ދިވެހިން ހަދިޔާކުރާ ފައިސާއިން، ޕާކިސްތާނުގެ ހާލުގައިޖެހިފައިވާ މީހުންނަށް ފޯރުކޮށްދެމުން އަންނަ ބަތް ޕާރުސަލުން އެ ގައުމުގެ ކޭމްޕެއްގައި ކުޑަކުދިންތަކެއް ކަނީ (ފޮޓޯ/އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން)

ދިވެހިންގެ ޕާރުސަލް ޕާކިސްތާނުގެ ކޭމްޕުތަކަށް: ބޮޑު އެހީއެއް

އެހީގެ ހަރަކާތް ހިންގާ ދިވެހި ޒުވާނުންނަށް ފެނުނީ އަދިވެސް ފެނު އަޑީގައި އޮތް ސަރަހައްދުތަކާއި ހޫނުގަދަ ހުސް ބިންތަކެއްގައި ކުދިކުދި ޓެންޓުގައި ކުޑަކުދިންނާ އެކު ހާލުގައިޖެހިފައިވާ އާއިލާތައް

ތަޅުންގަނޑެއް މަތީ ދެ ފައި ވަށްކޮށްލައިގެން ދެ މީހަކު ތިބީ ޓޮމާޓޯ އާއި ފިޔާ ކޮށާށެވެ. ހާމައަށް އޮތް ތަނެއްގައި އެއް ބަޔަކު ބިޔަ ތެލިތަކެއްގައި ބިރިޔާނީ ކައްކަނީ އެވެ. ޓެންޓެއްގެ ތެރޭގައި މޭޒުތައްމަތީ ބަތް ޕާރުސަލާއި ފެން ފުޅިތައް އަތުރާފައި ހުއްޓެވެ. އެއީ، ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތަކެއް މިލިއަން މީހުންގެ ތެރެއިން ބަޔަކަށް، ދިވެހިންގެ ފައިސާގެ އެހީގައި، ކޮއްތު ތައްޔާރުކުރުމުގެ މަސައްކަތެވެ.

ޕާކިސްތާނު މީހުންނަށް 100،000 ބަތް ޕާރުސަލް ބެހުމުގެ ހަރަކާތެއްގައި ފައިސާ އެއްކުރަމުން އަންނަ ރާއްޖޭގެ އެހީ ޖަމްއިއްޔާގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގައި އިސްކޮށް އުޅޭ ޒުވާނުން މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނަށް ގޮސް، ދިވެހިންގެ އެހީ ބޭނުންކުރަމުން އަންނަަ ގޮތް ސޯޝަލް މީޑިއާގައި ދައްކަމުން، އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވަމުން، އެ ތަނުގެ ހާލަތު ވެސް އަންނަނީ ކިޔައިދެމުންނެވެ.

"މިތާ ކައިރީ މަގުގެ އަރިމަތީގައި ވަރަށް ބައިވަރު މީހުން އެބަ ދިރިއުޅެމުންދޭ، ރަބަރުކޮޅު، ސަތަރިކޮޅު އެއްޗެހި އަޅާލައިގެން، އަދި އެކިއެކި އެހީ ދޭ ޖަމްއިއްޔާތަކުން ލިބިފައި ހުރި ޓެންޓުތަކުގައި،" އެހީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީ ފޭސްބުކް ވީޑިއޯއެއްގައި ބުނެ އެވެ.

"މި ހިސާބަކީ މީހުން ގެދޮރު ނެތި، ހުރިހާ ދަނޑުގޮވާން ނެތުމުގެ ސަބަބުން މީހުން ބަނޑަށް ޖެހިފައި ތިބި ހިސާބެއް." 

މުހައްމަދު ބުނިގޮތުގައި، އެހީއާ ގުޅިގެން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ އަލް ހައިރު ފައުންޑޭޝަނުން ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު އައީ، ކައްކާ ކެވޭނެ އެއްވެސް ގޮތެއް ނެތިފައި އެ ހިސާބުގައި ތިބި ހާލުގައި ޖެހިފައިވާ އެންމެންނަށް ހެނދުނާއި ރޭގަނޑު ތާޒާ ކޮއްތު ފޯރުކޮށްދެމުންނެވެ.

"އަޅުގަނޑުމެންގެ 100،000 ހޮޓް މީލްސްގެ [އަމާޒުގެ] މުހިއްމުކަން އަޅުގަނޑަށް ހަމަ ގައިމު ވެސް މި ތަނަށް އައިމަ ވަރަށް ބޮޑަށް އިހުސާސްވެއްޖެ،" ބަތް ޕާރުސަލަކަށް 35 ރުފިޔާގެ މަގުން ފައިސާ ހޯދުމަށް ހިންގާ ހަރަކާތަށް އެއްބާރުލުންދޭން އެދެމުން މުހައްމަދު ބުންޏެވެ.

ބަތް ޕާރުސަލް ތައްޔާރުކުރުމުގެ މަސައްކަތުގައި އައިއޭސީގެ ޓީމު ބައިވެރިވަނީ (ފޮޓޯ/އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން)

ސިންދު ޕްރޮވިންސްގެ ދާދޫ ޑިސްޓްރިކްޓުން އައިއޭސީގެ ޓީމަށް ފެނުނީ، ގެދޮރާއި ދަނޑުބިންތަކާއި މުޅި ދިރިއުޅުން ބީވެ، ޅަ ދަރިންނާ އެކު އާދައިގެ ކުދިކުދި ޓެންޓުތަކެއްގައި ބިކަވެފައިވާ އާއިލާތަކެވެ.

"މިސާލަކަށް، ބައެއް މީހުން ހިތަށްއަރާފާނެ ތިމަންނަ މަރުވިއްޔާ މާ ރަނގަޅޭ، އެ ހާލަތުގައި އަސްލު ތިބީ. ދެން އަހަރެމެންނަށް މި ވަގުތު އިމަޖެންސީ ރެސްޕޮންސެއްގެ ގޮތުގައި މި ދެވޭ އެއްޗަކީ ކާނާ،" ކައްކަން ހުރެފައި އައިސް ފޭސްބުކް ލައިވްއެއްގައި ވާހަކަދެއްކި އެހީގެ ރައީސް އަހުމަދު އިގްބާލް ބުންޏެވެ. "ކައިގެންތާ، އެ މީހުންނަށް ދެވަނަ ދުވަހަށް ވެސް އުއްމީދެއް އޮންނާނީ."

އެއް ކޭމްޕަކުން ވީޑިއޯ ލައިވް ކުރަމުން ދަނިކޮށް މުހައްމަދު އައިސް "ވަރަށް ހިތުގައިޖެހޭ ކަހަލަ ކަމެއް ފެނިގެން" އުޅޭ ވާހަކަ ބުނެ އެވެ. އޭނާ ދައްކާލަން ބޭނުންވީ އެ ކޭމްޕުގައި އުފަންވި ތުއްތު އަންހެންކުއްޖެކެވެ. އުމުރުން އެންމެ ހަތް ދުވަހުގެ ސާޖިދާ އެވެ.

"މިކަހަލަ އެތައް ކުދިންނެއް އެބައުޅޭ،" މުހައްމަދު ބުންޏެވެ. އޭނާ ދެން ބުނީ ޖެހިގެން ހުރި ޓެންޓުގައި ވެސް ދެ މަހުގެ ތުއްތުކުއްޖަކު އެބައޮތް ކަމަށެވެ. "އެހެންވީމާ އަޅުގަނޑުމެންގެ އެހީ ވަރަށް މުހިއްމު އިނގޭތޯ، މި ކުދިންނަށް."

އެހީގެ ކެމްޕެއިން ހިންގާ ޒުވާނުން ބުނިގޮތުގައި އެ މީހުން ތިބި ސަރަހައްދުގެ ގިނަ ހިސާބުތަކަކުން ފެން ހިނދުނު އިރު ގެދޮރާއި ދަނޑުބިންތަކުން ފެށިގެން ގޮސް ކުޑަކުދިންގެ ސްކޫލު ސާމާނާ ހަމައަށް ހުރިހާ އެއްޗެއް ވަނީ ހަލާކުވެ ނެތިގޮސްފަ އެވެ. އެ މީހުންނަށް އެނގުނު ގޮތުގައި އަދިވެސް ބޮޑު ބައި ފެނު އަޑީގައި އޮތް އެ ސަރަހައްދުގައި ހަތް ފޫޓުން ފެށިގެން 30 ފޫޓާ ދެމެދުގެ ފުންމިން އެބަހުއްޓެވެ. މިދިޔަ އާދީއްތަދުވަހު އެ މީހުން ލައިވްކުރި ވީޑިއޯއަކުން އެ މަންޒަރު ފެނެ އެވެ. ކުރިން މީހުން ދިރިއުޅެމުން އައި ހިކިފަސްބިމުގައި އެހީތެރިން އުޅުނީ ޑިންގީގަ އެވެ. ކޯރެއްހެން ސިފަވާ ފެންގަނޑެއްގައި ބައެއް ފަހަރު ނިކަން ބާރަށް ޑިންގީ ދުއްވާފައި ކުރި ދަތުރުގެ މަންޒިލަށް ދެވުނު އިރު ވީޑިއޯ ލައިވްކުރަން ފެށިތާ 12 މިނިޓަށް ވުރެ ގިނަ އިރު ވެއްޖެ އެވެ.

ފެނު އަޑީގައި އޮތް ސަރަހައްދަކުން ޑިންގީގައި ދަނީ (ވީޑިއޯ/އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން)

އަހަރުމެންގެ ޕާރުސަލް އަންނާނެކަން އެމީހުން މިހާރު ޔަގީން ކުރޭ. ކޮންފަދަ ބޮޑު ޒިންމާއެއްތޯ؟ ސުބްހާނަﷲ

މުހައްމަދު އަލީ / އެހީ ޖަމްއިއްޔާގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު

ހާލުގައި ޖެހިފައި ތިބި މީހުންނަށް ތާޒާކަންމަތީ ބަތް ޕާރުސަލް ފޯރުކޮށްދިނުމަކީ އޭގެ ޒާތުގައި ބޮޑު އޮޕަރޭޝަނެކެވެ. އެއްޗެހި ކޮށައި ތައްޔާރުކޮށް، ބިޔަ ތެލިތަކުގައި ކެއްކުމަށް ފަހު ޕެކްކުރުމެވެ. ފެންބޮޑުވެފައިވާ މަގުތަކުން ޑިންގީގައި އެ އެއްޗެހި ޓެންޓުތަކާ ހަމައަށް އުފުލުމެވެ. އެހީގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒް ފޭސްބުކް ލައިވްއެއްގައި ބުނިގޮތުގައި، އެ ބުރަ މަސައްކަތްކުރާ މީހުން އާއިލާއާ ދުރުގައި އެކަމަށް ހުސްވެ ތިބެގެން، ހެނދުނުން ފެށިގެން އިރުއޮއްސެންދެން އުޅެނީ ކާނާ އާއި ބޭސް ތައްޔާރުކޮށް ބެހުމުގަ އެވެ. ރޭގަނޑުވުމުން ކައިރީގައި ހުންނަ ތަނެއްގައި ނިދުމަށް ފަހު ހެނދުނު އަނެއްކާވެސް މަސައްކަތް ފަށައިގަނެ އެވެ.

ބަތް ޕާރުސަލްތައް ތައްޔާރުކުރުމަށް ބޭނުންކުރަމުން އަންނަ ވަގުތީ ތަނުގައި ބިރިޔާނީ ކައްކަނީ (ވީޑިއޯ/އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން)

އެކި ޖަމްއިއްޔާތަކާ ގުޅިގެން އައިއޭސީން އެއްކުރި ފައިސާ އާއި ފަހުން ވެސް ދިވެހިން ހަދިޔާކުރަމުން ފައިސާއަކީ، އައިއޭސީގެ ޓީމުން ބުނިގޮތުގައި، ކޭމްޕްތަކުގައި ތިބި މީހުންގެ ހާލަތު ބަދަލުކުރުމަށް ނުހަނު އަގުހުރި އެއްޗެކެވެ. ގިޔާސުއްދީން ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ހަރަދުގައި 1،000 ބަތް ޕާރުސަލެވެ. "އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން" ފޮނުވި އެހީ އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ދިން 57،700 ރުފިޔާ އެވެ. އެ ނޫން ވެސް ކިތަންމެ ބައެއްގެ އެހީ އެވެ.

"އަޅުގަނޑު އަތުން މި ހިފަހައްޓާލައިގެން ހުންނަ އިރު އަސްލު އިހުސާސްކުރެވޭ އިހުސާސް ވަރަށް ބޮޑު،" އެހީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު އަޒްހަދު އަހުމަދު ލައިވްއެއްގައި ބަތް ޕާރުސަލެއް ހިފައިގެން ހުރެ ބުނެ އެވެ.

"މީގެ ޕެކަކުން، އިރާދަކުރެއްވިއްޔާ، ހަމަ އެއްވެސް ގޮތަކަށް ކާން ނުލިބިފައި ތިބި މީހުން އެބަ ކައި."

ކޭމްޕެއްގައި ކުޑަކުއްޖަކު ބަތް ޕާރުސަލެއް ހިފައިގެން ދަނީ (ފޮޓޯ/އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން)
ކޭމްޕެއްގައި ބަތް ޕާރުސަލެއް ދައްކާލަނީ (ފޮޓޯ/އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން)
ބަތް ޕާރުސަލްތައް ބެހުމުގެ މަސައްކަތްކުރަނީ

ހޫނުގަދަ ހުސް ބިންތަކުގައި ޖަހާފައިވާ ކުދިކުދި ޓެންޓުތަކަށް ގޮސް ހަމަލޮލުން މަންޒަރު ދުށުމަށް ފަހު އައިއޭސީގެ ޓީމުން ބުނިގޮތުގައި ކާނާގެ އިތުރުން ވެސް އެހީތެރިކަން ފޯރުކޮށްދޭން އެ މީހުން ބޭނުންވެ އެވެ. މިސާލަކަށް ކުޑަކުދިންގެ ބޭސްފަރުވާ އާއި ތައުލީމަށެވެ.

އިގްބާލް އެދުނީ، ގިނައިން ދެވެން ނެތް ނަމަ، އެންމެ ބަތް ޕާރުސަލަކަށްވާ 35 ރުފިޔާ އިން ނަމަވެސް، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

"އަޅުގަނޑުމެންނަށް، ހަމަ ބޭނުންވާ އިރަށް އޯޑަރު ކޮށްލައިގެން ކާލެވޭ. އެކަމަކު އެ ބޭފުޅުން އޯޑަރު ކޮށްގެން ކޯއްޗެއްތޯ ކާނީ؟" އެއް ވީޑިއޯގައި އޭނާ ބުނެ އެވެ.

"އަޅުގަނޑުމެންނަކަށް، މިހެން ގޭގައި އަރާމުގައި ތިބޭއިރު އިހުސާސްނުކުރެވޭނެ، ހާލުގައި ޖެހިފައި ތިބޭ މީހުން އެ ތަހައްމަލްކުރަމުން ގެންދާ ދަތިކަން."

ހަތް މެމްބަރުން ތިބި އާއިލާއަކާ އެކު މުހައްމަދު އެ މީހުންގެ ޓެންޓުގައި ފޮޓޯއަކަށް ހުއްޓިގެން: މުހައްމަދު ބުނިގޮތުގައި އެ ދަތި ހާލުގައި ވެސް އެ މީހުން ތިބީ ޝުކުރުން ފުރިފައި. (ފޮޓޯ/ފޭސްބުކް/މުހައްމަދު އަދީން އަލީ)

މުހައްމަދުގެ ފޭސްބުކް ޕޯސްޓެއްގައި ބުނިގޮތުގައި ކޭމްޕުތަކުގައި ތިބި މީހުންގެ "ޝުކުރުވެރިވުން އިންތިހާ" އެވެ. ކުޑަ ޓެންޓެއްގައި ނިދާ ހަތް މީހުންގެ އާއިލާއަކުން ވެސް، ހާލު އަހާލުމުން ބުނީ "ހުރިހާ ކަމެއްވެސް ހަމަ ބަރާބަރު" ކަމަށެވެ. ފަގީރު އެ އާއިލާ އިން ދަނޑުގޮވާންކުރި ބިމާއި ދިރިއުޅުނު އާދައިގެ ކުޑަ ގެ އަދިވެސް އޮތީ ފެނުއަޑީގަ އެވެ.

"އަހަރުމެންގެ ޕާރުސަލް އަންނާނެކަން އެމީހުން މިހާރު ޔަގީން ކުރޭ. ކޮންފަދަ ބޮޑު ޒިންމާއެއްތޯ؟ ސުބްޙާނަﷲ" މުހައްމަދު ލިޔުނެވެ.

ބަތް ޕާރުސަލްތައް ބަހަމުން އައިއޭސީ އިން ލައިވްކުރި ވީޑިއޯއެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް