ގަމީރާ އަދި އޭނާ ތައްޔާރުކުރާ ޖޭމް

ގަމީރާ 22 އަހަރަށް ފަހު އަންހެނުންފުށިން ފައިބައި އުފަން ރަށަށް

އޭނާ މިހާރު ހަރަކާތްތެރި ވަނީ އާއިލީ ބޭކަރީއެއްގެ ހިންގުމުގައި؛ އެ ބޭކަރީއިން ޖޭމު ހެދުމުގެ މަސައްކަތް ވަނީ ފަށާފައި
18 ޖެނުއަރީ 2023

ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އަންހެނުންފުށީގައި ދިރިއުޅެ ދަނޑުވެރިކަން ކުރަމުން އައި ގަމީރާ އާދަމްގެ ހަޔާތަށް އާ އަހަރާ އެކު ބޮޑު ބަދަލެއް ގެނެސްފި އެވެ. އޭނާ ދިރިއުޅުނު އަންހެނުންފުއްޓާއި ދަނޑުވެރިކަން ވެސް ދޫކޮށް އޭނާގެ އުފަން ރަށް އއ. ތޮއްޑޫއަށް ދިރިއުޅުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ގަމީރާ، 54، ބުނި ގޮތުގައި މިދިޔަ 22 އަހަރު ދަނޑުވެރިކަން ކުރުމަށް ފަޅު ރަށެއްގައި އުޅުމަށް ފަހު، މިއީ އޭނާގެ ހަޔާތުގައި އާ ޒިންމާތަކެއް ނަގަންވީ ދަނޑިވަޅެވެ.

"އަޅުގަނޑުގެ އުމުރުން ވެސް ދެން މި ހިސާބަށް އައިމާ ބޭނުން ވަނީ މައިންބަފައިން މުސްކުޅި އުމުރަށް އައިމާ އެ މީހުން ބަލަން އެ މީހުންނަށް ހިދުމަތް ކޮށްދޭން ހުންނަން. އެހެންވެ، ދެން މަސައްކަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރުން މި ހިސާބުން މި ދޫކޮށްލީ،" މިދިޔަ ނޮވެމްބަރު މަހު ތޮއްޑޫއަށް ބަދަލުވެ އެ ރަށުގައި ދިރިއުޅެން ފަށާފައިވާ ގަމީރާ ބުންޏެވެ.

"ދަނޑުވެރިކަން ކުރުމުގައި އެގޮތަށް ވަރަށް ދުވަހު އުޅެވިއްޖެއްތާ އަޅުގަނޑަށް. އެހެންވެ ތަފާތު ތަޖުރިބާއެއް އަޅުގަނޑު ވެސް އެބަ ބޭނުންވޭ."

ގަމީރާ ދަނޑުވެރިކަން ކުރަން ކުއްޔަށް ނަގައިގެން އުޅުނު އަންހެނުންފުށި އޭނާ ވަނީ މިހާރު އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ގަމީރާ ބުނީ އެ ރަށުގައި އޭނާ ދަނޑުވެރިކަން ކުރީ މާބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން ކަމަށް ނުވާތީ، އެ ރަށް ދޫކޮށްލުމުން އޭނާއަށް މާބޮޑު ގެއްލުންތަކެއް ނުލިބޭ ކަމަށެވެ. ގަމީރާ ބުނި ގޮތުގައި އެތައް އަހަރަކަށް ފަހު އަންހެންފުށި ދޫކޮށްލީ އޭނާއަށް އެހެން ރަށެއްގައި ހުރެގެން އެ ރަށް ނުބެލެހެއްޓޭނެތީ އެވެ. 

"އަޅުގަނޑަށް ދެން އެ ރަށުގައި ހުރެގެން އެކަން ނުކުރެވެންޏާ އެހެން ބަޔަކު ލައްވާ އެކަން ކުރުވާކަށް އަޅުގަނޑު ބޭނުމެއް ނޫން. އެހެންވެ ދަނޑުވެރިކަން ކުރަން ބޭނުންނުވާތީ ރަށް މި ދޫކޮށްލީ،" ގަމީރާ ބުންޏެވެ.

ގަމީރާ އަންހެންފުށީގައި އޭނާ ހެއްދި މިރުސް ދަނޑެއްގައި

ތޮއްޑޫއަށް ބަދަލުވުމަށް ފަހު ގަމީރާގެ އާއިލާއަށް ތޮއްޑޫއިން ލިބިފައިވާ ދަނޑުގައި ކޮންމެވެސް ވަރަކަށް އޭނާ ވެސް ބައިވެރިވެގެން ދަނޑުވެރިކަން ކުރެ އެވެ. އެކަމަކު ގަމީރާ ބުނި ގޮތުގައި ދަނޑުވެރިކަމަކީ މިހާރު އޭނާގެ ރަސްމީ މަސައްކަތެއް ނޫނެވެ.

ފަަޅުރަށެއްގައި ދަނޑުވެރިކަން ކުރުމުގައި ވަރަށް ދުވަހު އުޅެވިއްޖެއްތާ އަޅުގަނޑަށް. އެހެންވެ ތަފާތު ތަޖުރިބާއެއް އަޅުގަނޑު ވެސް އެބަ ބޭނުންވޭ.

 ގަމީރާ އަލީ

ގަމީރާ މިހާރު ވަނީ އާ ވިޔަފާރިއެއްގެ ތެރެއަށް ވަދެފަ އެވެ. ގަމީރާގެ މިހާރުގެ މަސައްކަތަކީ އޭނާގެ ދައްތައާ ތޮއްޑޫގައި ހިންގާ ބޭކަރީގެ މަސައްކަތްތަކުގައި އެހީތެރިވުމެވެ. 'ފައިން ބޭކަރީ'ގެ ވިޔަފާރިއަކީ، ގަމީރާ ބުނާ ގޮތުގައި، ތަފާތު ތަޖުރިބާ އެކެވެ.

"އަޅުގަނޑުގެ ދައްތަ ބޭކަރީގައި މަސައްކަތް މި ކުރަނީ ބޮޑަށް. އަޅުގަނޑު މި އުޅެނީ ބޮޑަށް ހިންގުމުގެ ތެރޭގައި، މާކެޓިން އާއި ސޭލްސްއާ މި ބައިގައި. ވަރަށް ރަނގަޅު އަދި ދާ ގޮތް. ވިޔަފާރި ވަރަށް ރަނގަޅު. މި ރަށުގައި ގެސްޓުން އަބަދުވެސް އުޅޭތީ ޑިމާންޑް އޮވޭ ޕޭސްޓްރީއަށް،" ގަމީރާ ބުންޏެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން އަތް ދޫކޮށްލައި ގަމީރާ މަސައްކަތް ކުރަން ފެށި ބޭކަރީގެ ވިޔަފާރީގެ ތަޖުރިބާ ރަނގަޅު އިރު އޭނާ މިހާރު ހުރީ އެ ވިޔަފާރި އާ ހަރުފަތަކަށް ގެންދަން އާ ހިޔާލަކާ އެކު އެވެ. އެގޮތުން އެ ބޭކަރީއިން މިހާރު ވަނީ ޕެޝަންފުރުޓާއި ފަޅޮލުން ޖޭމު ކައްކައި ބޭކަރީގައި ވިއްކަން ފަށައިފަ އެވެ. އޭނާ ބުނީ ތޮއްޑޫގައި އުފައްދާ އެ ޖޭމަށް ބޮޑު ތަރުހީބެއް އެބަ އޮތް ކަމަށެވެ.

"މި ރަށު ގޭގެއިން ވެސް ގަނެގެން އެބަ ގެންދޭ މި ޖޭމް. އަނެއްކާ ޓޫރިސްޓުން ވެސް އަދި ގެސްޓްހައުސްތަކަށް ވެސް އެބަ ގެންދޭ މި ޖޭމު މިހާރު،" ގަމީރާ ބުންޏެވެ.

ގަމީރާ ހިންގާ ބޭކަރީގެ ބައެއް އުފެއްދުންތައް.

އޭނާގެ އުންމީދަކީ ފައިން ބޭކަރީގެ ޖޭމު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ރިސޯޓްތަކަށް ވެސް ވިއްކައި ރަނގަޅު ބްރޭންޑަކަށް ހެދުމެވެ. 

ގަމީރާ ނުކުމެ އެ ހުރީ އަނެއްކާވެސް ހަޔާތުގެ އާ ބާބަކަށެވެ. އާ މަސައްކަތަކުން އާ ކާމިޔާބީއެއް ހޯދުމަށެވެ. އޭނާ ބުނަނީ މި ފެށި އާ ހަޔާތް ވެސް އުފާވެރި ކަމަށެވެ.

"މިހާ ދުވަސްކޮށްލާފައި ރަށަށް އައިިއިރު ވަރަށް ކަންކަން ބަދަލުވެއްޖެ. އަޅުގަނޑަކީ މި ރަށު މީހެއްކަން ނޭނގޭ މީހުން ވެސް އެބަ ތިބި. މި ގޮތަށް ރަށަށް އައިސް އާއިލާއާ އެކު ދިރިއުޅެން ފެށީމާ ވަރަށް އުފާވެރި ދިރިއުޅުމެއް މިއީ. ވަރަށް އުފަލުގައި އަޅުގަނޑު މި އުޅެނީ،" ގަމީރާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް