Majlis 2024

ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ތޯރިގުގެ ރަހްމަތްތެރިކަމުގައި ގެއަށް އަންނަ އެކި މީހުންނަށް ސާނިޔާ މެހުމާންދާރީ އަދާކުރުން ކުރިއަށްވުރެ ފުރިހަމަ ކުރިއެވެ. އެމީހުންނާ ބާއްވާ ގުޅުން ބަދަހި ކުރިއެވެ. ވަކި މަގުސަދެއްގައެވެ.
16 ޖޫން 2022

އެޕިސޯޑް 12

"އެކަނި ހުރެ ތި ހެނީ ޔޯ؟ މޮޔަ ގޮވެނީތަ އަނެއްކާ؟" ތޯރިގު އައިސް ގޮނޑީގައި އިށީނެވެ.

"މި ކަހަލަ ހިޔާލު އައީމަ އެކަނި ހުރެ ވެސް ހެވޭނެ. މި ހެވެނީ މޮޔަ ވެގެންނެއް ނޫން. އުފަލުން." ސާނިޔާ އައިސް ތޯރިގު ގާތުގައި އިށީނެވެ.

"އަހަރެންނަށް މާ ރަނގަޅު ގޮތެއް ވިސްނިއްޖެ،" އުފަލުން ފުރިފައި އިން ސާނިޔާ ބުންޏެވެ.

ތޯރިގަކީ ވަރަށް ގިނަ ރައްޓެހިން ގެންގުޅޭ މީހެކެވެ. ސަފާރީގައި އުޅުނު ދުވަސްވަރާއި އަވައްޓެރިން ގޮތުގައި ވެސް ތޯރިގުގެ ރައްޓެހިން ތިބެއެވެ. ގެއަށް ވެސް ވަދެ ނުކުމެއެވެ. މިހާ ދުވަސް ވުމުން ސާނިޔާއާ ވެސް އެމީހުންނާ ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. ގެއަށް އަންނަ ކޮންމެ މީހަކަށް ވެސް ސާނިޔާ އެންމެ ފުރަތަމަ ކުރާ ކަމަކީ ކާން ގޮވުމެވެ. ނުވަތަ ސައި ބޯން ބުނުމެވެ. ނަމަވެސް ފަހަކަށް އައިސް މާ ގިނައިން ސައިބޯން މީހުން ގާތު ބުނަން ފެށިއެވެ. މީހުން ނާންނަ ދުވަހެއް ނަމަ އެގެއަކަށް ގޮސް ބުނެއެވެ. ސާނިޔާގެ ކަމުގެ ފަހަތުގައި މަގްސަދެއް ވެއެވެ.

އެއް ދުވަހެއްގެ ހަވީރެވެ. ސާނިޔާއާއި ތޯރިގު ތިބީ ޓީވީ ބަލާށެވެ. މީހަކު ސަލާމް ގޮވާލި އަޑަށް ބަލާލި އިރު ހުރީ ތޯރިގުއާ ވަރަށް ވައްތަރު މީހެކެވެ. ސާނިޔާއަކަށް އޭނައެއް ނޭނގެއެވެ. ސަލާމް ބަލައިގަތީ ތޯރިގުއެވެ.

"އަޒީޒް. ކޮން އިރަކު މާލެ އައީ؟" އިށީންނާނެ ގޮނޑި ދައްކަމުން ތޯރިގު އެހިއެވެ.

"މިއަދު މި އައީ. ހަމަ އެންމެ މިނެޓެއް ވެސް ލަސް ނުކޮށް މިއައީ ތޯރިގުއާ ބައްދަލު ކުރަން. ކޮބާތަ ކުދިވެރިން؟" ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން އަޒީޒް އެހިއެވެ.

"އެކި ކުދިން ވީ އެކި ތަނުގައި. ގުރުއާން ކުލާހާއި ޓިއުޝަނުގައި،" ސާނިޔާ ބުންޏެވެ.

"މިއީ އަހަރެންގެ އަންހެނުން ސާނިޔާ. މިއީ އަޒީޒް. އަހަރެންގެ ވަރަށް ދުވަސްވީ ރަހުމަތްތެރިއެއް. އެކަމަކު އާންމުކޮށް އުޅޭނީ ރާއްޖެއިން ބޭރުގައި. ވަރަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓް އެކްސްޕޯޓް ކަންތަކުގައި އުޅޭނީ." ތޯރިގު އެންމެ ފަހުން އެބުނި ޖުމްލައިން ސާނިޔާ އަޒީޒަށް ބަލާލިއެވެ.

"ތޯރިގު ނުވެސް ބުނަމެއްނު މިހާ ގާތް ރައްޓެއްސެއް ހުންނަ ވާހަކައެއް. ހިނގާ ކޮންމެވެސް އެއްޗެއް ބޯލަން." މިހެން ކިޔާފައި ސާނިޔާ ތެދުވެގެން ބަދިގެއަށް ދިޔައެވެ. އަދި ކަޅު ސަޔާއި ބިސްކޯދު ތައްޓެއް ހިފައިގެން އައެވެ. ހަމަ އެ ވަގުތު އަޒްނާ އައެވެ. ކޮޓަރި ތެރެއަށް ވަދެގެން އައި އަޒްނާއަށް އަޒީޒް ރަނގަޅަށް ބަލާލިއެވެ.

"މިއީ އަހަރެންގެ ދޮށީ މަންޖެ،" އަޒްނާ ބޮލުގައި ފިރުމާލަމުން ތޯރިގު ބުންޏެވެ.

"އެހެންތަ. ހާދަ ބޮޑުވެއްޖެއޭ ދޯ؟ ތޯރިގު ބުނެވެސް ނުލާ ކައިވެނި ކުރީ. މިހާރު ކިތައް ކުދިން ތިބޭ؟" އަޒީޒް އެހިއެވެ.

"ހަތަރެއް. ދޯ ސާނިޔާ؟ ދެން މި ނިންމާލީ. މާ ގިނަ ވީމަ ހަރަދުތަކުން ސަލާމަތް ނުވެގެން އުޅެން ޖެހެނީ." ސައި ތައްޓަށް ބިސްކޯދެއް ލާ ފޯ ކޮށްލަމުން ތޯރިގު ބުންޏެވެ.

"ހަތަރެއް؟" އަޒީޒް ތޯރިގަށް ބަލާލަމުން އެހިއެވެ. ތޯރިގު ލޯ އަޅާލީ ސާނިޔާއާ ދިމާލަށެވެ. އަޒީޒަށް އެބުނި އެއްޗެއް ފަހުމްވިއެވެ.

"އާނ. މިހާރު ހަރަދުތައް އުޅެނީ އަތް ނުފޯރާ ހިސާބުގައި. އަހަރެން އެންމެ ދެރަ ވަނީ ތޯރިގުގެ ތިމާގެ މީހުން ވެސް އެއްވެސް އެހީތެރިކަމެއް ނުވާތީ. މިކުދިން ސުކޫލަށް ދާއިރުވެސް އަރަނީ އެންމެ ދެރަ ބޫޓަށް. ގެންގުޅެނީ ބާ ދަބަސް. ކޮންމެ އަހަރަކު ކޮންތާކުން އާ ދަބަހާއި ބޫޓް ގަނެދޭނީ؟ ކުދިން އެ ކަމާ ވަރަށް ދެރަ ވާނެ. އެހެން ކުދިން މަލާމާތް ކުރާތީ. މި ކުދިން ވަރަށް ހިތުގައި ޖެހޭނެ. އެކަމަކު އަހަރެމެން ކިހިނެއް މި ކުދިންނަށް އެކަންކަން ވިސްނާދޭނީ؟ މިހާރު ވެސް އަޒްނާއަށް ދަބަހެއް ގަންނަން ވެއްޖެ. ޝާމްއަށް ބޫޓެއް ގަންނަން ވެއްޖެ." ދެރަ ވެފައި އިން ސާނިޔާގެ މޫނުމަތިން ފެނުނީ މާޔޫސް ކަމެވެ. ނަމަވެސް ހިތުގައި އޮތީ މަކަރުވެރިކަމެވެ. ވައްކަޅިން އަޒީޒްއާ ދިމާލަށް ބަލާލިއެވެ.

"ތއީ އެއްވެސް ކަމެއް ނޫން،" އަޒްނާގެ އަތުގައި ހިފައި އަޒީޒްގެ އުނގުގައި ބައިންދަމުން އަޒީޒް ބުންޏެވެ. "ބޭބެ މިރޭ އަންނާނަން ކޮއްކޮ ގޮވައިގެން ދަބަހެއް ގަންނަން ދާން. ތައްޔާރު ވެގެން ހުންނާތި އިނގޭ. އަންނަމުން ޝާމްއަށް ބޫޓެއް ވެސް ގަނެގެން އަންނާނީ."

ވަގުތުން ސާނިޔާގެ މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ. އަދި ތޯރިގަށް ބަލާލިއެވެ. ރޭވި ރޭވުން ކާމިޔާބު ވީ ކަމުގައި ދެކެމުންނެވެ.

އޭގެ ފަހުން އަޒީޒް އެގެއަށް އައުން ގިނަ ވާން ފެށިއެވެ. އަޒީޒަކީ ކައިވެންޏެއް ކޮށްގެން އުޅޭ މީހެއް ނޫނެވެ. ކުރާނެ މާގިނަ އަމިއްލަ ހަރަދުތަކެއް ނޯވެއެވެ. ނަމަވެސް ތަނަވަސް މީހެކެވެ. ސާނިޔާމެން ގޭގައި ގިނަ ވަގުތު ހޭދަ ކުރުން އާންމު ކަމަކަށް ވިއެވެ. ކުދިން ސުކޫލަށް ގެންދިޔުމުގައި ވެސް އުޅެން ފެށިއެވެ. ކުދިންނަށާއި ސާނިޔާއަށް އަގު ބޮޑެތި ތަކެތި ގެނެސް ދޭން ފެށިއެވެ. ސާނިޔާގެ ހިތް އުފަލުން ފުރުނެވެ. އެންމެ ޒުވާން އުމުރުން ފެށިގެން ބޭނުންވަމުން އައި ކަންކަން ހާސިލްވަމުން ދަނީ ކަމުގައި ހީކުރެވުނެވެ. އެކި ފަހަރު މަތިން ގެއަށް ބޭނުން ވާ ތަކެތި ވެސް ގެނެސް ދޭން ފެށިއެވެ. ކުދިންނާއި ސާނިޔާއާ އެކުގައި ހޭދަ ކުރާ ވަގުތު ތޯރިގު ވަނީ ޑިއުޓީގައެވެ.

"ސާނިޔާ. އަޒީޒް މިއަދު ވެސް އައިތަ؟" އިސްޓާކީނު ބާލަން އިން ތޯރިގު ބުންޏެވެ.

"އާނ. އެނގޭތަ މިއަދު މަށަށް ގެނެސްދިން މަލްމަލް ފޮތިގަނޑެއް. ބިލަމަގު މާ ކުލައިގެ. އެއީ މަށަށް ހާދަ ރީތި ކުލައެކޭ،" އުފަލުން ފުރިފައި ހުރި ސާނިޔާ ބުންޏެވެ. "ހުރިހާ އެންމެންނަށް އައިސްކްރީމް ވެސް ގެނެސްދިން. މިއަދު ވެސް އަޒްނާ ގޮވައިގެން ކުޑަކުދިންގެ ބަގީޗާއަށް ދިޔަ. ގެއަށް އައި އިރު ވަރަށް ރީތި ދެ ހެދުމާއި ބޮލުގައި ޖަހާ ދަތި ވެސް ގެނައި."

"ކީއްވެތަ އަހަރެން ނޫޅޭ އިރަށް އެ އަންނަނީ؟ ސާނިޔާ ގާތުގައި އޭނަ އެއްޗެއް ކީތަ؟ މި ބުނީ އަހަރެންނޭ ކިޔައިގެން؟" ތޯރިގު ސާނިޔާއަށް ފުރަގަސް ދެމުން އެހިއެވެ.

"ތޯރިގު ޑިއުޓީ އިންނަ ގޮތުން ދިމާ ނުވަނީއެއްނު؟ އޭނަ ވަރަށް ކިޔާނެ ތޯރިގުއާ ދިމާ ނުވާ ވާހަކަ. މި އަންނަ ހަފުތާގައި ފުރަން އުޅޭ ވާހަކަ ބުނި. ދެން އާދެވޭނީ ދެ ހަފުތާ ފަހުންނޭ ބުނީ،" ސާނިޔާ މާ ބޮޑު ސަމާލުކަމެއް ނުދީ ހުރެގެން ވާހަކަ ދެއްކިއެވެ.

"އަހަރެންނޭ ކިޔައިގެން އެއްޗެއް ކިޔަސް ގަބޫލް ނުކުރާތި އިނގޭ؟" ތޯރިގު އަނެއްކާވެސް ބުންޏެވެ.

"ކޯއްޗެއްތަ އޭނަ ކިޔާނީ؟ އަނެއްކާ ތޯރިގު މަށަށް ކަމެއް ސިއްރު ކުރަނީތަ؟" މި ފަހަރު ސާނިޔާގެ ހިތް ބާރަށް ތެޅިގަތެވެ. މާޒީގައި ތޯރިގު ސިއްރު ކުރި ކަންކަން ހަނދާނުން ފިލާހާ ދުވަހެއް ނުވެއެވެ. ސާނިޔާ އައިސް ތޯރިގުގެ އަތުގައި ހިފިއެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް