Majlis 2024

ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ފުވައްމުލަކުގައި ހުޅުވުމަށް ބޭއްވި ހަފްލާގައި އެމަނިކުފާނ މިރޭ ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް ސޯލިހު ކެމްޕޭން އޮފީސް)

ރައީސް އެމްޑީޕީ އެމްޕީންނަށް: ގޮނޑި އަލުން ހޯދަން ބޭނުން ނަމަ އަޅުގަނޑު ހޮވައިދީ

ރައީސް ވިދާޅުވީ އެމްޑީޕިއިން ރާއްޖެއަށް ގެނެސްދިން އިސްލާހީ ހެޔޮ ބަދަލުތައް ދަމަހައްޓަން އޮތް ޗޮއިސްއަކީ އެމަނިކުފާނު ކަމަށް
21 ޖެނުއަރީ 2023

ޏ. ފުވައްމުލައް - މިހާރު މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުން ކުރިއަށް އޮތް 2024ގައި މަޖިލީހަށް އަލުން އިންތިހާބުވާން ބޭނުންފުޅުވާ ނަމަ، އެމަނިކުފާނަށް ތާއީދު ކޮށްދެއްވައި އެމްޑީޕީ ވެރިކަމަށް ގެނެސް ދިނުމަށް ރައީސް އިބްރާހިމް ސޯލިހު އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ކިބައިން މިއަދު އެދިވަަޑައިގެންފި އެވެ.

ވިދާޅުވީ ކީކޭ؟ - މާދަޑު އަވަށު ޕޮލިސް ސްޓޭޝަން ކައިރީގައި މި ރަށު ރައީސް ސޯލިހުގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނަށް 2023ގެ ކުރިއަށް ވުރެ 2024 މުހިންމު ވެގެން އުޅޭތަން ފެންނަ ކަމަށެވެ. އެހެން ނަމަވެސް ތަޖުރިބާގެ އަލީގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގައި ނެތި އެމްޑީޕީއަށް މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށް އަދި މަޖިލީހުގެ މެޖޯރިޓީ ހޯދުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ފުވައްމުލަކުގައި ހުޅުވުމަށް ބޭއްވި ހަފްލާގައި އެމަނިކުފާނ މިރޭ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް ސޯލިހު ކެމްޕޭން އޮފީސް)

މީގެ ކުރިން ކަންކަން ވެފައި ހުރި ގޮތަށް ބަލާއިރު ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނުނެގި ޕާޓީގެ މިހާރުގެ މެންބަރުންނަށް ގޮނޑި ދިފާއުނުކުރެއްވޭނޭ ކަމީ ސިޔާސީ ހަގީގަތް ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"ފުރަތަމަ ކުރަންވީ ކަންކަން އަޅުގަނޑުމެން ފުރަތަމަ ކުރަންވީ. އެއީ 2023 އަޅުގަނޑުމެންނަށް ހޯދުން. މި ޕްރައިމަރީ އަޅުގަނޑަށް ކާމިޔާބު ކޮށްދެއްވުން. އެއަށް ފަހު 2024 އާ މެދު އަޅުގަނޑުމެން ވިސްނަންވީ ވެސް. އަޅުގަނޑުމެންނަށް އެބަ އިނގޭ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ގޮތް. އެމަގުން އަޅުގަނޑުމެން ހިނގަންވީ،" ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ އެމްޑީޕީގެ މަޖިލީސް މެންބަރުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ފުވައްމުލަކުގައި ހުޅުވުމަށް ބޭއްވި ހަފްލާގައި ސަޕޯޓަރުން ބާވަނީ (ފޮޓޯ/ ރައީސް ސޯލިހު ކެމްޕޭން އޮފީސް)

'ހެޔޮ ބަދަލުތައް ދަމަހައްޓަން ޗޮއިސްއަކީ އަޅުގަނޑު'

ވެރިކަމަށް އާދެވޭނޭ ގޮތް ސާފުކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކުރިމަތީގައި ދެ މަގެއް ކަމަށެވެ. އެއީ ބާރު ބާރަށް ގޮސް އަނެއްކާވެސް އެމްޑީޕީ މަގުމަތިވެ "ދުކޮށްލާ، ދޫކޮށްލާ" ގޮވާލަ ގޮވާލައި މަގުމަތީގައި ތިބުން ކަމަށެވެ. ނޫނީ ދެން އޮތް ގޮތަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނޭ އެމަނިކުފާނު ކެންޑިޑޭޓެއްގެ ގޮތުގައި ނެގުން ކަމަށެވެ.

އެހެން ނޫން ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވެރިކަން ނުލިބިދާނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މުޅި ރާއްޖެއަށް ގެންނަ ތަރައްގީ އާއި ސުލްހަ މަސަލަސްކަމާއި އިސްލާހީ ބަދަލުތައް އަދި މިނިވަންކަން ދެމެހެއްޓުމަށް އެމަނިކުފާނަށް ވޯޓް ދެއްވަން ޖެހޭ ކަމަށެވެ. އެހެންވެ، ރައީސް ފުވައްމުލަކު އެމްޑީޕީ މެންބަރުންގެ ކިބައިން އެދިވަޑައިގަތީ އެމްޑީޕީ ހޯދާފައިވާ ކާމިޔާބީތައް ދެމެހެއްޓޭނޭ ގޮތަކަށް ގޮތް ނިންމުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް