ކަންގަނާ

ބޮލީވުޑްގެ ތަރިންނާ މެދު ކަންގަނާގެ ޝަކުވާ ފުންޏެއް

އާލިޔާ ބަޓް ލީޑުން ފެނުނު 'ގަންގޫބާއީ'ގައި އަޖޭގެ ހާއްސަ ރޯލެއް ހިމެނިފައި އޮތީމާ އެކަމާ ވެސް ކަންގަނާ ޝަކުވާ ކުރި
16 މޭ 2022

ބޮލީވުޑްގެ ގިނަ ފަންނާނުންނާއި ކަންގަނާ ރަނާވަތާ ދެމެދު މާ ރަނގަޅު ގުޅުމެއް ނޯވެ އެވެ. އެހެން މީހުން ކުރާ ކަންކަން އޭނާ އަށް ރަނގަޅެއް ނުވެ އެވެ. މީހަކު އޭނާ އަށް ފާޑު ކިޔައިފި ނަމަ އެއަށް ވުރެ ނުބައި މީހަކު ވެސް ނުހުރެ އެވެ.

ކަންގަނާ މިހާރު ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ދާކަޑް'ގެ ޕްރޮމޯޝަނުގެ މަސައްކަތް ކުރަމުންނެވެ. އަރުޖުން ރާމްޕަލް ވެސް ލީޑުން ފެންނަ އެ ފިލްމުގެ ޕްރޮމޯޝަނުގެ ތެރެއިން ބޮލީވުޑްގެ ބައެއް ތަރިންނާ ގުޅޭގޮތުން ކަންގަނާއާ ސުވާލު ކުރި އެވެ. އެގޮތުން އަޖޭ ދޭވްގަންއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކަންގަނާ ބުނީ ބޮލީވުޑަކީ އާންމުކޮށް އެކަކު އަނެކަކު ކުރާ މަސައްކަތަށް ސަޕޯޓު ކުރާ އިންޑަސްޓްރީއެއް ނަމަވެސް އޭނާގެ މަސައްކަތް ޕްރޮމޯޓު ކުރަން އަޖޭ ދުވަހަކު ވެސް ނޫޅޭ ކަމަށެވެ. އެކަމަކު އެހެން މީހުންގެ މަސައްކަތްތައް އިޝްތިހާރުކޮށްދޭން އަޖޭ މަސައްކަތް ކުރާ ކަމަށް ބުނެ ކަންގަނާ ޝަކުވާ ކުރި އެވެ.

އަކްޝޭ ކުމާރާ ގުޅޭގޮތުން ކަންގަނާ ބުނީ އޭނާގެ ފިލްމު 'ތަލައިވީ'ގެ ޓްރެއިލާ އާންމު ކުރުމުން އަކްޝޭ އޭނާ އަށް ގުޅައި ތައުރީފު ކުރި ކަމަށެވެ. އެކަމަކު އެއީ ސިއްރުން ބުނި ވާހަކައެއް ކަމަށާއި ޓްރެއިލާ ޓްވީޓުކޮށް ޕްރޮމޯޓު ނުކުރާ ކަމަށް ބުނެ ޝަކުވާ ކުރި އެވެ.

އާލިޔާ ބަޓް ލީޑުން ފެނުނު 'ގަންގޫބާއީ'ގައި އަޖޭގެ ހާއްސަ ރޯލެއް ހިމެނިފައި އޮތީމާ އެކަމާ ވެސް ކަންގަނާ ޝަކުވާ ކުރި އެވެ. އޭނާ ބުނީ އެއީ އެ ފިލްމަށް ކާމިޔާބީ ލިބުނު އެއް ސަބަބު ކަމަށެވެ. ކަންގަނާގެ ފިލްމަކީ ވެސް އަންހެން ލީޑެއް ހިމެނޭ ފިލްމަކަށް ވާއިރު އެ ފިލްމަށް އަޖޭގެ ސަޕޯޓު ލިބުނު ނަމަ އެ ވެސް ކާމިޔާބު ވާނެކަން ފާހަގަކޮށް ކަންގަނާ ވަނީ އަރުޖުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

މީގެ އިތުރުން 'ދާކަޑް'ގެ ޓްރެއިލާ ޝެއާ ކުރުމަށް ފަހު އަމީތާބު ބައްޗަން އެ ޕޯސްޓު ޑިލީޓް ކުރިކަން ފާހަގަކޮށް ކަންގަނާ ބުނީ، އެހެން ހެދީ ކީއްވެގެންކަން އެނގޭނީ އަމީތާބަށް ކަމަށާއި އެކަމާ ގުޅޭގޮތުން އެއްޗެއް ބުނަން އޭނާ އަށް ނޭނގޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް