އިންޑިއަން ސްޕޭސް ރިސާޗު އޮގަނައިޒޭޝަން (އައިއެސްއާރުއޯ) އިން ސެޓަލައިޓެއް ފޮނުވާލުމަށް ރޭ ފަތިހު އުދުއްސާލި ރޮކެޓުގެ އަލިގަނޑު ހދ. މަކުނުދޫ މަތިން ފެނުނު ގޮތުގެ ފޮޓޯތަކެއް. (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ޖައްވު

ރާއްޖެ މަތިން ފެނުނު 'ގޮތް ނޭނގޭ އަލިގަނޑު': އިންޑިއާގެ ރޮކެޓެއް

މިއީ މޫސުމީ ކަންކަން ދެނެގަންނަ ސެޓަލައިޓެއް ޖައްވަށް ދޫކޮށްލަން ފޮނުވާލި ރޮކެޓެއް
14 ފެބްރުއަރީ 2022

ރާއްޖޭގެ ބައެއް ހިސާބުތަކަށް ރޭ ފަތިހު ޖައްވުގެ ތެރެއިން ފެނުނު "ގޮތް ނޭނގޭ އަލިގަނޑު" އަކީ އިންޑިއާ އިން ސެޓެލައިޓެއް ފޮނުވާލަން ލޯންޗުކުރި ރޮކެޓެއްކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ފަތިހު 5:30 އެހާކަންހާއިރު ސިނަމާލެ ބްރިޖާއި ހައިވޭ އިން ދަތުރުކުރި މީހުންނަށް ވަނީ ހުޅުލެ އަދި ހުޅުމާލެ މަތިން އަލިގަނޑެއް ފެނިފަ އެވެ. މައްޗަށް ދަތުރުކުރާ އުޅަނދެއް ކަހަލަ އެއްޗަކުން ފެނުނު އެ އަލިގަނޑުގެ ހަގީގަތް ނޭނގިގެން ބައެއް މީހުން އުޅުނެވެ.

މި "އަލިގަނޑު" ބައެއް އެހެން ރަށްރަށުގައި ތިބި މީހުންނަށް ވެސް ފެނިފައިވެ އެވެ.

ތަފްސީލް - އިންޑިއަން ސްޕޭސް ރިސާޗު އޮގަނައިޒޭޝަން (އައިއެސްއާރުއޯ) އިން ވަނީ ރޭ ފަތިހު އިންޑިއާ ގަޑިން 5:59 (ރާއްްޖެ ގަޑިން 4:29)ގައި، ސެޓަލައިޓް ފޮނުވަން ހާއްސަ ރޮކެޓެއް ކަމަށްވާ ޕޯލާ ސެޓަލައިޓް ލޯންޗު ވެހިކަލް (ޕީއެސްއެލްވީ)އެއް އުދުއްސާލާފަ އެވެ. ބޭ އޮފް ބެންގާލްއާ ދިމާލުން އޮންނަ ސްރީހަރިކޯޓާ ރަށުގައި ގާއިމްކޮށްފައިވާ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން އުދުއްސާލި މި ރޮކެޓުން ވަނީ، އިންޑިއާ ގަޑިން ފަތިހު 6:17 (ރާއްޖެ ގަޑިން 5:47)ގައި އާތު އޮބްޒަވޭޝަން ސެޓަލައިޓެއް ކާމިޔާބުކަމާ އެކު ޖައްވަށް ފޮނުވާލާފަ އެވެ.

އީއޯއެސް-04ގެ ނަން ދީފައިވާ، ކަނޑުން ފެށިގެން 529 ކިލޯމީޓަރު އުސް މިނުގެ އޯބިޓަކަށް ދޫކޮށްލި މި ސެޓަލައިޓަކީ، އިންޑިއާގެ ޖައްވީ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:

  • 10 އަހަރުގެ މުއްދަތަކަށް ޖައްވުގެ ތެރޭގައި ހަރަކާތްތެރިވެވޭނެ

  • ބަރުދަނުގައި 1710 ކިލޯ ހުރޭ

  • 2280 ވޮޓުގެ ކަރަންޓު އުފައްދާ

  • އުފައްދާފައިވަނީ ބެންގަލޫރުގައި ހުންނަ ޔޫއާރު ރާއޯ ސެޓަލައިޓް ސެންޓަރުގައި

އިންޑިއަން ސްޕޭސް ރިސާޗު އޮގަނައިޒޭޝަން (އައިއެސްއާރުއޯ) އިން ޖައްވަށް ސެޓަލައިޓެއް ފޮނުވާލުމަށް ރޮކެޓެއް ލޯންޗުކުރަން ރޭ ފަތިހު ތައްޔާރުކޮށްފައި. (ފޮޓޯ/އައިއެސްއާރުއޯ)
އިންޑިއަން ސްޕޭސް ރިސާޗު އޮގަނައިޒޭޝަން (އައިއެސްއާރުއޯ) އިން ޖައްވަށް ސެޓަލައިޓެއް ފޮނުވާލުމަށް ރޭ ފަތިހު ރޮކެޓެއް ލޯންޗުކުރަނީ. (ފޮޓޯ/އައިއެސްއާރުއޯ)

ކޮންމެ މޫސުމެއްގައި ވެސް ދުނިޔޭގެ ހައި ރިޒޮލިއުޝަން ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ މި ސެޓަލައިޓުން ހިފޭނެ ބޭނުންތަކުގެ ތެރޭގައި ހިމެނެނީ:

  • ދަނޑުވެރިކަމާ ގުޅުންހުރި ކަންކަން ދެނެގަތުން

  • ޖަންގަލިތަކަށް އަންނަ ބަދަލުތައް ދެނެގަތުން

  • ވެލިގަނޑުގެ ތެތްކަން ދެނެގަތުން

  • ކަނޑުގައި އޮއެ ދެމޭ ގޮތަށް އަންނަ ބަދަލުތައް ދެނެގަތުން

  • ފެންބޮޑުވާ ސަރަހައްދުތައް މެޕުކުރުން

އެ ރޮކެޓުން ވަނީ އީއޯއެސް-04ގެ އިތުރުން ވެސް ކުޑަ ދެ ސެޓެލައިޓެއް ޖައްވަށް ދޫކޮށްލާފަ އެވެ. އެއީ އާ ޓެކްނޮލޮޖީތަކެއްގެ ގާބިލުކަން ދެނެގަތުމަށް ފޮނުވާލި ދެ ސެޓަލައިޓެކެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ބަހެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް