Majlis 2024

ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

މިރޭ އެ ލޮލުން އަހަރެންނަށް ފެންނަމުން ދިޔައީ ކެހިވެރިކަމާއި މަކަރުވެރިކަމެވެ.
22 ސެޕްޓެމްބަރު 2022

އެޕިސޯޑް 16

ސަމީހު ބުނީ ކީކޭކަން އަހަރެންނަށް އެނގުނެވެ. ނޭނގެނީ ދައްކަން އެ އުޅެނީ ކޮން މަންޒަރެއް ކަމެވެ. މިކަމާ ނަތާއާ ގުޅުމެއް އޮންނާނެ ކަމަށް ވަރަށް ބޮޑަށް ހީކުރީމެވެ.

ލޯންޗަށް އެރި އިރު ވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައީ ކުރެވެން މި އުޅެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ އަމިއްލަ ނަފުސު އަހަރެންނާ ސުވާލު ކުރަމުން ދިޔައީ އެއީ އަހަރެންގެ އަނބިމީހާ ކަމުގައި ވާތީއެވެ. ދަރިފުޅުގެ މަންމައަށް ވީތީއެވެ. ފުން ނޭވައެއް އަހަރެން ބޭރު ކޮށްލީމެވެ. ހިތަށް އަރަމުން ދިޔަ ދެކޮޅުވެރިކަން ވެސް ބޭރު ކޮށްލީމެވެ. ކޮންމެ ގޮތެއް ވިޔަސް ސަމީހު ދޮގު ހަދައިގެން ނުވާނެއެވެ. އޭނާ ދޮގު ހަދަންވީ އެއްވެސް ސަބަބެއް ނުވިސްނުނެވެ. އެއްކޮޅުން އަނބިމީހާއެވެ. ޖިމަށް ނުދިޔުމުން އޭނާގެ ބޭވަފާތެރިކަން ސާބިތުވީ ހެއްޔެވެ؟ އެކަމަކު ސުވާލަކީ ނަތާ ވީ ކޮންތާކު ހެއްޔެވެ؟

އަހަރެން ބޭނުން ނަމަ މިހާރު ވެސް ލޯންޗުން ފައިބަންވީއެވެ. ބޭނުން ނަމަ އެ މަންޒަރު ނުބަލަންވީއެވެ. އެއީ އަހަރެންގެ އަތްމަތީގައި އޮތް ކަމެކެވެ. ސިކުނޑި ވިސްނަމުން ދިޔައީ އެ ކަމުގެ ހަގީގަތް ބަލާލުމަށެވެ. އެކަމަކުން ގޯހެއް ނެތެވެ. ހިތުގައި އުތުރި އަރަމުން ދާ އުދާހަށް ލުޔެއް ލިބޭނީ އޭރުންނެވެ. ނަތާ އެ ތަނުން ނުފެނިއްޖެ ނަމަ އެއީ އަހަރެންގެ ނަސީބެވެ. ފެނިއްޖެ ނަމަ ދެން ވާނެ ގޮތެއް ނޭނގެއެވެ.

އަހަރެން ލޯންޗުން ފޭބި އިރު ސަމީހު ހުރީ ފާލަން ކައިރީގައެވެ. ސަމީހުގެ މޫނުމަތިން ފެނުނީ ހާސްކަމާއި ކަންބޮޑުވުމެވެ. ލޮލުން އަހަރެންނަށް އިޝާރާތް ކުރީ ކުރިއަށް ދިޔުމަށެވެ. އަނގައިން އެންމެ ބަހެއް ވެސް ނުބުނެވޭ ވަރަށް ސަމީހު ހާސްވެފައި ހުރުން އެއީ ބަލައިގަންނަން އުނދަގޫވި ކަމެކެވެ. ސަމީހުއާ އެއްވަރަށް އަހަރެން ހިނގަމުން ދިޔައީމެވެ. އިރުކޮޅަކާ ހިންދިރުވާލެވެއެވެ. މީހާ ހުރީ ހާސްވެފައެވެ. އަހަރެން ދިޔައީ އިސްޖަހައިގެންނެވެ. ސަމީހު ހުއްޓުނުހެން ހީވެގެން އިސްއުފުލާ ބަލާލީމެވެ. ސަމީހު އިނގިލި ދިއްކޮށްލީ ކުރިމައްޗަށެވެ. އަހަރެމެން ތިބީ ބަގީޗާ ގަސްތަކެއް ކައިރީގައެވެ. ކުރިމަތިން ފެންނަން އޮތީ ޕޫލެކެވެ.

ޕޫލް ކައިރިން ފެނުނު މަންޒަރުން ދެލޯ ފިއްތާ ބާރު ކޮށްލެވުނެވެ. އަދި ބޭއިހުތިޔާރުގައި އަނެއް ފަރާތަށް އެނބުރުނީމެވެ. ތިމާގެ ހަލާލު އަނބިމީހާ ހިލޭ ފިރިހެނެއްގެ އުރުތެރޭގައި ހުރިތަން ފެނުން އެއީ ފިރިއަކަށް ލިބޭނެ އެންމެ ބޮޑު ހިތާމައެވެ. ވޭނެކެވެ. ލޯ ނުހުޅުވަން ކިތަންމެ އިރަކު ހުރި ނަމަވެސް އެއީ ނުފެންނަ ކަމަކަށް ނުވާނެއެވެ. އަދިވެސް އަހަރެންނަށް އެ މަންޒަރު ފެންނަ ކަހަލައެވެ. ވީ ދެރައިން އަނގައިން އެންމެ ބަހެއް ވެސް ނުނިކުތެވެ. ޖިލްބާބުން ޒީނަތްތެރިވެގެން އަހަރެންގެ ގޭގައި އިން އަނބިމީހާ މިއަދު ވަނީ އައުރަ ވެސް ކަޝްފު ކޮށްފައެވެ. ބޭރުގެ ސަގާފަތާ އެއްގޮތަށް ހެދުން އަޅައިގެން މަޖާ ކުރަމުން އެ ދަނީ އެއްވެސް ޖެހިލުމެއްނެތިއެވެ. ވަފާތެރި ފިރިއަކާއި މައުސޫމް ދަރިއެއްގެ އިހުސާސްތަކަށް ފުރަގަސް ދެމުންނެވެ. އެއީ އަހަރެން ފޮޓޯއިން ދުށް މީހާއެއް ނޫނެވެ. ނަތާގެ ކުރީގެ ފިރިމީހާއެއް ނޫނެވެ. ނަތާގެ މި މުޑުދާރު އަމަލު ތެރޭގައި ކިތައް ފިރިހެނުން ގައިދު ކޮށްފި ހެއްޔެވެ؟

ސަމީހު އަހަރެންގެ ކޮނޑުގައި ހިފާލިއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. ދެވަނަ ފަހަރަށް އެ މަންޒަރު ބަލާކަށް އަހަރެންނަށް ހިތްވަރެއް ނުލިބުނެވެ. ލޯބިން ބިނާ ކުރި ގަނޑުވަރު ހިނދުކޮޅެއްގެ ތެރޭގައި ބިމާ ހަމަވެގެން އެ ދިޔައީ ކޮން ފަދަ ގޮތަކަށް ހެއްޔެވެ؟ އަދިވެސް ނަތާއަށް އަހަރެން އިތުބާރު ކުރަންވީ ހެއްޔެވެ؟ އިތުބާރު ނުކުރެވުނަސް އެކީގައި އުޅެވޭތޯ ބަލަން ޖެހޭނެއެވެ. ދަރިފުޅަށްޓަކައެވެ. ނަތާ ދެކެ ވާ ލޯތްބަށްޓަކައެވެ. ބޭވަފާތެރިވި ނަމަވެސް ނަތާ ދެކެ އަހަރެން އަދިވެސް ލޯބިވެއެވެ. ލޯތްބަކީ ކުއްލިއަކަށް ހުއްޓޭ އެއްޗެއް ނޫނެވެ. ތެދުވެރި ސާފު ލޯތްބަކީ ސަބަބަކާ ލައިގެން ވެސް ވެވޭ އެއްޗެއް ނޫނެވެ. ވުމާއެކު ނަތާ ކިބައިން ފެނުނު އެ އަމަލުން އޭނާ ދެކެ ލޯބިވުން އަހަރެން ހުއްޓާލާނީ ކިހިނެއް ހެއްޔެވެ؟

އެކަމަކު ނަތާއާ އަހަރެން ސުވާލު ކުރާނަމެވެ. އެކަން އެ ގޮތަށް ކުރީ ކީއްވެގެންތޯއެވެ. ހަތިޔާރަކަށް އަހަރެން ބޭނުން ކުރީ ކީއްވެގެންތޯއެވެ. އަހަރެން ވެސް މިއީ އިންސާނެކެވެ. ބޭނުންވީމާ ބޭނުން ވަގުތަކު ދުނިޔެއަށް މޫނުމަތި ރިތިކޮށްލާފައި ބޭނުން ކެނޑުމުން ފޮރުވަން ނަތާގެ އަތްދަބަހުގައި ގެންގުޅޭ ފުށްދަޅެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ވާނެއެވެ. އުސޫލުތަކަކާއި ގޮތެއް ހުންނަން ވާނެއެވެ. އެ ކަންކަން ފަހަނަޅައިދިޔުމުން ދެން ޖެހޭނީ އިހުސާސްތައް ބޭރު ކޮށްލާށެވެ. ނުވަތަ ނާޅަން އުޅުނު ފިޔަވަޅު އަޅާށެވެ.

"ނަތާ! އަހަރެން ސުވާލެއް ކުރަން؟" އަހަރެންނާއި ނަތާ ތިބީ ކޮޓަރީގައެވެ. ނަތާ އޮތީ ފޯނުން އެއްޗެއް ބަލާށެވެ.

"އާނ. ކޮށްބަލަ،" އަހަރެންނާ ދިމާލަށް ނުވެސް ބަލާ ނަތާ ބުންޏެވެ.

"ނަތާ އަހަރެންނާ މެރީ ކުރީ ކޮން ބޭނުމަކު؟" ހީވީ ނަތާގެ ކަރުގައި ކައްޓެއް ހުރަސްވި ހެންނެވެ. މޫނުމަތީގެ އިތުރުން މުޅި ހަށިގަނޑަށް އޭގެ ލޮޅުން އެރިކަން އަހަރެންނަށް އިހުސާސްވިއެވެ. ކުޅެން އޮތް ފޯނު ބާއްވާފައި އަހަރެންނާ ދިމާލަށް ނަތާ ބަލާލިއެވެ.

"ލޯބިވާތީއެއްނު. މީހުން މީހުންނާ މެރީ ކުރާނީ ވަކި ބޭނުމެއް އޮވެގެންތަ؟" ނަތާގެ ޖާދުވީ އަޑުން އެހެން ބުނި އިރު އެ ލޮލުގައި ވަނީ ލޯތްބެވެ. ނަތާގެ ހަގީގަތް ނޭނގޭ ނަމަ އެއީ ހަގީގަތެވެ. ނަމަވެސް މިރޭ އެ ލޮލުން އަހަރެންނަށް ފެންނަމުން ދިޔައީ ކެހިވެރިކަމާއި މަކަރުވެރިކަމެވެ.

"ބައެއް މީހުން މެރީ ކުރަނީ ބޭނުން އޮވެގެން. އެކީގައި ރީތި ދިރިއުޅުމެއް އުޅެން. ލޯބިވާ މީހާއާއެކު ހަޔާތުގެ ބާކީ ބައި ހޭދަ ކުރަން. ނުވަތަ ކޮންމެވެސް އަމިއްލަ އެދުމެއް އޮވެގެން. މި ހުންނަނީ ވެސް މެރީ ކުރާ ސަބަބުތައް ދޯ؟" އަހަރެން ވަރަށް ހަމަޖެހިލާފައި ކަމަށް ހަދާފައި ބުނީމެވެ. މޫނުމަތިން ކޮންމެ ކުލަވަރެއް ދެއްކިޔަސް އަހަރެންގެ ހިތް އޮތީ މަޑަކުން ނޫނެވެ. އެ ހިތުގައި ވޭނީ ރިހުމެއް ވެއެވެ. ޒަހަމްތަކެއް ލައި މުޅި ހިތްވަނީ ފުނޑުފުނޑުވެފައެވެ.

"މިރޭ ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ؟ ކަމެއް ވީ ތަ؟" އަހަރެންނާ ގާތަށް ޖެހިލަމުން ނަތާ އެހިއެވެ. އަހަރެން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ ހުއްޓުނީމެވެ. ނަތާއަށް ފުރަގަސް ދެމުންނެވެ.

"އަދިވެސް ވަގުތު އެބަ އޮތް. ނަތާ ބޭނުން ނަމަ މިހާރު ވެސް ބުނަން ވީ." އަހަރެން ވަގުތު ދިނީމެވެ. ނަތާއަށް ފުރުސަތު ވެސް ދިނީމެވެ. ތެދުވެރިވޭތޯއެވެ.

ނަތާ ހަމަހިމޭންވިއެވެ. އެ ހިމޭންކަމުގައި އެތައް މާނައެއް އެކުލެވިގެންވިއެވެ. އެއީ އަހަރެންގެ ހަޔާތަށް އައި އެންމެ ދިގު ވަގުތުކޮޅެވެ. ނަތާ ބޭނުން ނަމަ ތެދު ހަދަންވީއެވެ. ނުވަތަ އަދިވެސް ދޮގު ހަދަންވީއެވެ. އޮޅުވާލައި ސިއްރު ކުރަންވީއެވެ. ތަފާތަކީ އަހަރެންނަށް މިއަދު ހަގީގަތް އެނގޭކަމެވެ.

އަހަރެން އިނީ ނަތާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ވަރަށް ރަނގަޅަށް ބަލާށެވެ. ނަތާ ވިސްނަމުން އެ ދަނީ އަހަރެން ގާތުގައި ދެން ބުނަންވީ އެއްޗަކާ މެދުގައެވެ. އަހަރެން ވިސްނަމުން ދިޔައީ ނަތާގެ އިއުތިރާފަކަށް ނޫނެވެ. ނުވަތަ ނަތާ އޮޅުވާލާފާނެ ކަމަކަށް ވެސް ނޫނެވެ. މިއިން ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަސް އެއަށް ފަހު ދެން އަހަރެން ކަންތައް ކުރަންވީ ގޮތާމެދުގައެވެ.

"ސޮރީ ލިފާން. އަހަރެންނަށް އެނގޭ ލިފާންއަށް ހުރިހާ އެއްޗެއް ވެސް އެނގިއްޖެކަން. އެހެންވެ ކޯޑް ބަހުން ތި ވާހަކަ ދައްކަނީ." ތެދަށް ބުނާ ނަމަ އަދިވެސް ނަތާގެ މޫނުމަތިން ދެރަވުމުގެ އަސަރެއް ނުފެނެއެވެ. ކުރެވުނު ކަންތަކާ ދެރަވެ ހިތާމަ ކުރާ ކަމެއް ވެސް ނުފެނެއެވެ.

"އަހަރެންނަށް މައާފު ކުރާނަންތަ؟" ނަތާ އެހެން ބުނި އިރު އަޑުގައި ކުރެހުމެއް ހުއްޓެވެ. ނުވަތަ އެއީ އަހަރެންނަށް ހީވި ގޮތެއް ހެއްޔެވެ؟

"އަހަރެން މައާފު ކޮށްފާނަން. އެކަމަކު އެބަ އޮތް ޝަރުތެއް."

ނަތާ ހިންދިރުވާލިތަން އަހަރެންނަށް ފެނުނެވެ. މިހާރު ވެސް އަރުގައި ހިތި ރަހަ ލާން ފެށީ ހެއްޔެވެ؟

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް