މައިތިރިޕާލާ ސިރިސޭނާ: 100 މިލިއަން ރުޕީސް ދައްކަން ހުކުމް ކުރި. (ފޮޓޯ/ރޮއިޓާސް)

ސްރީ ލަންކާ

100 މިލިއަން ރުޕީސްގެ ޖޫރިމަނާ ދައްކަން ސިރިސޭނާ ފަންޑު ފޮއްޓެއް ހުޅުވައިފި

ސްރީ ލަންކާގައި 2019 ވަނަ އަހަރު އީސްޓާ ސަންޑޭގައި ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންނަށް ބަދަލުގެ ގޮތުގައި 100 މިލިއަން ރުޕީސް (234،000 ޑޮލަރު) ދެއްކުމުގެ ގާބިލުކަން އަމިއްލައަށް ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު މެމްބަރު މައިތުރިޕާލާ ސިރިސޭނާ ރައްޓެހިންގެ އެހީއަށް އެދި ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.

އެ ހަމަލާގައި މަރުވި މީހުންނާއި އަނިޔާ ލިބުނު މީހުންނަށް ބަދަލު ދިނުމުގެ ގޮތުން ސިރިސޭނާ 100 މިލިއަން ރުޕީސް ދެއްކުމަށް ސުޕުރީމް ކޯޓުން ވަނީ މިދިޔަ ހަފްތާގައި ހުކުމްކޮށްފަ އެވެ.

 "އަޅުގަނޑަކީ 100 މިލިއަން ރުޕީސް ދެއްކޭނެ މާލީ ގާބިލުކަން ހުރި މީހެއް ނޫން. އެހެންވީމާ އަޅުގަނޑާއި އަޅުގަނޑުގެ ރައްޓެހިންގެ އަތުން ފައިސާ ނަގަން ނިންމައިފިން. އަޅުގަނޑަށް އާމްދަނީއެއް ނުލިބޭ،" ސިރިސޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވީ އޭނާގެ މުދާ ކޮންމެ އަހަރަކު ވެސް ޑިކްލެއާކޮށް މަޖިލީހަށް ހުށަހަޅާފައި ހުންނާނެ ކަމަށާ އަދި ރައީސްގެ މަގާމުގައި ހުންނެވި ފަސް އަހަރުގެ ތެރޭގައި ވެސް އެކަން ކުރައްވާފައި ވާނެ ކަމަށެވެ. އޭނާގެ މިލްކިއްޔާތުގެ ތަފްސީލުތަކަކީ ކޮންމެ މީހަކަށް ވެސް ބެލޭނެ، ފެންނަން ހުރި އެއްޗެހި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުގެ ރަހުމަތްތެރިން ނިންމަވާފައިވާ ފަދައިން، އަޅުގަނޑު އުންމީދު ކުރަނީ، މިކަމަށްޓަކައި ރައްޓެހިންގެ ފަރާތުން ބޭނުންވާ އެއްބާރުލުން ލިބޭނެ ކަމަށް،" ސިރިސޭނާ ވިދާޅުވި އެވެ.  

ސިރިސޭނާ ވިދާޅުވީ އޭނާއަކީ ގާނޫނަށް ބޯލަނބާ ބޭފުޅެއް ކަމަށާއި ކޮންމެ ފަދަ ގޮންޖެހުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް، ސުޕްރީމް ކޯޓުގެ ހުކުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވީ އެ ހާދިސާ ހިނގި އިރު އޭނާ ހުންނެވީ ސިންގަޕޫރުގައި ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ ސަލާމަތާ ބެހޭ އޮފިޝަލުންނަށް އެ ހަމަލާގެ މައުލޫމާތު ކުރިން ލިބިފައި ވިޔަސް، އޭނާއަށް އެއިން އެއްވެސް ބޭފުޅަކު މައުލޫމާތު ދީފައި ނުވާ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައިވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ 85 ސަފުހާގެ ރިޕޯޓްގައި ވެސް އެކަން އެގޮތަށް ފާހަގަކޮށްފައިވާ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.

އަޅުގަނޑަކީ 100 މިލިއަން ރުޕީސް ދެއްކޭނެ މާލީ ގާބިލުކަން ހުރި މީހެއް ނޫން.

މައިތުރިޕާލާ ސިރިސޭނާ / ލަންކާގެ ކުރީގެ ރައީސް

އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ޖުމުލަ 311 މިލިއަން ރުޕީސް (852،000 ޑޮލަރު)ގެ ބަދަލެއް ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ. އެ 311 މިލިއަން ރުޕީސް ދައްކަން ހުކުމް ކުރީ، ސިރިސޭނާގެ އިތުރުން ހަތަރު އޮފިޝަލެއްގެ މައްޗަށެވެ.

ސިރިސާނާގެ އިތުރުން އެ ފައިސާ ދެއްކުމަށް ހުކުމް ކުރީ، ކުރީގެ ޕޮލިސް ޗީފް ޕުޖިތު ޖަޔަސުންދަރަ އާއި ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް)ގެ ކުރީގެ ޑިރެކްޓަރު ނިލަންތާ ޖަޔަވަރްދަނާގެ މައްޗަށެވެ. އެއިން ކޮންމެ ބޭފުޅަކު 75 މިލިއަން ރުޕީސް (205،000 ޑޮލަރު) ދެއްކުމަށް ވެސް ހުކުމް ކުރި އެވެ.

މީގެ އިތުރުން، ޑިފެންސް މިނިސްޓްރީގެ ކުރީގެ ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ 50 މިލިއަން ރުޕީސް (136،667 ޑޮލަރު) އަދި ކުރީގެ ޗީފް އޮފް ނޭޝަނަލް އިންޓެލިޖެންސް (ސީއެންއައި) ސިސިރާ މެންޑިސް 10 މިލިއަން ރުޕީސް (27،333 ޑޮލަރު) ދެއްކުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް