއް ހޯދައިގެން ހަބަރުތައް ލިއުނު 'ސަޅި ދުވަސްވަރެކެ'ވެ.

މާލޭގައި ގޭންގް މާރާމާރީތައް 2000ގެ އަހަރުތަކުގެ މެދުތެރޭގައި ފުރަތަމަ ފެށި އިރު އެތައް މަރެއްގެ ކަވަރޭޖްގައި ޝިފްލީން އުޅުނެވެ. ސިޔާސީ މިނިވަންކަމުގެ ފުރަތަމަ މުޒާހަރާތަކާއި މަގުމަތީގެ ހަރަކާތްތައް ހިންގި އިރު، އެތަންތަނަށް ދާން ޖެހުނެވެ. އެމްޑީޕީގެ ވެރިކަން 2012 ގައި ވެއްޓުނު ތަޅާފޮޅުން އާޓިފިޝަލް ބީޗުގައި ފެށުނު ވަގުތު އެ ކަވަރުކުރަން ގޮސް ހުއްޓެވެ. ފުރަތަމަ ޒަހަމްވި އެކަކީ އޭނާ އެވެ. ބޯ ފެޅިގެން އޭޑީކޭއަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.

ނޫސްވެރިކަމުގެ ތެރެއިން ހޯދި ތަޖުރިބާއިން ޝިފްލީންއަށް މަގު ކޮށައިދިނީ ދަތުރުކޮށްގެން ތަފާތު އެއްޗެހި ލިޔަން

"އަސްލު ވަރަށް ބޮޑެތި ތަޖުރިބާތަކެއް ލިބުނީ. ވަރަށް ގިނަ ކަންކަމުގައި އަމަލީ ގޮތުން އުޅެން ޖެހުނު. އުޅޭ ހިތުން އުޅުނީ،" ޝިފްލީން ބުންޏެވެ.

"ދުވަހަކު ވެސް މިވެނި ކަމެއް ނުކުރެވޭނެއޭ ހިތަކަށް ނާރާ. ހަވާލުކުރާ ކަމެއް ނިންމަން މަސައްކަތްކުރީ."

ނޫސްވެރިކަމާއި ލިއުންތެރިކަން މޮޅުވަނީ އެކަމުގެ ތެރޭގައި ތިމާ އުޅެ ގިނަ ދުވަސް ވީ ވަރަކަށެވެ. އޭގެ ވައްޓަފާޅި އާއި ތަފާތު ލިއުންތަކުގެ ސިފަތައް ދަސްވަނީ ވެސް، ގިނައިން ލިއެގެންނެވެ.

ރާއްޖޭގެ މޮޅު ނޫސްވެރިންގެ ލިސްޓަށް ޝިފްލީން އެރީ އެ ތަޖުރިބާ އާއި އެ ހިތްވަރާއި އެވަރަށް އޭނާ ކުރި މަސައްކަތުންނެވެ. ރޮވޭ ކަހަލަ، ހިތަށް ކުޅަދާނަނުވާ ކަހަލަ، އެތައް ހާދިސާއެއްގެ ތަޖުރިބާ ހޯދައިގެންނެވެ. އޭގެ ތެރޭގައި ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަންކަން ދިމާވި އެވެ.

ޝިފްލީން، 2016 ގައި އަބްދުލް ގަފޫރު (ގައްބެ) ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ކުރި ދަތުރު ކަވަރުކުރުމުގައި

ވިހާފައި މާލޭގެ މަގެއް މައްޗަށް 'އެއްލާލައިފައި' އޮތް ތުއްތު ކުއްޖަކު 'ހޮވި' އަންހެނަކާ ބައްދަލުކޮށް، އިންޓަވިއު ނަގައި، އެ ހަބަރު ލިއުނެވެ. އެކަމަކު އޭގެ ފަހުން އެނގުނީ އެއީ އެ ކުއްޖާގެ މަންމަކަމެވެ. ކައިވެނިން ބޭރުން ލިބުނު ކުއްޖަކަށް ވާތީ އޭނާ އުޅުނީ އެކަން ސިއްރުކުރާށެވެ. އެހެންކަމުން އަމިއްލައަށް ވިހާފައި، އެއީ މަގުމަތިން 'ހޮވި' ކުއްޖެއް ކަމަށް، ބުނެ އަޑުއެރުވީ އެވެ. އެކަމަކު ފަހުން ހިތަށް ކެތްނުކުރެވިގެން އޭނާ ބޭނުންވީ ކަން ހިނގި ގޮތް ކިޔައިދޭށެވެ.

ޝިފްލީން އޭނާއާ އަލުން ބައްދަލުކުރި އެވެ.

"ވަރަށް ރޮއިރޮއިފައި މައާފަށް އެދުނު [ދޮގުހެދުނީތީ]. ދަރިފުޅު ބޭނުންވެގެން އާދޭސް ވެސް ކުރި. އޭރު ދައުލަތަށް އޮތީ ކުއްޖާ ނަގާފައި. ވަރަށް ދެރަވި ދުވަހެއް އަސްލު،" ޝިފްލީން ބުންޏެވެ.

އެކަމަކު ހަމަ އެ ދުވަހު އެ މަންމަގެ ޓެސްޓްތައް ހަދައި، ކުއްޖާ އޭނާއާ ހަވާލުކުރި އެވެ. 

ނޫސްވެރިކަމުގެ އެހެން ފެންވަރެއްގައި

މިއަދު ޝިފްލީންއަކީ، އަހަރުގެ މޮޅު ނޫސްވެރިޔާގެ އެވޯޑް ލިބުނަސް އަދި ނުލިބުނަސް، ރާއްޖޭގެ އެންމެ ތަފާތު އެއް ނޫސްވެރިޔާ އެވެ. މީގެ ހަތަރު އަހަރު ކުރިން ދަރިއަކު ލިބުމާ އެކު މާލޭގައި އުޅެން އުނދަގޫވެ، އޭނާ ދިރިއުޅުން ބަދަލުކުރީ ފިރިމީހާގެ ރަށް، އއ. ރަސްދުއަށެވެ. އޭރު 'ހަވީރު' ހުއްޓާލަން ޖެހި، އެ ނޫހުގެ މުވައްޒަފުން އޮތީ 'މިހާރު' އުފައްދައިފަ އެވެ.

ޝިފްލީން ބޭނުންވީ ދުވަސްކޮޅަކަށް ނޫސްވެރިކަމާ ދުރުވެލާށެވެ. އެގޮތުން އެއް އަހަރުގެ ލީވެއް 'މިހާރު'ން ނެގި އެވެ. އެކަމަކު އޭނާއަކަށް ނުހުރެވުނެވެ. ދަރިފުޅަށް ތިން މަސް ވީ ތަނާހެން، ރަށުގައި ހުރެ، ނޫސްވެރިކަން އަލުން ފެށި އެވެ.

ރަށްރަށަށް ގޮސް ނޫސްވެރިކަމުގެ މަސައްކަތްކުރަނީ ހަތަރު އަހަރުގެ ދަރިފުޅު ވެސް ގޮވައިގެން، މައެއްގެ ޒިންމާ ވެސް އުފުލަމުން

"ދަރިފުޅުގެ އެއްވެސް ކަމެއް މީހަކަށް ނުޖައްސަން. ހުރިހާ ކަމެއް ކުރަނީ އަހަރެން. ދަރިފުޅު އުނގުގައި ބާއްވާލައިގެން ވެސް ލިއަން،" ޝިފްލީން ބުންޏެވެ.

ދަރިއަކު ލިބުމަކީ ނޫސްވެރިކަމާ ދުރަށް ދާން ޖެހޭ ސަބަބެއް ކަމަކަށް އޭނާ ނުބަލަ އެވެ. އޭގެ ބަދަލުގައި އޭނާ ދަސްކުރީ، ކެތްތެރިވީ އަދި ހައްލު ހޯދީ، ނޫސްވެރިކަން ކުރިއަށް ގެންދެވޭނެ އެކި ގޮތްތަކުންނެވެ. 

މަޔަކަށް ވިޔަސް، ދަރިން ބަލަމުން ވެސް، ރަނގަޅު ނޫސްވެރިކަމެއް ކުރެވޭނެކަން އަސްލު އެނގުނީ

އައިމިނަތު ޝިފްލީން، އަހަރުގެ މޮޅު ނޫސްވެރިޔާ

ޝިފްލީންއަކީ ވަރަށް ތަފާތު ލިއުންތެރިއެކެވެ. ހަބަރުން ފެށިގެން ފީޗާ ލިއުންތަކަށް ވެސް ފަރިތަވެފައި، ހުށައެޅުން ފުރިހަމަ އެވެ. އެހެންކަމުން އޭނާއަކީ ރަށްރަށުގެ ކަވަރޭޖަށް ކުޅަދާނަ ނޫސްވެރިއެއްކަން އެޑިޓަރުންނަށް ގަބޫލުކުރެވުނެވެ. 'ހަވީރު'ގައި މަސައްކަތްކުރި އިރު، ޖެނުއަރީ 2016ގައި ކަތަމަރާން ދުއްވުންތެރިޔާ އަބްދުލް ގަފޫރު (ގައްބެ) ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ކަތަމަރާންގައި ކުރި ދަތުރުގެ ހާއްސަ ކަވަރޭޖްގެ ލިއުންތެރިޔަކީ އޭނާ އެވެ. އެކަމަކު އެއަށް ވުރެ މާ ބޮޑަށް ޝިފްލީންގެ ބޭނުން ހިފިދާނެކަމަށް ބަލައި، 'ދައުރު' އިން މި އަހަރުގެ ޖެނުއަރީ މަހު ހަވާލުކުރީ ރަށްރަށުގެ ކަވަރޭޖަށް ހާއްސަކުރި 'ރާޅުފަށް' ސިލްސިލާ ފެށުމުގެ މަސްއޫލިއްޔަތެވެ.

ފެރީއެއްގެ ތެރޭގައި ޝިފްލީން މަސައްކަތުގައި: އޭނާ ސާބިތުކޮށްދިނީ ކޮންމެ ހާލަތެއްގައި ވެސް ނޫސްވެރިކަން ކުރެވިދާނެކަން

ޝިފްލީން އޭރު ހުރީ ބޮޑު ޗުއްޓީގައި އުފަން ރަށް، ހދ. މަކުނުދޫގަ އެވެ. 

"އަބަދުވެސް އެނގޭ ތަފާތު ރަށެއްކަން މަކުނުދުއަކީ. އެކަމަކު ނޫސްވެރިއެއްގެ ވިސްނުމަކުން އޭގެ ކުރިއަކުން ނުވިސްނަން. ރާޅުފަށް ހަވާލުކުރީމާ ދެން ފެށުނީ، އެހާ ހިސާބުން ވަރަށް ތަފާތު، ވަރަށް ޝައުގުވެރި ކަންކަން ރަށުން ފެނުނު،" ޝިފްލީން ބުންޏެވެ.

މިސާލަކަށް އޭނާ ނެގީ، ކުރީގައި މަކުނުދުއަށް މީހުން އަރުވާލުމުން އެ މީހުން ރަށު އަންހެނުންނާ ކައިވެނިކޮށް، ވަޒަންވެރިވި ގޮތެވެ. ސަނދަރަ ނަގަން ރަށު މީހުން، ދިގު ފަރުމައްޗަށް ކުރާ ދަތުރެވެ. އޭގެ ތެރެއިން އަންހެނަކު ގެއްލިގެން ފަރުމަތީގައި ހޭދަކުރި ބިރުވެރި ވަގުތެވެ.

"އެ ސްޓޯރީތައް ވަރަށް ބޮޑަށް ހިނގި. ދެން އައިޑިއާ އައީ ރަށްރަށަށް ދަތުރުކުރަން،" ޝިފްލީން ބުންޏެވެ.

އޭގެ ފަހުން އައި ޗުއްޓީތަކުގައި ލިއުންތެރިޔާ ވަނީ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން އަރިއަތޮޅާއި މި ފަހުން ވ. އަތޮޅަށް ދަތުރުކޮށް، ވަރަށް ގިނަ ލިއުންތައް ލިއެފަ އެވެ. ކިއުންތެރިން އެ ޝައުގުވެރިކަމުގެ ތެރެއަށް ވެއްދި އެވެ.

ޝިފްލީން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އާންމު ނޫސްވެރިކަމުގެ ވައްޓަފާޅި، އެ ދަތުރުތަކުގެ ސަބަބުން، އޭނާއަށް ބަދަލުކޮށްލެވިއްޖެ އެވެ. އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ލިބުމުން އޭނާއަށް ޚާއްސަ އުފަލެއް އިހުސާސްކުރެވެނީ ވެސް، އެ ދަތުރުތަކުން، ނޫސްވެރިކަމަށް ގެނެސްދެވުނު ތަފާތާ ހެދި އެވެ.

"މަޔަކަށް ވިޔަސް، ދަރިން ބަލަމުން ވެސް، ރަނގަޅު ނޫސްވެރިކަމެއް ކުރެވޭނެކަން އަސްލު އެނގުނީ،" ޝިފްލީން ބުންޏެވެ.

"ދަރިއަކު ލިބޭ ހިސާބުން ނޫސްވެރިކަން ދޫކޮށްލާފައި، އޮފީހެއްގެ މީޑިއާ ޖޮބަކަށް، ނުވަތަ ސޭފް ޖޮބަކަށް ކޮންމެހެން ދާކަށް ނުޖެހޭކަން ސާބިތު މިކޮށްދެވުނީ."

އެކަމަކު ހަގީގަތުގައި ޝިފްލީންއަށް އެހާ ހިސާބަށް ދެވުނީ 16 އަހަރުގެ ފޫހިވުމެއް ނެތް، ހިތްވަރު ދޫނުކޮށް، ލޯތްބާއި ގަޔާވުމާ އެކު ކުރި މަސައްކަތުންނެވެ. ހިޔާލާއި މައުލޫއުތައް ސިކުނޑިއަށް އަޔަސް، ލިއުމުން އެ ދައްކައިދެވޭނީ އެ ހުނަރު ހުރެގެންނެވެ.

ޝިފްލީން، މިދިއަ ހޮނިހިރުދުވަހުގެ ރޭ އޮތް އެމްއެމްސީ އެވޯޑް ހަފުލާގައި، އެންމެ މޮޅު އެވޯޑާ އެކު

ޝިފްލީންއަކީ އެހެން ފެންވަރެކެވެ. އެ ހުނަރުގެ ލިއުންތެރިން ރާއްޖޭގައި ވަރަށް މަދެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" މޮޅު ނޫސްވެރިޔާގެ އެވޯޑާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

"މައެއްގެ ގޮތުގައި ހުރެ އެވަރަށް މަސައްކަތްކުރެވުނީމާ. ދިރިއުޅުމުގެ ހާލަތު ބަދަލުވިޔަސް މިއީ ކުރެވިދާނެ ކަމެއްކަން އަސްލު ސާބިތުކޮށްދެވުނީ."

ޝިފްލީންގެ ދަތުރު އަދި ނުނިމެ އެވެ. އޭނާ ބޭނުންވަނީ 'އެ ސަޅި ސްޓޯރީތައް' ކުރިއަށް ގެންދާށެވެ. ނޭނގި ހުރި އެތައް ކަމެއް ތިލަކޮށްލަދޭށެވެ. އެ ލިއުންތަކުން ކިއުންތެރިންނަށް ލިބެނީ އުފަލެވެ. ހިތްވަރެވެ. އުއްމީދެވެ.

ލިއުންތެރިކަމަށް، ނޫސްވެރިކަމަށް، އެއީ ޖަވާހިރުތަކެކެވެ.

ކޮމެންޓް (10)

ނިޡާމް

17 ނޮވެމްބަރު 2022
އަބަދުވެސް ކާމިޔާބީ އެދެން.. ތިޔައީ ތިލަދުންމަތީ ފަޙުރުވެރި ދަރިއެއް...
0 0

އިބްރާހީމް

16 ނޮވެމްބަރު 2022
މާޝާ ﷲ. ލިޔުންތެރިކަން / އަދި ލިޔުންތައް ގެނެސްދީފައި ހުންނަ ގޮތް ވަރަށް މޮޅު. ނޫސްވެރިއެއް.
1 0

ޙަސަން

15 ނޮވެމްބަރު 2022
ހުނަރުވެރި މޮޅު ނޫސްވެރިޔެއް
2 0

ސަންފާ

15 ނޮވެމްބަރު 2022
މުސްތަގުބަލުގައި ކާމިޔާބާއި ކުރިއެރުމަށް އެދެން
6 0

އަފިއްޔާ

15 ނޮވެމްބަރު 2022
ކޮންމެ މީހަކު ވެސް ކެރިގެން ހިތްވަރު ކޮށްފިއްޔާ ކާމިޔާބަކީ ދުރުގައި އޮތް އެއްޗެއް ނޫން
5 0

ފަރޫ

15 ނޮވެމްބަރު 2022
ބާރަށް ކުރިއަށް. ކާމިޔާބަށް އެދެން
5 0

ދަންމާނު

15 ނޮވެމްބަރު 2022
އެކި މީހުންނާސް ލައްވާނީ އެކި ރަހުމަތް. ބޭނުން ވިޔަސް އެންމެންނަަށް ފުރުސަތު ތަކެއް ނުލިބޭނެ
6 0

އަސްފާ

15 ނޮވެމްބަރު 2022
ކަނބަލުންނަށް ނަމޫނާއެއް
5 0

ރަފީޤް

15 ނޮވެމްބަރު 2022
ޝިފްލީންއަކީ ވަރަށް ހުނަރުވެރި ވަރަށް ކެރޭ ހީވާގި މައެއް، ކަނބަލެއް
7 0

ހަސީނާ

15 ނޮވެމްބަރު 2022
އިންސްޕަޔާވޭ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް